Advertisement

ހެޔޮކަންތައްތަކަށް އަވަސްވެގަތުން (2)

17 May 2024 | 00:15
އަތުކުރެހުމެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(އިއްޔެ ޝާއިޢުކުރި ބައިގެ ބާކީ)

ނަބިއްޔާ صلَّى الله عليه وسلَّم މުސްލިމުންގެ ލަޝްކަރު ހަނގުރާމައަކަށް  ތައްޔާރުކުރެއްވުމަށް ޓަކައި އިސްނެގުމާއި ވާދަވެރިކަމުގެ ދޮރު ހުޅުއްވައިލެއްވިއެވެ.  ރޯމަނުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ޓަކައި ތަބޫކު ހަނގުރާމައަށް ތައްޔާރުވެވަޑައިގަތް އިރު، މުއްސަނދީންނަށް ނަފުސުންނާއި މުދަލުން ﷲގެ މަގުގައި ޖިހާދަށް ނުކުތުމަށް ގޮވައިލެއްވިއެވެ. ތަބޫކު ހަނގުރާމައަކީ ކީރިތި ރަސޫލާ ﷺ ކުރެއްވި އެހެން ހަނގުރާމަތަކާ ވަރަށް ތަފާތު ހަނގުރާމައެކެވެ. ތަބޫކަކީ މަދީނާއާ ވަރަށް ދުރު ހިސާބެއްގައި އޮންނަ[1] ރަށެކެވެ. އެ ދުވަސްވަރަކީ ވަރަށް ހޫނުގަދަ ދުވަސްވަރެއް ވެސްމެއެވެ. ދުޝްމަނުންގެ ޢަދަދު ވަރަށް ގިނައެވެ. އެ ދުވަސްވަރަކީ މަދީނާގެ ބިން ވަރަށް ހަނަފަސްވެ ކާބޯތަކެތި މަދުވެފައިވާ ދުވަސްވަރެއް ވެސް މެއެވެ. އެ ވަގުތު ޢުމަރު - رضي الله عنهގެ ހިތްޕުޅަށް އެރިއެވެ. "މިއަދު އަހުރެން އަބޫބަކުރުގެފާނަށް ވުރެ ބޮޑަށް ކުރިއަރައި ދާނަމެވެ."

ޢުމަރުގެފާނު އެކަލޭގެފާނުގެ މުޅި މުދަލުގެ ދެބައިކުޅަ އެއް ބައި ހިއްޕަވައިގެން ވަޑައިގެން ރަސޫލާއަށް އެރުއްވިއެވެ. ފަހެ ރަސޫލާ صلَّى الله عليه وسلَّم ޙަދީސްކުރެއްވިއެވެ. "ކަލޭގެފާނުންގެ އަހުލުންނަށް ބެހެއްޓެވީ ކޮން އެއްޗެއްތޯއެވެ؟ ޢުމަރުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ ފަދަ މިންވަރެއް ބެހެއްޓީމެވެ." އެ ވަގުތު އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ހުރިހާ މުދާތަކެއް ހިއްޕަވައިގެން ރަސޫލާ އަރިހަށް ވަޑައިގަތެވެ. ފަހެ ރަސޫލުﷲގެފާނު އަބޫބަކުރުގެފާނަށް ވިދާޅުވިއެވެ. "ކަލޭގެފާނުންގެ އަހުލުންނަށް ބެހެއްޓެވީ ކޮން އެއްޗެއްތޯއެވެ؟ ފަހެ އަބޫބަކުރުގެފާނު ދެންނެވިއެވެ. "އެމީހުންނަށް ބެހެއްޓީ ﷲއާއި އެކަލާނގެ ރަސޫލާއެވެ." އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. "މީގެ ފަހުން އެއްވެސް ކަމެއްގައި ކަލޭގެފާނާ ވާދައެއްނުކުރައްވާނަމެވެ. އަބޫބަކުރުގެފާނާ އެއް ފަދައަކުން އެހެން ބޭކަލަކަކަށް ކުރިއަރައެއް ނުދެވޭނެއެވެ." އެ ދުވަސްވަރަށް ބަލާ އިރު، ޢުޘްމާނު رضي الله عنهއަކީ އެންމެ ތަނަވަސް، އެންމެ މުދާ ގިނަ ޞަޙާބީއެވެ. ރަސޫލުﷲގެފާނު މުސްލިމުންގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ޓަކައި މީސްތަކުންނަށް ގޮވައިލައްވާން ފެށްޓެވުމުން ޢުޘްމާނުގެފާނު ދެންނެވިއެވެ. އަޅުގަނޑު ﷲގެ މަގުގައި ޖިހާދުކުރުމަށް ޓަކައި 100 ޖަމަލު، އެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު، ތައްޔާރުކޮށްދެއްވާ ހުށީމެވެ. ނަބިއްޔާ صلَّى الله عليه وسلَّم ލަޝްކަރު ތައްޔާރުކުރައްވާން ގޮވައިލައްމުން ގެންދަވާތީ ޢުޘްމާނުގެފާނު ދެންނެވިއެވެ. "އަޅުގަނޑުގެ ﷲގެ މަގުގައި ޖިހާދު ކުރުމަށް ޓަކައި 200 ޖަމަލު، އެއަށް ބޭނުންވާ އެންމެހާ ސާމާނާ އެކު، ތައްޔާރުކޮށްދެއްވާހުށީމެވެ." ރަސޫލުﷲގެފާނު ހޭދަކުރުމަށް ގޮވައިލަމުން ގެންދަވާތީ ޢުޘްމާނުގެފާނު ދެންނެވިއެވެ. "އަޅުގަނޑު ﷲގެ މަގުގައި ޖިހާދު ކުރުމަށް ޓަކައި 300 ޖަމަލު، އެއަށް ބޭނުންވާ ހުރިހާ އެއްޗަކާއި ސާމާނަކާ އެކު، ތައްޔާރުކޮށްދެއްވާހުށީމެވެ." ﷲގެ ރަސޫލާ މި ކަމަށް ޓަކައި ޢުޘްމާނުގެފާނަށް ދުޢާކޮށްދެއްވައި ޙަދީސްކުރެއްވިއެވެ. "ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު އެކަލޭގެފާނު ދެކެ ރުހިވަޑައިގެންފީމެވެ."

ޢުޘްމާނުގެފާނު މި އެހީފުޅުން ފުއްދަވައިނުލައްވައި  ގެކޮޅަށް ވަޑައިގެން އެއްހާސް ދީނާރު (4250  ގްރާމުގެ ސާފު ރަން)  ގެންނަވައި ރަސޫލާގެ އުނގުފުޅުމަތީގައި ބޭއްވެވިއެވެ. ރަސޫލުﷲގެފާނުގެ ކީރިތި ދެ އަތްޕުޅުން މި ދީނާރުތަކުގައި އަތްޕުޅު ބީއްސަވައި ޙަދީސްކުރެއްވިއެވެ. މިއަދަށް ފަހު އިބްނު ޢައްފާން ކުރައްވާ ކަމަކުން އެކަލޭގެފާނަށް ގެއްލުމެއް ނެތެވެ."[2] ރަސޫލާ މި ބަސްފުޅު ތަކުރާރުކުރައްވައި ދެ ފަހަރު ޙަދީސްކުރެއްވިއެވެ.

އާދޭހެވެ! ހުރިހާ ކަމެއްގައި ވެސް އަވަސްއަރުވައިނުގަތުމަކީ މުހިންމު ކަމެކެވެ. ކަމެއް ކުރުމުގެ ކުރީން ވިސްނައި ބަލާންޖެހޭނެއެވެ. އާޚިރަތަށް ޓަކައި ކުރާ ކަންތައްތަކުގައި މެނުވީއެވެ. އެ ފަދަ ކަންކަން އަވަސްކުރާން ޖެހޭނެއެވެ. ފުރުޞަތު ގެއްލިދާނެތީއެވެ. އަލްއިމާމު އަލްޖުނައިދު އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ޞަފުޙާ އެއްލަވަމުން ގެންދެވި ވަގުތުގައި ވެސް އެކަލޭގެފާނު އޮންނެވީ ކީރިތި ޤުރުއާން ކިޔަވައިވިދާޅުވާށެވެ. މި ވަގުތުގައި ވެސް ޤުރުއާން ކިޔަވައިވިދާޅުވަނީތޯ ދެންނެވުމުން ވިދާޅުވީ "މިހާރު މި އުޅެނީ ފަތް ލައްޕާށެވެ!"

ވިސްނުންތޫނު މުއުމިނާއަށް އޭނާއަށް ލިބިފައިވާ ނޭވާކޮޅުގެ މަދުކަން އެނގޭނެއެވެ. މި ދުނިޔޭގައި އޭނާއަށް އުޅޭން ލިބިފައިވާ ވަގުތުކޮޅުގެ ކުޑަކަން އެނގޭނެއެވެ. ދުނޔެއަކީ އާޚިރަތަށް ޓަކައި ލިބިފައިވާ ފުރުޞަތެއްކަން އެނގޭނެއެވެ. ދުނިޔޭގައި ލިބިފައިވާ ގަޑިކޮޅުގެ ބޭނުން ހިފި މީހާ މޮޅުވެ ބާއްޖަވެރިވެއްޖެއެވެ. މި ގަޑިކޮޅު ނަގައިލި މީހާ ނާއުންމީދުވެ ގެއްލެނިވެއްޖެއެވެ. ކައު ރަސޫލާ ﷺ މީހަކަށް ނަސޭހަތްދެއްވަމުން ޙަދީސްކުރެއްވިއެވެ. ((اغتَنِمْ خَمسًا قَبْلَ خَمسٍ: شَبابَكَ قَبْلَ هَرَمِكَ، وصِحَّتَكَ قَبْلَ سَقَمِكَ، وغِناكَ قَبْلَ فَقرِكَ،  وفَراغَكَ قَبْلَ شُغُلِكَ، وحَياتَكَ قَبْلَ مَوتِكَ[3] - ތިބާއާ ފަސްކަމެއް ކުރިމަތިވުމުގެ ކުރީން ފަސް ކަމެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފާށެވެ! ތިބާ މުސްކުޅިވުމުގެ ކުރީން ތިބާގެ ޒުވާންކަމުގެ ބޭނުންހިފާށެވެ! ތިބާ ބަލިވުމުގެ ކުރީން ތިބާގެ ދުޅަހެޔޮކަމުގެ ދުވަސްތަކުގެ ބޭނުންކުރާށެވެ! ތިބާ ފަޤީރުވުމުގެ ކުރީން ތިބާގެ މުއްސަނދިކަމުގެ ބޭނުން ހިފާށެވެ. ތިބާ އަވަދިނެތިކުރުމުގެ ކުރީން ތިބާގެ ހުސްވަގުތުގެ ބޭނުން ކުރާށެވެ! ތިބާ މަރުވުމުގެ ކުރީން ތިބާގެ ޙަޔާތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާށެވެ!))  

މާތްﷲ ރުއްސުންލެއްވި މާތް ޞަޙާބީ ޢަމްރު ބުނުލް ޖަމޫޙަށް[4] ނިކަން ބަލައިލަމާ ހިންގަވާށެވެ! އެކަލޭގެފާނުގެ ދެ ދަރިކަލަކު ﷲގެ މަގުގައި ޖިހާދުކުރެއްވުމަށް ނުކުމެވަޑައިގަންނަވާ ތަން ފެނިވަޑައިގަތް ހިނދު އެ ދެ ބޭކަލުންނާ އެކު ޖިހާދަށް ނުކުމެވަޑައިގަތުމަށް ބޭނުންފުޅުވިއެވެ. އެ ދެބޭކަލުން ދެންނެވިއެވެ. "އަޅުގަނޑުމެން ބައްޕައަށް ފުދިގެން ނުވޭތޯއެވެ؟ ބައްޕަގެ ފައިންޕުޅުގެ ކޮރުކަމާއި މުސްކުޅިފުޅުކަމަށް ޓަކައި މާތްﷲ ބައްޕަގެ ޢުޒުރު ޤަބޫލުކުރައްވާނެތެވެ. އެހިނދު އެ ކަލޭގެފާނު ކޯފާއިސްކުރައްވައި ހަރުއަޑުފުޅުން ވިދާޅުވިއެވެ. "އަހުރެން ސުވަރުގެ ވަނުން ތިޔަ މަނާކުރަނީ ކީއްވެގެންހެއްޔެވެ؟ މިހެން ވިދާޅުވެ ދަރީންނާ ދެކޮޅަށް ޝަކުވާކުރައްވާން ރަސޫލާގެ އަރިހަށް ވަޑައިގަތެވެ. ރަސޫލާ އެ ބޭކަލުންނަށް ހުރަސްއަޅުއްވައި އެކަލޭގެފާނާ ވާހަކަފުޅުދައްކަވާން ފެށްޓެވިއެވެ. ޢަމްރުބުނުލްޖަމޫޙު ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއޭވެ! ﷲގެ މަގުގައި އަޅުގަނޑު ޝަހީދުވެއްޖެ ނަމަ މި ކޮރުކަމާ އެކު އަޅުގަނޑު ސުވަރުގެ ވަންނާނެތޯއެވެ؟ ރަސޫލުﷲގެފާނު އޭނާގެ ހިތްޕުޅަށް ހިތްހަމަޖެހުން ދެއްވައި ޙަދީސްކުރެއްވިއެވެ. "ހަމަހިލާ އެހެނެއް ނުވާނެތެވެ. ކަލޭގެފާނު ސުވަރުގެ ވަދެވަޑައިގަންނަވާނީ ހަށިކޮޅުގެ ދުޅަހެޔޮކަމާއެކުގައެވެ. ކޮރުކަމެއް ނެތިއެވެ." އެހިދު އިބްނުލްޖަމޫޙު ދެ އަތްޕުޅު މައްޗަށް އުފުއްލަވައި  ދުޢާކުރެއްވިއެވެ. "ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގަނޑު އެނބުރި މީހުންގެ ތެރެއަށް ފޮނުއްވާ ނަމަ، ނަޞްރު ލިބިގެންވާ ޙާލުގައި ރުޖޫޢަކުރައްވާނދޭވެ! އިބަރަސްކަލާނގެ މި އަޅާ ހިއްޕަވާ ނަމަ، ޝަހީދެއްގެ ގޮތުގައި ހިއްޕަވާނދޭވެ!" އެއަށްފަހު ޝަހީދުވުމަށް އުންމީދުކުރައްވާ ޙާލުކޮޅުގައި ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތެވެ. ނަބިއްޔާ صلَّى الله عليه وسلَّم އަށް ޢަމްރުބުނުލްޖަމޫޙު ޝަހީދުވި ޚަބަރު ލިބިވަޑައިގަތުމުން ޙަދީސްކުރެއްވިއެވެ. "މާތް ﷲ ގަންދެއްވައި ޙަދީސްކުރައްވަމެވެ. ޢަމްރު ބުނިލްޖަމޫޙު ކޮރުކަމެއްނެތި ހަށިކޮޅު ދުޅަހެޔޮކަންމަތީވާ ޙާލުކޮޅުގައި ސުވަރުގެ ވަދެވަޑައިގެންނެވި ތަން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތް ކަހަލައެވެ."  މާތްﷲ ރުއްސުންލެއްވި ޢަމްރު  އެކަލޭގެފާނުންގެ ހަށިކޮޅާއި މުދަލުން މި ވިޔަފާރިކުރެއްވީ ﷲއާ އެކުގައެވެ. މާތްﷲ ވަނީ އެފަދަ މީހުން ސުވަރުގެވައްދަވާނެކަމުގެ ކަށަވަރުކަން ދެއްވައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِنَّ اللَّهَ اشْتَرَى مِنَ الْمُؤْمِنِينَ أَنْفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ الْجَنَّةَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَيَقْتُلُونَ وَيُقْتَلُونَ وَعْدًا عَلَيْهِ حَقًّا فِي التَّوْرَاةِ وَالْإِنْجِيلِ وَالْقُرْآنِ وَمَنْ أَوْفَى بِعَهْدِهِ مِنَ اللَّهِ فَاسْتَبْشِرُوا بِبَيْعِكُمُ الَّذِي بَايَعْتُمْ بِهِ وَذَلِكَ هُوَ الْفَوْزُ الْعَظِيمُ[5] - ހަމަކަށަވަރުން، اللَّه، مؤمن ންގެ ކިބައިން އެއުރެންގެ نفسތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެން اللَّهގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، އެއުރެން (دشمنން) قتلކޮށް، އަދި އެއުރެން قتلވެދެއެވެ. (އެއުރެންނަށް ސުވަރުގެ ހުރިކަމީ) توراةއާއި، إنجيلއާއި، قرآنގައި، އެކަލާނގެ ذاتފުޅުގެ މައްޗަށް حق ގޮތުގައި ކުރައްވައިފައިވާ وعدއެކެވެ. އަދި عهد ފުއްދުމުގައި، اللَّه އަށް ވުރެ، ފުއްދުންތެރިކަން ބޮޑީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ވިއްކި ވިއްކުމާ މެދު، އުފާކުރާހުށިކަމެވެ! ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.)) 

ޚައިރާތުގެ މަގުތަކަކީ ވަކި ބަޔަކަށް އޮތް މަގުތަކެއްނޫނެވެ. މުއްސަނދީންނަށް ލިބިގެންވާ ގޮތަށް ފަޤީރުންނަށް ވެސް ހެޔޮކަމާއި ލާބައިގެ އެތައް ދޮރުތަކެއް ވަނީ ހުޅުއްދެއްވައިފައެވެ. މާތްﷲ ރުއްސުންލެއްވި އަބޫޛައްރުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެއް ދުވަހަކު ފަޤީރުން ރަސޫލާއަށް ދެންނެވިއެވެ. ((އޭ ﷲގެ ރަސޫލާއޭވެ! ހަމަކަށަވަރުން މުއްސަނދީން ދަރުމަތައް ހިފައިގެން ހިނގައްޖެއެވެ. އަޅުގަނޑުމެން ނަމާދުކުރާ ގޮތަށް އެމީހުން ވެސް ނަމާދު ކުރެތެވެ. އަޅުގަނޑުމެން ރޯދަހިފާ ގޮތަށް އެ މީހުން ވެސް ރޯދަހިފަތެވެ. އެމީހުންގެ އަތުގައި އިތުރުވެފައި ހުންނަ މުދަލުން އެމީހުން ޞަދަޤާތްކުރެތެވެ. އަޅުގަނޑުމެންނަށް ޞަދަޤާތެއް ނުކުރެވެއެވެ. އެހިނދު ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންނަށް ޞަދަޤަތްކުރެވޭނެ އެއްޗެއް ﷲ ދެއްވައިފައި ނުވޭހެއްޔެވެ؟ ހަމަކަށަވަރުން ކޮންމެ ތަސްބީޙައަކީ ޞަދަޤާތެކެވެ. ކޮންމެ ތަކުބީރައަކީ ޞަދަޤާތެކެވެ. ކޮންމެ ޙަމްދުކުރުމަކީ ޞަދަޤާތެކެވެ. އަދި ތަހުލީލަކީ ޞަދަޤާތެކެވެ. ހެޔޮކަމަކަށް އަމުރުކުރުމަކީ ޞަދަޤާތެކެވެ. މުންކަރާތެއް ނަހީކުރުމަކީ ޞަދަޤާތެކެވެ. އަދި ތިޔަބައިމީހުންގެ ޝަހުވަތްތެރިކަން ފުއްދުމުގައި ވެސް ޞަދަޤާތެއް ވެއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެން ޝަހުވަތް ފުއްދުމުގައި ވެސް ދަރުމައެއް ވާނެތޯއެވެ؟ ޙަދީސްކުރެއްވި ތިބާ އެ ޝަހުވަތް ޙަރާން ގޮތުގައި ފުއްދައިފި ނަމަ އެކަން ފާފައަކަށް ނުވޭހެއްޔެވެ؟ އެފަދައިން ޙަލާލު ގޮތުގައި އެ ކަން ފުއްދައިފި ނަމަ އެ ކަމަށް ދަރުމަ ވެސް އޮންނާނެތެވެ.))[6] ____________________

[1]  - ގާތްގަނޑަކަށް 527 ކީލޯމީޓަރު

[2]  -  أخرجه الترمذي (٣٧٠١)، وأحمد (٢٠٦٣٠)

[3]  - أخرجه ابن أبي الدنيا في ((قصر الأمل)) (١١١)، والحاكم (٧٨٤٦)، والبيهقي في ((شعب الإيمان)) (١٠٢٤٨)

[4]  - ޢަމްރު ބުނުލްޖަމޫޙަކީ ވަރަށް ދީލަތި އަންޞާރީ ބޭކަލެކެވެ. ކީރިތި ރަސޫލާ  ޙަދީސްކުރައްވައިފައިވާ ގޮތުގައި އަންޞަރުންގެ ސައްޔިދަކީ ( ސާހިބަކީ) އެކަކެގެފާނެވެ. ބަދްރު ހަނގުރާމައިގައި އަބޫޖަހުލު ޤަތުލުކުރެއްވި ތުއްޕުޅު ދެ  މުޢާޛޫގެ ތެރެއިން  އެއް މުޢާޛަކީ ޢަމްރު ބުނުލްޖަމޫޙޫގެ ދރިކަލެކެވެ.

[5]  - التوبة: 111

[6]  - صحيح مسلم (١٠٠٦ )

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް