Advertisement

ލުބްނާނާއި ޣައްޒާގައި ޔަހޫދީން ކެމިކަލް ހަތިޔާރު ބޭނުންކުރުން.

15 Oct 2023 | 08:17
.

އެމެރިކާގެ މުސްލިމުންގެ ޙިމާޔަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށްވާ "ދަ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް" (ކެއަރ)ގެ އެގްޒެކެޓިވް ޑިރެކްޓަރ ދާދި ފަހުން ނޫސްވެރީންނާ ބައްދަލުކުރައްވައި ވަނީ އެމެރިކާގެ ރައީސަށާއި ނޫސްވެރީންނަށް ވަރުގަދަ މެސެޖެއް ދެއްވައިފައެވެ. އިސްރާޢީލްގެ އަނިޔާވެރިކަމުން، ފަލަޞްޠީނުން ބޭރުކޮށްލެވުނު ފަލަޞްޠީނުގެ ރެފިޔުޖީންގެ ގޮތުގައި ހިމެނުނު މަންމައަކާއި ބައްޕައަކަށް، ރެފިޔުޖީ ކޭންޕެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އައްސައްޔިދު ނިހާދު އަވާދު ވަނީ އަސަރުގަދަ ވާހަކަފުޅުތަކަކުން އެހުންތެރީން ރޮއްވައިލައިފައެވެ. އޭނާވަނީ އެމެރިކާގެ ރައީސަކީ އިންސާނިއްޔަތަށް އެހީތެރިވެދެއްވާ ބޭފުޅެއް ނޫންކަމަށާއި ޖޯބައިޑްން އެ ކުރައްވާ ކަމަކީ ރޯވެފައިވާ އަލިފާންގަނޑަކަށް ތެޔޮއަޅުއްވަނީކަމަށް ވިދާޅުވެ އެ ކަމަށް ހެކިދައްކަވައިފައެވެ. ޔޫކްރޭނަށް ރޫސީން އަރައި އެ ތަނަށް ޙަމާލާދިނުމުން ޔޫކްރޭނަށް އެހީވާ އިރު، ފަލަސްޠީނަށް ޔަހޫދީން އަރައި އެ ތަން ތަޅައި ސުންނާފަތިކުރުމުން އިސްރާއީލަށް އެހީތެރިވާތީ ދެ މިންގަނޑަކުން ކަންކަން ކުރާކަމަށް ވިދާޅުވެ، ޑަބަލް ސްޓޭންޑަޑް ގެންގުޅުއްވާތީ، ޖޯބައިޑުނާއި އެމެރިކާގެ ބޭއިންސާފު މިންގަނޑަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުންނަށް ހިންގާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓައިލާން ނިހާދު އަވާދު ވަނީ އިލްތިމާސްކުރައްވައިފައެވެ.

އެ ނޫސްކޮންފަރެންސްގައި މިނިވަން ނޫސްވެރިކަން ކޮބައިތޯ ވެސް ނޫސްވެރީންނާ ނިހާދު ވަނީ ސުވާލުކުރައްވައިފައެވެ. ހަމައެކަނި ޔަހޫދީން ދޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޚަބަރުތައް ގެނެސްދޭ އިރު، އަނެއް ފަރާތް ކޮބައިތޯ ސުވާލުކުރެއްވިއެވެ. އެހެންކަމުން މިއަދު ނޫސްތަކާއި، ޖުމުލަކޮށް މުޅި މީޑިއާއަށް ވެސް މިއަދުގެ ޒުވާނުން އިތުބާރު ނުކުރާކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޒުވާނުން މަޢުލޫމާތު ހޯދަނީ މީސްމީޑިއާއިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ނޫސް ކޮންފަރެންސްގައި ނިހާދު އަވާދު ވަނީ ވަރަށް ނުރައްކާތެރި ތުހުމަތެއް ވެސް އިސްރާއީލަށް ކުރައްވައިފައެވެ. އެއީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ޣައްޒާއަށް ކެމިކަލް ހަތިޔާރުން ޙަމަލާދޭކަމަށް އޭނާ ކުރެއްވި ތުހުމަތެވެ. އެ ތުހުމަތުކުރެއްވީ ވަރަށް ކަށަވަރު މަސްދަރުތަކަކުން މަޢުލޫމާތު ލިބިވަޑައިގެންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ވިދާޅުވި ވިދާޅުވުމަށް ބާރު ލިބުނީ އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުން މިހާރު ހިންގާ ލާއިންސާނީ ޢަމަލުތަކުގައި ހުދު ފޮސްފަރަސް ބޭނުންކުރާން ފަށައިފައިވާކަމަށް "ހިޔުމަން ރައިޓްސް ވޮޗް"(އެޗްއާރުޑަބްލިޔޫ) އިން ހާމަކުރުމާ ގުޅިގެންނެވެ.

އެޗްއާރުޑަބްލިޔޫއިން ބުނެފައިވާ ގޮތުގައި ލުބްނާން ސަރަހައްދާއި ޣައްޒާގައި އިސްރާއީލު އަސްކަރީ ފައުޖުތަކުން މި ވިހަ މާއްދާ ބޭނުންކުރާން ވަރަށް ފަހުން ވަނީ ފަށައިފައެވެ. މި ގޮތުން އިސްރާއީލާއި ލުބުނާނުގެ ސަރަހައްދީ ރޮނގު ކައިރީގައްޔާއި ޣައްޒާ ސިޓީގެ ބަނދަރު ސަރަހައްދުގައި މި ވިހަ އެކުލެވޭ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި ވާކަމަށް ހިޔުމަންރައިޓްސް ވޮޗުން ބުނެއެވެ. ވައިޓް ފޮސްފަރަސް އެކުލެވޭ ހަތިޔާރު މީސްގިނަ ސަރަހައްދެއްގައި ގޮއްވައިލައިފި ނަމަ، އެ ސަރަހައްދެއްަގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ފޫނުބެއްދޭ ފަދަ ގެއްލުން ލިބުމުގެ އިތުރަށް އޭގެ ހޫނުގެ ސަބަބުން ޢިމާރާތްތައް ފުނޑުފުނޑުކޮށްލާނެއެވެ.

ހުދު ފޮސްފަރަސްއަކީ އުށް ކަހަލަ ވިހަ މާއްދާއެކެވެ. އެއީ ދަގަނޑު ވިރުވައިލާ ފަދަ ހޫނުގަދަ މާއްދާއެކެވެ. އޭގެ ހޫނުމިން 800 ޑިގްރީ ސެލްސިއަސް (ގާތްގަނޑަކަށް 1500 ޑިގްރީ ފެރަންހެއިޓް)އަށް އަރައެވެ. އެއީ އާންމު ގޮތެއްގައި ކުލައެއް ނުހުންނަ މާއްދާއެކެވެ. ނުަވަތަ ހުދު ނުވަތަ މަޑު ރީނދޫކުލައެއްގައި ހުންނަ ލޮދުމެދު ވަސް ފާޑުގެ ވަހެއް ދުވާ މާއްދާއެކެވެ.

ވައިޓް ފޮސްފަރަސްގެ ސަބަބުން ކައްޓާ ހަމައަށް ހަންގަނޑު އަންދައިލައެވެ. އަދި އެ މާއްދާއަކީ ހަށިގަނޑުގެ ތެރެއަށް ވަދެގެންދާ އެއްޗެއްކަމަށް ވާތީ ހަށިގަނޑުގެ އެތައް ގުނަވަންތަކެއްގެ މަސައްކަތް ހުއްޓުވައިލައެވެ. މި ގޮތުން މެޔާއި ގުރުދާއާއި ހިތުގެ މަސައްކަތްތައް ހުއްޓުވައިލާނެއެވެ. ނަތީޖާއެއްގެ ގޮތުން މަރާ ކުރިމަތިލާން ޖެހެއެވެ. އަދި ބަލި މީހުންނަށް މި ކެމިކަލްގެ އަސަރުކޮށްފި ނަމަ، ގިނަ އިރުތަކެއް ނުވެ އެ މީހަކު ދުނިޔެ ދޫކޮށްލައެވެ.

މިއީ މިހާ ނުރައްކާތެރި މާއްދާއެއްކަމަށް ވިޔަސް އެމެރިކާއާއި އިސްރާއީލުން ބުނަނީ އެ މީހުން ވައިޓް ފޮސްފަރަސް ބޭނުންކުރަނީ ބައިނަލްއަޤުވާމީ ގަވާއިދާ ޚިލާފު ނުވާ ގޮތުގެ މަތީން ކަމަށެވެ. އެއީ ދޮގެއް ނޫނެވެ. 1980ގައި ފާސްކޮށްފައިވާ މަނާ ހަތިޔާރު ބޭނުންކުރަުން މަނާކުރުމުގެ މުޢާހަދާގެ ޕްރޮޓޮކޯލް 3ގައި ވައިޓް ފޮސްފަރަސްގެ ވާހަކައެއް ނެތެވެ. އެ މީހުން ފާހަގަކުރަނީ ހަމައެކަނި މި ތަންކޮޅެވެ. ނަމަވެސް އިންސާނިއްޔަތާ ޚިލާފަށް ކުށެއް ނެތް މަދަނީ ރައްޔިތުންނާ އިދިކޮޅަށް މި ފަދަ ހަތިޔާރު، އަދި އެއްވެސް ހަތިޔާރެއް، ބޭުންކުރުމަކީ ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނުތަކާ ޚިލާފު ކަމެއްކަން އެ މީހުން ބަލާކަށް ބޭނުމެއް ނުވެއެވެ.

މި ފަދަ ދަށު ދަރަޖައިގެ، އަދި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް އިސްރާއީލުން ކުރަމުން ގެންދިޔަކަމުގައި ވިޔަސް، އެ ކަން ހުއްޓުވާނެ ބާރެއް އަދި ދުނިޔެއަކު ނުވެއެވެ. ޑިމޮކްރެސީއާއި އިންސާނީ ހައްގުގެ މުއައްސިސުން ކަމުގައި ހެދިގެން އުޅޭ އެންމެ ޚުދުމުޚުތާރު ބޭއިންސާފު އެމެރިކާއިންނާއި ވިލާތުގެ ގައުމުތަކުން ގެންދަނީ ޞަހުޔޫނީ މި ޢަމަލުތަކަށް ޢަމަލާއި ބަހުން ހިތްވަރުދީ ހުރިހާ ގޮތަކުން އެހީތެރިވަމުންނެވެ. ހަގީގަތުގައި މިއީ ނަސްލު ނައްތައިލުމުގެ ޢަމަލެކެވެ. މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާއެކެވެ.

މިކަން މިހެން އޮތް ނަމަވެސް މުސްލިމު ގައުމުތަކުގެ ތެރެއިން ވަރަށް މަދު ގައުމަކުން ނޫނީ ސީދާ އިސްރާއީލު ކުށްވެރިކުރާކަށް ނުކެރެއެވެ. ނަމަވެސް ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްޠީނާއެކުގައިކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ކަން ހާމަކޮށް ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އަދި އޭގެ ކުރީން ރައީސް މުންތަޚަބު ޑރ. މުޙަންމަދު މުޢިއްޒު ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ގާއިމުކޮށްދިނުމަށް ގޮވައިލައްވައި އެންމެހާ ދިވެހި ރައްޔިތުން ތިބީ ފަލަޞްޠީނު ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވައިފައެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނާއި އެކްސް (ކުރީގެ ޓްވިޓާރ)ގައި ކުރެއްވި މެސެޖެއްގައި ވެސް ފަލަސްތީން މިނިވަންކުރާން ޖެހޭނެ ކަމަށާއި، އަނިޔާވެރިކަމާ އެކު ބޭރުކޮށްލެވިފައިވާ ރެފިއުޖީންނަށް [އެ މީހުންގެ އަމިއްލަ ވަޒަނަށް]އާދެވެންވާނެ ކަމަށާއި، ދިވެހިރާއްޖެއާއި އިސްލާމީ ޤައުމުތަކުން ގެންގުޅޭ އަސާސަކީ ވެސް ފަލަސްތީން މިނިވަންވުން ކަމަށް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. "އަނިޔާވެރިކަމާއެކު ބޭރުކޮށްލެވިފައިވާ ރެފިއުޖީންނަށް [އެނބުރި އެ މީހުންގެ އަމިއްލަ ވަޒަނަށް އެނބުރި] އާދެވޭންވާނެ"ކަމަށާއި އަދި "ދިވެހިރާއްޖެއާއި އިސްލާމީ ގައުމުތަކުގެ ސްޓޭންޑަކީ ވެސް ފަލަސްތީނު މިނިވަންވުން"ކަމަށް ޓީވީ ޕްރޮގްރާމެއްގައި ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަނެއްކޮޅުން ދިވެހި ރައްޔިތުންގެ ފަރާތުން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިވަމުންނެވެ. މި ކަމުގައި ޢަމަލީ މަސައްކަތްކޮށްދެނީ ދިވެހި ޖަމުޢިއްޔާއެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެންޕޭނުންނެވެ. ވީމާ މުޅި ދިވެހިރާއްޖެ މި ތިބީ ފަލަސްޠީނާއެކު އެއްބައިވަންތަކަމާއެކީގައެވެ.

އަނެއްކޮޅުން، ބޭރުގެ ގައުމުތަކަށް ބަލާއިރު އީރާނުގެ ދީނީ ލީޑަރު އަލީ ޚާމަނާއީގެ އެޑްވައިޒަރަކު ވިދާޅުވީ ފަލަސްތީނުގެ ހަމަލާއަށް އީރާނުން ތާއީދުކުރާ ކަމަށެވެ. "ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަޅުގަނޑުމެން ތަހުނިޔާ ދަންނަވަމެވެ." އެޑްވައިޒަރު ރަހީމް ސަފާވީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ވެ އެވެ. "ފަލަސްތީނާއި ގުދުސް މިނިވަންކުރެވެންދެން ފަލަސްތީނުގެ ހަނގުރާމަވެރިންނާއެކު އަހަރެމެން ދެމި ތިބޭނަމެވެ." އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެގައުމުގެ އެކުވެރި ހަމާސްއިން ދިން ހަމަލާތަކަކީ އިސްރާއީލުގެ އިސްތިއުމާރުގެ ކުރިމަތީގައި ފަލަސްތީނުގެ އިތުބާރު އިތުރުވެފައިވާކަމުގެ ހެތްކެއް ކަމަށެވެ.

އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވަނީ މިހާރު ކުރިމަތިވެފައިވާ ހާލަތުގެ "ފުޅާކަމާއި ނުރައްކާތެރިކަމު"ގެ އިންޒާރު ދެއްވައިފައެވެ. އަދި ފަލަޞްޠީނު ރައްޔިތުންނަށް ދޭ އަނިޔާވެރި ޙަމަލާތަކާއި އެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތައް ހުޅަނގު އައްސޭރީން ގެންދަނީ ދެކެ އެ ކަމަށް ހެކިވަމުން"ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އުރުދުނުން ފާހަގަކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި މަރުވާ މީހުންގެ އަދަދު މިހާރު ވަނީ މި ދިޔަ އަހަރުތަކުގައި ނުފެންނަ މިންވަރަށް އިތުރުވެފައެވެ. އުރުދުނުން މި ބަޔާން މި ގޮތަށް ދިން ނަމަވެސް އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ އެއްބަސްވި ދެ ގައުމަކީ އުރުދުނާއި މިސްރުކަން ވެސް ފާހަގަކޮށްލާންޖެހެއެވެ.

Advertisement

ކޮމެންޓް
ހިހި
ހިހި
15 Oct 2023
އިސްމާއިލް
ހާދަހާ ދެރައޭ
15 Oct 2023
މަރީ
އެ ނުބައި ޔަހޫދީ ޒަޔަނިސްޓުން ބަލިކުރައްވާށި!
16 Oct 2023