ޝައިތާނާއަށް ނަފުސު ވިއްކައިލުން (2)
އިސްމާޢީލް މުބާރަކު
(2024 މޭ 23ގައި ޝާއިޢުކުރި ބައާ ގުޅޭ)
އަޅުގަނޑުމެން ގުނަމުން މި ގެންދަނީ މީލާދީން ތިންވަނަ ސާސްކަފުގެ ދުވަސްތަކެވެ. ޝައިތޯނާއަށް ނަފުސު ވިއްކުމަކީ އަޅުގަނޑުމެންގެ މައުޟޫޢުކަމުގައި ވާއިރު، ރޫޙާނިއްޔަތާ ބެހޭ ގޮތުން މިއަދު ޢިލްމީ ނަޒަރަކުން ވަރަށް ގިނަ ކަންތައްތަކެއް ބަޔާންކުރެވިދާނެއެވެ.
އިންސާނާގެ އޮނިގަނޑުގެ ހުރިހާ ބަޔޮލޮޖިކަލް ތަފުސީލުތަކަށް ނުދިޔަކަމުގައިވިޔަސް، ދިރޭ ޖަރާސީމުތަކާއި ޙަޔަވީ ހުރިހާ ބާވަތެއްގެ ދިރޭ އެއްޗެއްގެ ޙަރަކާތްތައް ކުރިއަށް ކޮށްޕާ ނުފެންނަ ބާރެއް ވާކަން ޔަޤީނުން ވެސް މިއަދު ޢިލްމީ ދިރާސާތަކުން ފެންނާން އެބައޮތެވެ.
އޮށަކުން ގަހެއް ހެދޭ ފަދައިން ތުއްތު ކުއްޖަކު ވެސް އުފެދެނީ ފުރަތަމަ މައިމީހާގެ ރަޙިމުގައި އިންދޭ އޮށަކުންނެވެ. އެ އޮށުން ގަހެއްފަޅައި ހެދި ބޮޑުވުމަށް ޓަކައި ކުރިއަށް ކޮއްޕާ ބާރުތަކަކީ އެ ބިންގަނޑު ތެރޭން ލިބޭ ކާނާއާއި އިރުން ލިބޭ ހަކަތައާއި ވެހޭ ފެނެވެ. މައިމީހާގެ ރަޙިމުގައި އިންދައިފައިވާ އޮށުން އިންސާނަކު އުފެދެނީ ވެސް ހަމަ މި ދެންނެވި ފަދަ އެހެން ބާރުތަކަކުން ހަކަތަ ލިބިގެންނެވެ. އަޅުގަނޑުމެންގެ މުޅި ދުނިޔެއަކީ އެކަތި އަނެކައްޗާ ލައިމެހި، ހަކަތައާއި، އިންސާނުންނަށް ހޯދިފައިވާ މާއްދާއާއި އަދި ނުހޯދޭ، ގޮތް ނޭންގޭ، އަނދިރި މާއްދާއިން ފުރިފައިވާ ދުނިޔެއެކެވެ. އަނދިރި މާއްދާ ނުވަތަ (ޑާކް މެޓަރ)ގެ ޙަޤީޤަތެއް ޢިލްމީ އަލީގައެއް އަދި ހޯދިފައެއް ނެތެވެ. ސައިންޓިސްޓުންނަށް ހޯދިގެން އުޅެނީ (މެޓަރ) މާއްދާއެވެ.
"މެޓަރ"އޭ ދެންނެވުމުން މި ދަންނަވަނީ އަޅުގަނޑުމެން މަދަރުސާގައި ކިޔަވާން އުޅުނު ދުވަސްވަރު ކިޔަވާން ދިޔަ މާއްދާގެ މާނައިގައި ބޭނުންކުރާ މާއްދާއެއް ނޫނެވެ. ސައިންސްގެ ޢިލްމުގައި، މާއްދާ މި ކިއަނީ ކާއިނާތުގައިވާ އިންސާނުންނަށް އިންސާނީ ޢިލްމީ ވަސީލަތްތަކާއި އާލަތްތަކުން ދެނެގަނެވޭ މިންކުރެވޭ އެއްޗިއްސަށެވެ. އަތްލެވޭ ބަރުދަން ބެލޭ ހުރިހާ ހަރު އެއްޗެއް އުފެދިފައިވަނީ މާއްދާއިންނެވެ. އެޓަމް ނުވަތަ ޒައްރާގެ އިލެކްޓްރޯން ނިއުޓްރޯން ޕްރޮޓޯން އަދި އޭގެ ނިއުކްލަސް މިފަދަ ބައިތަކަކީ މާއްދާގެ އެންމެ ކުޑަވަރެވެ.
"މެޓީރިއަލިޒްމް"އަކީ މާއްދިއްޔަތެވެ. މާއްދާ ނެގިފައިވަނީ އެއިންނެވެ. މާއްދިއްޔަތު އުފެދިފައިވަނީ މާއްދާއިންނެވެ. މާއްދާ އެއީ އިނގިރޭސި ބަހުން (މެޓަރ) އެވެ.
މާއްދިއްޔަތަށް ހެއްލިގެން ނުދާށޭ ބުނުމުން ލޮބުވެތި ކިއުންތެރީންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން އެއިން ދޭހަވަނީ އަތްލެވޭ، ޙިއްސުތަކުން ދެނެގަނެވޭ، މާއްދާއިން އުފެދިފަވާ ދުނިޔެއަށް ހެއްލި ނުދާށޭކަމެވެ. މާއްދިއްޔަތުގެ އިދިކޮޅަކީ ރޫޙާނިއްޔަތެވެ.
ޑާކް މެޓަރ އެއީ ކޯއްޗެއްތޯއެވެ. އާދޭހެވެ! އޭގެ ޙަޤީޤަތް އަދި އިންސާނުންނަކަށް ނުހޯދެއެވެ. އެއީ މިތާގައި ވާ އެއްޗެކެވެ. އަދި ނުވާ އެއްޗެކެވެ. އެއީ ވާ އެއްޗެއްކަން އެނގުނީ އަދި ކާއިނާތުގެ ބޮޑުބަޔަކީ އެ އަނދިރި މާއްދާކަން ސައިންސްވެރީންނަށް ހޯދުނީ (ގްރެވިޓޭޝަނަލް ލެންސިންގް) ޖާޒިބިއްޔަތު ދެނެގަންނަ "ކަޅި" މިހެން ކިޔާ، ވަރަށް ފަހުގެ ޢިލްމީ އާލަތެއް ބޭނުންކޮށްގެންނެވެ. މި ކަޅި ބޭނުންކުރުމުން ކާއިނާތުގެ އަލިކަން ބަނޑިވެ ގުދުވެފައި ހުންނަ ނަމަ، އެތަނުގައި އަނދިރި މާއްދާ (ނުވަތަ ޑާކް މެޓަރ) ހުރީ ކަމަށްވެއެވެ. ނަމަވެސް އެ ކަޅި ބޭނުން ކޮށްގެން އެނގެނީ ހުރިކަމެވެ. އެއީ ކޯއްޗެއްކަމެއް އަދިވެސް ނުއެއްހޯދެއެވެ. އެހެންވީމާ ސައިންސްވެރީން ބުނާ ގޮތުން ނޭނގޭ އެއްޗެއް އެއީ ނުވާ އެއްޗެކެވެ.
ދިރިއުޅުމުގެ ހުރިހާ ވަގުތެއްގައިވެސް އިންސާނާ ކުރިމަތިލާން ޖެހެނީ މިފަދަ ނޭނގޭ ކަންކަމާއެވެ. ޖިންނީންނަކީ ވެސް ބައެއް މީހުންނަށްވާ އެއްޗެކެވެ. އަނެއްބައި މީހުންނަށް ނުވާ އެއްޗެކެވެ. ނުފެންނަ، ގޮތް ނޭނގޭ، އަނދިރި މާއްދިއްޔަތެއް ވާކަން ސައިންސް ވެރީންނަށް ހޯދިފައިވާ އިރު އަނދިރި ބާރުތަކަށް އިންސާނާގެ ނަފުސު ވިއްކުމަކީ މާކުރީ ޒަމާނުއްސުރެ ކުރެވެމުން އަންނަ ކަމެއްކަމުގެ ހެކި، ހުރިހައި ޙާޟާޜާތްތަކަކުން ފެންނާން އެބަހުއްޓެވެ.
ކޮންމެއަކަސް ނަފުސު ވިއްކުމުގެ ވާހަކަ އެންމެ ބޮޑަށް އިންޓަނެޓްގައި ފެތުރިފައިވަނީ މި މުޢާމަލާތު ނިންމުމުގައި މީހުންނަށް އެހީތެރިކަން ހުށަހަޅާ އެކިއެކި ޑާކްވެބްގެ ވެބްސައިޓްތަކުގައެވެ.
މިއީ މާނައެއް ނެތް ކަމެއް ނޫނެވެ. - އިލެކްޓްރޯނިކްސްއާއި އިލެކްޓްރިކްއާއި ޖިންނީންނާއި ހުރި ގުޅުން ވަރަށް ބޮޑެވެ. އެހެންކަމުން އިންޓަރނެޓްގެ ތެރެއަށް ކަރަންޓްގެ ޒަރީޢާއިން ކަރަންޓް ޗިޕް ބޭނުންކޮށްގެން ޝައިތޯނާއަށް ވަދެ ގިނަ މީހުންނަށް ތަޢާރަފުވެގެން ޝައިތާނީ ބާރުތައް ފެތުރިގަތުމަށް ބޭނުންވާ ވިއުގަ އެވެރީން މިއޮތީ ފައްކާކޮށްފައެވެ. މިހާރު ދުނިޔޭގައި އިންސާނާގެ ހަށިގަނޑުގައި ކަރަންޓް ޗިޕް ބޭނުންކުރެވޭނޭ ގޮތް ހޯދައިފިއެވެ. އިންޓަރނެޓްގެ ތެރޭން އެ ޗިޕްގެ ޒަރީޢާއިން އިންސާނުން އަޅުވެތިކުރެވޭނެ މަގެއް ފަހިކުރީއެވެ. ޖިންނީން އުފެދިފައިވަނީ ދުން ނާރާ ވިހަ އަލިފާނުންކަމަށް ކީރިތި ޤުރުއާނުގައި ﷲ އަންގަވައިފައިވެއެވެ.
ދުންނާރާ ވިހަ އަލިފާނަކީ ކޮބައިތޯއެވެ؟ "އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަން"އަކީ ވިހަ އެއްޗެވެ. ދުން އަރާ އެއްޗެއް ނޫނެވެ. ފިއްސައިލުމާއި އަންދައިލުމުގެ ބާރު އެއަށް ލިބިގެންވެއެވެ. ކެންސަރު ސެލްތައް އަންދައިލުމަށް ކީމޯތެރަޕީއޭ ކިޔާ ތެރަޕީ ދެނީ އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަން ދީގެންނެވެ.
ކަންއޮތީ މިހެން ކަމަށްވާ ނަމަ، ކަރަންޓުވިއުގައިގެ ތެރޭން ކަރަންޓާއި އެކު ޖިންނީންނަށް ދައުރުވުމުގެ ބާރު ނުލިބޭނެތޯއެވެ؟ އިލެކްޓްރޯ މެގްނެޓިކް އެއްޗަކަށް، އިލެކްޓްރޯ މެގްނެޓިކް ފީލްޑްގައި ޝައްކެއްވެސް ނެތި އުޅެވޭނެއެވެ. ފައިވްޖީ ނެޓް ވޯކް ތަކުގެ ތެރޭންނާއި މޯބައިލް ފޯނާއި ކޮންޕިއުޓަރު އިސްކިރީނުތަކުން ބޭރުވާ ދުންނާރާ ވިހަ އަލިފާން ނުވަތަ ރޭޑިއޭޝަންގެ އަސަރު މިހާރު ވެސް އިންސާނުންނަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.
ކޮންމެއަކަސް ފަންނިއްޔާތުގެ ވިއުގައިގެ ތެރޭން ޝައިތޯނާ މިއަދު ދައުރުވަމުންދެއެވެ. ޢަރަބި ބައެއް ޤައުމުތަކާއި ތުރުކީ އަދި ޔޫރަޕުގައި އިންޓަނެޓުން "ޝައިތޯނިޒްމް" މިހާރުފެންނަމުންދެއެވެ. ޝާއިތޯނާގެ ވާގި ހޯދުމަށް ޓެޓޫ ޖެހުމާއި މިފަދަ ކަންކަން ވެސް މީގެ ތެރޭގައި އިޝްތިހާރުކުރަމުންދެއެވެ. މިފަދަ ކަންކަން ގިނައިން ހިންގަނީ ޑާކް ވެބްގައެވެ.
އިންސާނުންގެ ބޮލުގެ ނާށިގަނޑާއި ހިއްކައިފައި ހުންނަ ވާލާއި ހަރުފައާއި މިނިކަށްޓާއި ކަފުނާއި މައްޔިތާ ހިނަވާއިރު ފެންވަރުވާ ތަނުން ނަގައިފައިވާ ފެނާއި ސިހުރު ހަދާ މިފަދަ ސާމާނު ވިއްކާން އިޝްތިހާރުޖަހައިފައި ހުރެއެވެ. ފަހެ، ފުރަތަމަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ކޮންމެ ޖިންނި ޢިފުރީތަކީ އޭނާގެ އަމިއްލަ އެދުންތަކުގެ ޒިންމާ އޭނާ އުފުއްލާން ޖެހޭގޮތަށް، ވަސްވާސް ދިނުމުގެ ބާރު އޭނާއަށް މާތް ﷲ ދެއްވައިފައިވާ ޖިންނިއެކެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ * إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ * قَالَ فَالْحَقُّ وَالْحَقَّ أَقُولُ * لَأَمْلَأَنَّ جَهَنَّمَ مِنْكَ وَمِمَّنْ تَبِعَكَ مِنْهُمْ أَجْمَعِينَ ﴾ ("އިބިލީސް ބުންޏެވެ. އިނބަ ރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އިނބަ ރަސްކަލާނގެއަށް އިޚުލާސްތެރި އަޅުން ނޫން އެންމެން ހުރިހައި އެންމެން މަގުފުރައްދާނަމެވެ. ﷲ ވަޙީކުރެއްވިއެވެ. ކަލޭގެ ފުށުން އަންނަ އެންމެންނާއި ކަލޭގެއަށް ތަބަޢަވާ އެންމެން އަޅޫއްވައި ނަރަކަ ފުރުއްވައިލައްވާހުށީމެވެ.") [ص: 82 - 85].
ލޮބުވެތި ކިޔުންތެރީންނަށް އިންޓަނެޓުން އެކި ވައްތަރުގެ ޖިންނި މާރިދުން މިއަދު ހޯދިދާނެ އެވެ. ކޮންމެހެން ފަންޑިތަ ފޮތެއް ބައްލަވާކަށް ނުޖެހެއެވެ. މި ދަންނަވައިލަނީ އިންޓަނެޓް ޑާކް ވެބްގައި ހުރި މަޝްހޫރު ޖިންނީންގެ ނަންތަކެވެ.
1. "ޢަބްދުޝިއަސް"އަކީ ގަސްތައް މުލުން ލުހެލާ ޖިންނިއެކެވެ.
2. "އައްބާދޮން"އަކީ ކޮޅެއް މެދެއް ނެތް ވަޅުގަނޑުގެ ވެރިޔާއެވެ.
4. "އަދުރަމަލެކް"- ލަފާދޭ ޖިންނިއެއް އަދި ޝައިޠާނުންގެ ސިފަ ބަދަލުކުރާ ވޯޑްރޯބްގެ ޒިންމާ އުފުލާ ޖިންނިއެއް.
4. "އަބިގޯރ" - ހުނަރުވެރި ހަނގުރާމަވެރިއެއް، ޖިންނި އަސް ދުއްވާ މާރިދެއް
5. "އަޒާޒީލް" - ނަރަކައިގެ ބާރުގަދަ ލަޝްކަރުގެ ދިދަތައް އުފުލާ ބޮޑު ޖިންނި
6. " އާމޫން" - ވެރިކަމާއި ޢިއްޒަތް ހޯދައިދޭން ވައުދުވާ ޖިންނިއެއް
7. "އަމްދޫސިޔާސް" - ކަންފަތް ކައިރީގައި ސިނބިސިނބިލައްވައިގެން އަޑުއިއްވައިގެން ވަސްވާހުން މީހުންގެ މައްޗަށް ބާރު ހިންގާ ޖިންނިއެއް
8. "އަންކޫ" - މަރުގެ ހިޔަނި އަޅުވާ ޖިންނިއެއް، ބައެއް މީހުން ނިދައިފައި އޮއްވައި ހަށިގަނޑުގެ ޙަރަކާތްތައް ހުއްޓުވައިފައި ހޭލައްވާ އަދި ބޯކޮޅުން މިކަލޭގެ ފާޅުވެ ހިޔަންޔެއްގެ ގޮތުގައި ފެންނާނެ.
9. "އަންޑްރަސް" - ޝަރަފާއި ލައްޒަތާއި އުފާވެރިކަން ހޯދައިދޭން ވައުދުވާ ޖިންނިއެއް
10. "އަސްތަރޮތު" - ނުބައި ނުލަފާ ހުރިހާ ކަމެއްގައި ކާމިޔާބު ހޯދައިދޭން ވައުދުވާ ނުލަފާ ޖިންނިއެއް
11. "އަސްމޮޑިއަސް" - ޝަހުވަތާއި އާއިލީ ދަތިތަކާއި ޝައުޤުވެރިވާ ބޮޑެތި ކަންކަން ޙާޞިލުކޮށްދޭން ވަޢުދުވާ ޖިންނިއެއް.
12. "އަސްތަރްތޭ" - ހަނގުރާމައާއި ދަރިމައިވުމުގެ ކަންކަމުގައި އެހީވެދޭ ޖިންނިއެއް
13. "އަސްމަރތޭ" - ތަންތަން ފަނާކުރުމަށް އެހީވެދޭ ބޮޑު އަލިފާނުގެ ޢިފުރީތެއް
14. "އަޗެރޯން" – އެއް ބުރި ޖަނަވާރެއްގެ ސިފައިގަ އަނެއް ބުރި އަލިފާނުން ވާ ޖިންނިއެއް. އޭނާގެ ދެލޯ އަލިފާން ރޯވެފައި ހުރޭ. ޢަދާވާތްތެރިޔާއަށް ބަދަލުހިފުމަށް ޓަކައި މި ކަލޭގެ ބޭނުންކުރޭ
15. "ބާބަޓޯސް" - މުސްތަގުބަލު ލަފާކުރާ ގޮތް ކިޔައިދޭ ޖިންނިއެއް ، ފޮރުވިފައިވާ ޚަޒާނާތައް ހޯދާން ވެސް އެހީވެދޭ.
16. "ބަލްތަޒާރ" - ދޫންޏެއްގެ ބޯ، އިންސާނެއްގެ ހަށިގަނޑު، ލިބިފައިވާ ޖިންނި އެއް. އަލިފާން އުކަމުން އަންނަ ފަނާކުރަނިވި ޖިންނިއެއް .
17. "ބެލްފެގޯރ" – ރަލާއި މުއްސަނދިކަމާއެކު މީހުން ފަސާދަކުރާ ޖިންނިއެއް .
18. "ބަފޯމެޓް" - ބަކަރި ކޮށީގެ ބޮޑުމީހާ، މިކަލޭގެ މިއީ ބަކަރިއެއްގެ ސިފައިގައި އޮންނަ މަކަރުވެރި ޖިންނިއެއް. ބަކަރި ކޮށިތަކުގެ ތެރެއަށް މި ކަލޭގެ ފާވާކަމަށްވޭ.
19. "ވަލްބަރިތު" - މި ކަލޭގެއަށް ނަރަކައިގެ ޗީފު ސެކްރެޓަރީގެ ލަޤަބު ދީފައި ވެއެވެ.
20. "ބާޢަލް" - މަކަރާއި ހީލަތުގެ ޖިންނި: ނަރަކައިގެ ބޮޑު ވެރިޔާގެ ލަޤަބު ދީފައި ވެއެވެ.
21. "ވެމްޕަޔަރ" - މީހުންގެ ލޭ ބޯ، ދިރިހުރި މަރުގެ ލަޤަބުދީފައިވާ ޖިންނިއެއް. މިކަލޭގެ މީހެއްގެ ގައިގެ އެތެރެއަށް ވަދެއްޖެ ނަމަ، ބަލަބަލައި ހުއްޓައި މީހާ އަނަރޫފަވެ ބަލިވެ މަރުވެދާނެއެވެ. ޑޮކްޓަރުންނަށް ޓެސްޓުތަކުން ފެންނާނީ ލޭގެ ކެންސަރު ފަދަ ބައްޔެއް ޖެހިފައިވާ ތަނެވެ.
22." ވަލަފާރ" - ފޭރޭ މީހުންނާއި ފޭރޭ މީހުންގެ ރައްކާތެރި ސާހިބާއެވެ.
23. "ވާރލޮކްސް" - އެއްޖިންސުން ގުޅުން ހިންގާ ފިރިހެން ސިހުރުވެރީންނާއި އަވަލަވާ އިފުރީތެކެވެ. މި ކަލޭގެ ވާގިވެރިވާނީ އެ ވައްތަރުގެ ސިހުރުވެރީންނަށެވެ. ފިރިހެނުންގެ ތަންތަނުން ދިޔަނަގައިގެން ފާޑުފާޑުގެ އެއްޗިހި ހަދަނީ މި އިފުރީތު އަވަލައިފައިވާ ސިހުރުވެރީންނެވެ.
24. "ބެލްޒެބުބް" - މަދިރިތަކުގެ ވެރިޔާ، މިއީ މީނާގެ ލަޤަބެވެ. މިއީ މަދިރީގެ ބައްޓަމަށް ހުންނަ ސިފަ ހުތުރު ޖިންނިއެކެވެ. މީހުންނަށް ނިކަމެތިކަމާއި ދުއްތުރާ ޖައްސާ ޖިންނިއެކެވެ.
25. "ބެލިޒަރ" - ދޮގު، ތެދަށް؛ އަދި ތެދު، ދޮގަށް ބަދަލުކުރާ އަދި މީހުންނަށް ވަސްވާސްދިނުމުގައި ވަރަށް ވަރުގަދަ ޖިންނިއެކެވެ. އަދި މީ ބޮޑު އިބިލީހުގެ އެންމެ ވަރުގަދަ އެއް އެކުވެރިޔާއެވެ.
26. "ވަރޑެލެޓް" - ނަރަކައިގެ ވަތުބަނޑޭރި،. މިއީ މި ކަލޭގެ ލަޤަބެވެ.
27. "ގޯލެމް" - މިއީ ޔަހޫދީ ޖިންނިއެކެވެ. މީހުންނަށް ބިރުދެއްކުމާއި ޒާތްޒާތުގެ އަޑުއަޑު އިއްވުމަކީ މީނާގެ މަސައްކަތެވެ.
28. "ޑަންޓަލިއަން" - މިއީ މީހުން ނުބައި ކަންތައްތައް ކުރުމަށް ބާރުއަޅައި، އެ ކަމުގެ ސަބަބުން އެ މީހުންގެ ހަކަތައިން ކާނާ ހޯދާ ޖިންނިއެކެވެ.
29. "ދާގޮން" - ނަރަކައިގެ ފިހެދޭ މީހާގެ ލަޤަބު ލިބިފައިވާ ޖިންނިއެކެވެ.
30. "އިބިލީސް" - ވަސްވާސްދޭ ހުރިހާ ބާރުތަކުގެ ބޮޑުމީހާ.
31. "ޑިސް" - މީހުން މަގުފުރައްދާ ޅެންވެރި ޖިންނިއެއް .
32. "ދުއްބޫކް" - ވައިރޯޅި އެއްފަދައިން ދަތުރުކުރާ ދުވެލި ބާރު ޖިންނިއެއް .
33. "ޒެޕަރ" – އަންހެނުން މޮޔަކޮށްލާ ޖިންނިއެކެވެ
34. "އިޝްތާރު" - ބާބިލޯނިއަން އަދި އަޝޫރީންގެ މީހުން އެހީއަށް އެދި ގޮވާ އަންހެން ޖިންނިއެއް
މި ނަންތައް ފެނިވަޑައިގެން ހިނިފުޅުވެޑުވޭ ގޮތް ވުން އެކަށީގެންވެއެވެ. އެހެނަސް މިއީ ވަރަށް ސީރިއަސް އަދި ނުރައްކާތެރި ނަންތަކެވެ. ސިޙުރުގެ ދުނިޔޭގެ ބަހުރުވަ ހުންނާނީ މި ކަހަލަ ގޮތަކަށެވެ. ކަހީނުން ވާހަކަދައްކާ ގޮތަށެވެ. شموس الانوار ނަމަކަށް ކިޔާ ވަރަށް މުސްކުޅި ޢަރަބި، ޖިންނި ފަންޑިތަ ފޮތަކުން އަޅުގަނޑު ދުށް ޢަޒިމައެއް މި ބައި ނިންމައިލަމުން ތިޔަ ލޮބުވެތި ކިޔުންތެރީންނަށް ޓަކައި ތަރުޖަމާ ކޮށްލެވޭތޯ އަޅުގަނޑު ބަލާނަމެވެ.
بسم الله اهيا شراهيا دهموتا عال متعال في علوه اين اجناد القوية اين الشمهامرية اين كردن اين دردم اين عصاب اين صاحب جبل الدخان اين الراكب على فيل المتعمم بالثعبان اجيبوا واحضروا بحق الاسماء العبرانية وبرهموتا وشيموثا اجيبوا لله طائعين. (މާތްރަސްކަލާނގެ ނަންފުޅުން ފަށަމެވެ. އަހްޔާ އާއި ޝަރާހިޔާ އެވެ، ދަހްމޫތާއެވެ ކިޔުނު ޢިފުރީތެވެ. އޭނާގެ މަތިވެރިކަމުގައި މަތިވެރި ވެގެންވެއެވެ. މަތިވެރިކުރައްވާ ފަރާތްކަމުގައިވެގެންވެއެވެ.، މަތިވެރި ބާރުތައް ކޮބައިހެއްޔެވެ، ޝަމްހާ މަރިއްޔާ ކޮބައިހެއްޔެވެ؟ ކަރުދޫން ކޮބައިހެއްޔެވެ؟ ، ދަރުދަމް ކޮބައިހެއްޔެވެ؟ ޢިޞޯބް ކޮބައި ހެއްޔެވެ؟ ދުންފަރުބަދައިގެ ވެރިޔާ ކޮބައިހެއްޔެވެ؟ ހަރުފައެއް ވަށައި އޮޅައިލައިފައި އޮތް ފިރިހެން އެތެއްގެ މައްޗަށް އަރައިގެން އަންނަ މީހާ ކޮބައިހެއްޔެވެ؟ އިޖާބަ ދޭށެވެ! މިތަނަށް ޙާޒިރުވާށެވެ! މި ޢަބްރާނިއްޔަ އިސްމުތަކުގެ ޙައްޤުގައެވެ. ވަ ބަރުހަމޫތާ އާއި ޝައިމޫތާއެވެ. މާތްރަސްކަލާނގެއަށް ކިއަމަންގަނެ މިތަނަށް ޙާޒިރުވާށެވެ!)
ލޮބުވެތި ކިޔުންތެރީންނަށް އަޅުގަނޑު މި ޢަޒިމައާއި ނަންތައް މި ގެނެސްދިނީ އެއްވެސް ގޮތަކުން ޝައިތޯނާއަށް ނަފުސުވިއްކައިލާން ހިތްވަރުދިނުމުގެ ގޮތަކުންނެއް ނޫނެވެ. އަދި ކިއެއްތަ، މި ކަމުގެ މަޢުލޫމާތު ޙިއްސާކޮށްލުމުގެ ގޮތުންނެވެ.
(ނުނިމޭ)