ދެކުނުއެފުރިކާއިން ހުށަހަޅައިފައިވާ ޤަޟިއްޔާއަށް ދިވެހިރާއްޖެ ތަދައްޚުލުވުމަކީ ހިތްވަރުގަދަ ޢަމަލެކެވެ.
އަލްއުސްތާޒު ޢަބަދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސްޓީވީއިން ފާހަގަކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ ޢަދުލުއިންސާފުގެ ކޯޓަށް ދެކުނު އެފުރިކާއިން އިސްރާއީލުގެ މައްޗަށް ހުށަހަޅައިފައިވާ ނަސްލުހޭދުގެ ޤަޟިއްޔާއަށް ދިވެހިރާއްޖެއިން ތަދައްޚުލުވާނެކަން އިޢުލާނުކޮށްފިއެވެ. މިއީ އިސްރާއީލާއި އެމެރިކާއަށް ހިތްހަމަޖެހޭ ޚަބަރަކަށް ނުވިޔަސް ހަމަ ކަށަވަރުން ވެސް މިއީ އިސްލާމީ ދުނިޔޭގައި ދިވެހީންގެ އިސްލާމީ ޝަޚުޞިއްޔަތު އިތުރަށް ވަރުގަދަވާނޭ ކަމެއްކަން ކަށަވަރެވެ.
ޕްރެސްޓީވީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއިން މި ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވާން ނިންމީ، އިސްރާއީލުގެ އަނިޔާވެރިކަން ޙައްދުފަހަނަޅައިދިޔުމުގެ ސަބަބުން 1.5 މިލިއަން މީހުން ބޯހިޔާވަހިކަމާއި ރަކާތެރިކަން ހޯދުމަށް ޓަކައި ދެކުނު ޣައްޒާގެ ރަފަޙަށް ޖަމާވުމުން ވެސް އިސްރާއީލުގެ ޢުދުވާނު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާތީއެވެ.
ދިވެހިރާއްޖެއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާކަމަށް ޕްރެސްޓީވީއިން ބުނެފައިވަނީ "އިސްރާއީލާ ދެކޮޅަށް ދެކުނުއެފުރިކާއިން ބައިނަލްއަގުވާމީ އަދުލުއިންސާފުގެ ކޯޓަށް ހުށަހަޅައިފައިވާ ނަސްލުހޭދުގެ ޤަޟިއްޔާއަށް ތަދައްޚުލުވާން ރަސްމީކޮށް ނިންމައިފި"ކަމަށެވެ.
އަދި އިންސާނީ މުސީބާތަކާ ދިމާއަށް ފަލަސްތީނުގެ ރައްޔިތުން ގެންދިޔުމަށް ޓަކައި އިސްރާއީލުން ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ދިވެހިރާއްޖެއިން ވަރަށް ވަރުގަދައަށް، ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ވެސް ޕްރެސްޓީވީއިން ބަޔާންކުރެއެވެ.
ދިވެހިރާއްޖޭގެ ބަޔާނުގައިވާކަމަށް އެ މީޑިއާއިން ހާމަކޮށްފައިވަނީ ފަލަސްތީނުގެ ބިންތައް އިސްތިއުމާރުކޮށްގެން އުޅޭ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަދި އަނިޔާވެރި ޢަމަލުތަކާއި ނަސްލުހޭދަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުޅި އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަމަށެވެ.
ދިވެހިރާއްޖެއިން މި މުހިންމު މައްސަލައަށް ތަދައްޚުލުވާނެކަމަށް ދާދިފަހުން ދިވެހިރާއްޖޭގެފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި ބައިނަލްއަގުވާމީ ތަގުރީރުގައި ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ މި ޢަމަލުން ދޭހަވަނީ ދިވެހިރާއްޖެ ސައިޒުގެ ގޮތުން ކުޑަ ނަމަވެސް ޢަޒުމާއި އިންސާނީ އުޞޫލުތަކުގައި ދިވެހިރާއްޖެއިން ހިފަހައްޓާ ހަމަތައް ހަރުދަނާކަމެވެ. މި ކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިްްޔަތާއި ތަޞައްވުރު، އިސްލާމީ އުންމަތުގައި ހާމަވެ، މި އިސްލާމީ ދައުލަތުގެ ގަދަރާއި ޝުހުރަތު އުފުލޭނެއެވެ.
ޣައްޒާގައި ނަސްލުހޭދު ހަނގުރާމައެއް މި ދިޔަ އަހަރު
އޮކްޓޫބަރުމަހު އިސްރާއީލުން ފެށުމާ އެކު، ދެކުނުއެފުރިކާއިން ލަސްވުމެއް ނެތި މި
ނުބައި ޢަމަލާ ދެކޮޅަށް ބައިނަލްއަގުވާމީ ޢަދުލުއިންސާފުގެ ކޯޓަށް މައްސަލައެއް
ހުށަހަޅާން ތައްޔާރުވެ، އެ މައްސަލަ ރަސްމީކޮށް ހުށަހެޅީ މި ދިޔަ އަހަރު
ޑިސެންބަރުމަހުގެ ތެރޭގައެވެ.
މި ދިޔަ ޖަނަވަރީމަހު އދ.ގެ އެންމެ މަތީ ކޯޓުގައި
މ ޤަޟިއްޔާގެ އަޑުއެހުމެއް ބޭއްވުމަށް ފަހު "އިސްރާއީލުން ޣައްޒާއަށް ދޭ ޢުދުވާނުގައި
ނަސްލުހޭދަކަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށާއި އެ ދުވަހުން ފެށިގެން
ސީރިއަސް ނުރައްކާތައް މަދަނީންގެ މައްޗަށް އެބަ އޮތްކަމަށް"
ބަޔާންކޮށްފައިވެއެވެ. އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި "ޣައްޒާގައި
ނަސްލުހޭދު ހިންގުމަށް މަގުފަހިވެދާނެ ހުރިހައި ފުރުޞަތެއް ނައިތައްލުމަށް ތެއްލު
އަބީބުގެ މައްޗަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް "ހަނގުރާމަ" ހުއްޓުމަކަށް
އެ އަމުރުގައި ގޮވައިލައިފައެއް ނުވެއެވެ. އަދި މި އަމުރާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ނިރުބަވެރި ބޮޑުވަޒީރު ބުނެފައިވަނީ ބައިނަލްއަގުވާމީ ކޯޓާކީ އިސްރާއީލުން ގަބޫލުކުރާ ތަނެއް ނޫންކަމަށާއި އެ ކޯޓުގެ އެންގުމަކަށް އެ ގައުމަކުން ޢަމަލެއް ނުކުރާނޭކަމަށެވެ.
އިސްރާއީލާ ދެކޮޅަށް ހުށަހެޅިފައިވާ ނަސްލުހޭދުގެ ޤަޟިއްޔާއަށް ދިވެހިރާއްޖެ ނޫނަސް އެހެން ބައެއް ގައުމުތަކުން ވެސް ތަދައްޚުލުވަމުން އެބަ ގެންދާކަމަށް އީރާން މީޑިއާއިން މަޢުލޫމާތުދެއެވެ. ދާދި ފަހުން، ތުރުކީވިލާތާއި ލީބިޔާއާއި މިޞްރުން ވެސް ވަނީ މި ޤަޟިއްޔާއަށް ތަދައްޚުލުވެފައެވެ.
މި ދިޔަ އާދީއްތަދުވަހު ލީބިޔާގެ ރިޔާސީ މަޖިލީހުން ބުނެފައިވައިވަނީ އެ ޤަޟިއްޔާގައި ބައިވެރިވުމުގެ ޤަރާރެއް އެ މަޖިލީހުން ފާސްކޮށްފިކަމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ މި ދިޔަ އޮކުޓޯބަރު މަހު އިސްރާއީލުން ފެށި، ލޭ އޮހޮރުވުން ބޮޑު އަސްކަރީ ކެންޕޭނު ފެށި ފަހުން އިސްރާއީލުން ގެންދަނީ ނަސްލުހޭދެއް ޣައްޒާގައި ހިނގަމުންކަމަށް ލީބިޔާއަށް ގަބޫލުކުރެވޭތީކަމަށެވެ.
މިޞްރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ކޯޓުގައި އޮތް ޤަޟިއްޔާގައި ބައިވެރިވާން މިޞްރުން ގަސްތުކުރީ ފަލަސްތީނުގެ މަދަނީންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަރުކަށި ޢުދުވާނު ހުއްޓުމަކަށް ގެނެވޭތޯއެވެ. މި ދިޔަ ހަފުތާގައި ދެކުނުއެފުރިކާއިން ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) ގައި އެދިފައިވަނީ ރަފަޙުން ފައިބާން އިސްރާއީލުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.
މި ދިޔަ ހުކުރުދުވަހު ދެކުނު އެފުރިކާއިން އެދުނު އެދުމުގައިވަނީ ފަލަސްތީނު ރައްޔިތުންގެ އެންމެ ފަހުގެ ހިޔާވަހިކަންކަމަށްވާ ރަފަޙުގައި އިސްރާޢީލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓައިލައި އެ ރަށުން ފައިބާން އިސްރާއީލުގެ މައްޗަށް އައިސީޖޭއިން އަމުރެއް ނެރެދޭނެކަމަށެވެ.
އިސްރާއީލުގެ ބިންމަތީ ބާރުތަކުން އެންމެ ޒަމާނީ ހަތިޔާރުތަކުން ތަނެއް ދޮރެއް ނުބަލައި ރަފަޙުގައި ތަންތަނާއި މީހުންނަށް ޙަމަލާދެމުން ގެންދާ އިރު، ރަފަޙަކީ ޣައްޒާގެ ކަންކޮޅުތަކުން ރައްކާތެރިކަމަށް އެދި މީހުން ޖަމާވުމުގެ ސަބަބުން ބައިބޯވެ ދިރިއުޅުން މުޞީބާތަކަށް ވެފައިވާ ސަހަރެކެވެ. މި ތަނަށް، ޔަހޫދީ ލަޝްކަރުތަކުން ގަދަބަދަވިކަމުން ފަލަސްތީނު ރައްޔިތުން ޖަމާކުރުމަށް ފަހު، މިހާރު ޙަމަލާތައް ވަރުގަދަކޮށްފައިވަނީ އެކީއެކަށް ފަލަސްތީނުގެ ދަރިފަސްކޮޅު ވުޖޫދުން ނައްތައިލުމަށް ޓަކައެވެ.
________________________________________
ބައެއް ލަފުޒުގެ މާނަ:
ތަދައްޚުލުވުން މ. (1) ކަމެއް ރަނގަޅުކުރުމަށް ޓަކައި، ނުވަތަ ކަމެއް މަގުން ކައްސައިލިޔަ ނުދިނުމަށް ޓަކައި އެ ކަމުގެ ތެރެއަށް ވަނުން. (2) ހިނގަމުންދާ ކަމެއްގެ ތެރެއަށް ވަނުން ނުވަތަ އެ ކަމުގެ ތެރޭގައި ޝާމިލުވުން. (3) ދެ ޚަޞްމެއްގެ ދެމެދުގައި ހިނގަމުންދާ ޤަޟިއްޔާއެއްގެ ތެރެއަށް، އެ ކަމުގައި މަސްލަހަތު އޮތް ފަރާތަކުން ވަދެ ޝާމިލުވުން.
ޤަޟިއްޔާ ނ. ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މައްސަލައެއް ކޯޓުގައި ބަލާ ބެލުން.
ޝުހުރަތު ނ. މަޝްހޫރުކަން (ރަދީފުގައި މާނައެއް ނެތް)
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.