Advertisement

ހެޔޮކަންތައްތަކަށް އަވަސްވެގަތުން

16 May 2024 | 00:05
ކަނޑުއަޑީގެ ބަގީޗާއެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ފަނާވެދަނިވި ރަންގަނޑަކަށް ދުނިޔެ ވެފައި، ދެމި އޮންނަނިވި މަށިގަނޑަކަށް އާޚިރަތް ވެއްޖެ ނަމަ ބުއްދިވެރި މުސްލިމު އިންސާނާ އިސްކަންދޭނީ ފަނާދަނިވި ރަންގަނޑަށްވުރެ ދެމި އޮންނަނިވި މަށިގަނޑަށެވެ. މި ކަން އަނެއް އަތަށް ފުރޮޅިގެން ހިނގައްޖެނަމަ – އެބަހީ ފަނާވެދަނިވި މަށިގަނޑަކަށް ދުނިޔެ ވެފައި، ދެމިއޮންނަނިވި ރަންގަނޑަކަށް ޢާޚިރަތް ވެއްޖެނަމަ -  ބުއްދިވެރި މުސްލިމު އިންސާނާ  އިސްކަންދޭނީ ކޮން އެއްޗަކަށް ހެއްޔެވެ؟  މި ރަންގަނޑު ހޯދާން މުސްލިމު އަޅާ އަވަސްވެނުގަންނާނެހެއްޔެވެ؟

ﷲގެ އަމުރުފުޅަށް އިޖާބަދިނުމަށް ޓަކައި މުސްލިމު އިންސާނާ ހުރިހާ ވަގުތެއްގައި ހުރިހާ ޢަމަލެއްގައި ހުރިހާ ސުލޫކެއްގައި އަވަސްވެގަންނާނެތެވެ.  ﷲ ތަޢާލާ އަމުރުކުރެއްވިއެވެ. (( وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ[1] -މާނައީ : އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވައިފައި ވަނީ، تقوى ވެރީންނަށެވެ.)) އެހެން ބަސްފުޅެއްގައި ގޮވައިލައްވަނީ އެއް ބަޔަކު އަނެއް ބަޔަކާ ވާދަކޮށް ކުރިއަރައިދިޔުމަށެވެ. ((سَابِقُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ أُعِدَّتْ لِلَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ[2] - ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އެ ތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަން ފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވައިފައި ވަނީ، اللَّهއަށާއި، އެކަލާނގެ رسولންނަށް إيمان ވި މީހުންނަށް ޓަކައެވެ.))  މި ބަސްފުޅުތަކުގެ މާނައަކީ އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން ޞާލިޙު ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ! ހެޔޮކަންތައް ކުރުމުގައި ވާދަކުރާށެވެ! ބޭނުމެއް ނެތް ކަންތައްތަކުގައި ވަގުތު ނަގައިނުލާށެވެ! ދެމި އޮންނަނިވި އާޚިރަތުގެ މައްޗަށް ފަނާވެދަނިވި ދުނިޔޭގެ އަރާމުތައް އިސްނުކުރާށެވެ! ހަމަކަށަވަރުން ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑީ އާޚިރަތެވެ.

ﷲގެ ރަސޫލާ صلَّى الله عليه وسلَّم  އެކަލޭގެފާނުގެ އުންމަތަށް ގޮވައިލައްވަނީ ހުރިހައި ވަގުތެއްގައި ވެސް ހުރިހައި ތަނެއްގައި ވެސް ﷲ عزَّ وجلَّގެ ޙަޟްރަތާ ކުއްތަންކުރުވަނިވި ޢަމަލުތައްކުރުމަށް އަވަސްވެގަތުމަށެވެ. އެ ކަމުގައި މުސްލިމުން އެކަކު އަނެކަކާ ވާދަކުރުމަށެވެ. ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((بَادِرُوا بالأعْمَالِ فِتَنًا كَقِطَعِ اللَّيْلِ المُظْلِمِ، يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا، يَبِيعُ دِينَهُ بعَرَضٍ مِنَ الدُّنْيَا[3]  -  ތިޔަބައިމީހުން ހެޔޮ ޢަމަލުތަކުން ފިތުނަތަކާ ކުރިމަތިލުމަށް އަވަސްވެގަންނާށެވެ! އެ ފިތުނަތައް ކަޅުއަނދިރި ރެއެއްގެ ފަށަލަތަކެއް ފަދައެވެ. ހެނދުނު މުސްލިމެއް ގޮތުގައި ހުރި މީހާ ހަވީރު ވާއިރަށް ކާފަރުވެދާނެތެވެ. އަދި ހަވީރު މުއުމިނެއް ގޮތުގައި ހުރި މީހާ ހެދުންވާއިރަށް ކާފިރުވެދާނެތެވެ. ދުނޔޭގެ ވަގުތީ އަރާމަކަށް ޓަކައި އޭނާގެ ދީން ވިއްކާލައިފާނެތެވެ.)) ކައު ރަސޫލާ ﷺގެ މި ބަސްފުޅަކީ ބިރުވެރި އިންޒާރެކެވެ. މީހުންގެ ހިތްތައް އަތްއަތަށް ފުރޮޅެމުންދާނެ ގޮތުގައި ރީތި ކުރެހުމެކެވެ.

އަޅުގަނޑުމެންގެ މިއަދުގެ މުޖްތަމަޢަށް ބަލާ އިރު، އަދިވެސް ގިނައީ ރަނގަޅު މީހުންނެވެ. ހިތްތައް ޠާހިރު މީހުންނެވެ. ހެޔޮ ޢަމަލުތަކަށް ލޯބިކުރާ މީހުންނެވެ. އެހެނަސް އެއީ ހެޔޮ ޢަމަލުތައް ފަސްކުރާ ބަޔެކެވެ. މިއަދުގެ މަސައްކަތްތައް މާދަމާއަށް ލަސްކުރާ ބަޔެކެވެ. ރަނގަޅު ފުރުޞަތުގެ ބޭނުންކުރުމުގައި ފަސްޖެހޭ ބަޔެކެވެ. އެ މީހުންގެ ކިބައިގައި އިސްނެގުމުގެ ރޫޙެއް ނެތެވެ. ހެޔޮ ޢަމަލުތަކުގައި ވާދަކުރުމުގެ ޖޯޝެއް ނެތެވެ. ލޮބުވެތި ނަބިއްޔާ صلَّى الله عليه وسلَّم މި ފަދަ މީހުންނަށް މި ޙަދީސްކުރައްވަނީ ޞާލިޙު ހެޔޮ ޢަމަލުތަކުން ތިޔަބައިމީހުން އިސްވެގަންނާށެވެ. ފުރުޞަތު ގެއްލުމުގެ ކުރީން ތަނަވަސްވެގެންދާ ފުރުޞަތުގެ ބޭނުން ހިފާށެވެ! ފިތުނައެއް ކުރިމަތިވެ ތިބާ އަވަދިނެތިކުރުމުގެ ކުރީން ތިބާގެ ކުރިމަތީގައި ހުޅުވުނު ފުރުޞަތުގެ ބޭނުންކުރާށެވެ.

ޞާލިޙު ޢަމަލުތަކަކީ ހަމައެކަނި ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖެއްނޫނެވެ. އެހެނަސް އެއީ ވަރަށް ގިނަ ވަރަށް ތަފާތު ބާވަތްތަކެކެވެ.

ބަލިމީހަކަށް ޒިޔާރަތްކުރުމަކީ (ގޮވައިލަން ދިޔުމަކީ) ހެޔޮ ޢަމަލެކެވެ.

އަވަށްޓެރިޔާއަށް ހެޔޮކޮށްހިތުމަކީ ހެޔޮ ޢަމަލެކެވެ.

ކީރިތި ޤުރްއާން ކިޔެވުމަކީ ހެޔޮ ޞާލިޙު ޢަމަލެކެވެ.

ފަޤީރަކަށް މިސްކީނަކަށް ހެޔޮފޯރުވުމަކީ ހެޔޮ ޢަމަލެކެވެ.

ޙާލުގައި ޖެހިފައިވާ މީހަކަށް އަޅައިލުމަކީ ހެޔޮ ޞާލިޙު ޢަމަލެކެވެ.

ބޭއިންސާފުން އަނިޔާ ލިބެމުންދާ މީހަކަށް ވާގިވެރިވުމަކީ ހެޔޮ ޢަމަލެކެވެ.   

ތިބާގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށް ބޮޑުކުރުމަކީ ހެޔޮ ރަނގަޅު ޢަމަލެކެވެ. 

މިސްކިތްތައް ބިނާކޮށް އާރާސްތުކުރުމަކީ ހެޔޮ ރަނގަޅު ޢަމަލެކެވެ.

ހަސްފަތާލުތައް ބިނާކޮށް ބަލިމީހުންނަށް އެހީވުމަކީ ހެޔޮ ޢަމަލެކެވެ.

މަދުރަސާތައް ބިނާކޮށް ކިޔަވައިދިނުމަކީ ހެޔޮ ރަނގަޅު ޢަމަލެކެވެ.  

ޢިލްމު އުނގެނުމަކީ ޞާލިޙު ހެޔޮ ޢަމަލެކެވެ.

ތިބާއަކީ މުވައްޒަފެއް ނަމަ، ތިބާގެ މަސައްކަތްތައް ވަގުތުންވަގުތަށް ނިންމުމަކީ ޞާލިޙު ޢަމަލެކެވެ.

ތިބާއަކީ މުއައްސަސާއެއްގެ ވެރިއެއް ނަމަ، ތިބާގެ މުވައްޒަފުން ހުށައަޅާ ޝަކުވާތައް ބަލައި، މި ޝަކުވާތައް ޙައްލުކުރުމަށް ފިޔަވަޅު އަޅައި އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ޞާލިޙު ހެޔޮ ޢަމަލެކެވެ.

ޙަޔާތުގެ ކޮންމެ ކަމެއްގައި ވެސް ތިބާގެ ވާޖިބު އަދާކުރުމަކީ ޞާލިޙު ހެޔޮ ޢަމަލެކެވެ.

ކަންކަން ފަސްކޮށް ތަރައްދުދުވާ މީހުން ވިސްނާންވީ ކަމަކީ ކުރިމަގު އޮތީ ކިހިނެއްކަން ހަމަ އެކަކަށް ވެސް ނޭނގޭނެތެވެ. އޭނާއަށް ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ މާޙައުލަކާ ކަމެއް ނޭނގޭނެތެވެ. ކޮން ކަހަލަ ޒުރޫފެއް ކަމެއް ނޭނގޭނެތެވެ. މުއްސަނދިމީހާ ފަޤީރުވެދާނެއެވެ. ދުޅަހެޔޮ މީހާ ބަލިވެދާނެއެވެ. ކުއްލިއަކަށް މީހަކު ނުކުޅެދުންތެރިވެދާނެއެވެ. ކުއްލިއަކަށް މަރާ ކުރިމަތިލާންޖެހިދާނެއެވެ.

ކީރިތި ރަސޫލާ صلَّى الله عليه وسلَّم ޙަދީސްކުރެއްވިއެވެ.((بادروا بالأعمالِ سبعًا هل تنتظرون إلا فقرًا مُنسيًا، أو غنًى مُطغيًا، أو مرضًا مفسدًا، أو هَرَمًا مُفنِدًا، أو موتًا مُجهزًا، أو الدجالَ فشرُّ غائبٍ يُنتظَرُ، أو الساعةُ فالساعةُ أدهى وأمرُّ [4] - ހަތް ކަމަކުން ކުރެ ކަމެއް ލައިގަތުމުގެ ކުރީން ތިޔަބައިމީހުން ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ!  ތިޔަބައިމީހުން ތިޔަ އިންތިޒާރު ކުރަމުންދަނީ ފިލައިނުދަނިވި ފަގީރުކަމަކާހެއްޔެވެ؟ ނުވަތަ ޙައްދުފަހަނަޅައިފައިވާ މުއްސަނދިކަމަކާހެއްޔެވެ؟ ނުވަތަ ފަސާދަކުރަނިވި ބަލިމަޑުކަމަކާހެއްޔެވެ؟ ނުވަތަ ފަނާކުރަނިވި މުސްކުޅިކަމަކާހެއްޔެވެ؟ ނުވަތަ ކުއްލިއަކަށް ކުރިމަތިވެދާނެ މަރަކާހެއްޔެވެ؟ ނުވަތަ ދައްޖާލަށްހެއްޔެވެ؟ ފަހެ އިންތިޒާރުކުރަނީ ޣައިބުގައިވާ ނުބައި ކަމަކަށްހެއްޔެވެ؟ ނުވަތަ ޤިޔާމަތްވުމުގެ ވަގުތާހެއްޔެވެ؟ ފަހެ ޤިޔާމަތްވުމުގެ ވަގުތު ތިޔަބައިމީހުންގެ މައްޗަށް ދަތިކަން މާ ބޮޑެވެ. އަދި ހިތިކަން ވެސް މާބޮޑުމެއެވެ.))

ކީރިތި ރަސޫލާގެ މާތް ޞަޙާބީން - رضي الله عنهم – ރަސޫލާ ﷺ މި ނަސޭހަތްޕުޅަށް އިޖާބަދެއްވިއެވެ. އެ ބޭކަލުން  ރޭގަނޑާއި ދުވާލު ހެޔޮ ޢަމަލުތައް ކުރެއްވުމަށް އިސްކަންދެއްވިއެވެ. އެއް ބޭކަލަކު އަނެއް ބޭކަލަކާ ވާދަކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫބަކްރުއްޞިއްދީޤަކީ މި ކަމުގައި އެންމެ ވަރުގަދަ އެންމެ ހެޔޮ ނަމޫނާއެވެ. އެ ކަމުގައި ހެޔޮކަމެއް އޮތް ކޮންމެ ކަމެއް، އެ ކަމުން ހެޔޮ ދަރުމައެއް ލިބެނިވި ކޮންމެ ކަމެއް، އެކަލޭގެފާނު ކުރެއްވިއެވެ. އެ މަގަކުން އެކަލޭގެފާނު ހިންގެވިއެވެ. ކޮންމެ ދުވަހަކު ކުރެވިދާނެ ހެޔޮ ޢަމަލުތައް ކުރެއްވީ ކޮން ޞަޙާބީންނެއްތޯ ބެއްލެވުމަށް ޓަކައި ކައު ރަސޫލާ އެބޭކަލުންނާ ސުވާލުކުރެއްވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީސްކުރެއްވިއެވެ. ((ތިޔަބައިމީހުންކުރެ މިއަދު ރޯދައަށް ހުރީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. އަޅުގަނޑެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މިއަދު ޖަނާޒާއެއްގައި ބައިވެރިވީ ކާކުހެއްޔެވެ؟ އަބޫބަކްރުގެފާނު ދެންނެވިއެވެ. އަޅުގަނޑެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މިއަދު ފަޤީރަކަށް ކާ އެތިކޮޅެއް ދިނީ ކާކުހެއްޔެވެ؟ އަބޫބަކްރުގެފާނު ދެންނެވިއެވެ. އަޅުގަނޑެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މިއަދު ބަލިމީހަކަށް ގޮވައިލާން ދިޔައީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. އަޅުގަނޑެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. މި ޢަމަލުތައް އެ މީހެއްގެ ކިބައިން ފެނުނު މީހާ ސުވަރުގެ ނުވައްދަވައި ދޫކޮށެއްނުލައްވާނެތެވެ. [5])) (ނުނިމޭ)

މަރުޖިޢުތައް:

[1]  - آل عمران: 133

[2]  - الحديد: 21

[3]  - صحيح مسلم الرقم   118 وصحيح الترمذي الرقم 2195  

[4]  - مجموع فتاوى ابن باز (٣٣٦/١٦  ،  إسناده حسن

[5]  -  أخرجه مسلم (١٠٢٨)، والنسائي في ((السنن الكبرى)) (٨١٠٧)، وابن خزيمة (٢١٣١)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް