އިސްރާއީލުގެ އަސްކަރީ މަރުކަޒެއްގައި އަލިފާން ރޯވުން
އަބާ މުޙަންމަދު
އިސްރާއީލުގެ ޓެލް އަބީބުގެ ރާމަތު ގޭންގައި ހުންނަ ޓެލް ހާޝޯމާރ އަސްކަރީ މަރުކަޒުގައި އަލިގާން ރޯވެ އަނދަމުން ދާ ޚަބަރު ވީ އެމެރިކާއާއި އިސްރާއީލަށް ވެސް ހައިރާންކަން ގެނުވި ޚަބަރަކަށެވެ.
މި ޚަބަރު ފެތުރުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިސްރާއީލްއިން ހާމަކޮށްފައިވަނީ ޓެލް ހާޝީމާރ އަސްކަރީ މަރުކަޒުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވައިލުމަށް ޓަކައި އަލިފާން ނިއްވާ މީހުން އަލިފާނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާކަމަށެވެ.
އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ ތަމްރީނު ލިބިފައިވާ 28 ޓީމަކުން އެ ކަމުގައި ޙަރަކާތްތެރިވަމުން އަންނަކަމަށް އިސްރާއީލުން ޚަބަރުދެއެވެ. އެ މީހުން ބުނާ ގޮތުގައި އެއީ ތަފާތު އާލަތްތައް ރައްކާކުރާން ބޭނުންކުރާ ގުދަނެކެވެ. ތަފާތު އާލަތްތައް އެ މީހުން މާނަކުރަނީ ހަތިޔާރަށްކަމަށް ލަފާކުރެވެއެވެ.
ކޮންމެއަކަސް ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ނިއްވައިލެވޭ ގޮތެއް ނުވެއެވެ. މިހާރު އެ ތާނގައި އަލިފާން ރޯވި ސަބަބު ތަހުގީގުކުރަމުން ގެންދާކަމަށް ވެސް ޚަބަރު ލިބެއެވެ.
އަނެއްކޮޅުން ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލާން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޙަމާސް ޖަމާޢަތުގެ މައްޗަށް އެ މީހުންނަށް ކާމިޔާބީ ހޯދޭނެކަމަށް ގަބޫލު ނުކުރާކަން ބައިޑަންގެ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ކަރޓް ކޭމްބްލް ބުނެފައި ވަނީ ޙަމާސްގެ މައްޗަށް ޔަހޫދީންނަށް ކާމިޔާބީ ހޯދޭ މަންޒަރު ނުފެންނަކަމަށެވެ. އެމެރިކާގެ އިސް އޮފިޝަލަކު މި މޭރުމުން ވާހަކަދެއްކުމުން ހާމަވަނީ, ޙަމާސް ބަލިކުރުމުގެ ނަމުގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލާން ޔަހޫދީ ފައުޖުން ހިންގަމުން ގެންދާ ލާއިންސާނީ ޢުދުވާނާއި ނަސްލުހޭދުން, ޔަހޫދީން ބޭނުންވާ ނަތީޖާ ނުނެރެވޭނެކަމެވެ. ޣައްޒާގެ ވެރިކަމުން ޙަމާސް ދުރުކުރުމަށް ފަހު, އެ ސަހަރުގެ މުސްރަގުބަލު ބައްޓަންކުރާނެ ގޮތެއް ރޭވުމަށް އެމެރިކާއިން ވަނީ ޔަހޫދީންގެ ކިބައިން އެދިފައެވެ.
"އެ މީހުން [ޔަހޫދީން] ކާމިޔާބީ މާނަކުރަނީ ކޮން ގޮތަކަށްކަމެއް އަހަރެމެންނަކަށް ސާފެއްނުވޭ. ޔަހޫދީންގެ ވެރީން ދައްކާ ވާހަކަ ކަނުލައި އަޑުއެހުމުން ހަމައެކަނި ސާފުވަނީ ފުރިހަމަ ކާމިޔާބެއް ހޯދާނެކަމުގެ ޚިޔާލެއް އެ މީހުން ގެންގުޅޭކަމެވެ. އެ ކަން ހާސިލުވާ މަންޒަރެއް. އަހަރެމެންނަށް [ބައިޑަންގެ ސަރުކާރަށް] ގަބޫލެއް ނުކުރެވެއެވެ، [އަދި އެ މަންޒަރެއް ވެސް] ނުވެސް ފެނެއެވެ. ފެންނަނީ ސެޕްޓެންބަރު 11އަށް ފަހު އެމެރިކާއަށް ވެސް ކުރިމަތިވި ފަދަ ހާލަތެކެވެ." ކޭމްބްލް ބުންޏެވެ.
މި ކަމުން އެނގެނީ ޔަހޫދީން ޣައްޒާގެ އެކި ސަރަހައްދުތަކަށް ޙަމަލާދެނީ ޙަމާސް ނައްތައިލެވޭނެކަމަކަށް ނޫންކަމަށާއި އެ މީހުންގެ މަގުސަދަކީ ފަލަސްތީނުގެ ނަސްލު ނައްތައިލުންކަމަށެވެ. ނަމަވެސް އެތައް ހާސް ބަޔަކު ޝަހީދުކޮށްލުމަކުން އެއީ ފަލަސްޠީނުގެ ރައްޔިތުން އެކީ އެކަށް ނައިލެވެުނީކަމަކަށް ވެސް ނުވާނެއެވެ.
މި ޢުދުވާނު ދިގުލައިގެން ދިޔުމުގެ ސަބަބުން އިސްރާއީލަށް ވަނީ އިގުތިސާދީ ގިނަ ދަތިތަކަކާ ވެސް ކުރިމަތިވެފައެވެ. އަދި ޙަމާސް ނައިލުމާއި ޙަމާސުން ހައްޔަރުކޮށްފައިވާ އަސީރުން މިނިވަންކުރުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރާ އިރު، އެއިން މަގުސަދެއް ހާސިލުނުވާތީ ޔަހޫދީ ރައްޔިތުން ވެސް މަގުތަކަށް ނުކުމެ މުޒާހަރާކުރެއެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި އުޅެނިކޮށް މިހާ ބޮޑު "ގުދަނެއް"ގައި އަލިފާން ރޯވެ އަނދަމުން ދިޔުމަކީ އެ މީހުންގެ ރިހޭ ފައިމައްޗަށް ވެއްޓުނު ފޮޔަކަށް ނޫނީ ނުވާނެއެވެ.
ކޮންމެއަކަސް ޔަހޫދީ އަސްކަރީ މަރުކަޒުގައި ރޯވެ އެނދުމުގެ ސަބަބުން ލިބުނު ގެއްލުންތަކެއް އަދި އެ މީހުންނެއް ހާމައެއް ނުކުރެއެވެ. އަދި ތެދު މަޢުލޫމާތެއް އެ މީހުން ހާމަކުރާނެކަމަކަށް ވެސް ނުބެލެއެވެ.
މިހާތަނަށް އެ އަލިފާންގަނޑު ނިއްވައިލެވުކަމުގެ މަޢުލޫމާތެއް ވެސް ލިބިފައެއް ނެތެވެ.