Advertisement

ކަރުނައިގެ އަސަރު (15)

16 May 2024 | 00:01
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 މޭ ހަތްވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)

ޢާމިރަށް އެއްވެސް ޖަވާބެއް ނުލިބުމުން ދެލޯ ހުޅުވައިލާން އޭނާއަށް މަޖުބޫރުވިއެވެ.

ދެން އެއަށް ފަހު، އޭނާ ނިޝޫއާއި ޝާހިދަށް ބަލައިލިއެވެ. ------- އޭނާ ހިނިތުންވެލުމަށް ފަހު ކޮޅަށް ތެދުވެއްޖެއެވެ.

"މިސް ޚާން އަކުބަރު --------!" ޝާހިދު ތަޢާރުފުކޮށްދިނެވެ.

"އޯވ -------" ޢާމިރުގެ ލޮލުން އާދަޔާ ޚިލާފު ވިދުވަރެއް ފެނިގެންދިޔައެވެ. "އިށީންނަވާށެވެ --------!"

އިޙުތިރާމުކުރުމުގެ ގޮތުން އާމިރުގެ ގޮނޑި ދޫކޮށް ތެދުވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

"އަޅުގަނޑު ނިދައިފައި އިން ގޮނޑީގައި ކަމަނާ އިށީންނަވާށެވެ.-------!"

ނިޝޫ ބިރުން ހުރެ ޢާމިރަށް ބަލައިލަމުން ބުންޏެވެ.

"ނޫނޭ ------ އޭނާ ދިޔައީ ހުވަފެން ދެކެމުންނެވެ. ------ ވަރަށް ރީތި ހުވަފެނެކެވެ. ލޯ ހުޅުވައިލުމަށް ފަހު މާނަކުރުން .--------"

އޭނާ ޖުމްލަ ފުރިހަމަނުކޮށް ދޫކޮށްލުމަށް ފަހު ހަމަހިމޭންވެލިއެވެ.

"ތިޔަ ދައްކަނީ ކޮން ބޭކާރު ވާހަކައެއްހެއްޔެވެ؟ އަހަރެމެންގެ ދަރަޖަ ދެނެގަންނާށެވެ!"

ޢާމިރު ސިއްސައިގެން ގޮސް އެކްޓްކޮށްލިއެވެ. އޭނާ ގޮނޑީގައި ނިދައިފައި އޮތް ފަދައިންނެވެ.

"އަޅުގަނޑަށް މަޢާފުކުރައްވާށެވެ! ------- ފަހަރެއްގައި އަހަރެންގެ ނިކަމެތިކަން ބޮލަށް ސަވާރުވީކަމަށް ވެދާނެއެވެ."

"މަޢާފުކޮށްފީމެވެ. -------- ކުރިއަށް އޮތް ތާނގައި އުޅޭން ވާނީ ބަލައިގެންނެވެ. -------" ނިޝޫ މަޑުމައިތިރިކަމާއެކު ބުންޏެވެ.

އޭނާއަކީ އެކަހަލަ އަންހެންކުއްޖެކެވެ.------

މަޑުމައިތި އޯގާތެރި ހިތެއްގެ ވެރިއެކެވެ.

ޢާމިރު ލަދުގަތް ތަން ފެނުމުން އޭނާ ވަގުތުން ވިރިގެންދިޔައެވެ.

"ސާހިބާ އިށީންނަވާށެވެ. ------"

ޢާމިރު ގޮނޑިއަށް އިޝާރާތްކޮށްލަމުން ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ.

"ތިޔަ ބޭފުޅާ ވެސް އިށީންނަވާށެވެ. ------- ބޭނުމިއްޔާ ގޮނޑިގައި ނިދިވެސްދާނެއެވެ. އެކަމަކު ކޮޓަރިއަށް މީހަކު ވަންކަން އެނގުމުން އެއީ ކާކުތޯ ބަލައިލާންވާނެއެވެ."

"އާދެ، ސާހިބާ ------!"

ޢާމިރުގެ އަޑުގައިވަނީ އަދަބުވެރިކަމެވެ. ------- އެ ކަން ވެގެންދިޔައީ ޝާހިދަށް ލިބިގެން ދިޔަ ސިހުމަކަށެވެ. އެހެނީ ޢާމިރުގެ މި ސިފަ ޝާހިދަށް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.

ނިޝޫ ވަރަށް ރަނގަޅަށް އޮފީސް ތެރެ ބަލައިހެދުމަށް ފަހު، ނުކުންނާން ދޮރާ ދިމާއަށް ދިޔައެވެ. އޭރު ޝާހިދު ހުރީ ޢާމިރަށް ބަލަހައްޓައިގެންނެވެ. ޝާހިދު އާދަޔާ ޚިލާފު އޮޅުންބޮޅުމެއްގެ ތެރޭގައި ހުރެގެން ނިޝޫގެ ފަހަތުން ނުކުމެގެން ދިޔައެވެ.

ޢާމިރުގެ މޫނުމަތީން ފެންނަމުންދިޔަ ހިނިތުންވުމަކީ ނުބައި ނުލަފާކަމުގެ ސިއްރެއްގެ ޢަލާމާތެއްކަމުން އޭނާ ފަހަތަށް އެނބުރި ދަމުން ސިއްރު ސިއްރުން ބުނެލިއެވެ.

"ތިބާ މި ވާހަކައިގެ ކެރެކްޓަރަކަށް ވާން އައީ ކޮންތާކުންހެއްޔެވެ. ---------؟"

             ________________________________________

                  މިތުންފަތުގައި ހިނިތުންވުމުގެ އިންތިޒާމު ﷲ ހުއްޓުވާށިއެވެ!

              އެއީ ވިލާގަނޑެއްގެ ވިދުވަރެއްފަދަ އެއްޗެކެވެ. މޭމައްޗޭ ވެސް ކިޔައެވެ.

             ________________________________________

މިއަދަކީ ހުއްޓައިނުލައި ބޯކޮށް ވާރޭވެހެމުންދާ ދުވަހެކެވެ. -------- ބާޒާރުތަކާއި މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ފެނުގެ އުދައެރުމެއް އައި ކަހަލައެވެ.

ނަމަވެސް އެ ކަން ވީކަމެއް ނޭނގެއެވެ. ވާރޭ ބޯކޮށް ވެހުމުގެ ސަބަބުން މޫސުން ވަރަށް ގޯހެވެ. ރޭގަނޑު 12 ޖަހަންދެން ވެސް މޫސުން ދިޔައީ އެ ފަދަ ގޮތެއްގައެވެ.

މިހާރު ވެސް ވިއްސާރަ ވިލާތައް އުޑުމަތީގައި ވަނީ އުފެދިފައެވެ. ހީވަނީ ދެންމެދެންމެ ވާރޭ ވެހިދާނެހެނެވެ.

ޢާމިރު އުޑުމައްޗަށް ރަނގަޅަށް ނަޒަރު ހިންގައިލިއެވެ. ތުންފަތަށް ވޭންދެނެވި ސްޓްރެޗެއް ދިނެވެ. ------- އޭނާ ޚާން އަކުބަރުގެ ގަނޑުވަރާ ދިމާއަށް ދިޔައެވެ.

ކުޑައިރުކޮޅެއްގެ ފަހުން، އޭނާ ވަރަށް ފަސޭހައިން ގަނޑުވަރުގެ ގޭޓުން ވަދެއްޖެއެވެ. ސެކިއުރިޓީ ގާޑަށް މޫސުމުގެ އުފާވެރިކަން ލިބެމުން ދިޔައީ ކަންނޭނގެއެވެ.

އެހެނީ މަޑު ވައިރޯޅިއަކީ އެ ކަހަލަ އެއްޗެކެވެ. ------- މީހުން ނިދާން މަޖުބޫރުކުރާ ކަހަލައެވެ. އެހެންކަމުން މިއަދު ކުއްތާއަކާ ބައްދަލުވުމުގެ ނުރައްކަލެއްވެސް ނެތެވެ.

ޚާން އަކުބަރުގެ ގަނޑުވަރުގައި ކުއްތާ ނުގެންގުޅޭކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ޚާން އަކުބަރަށް އޭނާ ފެނިގެން ކުއްތާއެއްފަދައިން ވަށް ވަށް ޖެހިޔަސް އޭނާއަށް އެއްވެސް އިޢުތިރާޒެއް ނުކުރެވޭނެއެވެ.

އޭނާގެ މަންޒިލަކީ ކައުސަރުގެ ކޮޓަރިއެވެ. --------

ކައުސަރަކީ ވަރަށް ރީތި ޒުވާން އަންހެނެކެވެ. އޭނާއަކީ ޚާން އަކުބަރުގެ އަންހެނުންގެ ޝަރަފު ލިބިފައިވާ މީހެކެވެ.

ޢާމިރު މީގެކުރީން ދެފަހަރަކު ކައުސަރާ ވަނީ ބައްދަލުކޮށްފައެވެ.

އެއް ފަހަރު ވާދީގައިވާ ޚާން އަކުބަރުގެ ރެސްޓްހައުސްގައެވެ. ދެވަނަފަހަރު ގަނޑުވަރުންނެވެ. އެހެންނަމަވެސް މިފަހަރުގެ ބައްދަލުވުމަކީ ސީރިއަސް ބައްދަލުވުމެކެވެ.

އޭނާ އެކަން ކުރަމުންދަނީ ވަރަށް ނުރައްކާތެރި ނިޔަތެއްގައެވެ.

ކައުސަރުގެ ކޮޓަރިއަށް ވަންނާންވެސް އޭނާއަށް އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހުނެވެ.

ދޮރުގެ އަތްގަނޑުގައި ހިފައި އަނބުރައިލި ތަނުން ދޮރު ހުޅުވިއްޖެއެވެ. އެހެނީ ދޮރު ހުރީ އެތެރެއިން ތަޅު ނުލެވިއެވެ. ކޮޓަރީގެތެރޭގައި ދިއްލާފައި ހުރި ނޫކުލައިގެ ބޮތްކެއް އަނދަމުން ދިޔައެވެ. އެއީ ވަށައިގެން ފެތުރޭން އުޅޭ ނުބައި އަލީން ބިރުވެރިކަމެއް އުފެދޭފަދަ ގޮތެއްގައެވެ.

ނަމަވެސް އެނދު ހުރީ ހުސްކޮށެވެ. ------- އެނދުގެ ޙާލަތު ހުރި ގޮތުން މީހަކު މީގެ ކުރީން ނިދާފައި އޮތްކަން އެނގުނެވެ.

ޢާމިރު ޖެހިގެން ހުރި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެކޮޓަރިވެސް ހުހެވެ. ފާޚާނާގައިވެސް މީހަކު ނޫޅެއެވެ. ފާޚާނާއިން ފެނުގެ އަޑެއްވެސް ނީވެއެވެ.

ޢާމިރު ފުން ނޭވާއެއްލިއެވެ.

ކޮޓަރީގެ ދޮރު ލައްޕައިލައި ޢާމިރު އެނބުރި އައިސް ކޮޓަރީގެ އެނދުގައި އޮށޯތެވެ.

ފަހަރެއްގައި މުސްކުޅިޔާ ޚާން އަކުބަރަށް އުފާ ކޮށްދިނުމުގައި އަވަދިނެތި އުޅެނީކަމަށް ވެދާނެއެވެ.

ޢާމިރު ސިއްރުސިއްރުން ބުނެލިއެވެ. -------

މިހާރު ގަޑިން އެކެއްޖަހައިފިއެވެ. -------- ނަމަވެސް ކައުސަރު އެނބުރި ނާދެއެވެ.

"މިހާރު އަންނާށެވެ. --------- މުޅި ރޭ ހަލާކުކުރާން ޤަޞްދު ކުރަނީހެއްޔެވެ؟" ޢާމިރު ސިއްރު ސިއްރުން ބުނެލިއެވެ.

އެހެނީ ކައުސަރު ކޮޓަރީގައި ނެތުމަކީ މި ކަމުގެ އިޝާރާތެއްކަން އޭނާއަށް އެނގޭތީއެވެ. މި ވަގުތު އޭނާ ޚާން އަކުބަރުގެ މުލައްދަނޑީގައި ބޯ އަޅައިގެން އޮތީ ކަމަށް ވެދާނެއެވެ.

އަދި އޭނާ ހެނދުނު ވަންދެން ޚާން އަކުބަރާއެކު ނިދަނީ ކަމަށްވެސް ވެދާނެއެވެ.

ޒުވާނުންގެ ނިންޖަކީ އެކަހަލަ އެއްޗެކެވެ.

ޢާމިރު ބޭނުންވަނީ ކޮންމެ ޙާލެއްގައިނަމަވެސް ކައުސަރަށް އިންތިޒާރުކުރާށެވެ. މިގޮތުން ފަތިހު ހަތަރެއް ޖަހަންދެން އޭނާ ކައުސަރަށް އިންތިޒާރު ކުރާން ޖެހުނަސް އޭނާ ޤަޞްދު ކުރީ އިންތިޒާރުކުރާށެވެ.

ގިނަ އިރުތަކެއް ވަންދެން އެ ހިތި ޚިޔާލުގައި އޭނާ އޮތެވެ.

ގާތްގަނޑަކަށް މެންދަމު ދޭއް ޖެހި އިރު ކޮންމެވެސް މީހަކު އޭނާއާ ދިމާއަށް އަންނަކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

އެ ވަގުތު އޭނާގެ ތުންފަތުގައި ވިހަކަން ގަދަ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް