Advertisement

ގުޑުގުޑާދޫނި ށ. އަތޮޅުގައި ވަޒަންވެރިވީބާ؟

15 May 2024 | 20:49
ށ. ފުނަދޫ ގަނބާ ކުޅިއަށް އައިސް ތިބި ގުޑުގުޑާދޫނިތަކެއް (ފޮޓޯ: މުޙަންމަދު ތަސްނީމް، ށ. ފުނަދޫ)

ނާޒިމާ ސަމީރު

ފާއިތުވި ހަފުތާގައި އަނެއްކާ ވެސް ގުޑުގުޑާދޫނިތަކެއް މިލަދުންމަޑުލު އުތުރުބުރީ ފުނަދުއަށް އަތުވެއްޖެއެވެ. މި ޚަބަރު، މީސްމީޑިއާގައި އެކި މީސްމީހުން ލިޔެ، ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފައި ވާތީ، އެކަން ކަށަވަރުކުރާން ޝައުގުވެރިވިއެވެ. އެހެންވެ އެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކޮށްލީމެވެ. ލިބުނު މައުލޫމާތުން އެނގުނީ މި މަހު އަށްވަނަ ދުވަހު ށ. ފުނަދޫ ދައްފަޅުގެ ގަނބާ ކުޅީން ފަސް ގުޑުގުޑާދޫނި ފެނުނުކަމެވެ.

މި ފަސް ދޫނި އެ ރަށު އެތައް ބަޔަކަށް ފެނުނުކަމަށް އެ ރަށުން ވާހަކަދެއްކި ޒުވާނަކު ބުންޏެއެވެ. މެއި މަހުގެ 8، 9، 10 މި ތިން ދުވަހު ވެސް މި ފަސް ގުޑުގުޑާދޫނި ފުނަދޫ ކުޅިއަށް އައިކަމަށް ވެއެވެ.

މި ދޫނިތަށް ފުނަދޫ ކުޅިއަށް އަންނަނީ ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައިކަމަށް ފުނަދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނެއެވެ. އެއީ ފަތިހު 5.30 އެހާކަންހާ އިރެވެ. އަދި ހެނދުނު އިރު އަރާ އިރަށް މި ދޫނިތައް އުދުހިގެން (އެ ދާ ތާކަށް) ދެއެވެ.

ށ. ފުނަދޫ ގަނބާ ކުޅިއަށް އައިސް ތިބި ފަސް ގުޑުގުޑާދޫނި (ފޮޓޯ: މުޙަންމަދު ތަސްނީމް، ށ. ފުނަދޫ)

މި ޗާލު ގުޑުގުޑާދޫނި ފޮޓޯނެގި ޒުވާނާ ބުނީ އެ ދޫނިތައް ފުނަދޫ ދަށްފަޅުގެ ގަނބާ ކުޅިއަށް އައިސް އެ ތަނުން ޑިނގާ (ޝްރިމްޕް) ކަނީއެވެ. އެއަށް ފަހު އުދުހި ދަނީ އެކަސްދޫއާ ދިމާއަށެވެ. އެހެންކަމުން އެ ދޫނިތައް އެކަސްދޫގައި ދިރިއުޅެނީކަމަށް ލަފާކުރެވެއެވެ. އެކަސްދޫއަކީ އެ އަތޮޅުގައި އޮންނަ ފަޅުރަށެކެވެ. އެ ރަށަކީ ވެސް ފުނަދޫ ފަދައިން ބޮޑު ކުޅިއެއް އޮންނަ ރަށެކެވެ. ދަނޑުވެރިކަންކުރާ އެކަސްދޫގެ އިރުމަތީގައި އޮންނަ ކުޅީގައި ވެސް ގިނަ އަދަދަކަށް ޑިނގާ އުޅޭކަމަށް ފުނަދޫން ވާހަކަ ދެއްކި އިސްރަށްވެއްސަކު ބުންޏެވެ.

ފާއިތުވި ހަފުތާގައި ނޫނަސް ދުވަސްދުވަސްކޮޅުން ފުނަދޫންނާއި ފަރުކޮޅުން ވެސް ގުޑުގުޑާދޫނި ފެންނަކަމަށް ފުނަދޫ މީހުން ބުނެއެވެ. އެތައް ކުޅިއެއް އޮންނަ، އަދި ހިމާޔަތްކޮށްފައިވާ ފަރުކޮޅުން ވެސް ވަރަށް ގިނައިން މި ހިތްގައިމު ރީތި ގުޑުގުޑާދޫނި ފެންނަކަމަށް ފަރުކޮޅަށް ދަތުރުދާ މީހުން ބުނެއެވެ.

ށ. ފުނަދޫ ގަނބާ ކުޅިއަށް އައިސް ތިބި ގުޑުގުޑާދޫނިތައް (ފޮޓޯ: މުޙަންމަދު ތަސްނީމް، ށ. ފުނަދޫ)

ފުނަދޫން މި ދިޔަ އަހަރު އެންމެ ފުރަތަމަ ގުޑުގުޑާދޫނި ފެނުނީ ސެޕުޓެންބަރު މަހު ފުރަތަމަ ދުވަހުއެވެ. އެ ފަހަރު ވެސް ފެނުނީ ފަސް ދޫންޏެވެ. އޭގެ ފަހުން ވެސް ފުނަދޫންނާއި ފަރުކޮޅުން މި ފެންނަނީ ހަމަ ފަސް ދޫންޏެވެ. މި ފަހަރު ފެނުނު ދޫނިތައް ވެސް ކުރިއެކޭ އެއްގޮތަށް ނަލަވެފައި ޗާލެވެ. އެ ދޫނީގެ ތުންގަޑާއި ފިޔަގަނޑުގައިވާ ރީތި ފިޔާތޮށި ކުލައިން މި ދޫނީގެ ފުރިހަމަކަން އިތުރުކޮށްދެއެވެ.

ރާއްޖެއަށް މި އަންނަ މޫސުމީ ދޫނިތަކުގެ ތެރެއިން ދިވެހީންގެ ޝައުގުވެރިކަން އެ ދޫންޏަކަށް ލިބިފައިވާ ގުޑުގުޑާދޫނި ރާއްޖޭގެ އެކި ރަށްރަށުން އެކި ދުވަސްވަރު ފެންނަމުން އެބަ ދެއެވެ. އެ ގޮތުން މި ދިޔަ އަހަރު ނޮވެންބަރު މަހުގައި ކުޅުދުއްފުށީން ވެސް ގުޑުގުޑާދޫނި ފެނިފައިވެއެވެ. އަދި އޭގެ ފަހުން ވެސް އެ ރަށުން ގުޑުގުޑާދޫނި ފެނުނުކަމަށް މީސްމީޑިއާގައި އާންމުވެފައި ވެއެވެ. ހަމަ އެ ފަދައިން ނ. މާޅެންދުއާއި އުތުރުގެ އެހެން ގިނަ ރަށްރަށުން ވެސް ގުޑުގުޑާ ދޫނި ފެންނަކަމަށް ވެއެވެ.

ށ. ފުނަދުއާއި ފަރުކޮޅުން ވަރަށް ގިނައިން ގުޑުގުޑާދޫނި ފެންނަކަމަށް ފުނަދޫ މީހުން ބުނެއެވެ. މި ގޮތަށް މި ދޫނިތައް ފެންނާތީ ފުނަދޫ މީހުން ގަބޫލުކުރަނީ އެ ދޫނިތައް އެ އަތޮޅު ދޫކޮށްފައި ނުދާކަމަށެވެ. ވަޒަންވެރިވެގެން ދިރިއުޅެނީކަމަށެވެ. އެހެންކަމުން އަޅުގަނޑުގެ ސުވާލަކީ ހިޖުރަކުރާ މި ދޫނި މިހާރު ށ. އަތޮޅުގައި ވަޒަންވެރިވީބާވައެވެ!

އެޑިޓަރުގެ ނޯޓް
ނާޒިމާ ސަމީރަކީ ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިއެއްގެ އިތުރަށް ސަގާފީ ކަންކަމަށާއި ޚާއްޞަކޮށް ދިވެހިބަހަށް ލޯބިކުރައްވާ ލިޔުންތެރިއެކެވެ. އޭނާ މީގެ ކުރީން ވެސް ތަފާތު ވެބްސައިޓްތަކަށް ލިޔުއްވައިފައިވެއެވެ. އޭނާއަކީ ވާހަކަލިޔުންތެރިއެއްވެސްމެއެވެ.

Advertisement

ކޮމެންޓް