Advertisement

ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތައް ތަރައްގީވަމުން އަންނަ ގޮތުގެ މަޢުލޫމާތު މެލޭޝިއާއަށް ތަޢާރަފުކުރުމަށް ފުރުޞަތެއް

16 May 2024 | 20:00
ވަޒީރު ޑރ. ޝަހީމް (ކ)އާއި ސަފީރު ޑރ. ޝަބީނާ (ވ) (ފޮޓޯ: އިސްލާމީ ވުޒާރާގެ އެފުބީ ސަފުހާ)

އަބާ މުޙަންމަދު

ދިވެހިރާއްޖެއިން، އެކުވެރި މުސްލިމު މެލޭޝިއާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙުމަދު މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތަކީ ހަގީގަތުގައި ވަރަށް މުހިންމު ޒިޔާރަތެކެވެ. އެއީ އެ ކަމަނާ މަސައްކަތްޕުޅުކުރާއްވާން ޖެހިވަޑައިގަންނަވާ މެލޭޝިއާގައި ދިވެހިރާއްޖޭގެ ތަޞައްވުރު އިތުރަށް ރަނގަޅުކުރެއްވުމަށް ޓަކައި މަޢުލޫމަތު އެއްކުރެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއްކަމަށް ގަބޫލުކުރެވެއެވެ. އެހެނީ އެ ކަމަނާގެ މި ޒިޔާރަތުގައި މަޝްވަރާކުރެއްވި މުހިންމު ކަންކަމުގެ ތެރޭގައި، ބައިތުއްޒަކާތިއާއި ޙައްޖު ފަންޑާއި އިމާމުންނަށް ހިންގަވާ ތަމްރީނު ޕްރޮގްރާމްތަކުގެ ތަރައްގީއާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދެވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ އެކު، ސަފީރު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ޙަލާލު ސެޓުފިކެޓުގެ އިޖުރާތުގެ ތަރައްގީއާއި އިސްކޯލާޝިޕުގެ ފުރުޞަތުތަކާ ބެހޭ ގޮތުން ވެސް ކުރެއްވި މަޝްވަރާތައް ވެސް ހިމެނެއެވެ. އަދި މެލޭޝިއާގެ ޔުނިވަރސިޓީތަކުގައި ޚާއްޞަކޮށް މެލޭޝިއާގެ ބައިނަލްއަގުވާމީ ޔުނިވަރުސިޓީގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙުމަދު، އެއްކުރެއްވި މަޢުލޫމާތަކީ ދިވެހިރާއްޖޭގެ އިސްލާމީ ތަޞައްވުރު މެލޭޝިއާއާއި އިސްލާމީ ދުނިޔޭގައި ކުރިއަރުވައި އިތުރަށް ވަރުގަދަކުރެއްވުމަށް ޓަކައި މުހިންމު މަޢުލޫމާތަކަށް ވާނެކަން ކަށަވަރެވެ.

މެހުމާނުންގެ ފޮތުގައި ސަފީރު ޑރ. ޝަބީނާ ސޮއިކުރައްވަނީ (ފޮޓޯ: އިސްލާމީ ވުޒާރާގެ އެފުބީ ސަފުހާ)<br>

ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަކީ އެ މަނިކުފާނު ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުކަމާ ޙަވާލުވެވޑައިގެން ހުންނެވި ކޮންމެ ދައުރެއްގައި ވެސް ޒަމާނީ އާ ވައްޓަފާޅިއަކަށް އިސްލާމީ ކަންތައްތައް ބައްޓަންކުރެއްވުމުގައި ނަމޫނާ ދައްކަވައިފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގައި ޙަލާލު ސެޓްފިކެޓް ތަޢާރަފުކުރެއްވުމާއި، ޙައްޖު ކޯޕަރޭޝަން ގާއިމުކުރެއްވުމާއި ވަގުފު ޢިމާރާތެއްގެ ގޮތުން ދާއުލްއީމާން ބިނާކުރެއްވުމާއި ބައިތުއްޒަކާތި (ނުވަތަ ޒަކާތު ހައުސް)ގެ ނަމުގައި މުއައްސަސާއެއް އުފެއްދެވުމުގެ މޭސްތިރިއަކީ އެ މަނިކުފާނެވެ. އަދި އިމާމުންނާއި ޚަޠީބުން ކުރިއަރުވައި ތަރައްގީކުރެއްވުމަށް ޓަކައި އެކި ބުރުބުރަށް އެ ބޭފުޅުން ތަޖުރިބާގެ ދަތުރުތަކުގައި އިސްލާމީ ގައުމުތަކަށް ފޮނުއްވުމުގެ ޙަރަކާތްތައް ފެއްޓެވީ ވެސް އެ މަނިކުފާނެވެ. ޑރ. ޝަހީމަކީ ވަރަށް ކަށަވެތި، ތަޞައްވުރީ ބޭފުޅެކެވެ.

މި ކަންކަން މެލޭޝިއާއަށް އޮޅުންފިލުއްވައިދެއްވައި ރާއްޖެއަށް ޝުހުރަތު ހޯއްދަވައިދެއްވުމުގެ އިތުރަށް މެލޭޝިއާއިން އެހީތެރިކަން ލިބޭނެ ގޮތްތަކަށް މަގު ފަހިކުރެއްވުމަކީ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަޙުމަދު، ވަޒީރުގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ މައިގަނޑު މަގުސަދުކަމަށް ގަބޫލުކުރެވެއެވެ.

ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީ މި ފަހަރު އިސްލާމީ މުޒާރާއާ ޙަވާލުވެވަޑާއިގަތް ފަހުން ވެސް ރާއްޖޭގެ އިސްލާމީ ތަޞައްވުރު އިސްލާމީ ދުނިޔޭގައި ރަނގަޅުކުރެއްވުމުގެ ގިނަ މަސައްކަތްޕުޅުތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެ މަނިކުފާނަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެކެވެ.

ސަޢުދީ ރަސްގެފާނުގެ ޚާއްޞަ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އަރިހުގައި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު ވަޒީރު މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައިކަމަށް "ފަރަގު" މީޑިއާއަށް މަޢުލޫމާތު ލިބިފައިވެއެވެ.

_____________________________________

ލަފުޒެއްގެ މާނަ:

ކަށަވެތި    ނއ.   ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ތަފާތު ނޫސްތަކަށް ލިޔުއްވައިފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް