Advertisement

މިސްރުގެ ޑީލުން އިސްރާއީލުގެ ޑިޕްލޮމެސީގައި ލޯވަޅެއް

14 May 2024 | 00:32
ޣައްޒާގެ މިހާރުގެ މަންޒަރެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިސްރާއީލާއެކު ދިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ އަވަށްޓެރި މިސްރުން ދެކުނު އެފުރިކާއިން ބައިނަލްއަގުވާމީ އިންސާފުގެ ކޯޓު (އައިސީޖޭ)އަށް އިސްރާއީލާ ދެކޮޅަށް ހުށަހެޅި ދިގުދަންމަމުން ގެންދާ ނަސްލުހޭދުގެ ވޭދަނައަށް ރަސްމީކޮށް ތާއިދުކުރާން ނިންމީ ކީއްވެގެންހެއްޔެވެ؟ މިސްރުން އޭގެ ސަބަބެއްކަމަށް ބުނެފައިވަނީ އެ ގޮތަށް މިޞްރުން ނިންމީ އިސްރާއީލުން ޣައްޒާގެ މަދަނީންނަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުމުގެ ބަދަލުގައި ގޯހުން ގޯހަށް އެ ކަން ގެންދާތީކަމަށެވެ.

މިޞްރުގެ ވުޒާރަތުލްޚާރިޖިއްޔާއިން މި ދިޔަ އާދީއްތަ ދުވަހު ބުނެފައިވަނީ މި ވޭދަނައާ މިސްރުން ގުޅޭން ގަސްތުކުރީ ފަލަސްތީނުގެ މަދަނީންނަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ޙަމަލާތައް ހައްދުންނައްޓައިލައިފައިވާތީ އެ ކަމަށް ކެތްނުކުރެވިގެންނެވެ.

"މި ހުށަހެޅުން އައީ އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ޙަމަލާތައް އިތުރުކޮށް ފުޅާކުރުމުގެ ސަބަބުން އޭގެ ޚުޠޫރަތްތެރިކަން އިތުރުވެފައިވާތީއެވެ. އަދި ނިޒާމީ ގޮތެއްގައި ފުރިހަމައަށް ރާވައިގެން ޣައްޒާ ސަރަހައްދުގެ ރައްޔިތުންނަށް ސިދާ އަމާޒުކޮށް ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކުރަމުންގެންދާތީއެވެ. އަދި ޣައްޒާގެ ބިނާރުތައް ހަލާކުކޮށް ސުންނާފަތިކުރަމުން ގެންދާތިއެވެ. މި ކަން މި ގޮތަށް ކުރަމުން ޣައްޒާ ރައްޔިތުން ރަށުން ނެރެ ބޭރުކުރުމަށް މަޖުބޫރުކޮށް ނުނުކުންނަ މީހުންނަށް އަމާޒުކޮށް ޙަމަލާދޭތީއެވެ." މިޞްރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ވޭދަނަ އިސްރާއީލާ ދެކޮޅަށް ދެކުނު އެފުރިކާއިން ހުށަހެޅީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ނަސްލުހޭދެއް ހިންގާކަމަށް އެ ގައުމުން ގަބޫލުކުރާތީ މި ދިޔަ ޖަނަވަރީމަގުގެ ތެރޭގައެވެ.

މި ދިޔަ އަހަރު އޮކުޓޫބަރު މަހު ފެށި މި ޢުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 35 ހާސް މީހުން ޝަހީދުކޮށްލައި، 77 ހާސް މީހުން ޒަޚަމުކޮށް އެތައް ލައްކަ ބަޔަކު ވިއްސިވިހާލިކޮށް މުޅި ޣައްޒާ ވަނީ ތަޅައި ސުންނާފަތިކޮށްލައިފައެވެ. އިސްރާއީލުން ދީފައިވާ ތަފާސްހިސާބުތަކަށް ބަލައި، އަލްޖަޒީރާއިން ބުނެފައިވަނީ މި ހަމަނުޖެހުމުގައި މިހާތަނަށް ޔަހޫދީންގެ ތެރެއިން މަރުވެފައިވަނީ އެންމެ 1139 މީހުންކަމަށެވެ.

އދ.ގެ އެންމެ މަތީ ކޯޓުން ޖަނަވަރީ މަހު ވަނީ މި މައްސަލައިގައި ބަލިކަށި ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި ބުނެފައި ވަނީ ޣައްޒާ ސަރަހައްދުގައި ނަސްލުހޭދެއް ހިންގުމުގެ ފުރުސަތު އޮތްކަމަށް ވާތީ އެ ފަދަ ކަމެއް ހިނގައިފާނޭ ހުރިހައި ކަމަކުން އިސްރާއީދު ދުރުހެލިވުމަށެވެ. ނަމަވެސް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބުނަނީ ބައިނަލްއަގުވާމީ އިންސާފުގެ ކޯޓަކީ އޭނާ ގަބޫލުކުރާ ކޯޓެއް ނޫންކަމަށާއި އެ ތަނުން ނެރޭ އަމުރަކަށް އިސްރާއީލަކުން ތަބާއެއްނުވާނޭކަމަށެވެ.

ފަލަސްތީނުގެ ރަފަޙަށް އިސްރާއީލުން ޙަމަލާދިނުމުގެ ނުރައްކާ އޮތުމުން ދެކުނު އެފުރިކާއިން ދެވަނަ ހުށަހެޅުމެއް ދަ ހޭގުގައި ހުންނަ މި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބަލައި ނުގަނެ ބޭރުކޮށްލައިފައެވެ. މިހާރު އިސްރާއީލުން ރަފަޙަށް އެއްގަމު މަގުން އަރައި މަދަނީން މަރައި ނަސްލުހޭދެއް ހިނގާ އިރު އެ ބުނާ އެންމެ މަތީ ކޯޓު ކަހާތަން ހިރުވައި ވެސް  ނުލައެވެ.

ތުރުކިޔޭ (ތުރުކީވިލާތް) އާއި ކޮލޮންބިއާއާއެކު މިސްރު ވެސް މި މައްސަލައާ ގުޅޭން ނިންމީ "ފަލަސްތީނު ރައްޔިތުންގެ ވުޖޫދު އޮތުމާއި އެ ތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ބޭނުމުގައި"ކަމަށް ބުނެއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާގެ ކުރީގެ ޑިރެކްޓަރ އެލޯން ލިއޭލް އަލްޖަޒީއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ މި "މައްސަލައިގެ ތެރެއަށް މިސްރު ވަނުމަކީ މިސްރާއި އިސްރާއީލާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމަށް، ގަބޫލުކުރާން ވެސް ދަތި، ނޭދެވޭ އަސަރުތަކެއް ފޯރާނޭކަމެއްކަމަށެވެ. "މިސްރަކީ މެދުއިރުމަތީގައި އަހަރެމެން ހިންދެމިލައިގެން ތިބުމުގައި އިމާރާތުގެ ކަނުގަލެވެ." މެދުއިރުމައްޗާއި އުތުރު އެފުރިކާގައި މިއަދު ގުޅުން ގާއިމުކުރެވިފައިވާ އުރުދުނާއި ޔޫއޭއީއާއި މަޣުރިބު ފަދަ ގައުމުތަކާ ގުޅުން ގާއިމުކުރެވިފައިވަނީ "މީގެ 40 އަހަރު ކުރީން މިސްރު ކޮށްދިން މަސައްކަތުގެ ނަތީޖާއިންކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އެ އިޝާރާތްކުރީ 1979ގައި ސޮއިކުރެވުނު ސުލްހައިގެ މުޢާހަދާއަށެވެ.

"މިއަދު މިސްރުން ދެކުނު އެފުރިކާއާ ހޭގުގައި ގުޅުނު ގުޅުމަކީ ހަގީގަތުގައި ޑިޕްލޮމެޓިކް  ގޮތުން އެޅުނު ލޯވަޅެކެވެ. އިސްރާއީލުން މިކަމާ ސީރިއަސްކޮށް ވީސްނާން މަޖުބޫރުވާނެއެވެ."

ބައެއް ލަފުޒުގެ މާނަ:

ވޭދަނަ     ނ.     (1) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ ދާއިރާއެއްގައި ބަލަމުންދާ މައްސަލަ. (2) ސިއްހީ ނުވަތަ ތަހުގީގީ ނުވަތަ ގާނޫނީ މައްސަލައެއް ނުވަތަ ހާލަތެއްގައި ހިމެނޭ މީހާ.

ނަސްލުހޭދު  ނ.     އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ޑީލު       ނ.     ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

Advertisement

ކޮމެންޓް