ޙައްޖުގެ އަޅުކަމުން ﷲގެ ޙައްގުތަކާއި އާދަމުގެ ދަރީންގެ ޙައްގުތަކަށް ކުރާ އަސަރު
ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް
ބައެއް މީހުން ދެކޭ ގޮތުގައި ހައްޖުވުމުން ހުރިހާ ފާފަތަކެއް މާފުވެގެންދެއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ޙައްޖުގެ އަޅުކަމުން އާދަމުގެ ދަރީންގެ ހައްގުތައް ފޮހެވިގެނެއް ނުދެއެވެ.
ކުދި ފާފަތަކުން ތައުބާވެއްޖެ މީހާގެ އާދަމުގެ ދަރީންގެ ޙައްގު ފިޔަވައި އެންމެހާ ކުދި ފާފަތައް ޙައްޖުގެ އަޅުކަމުން ފޮހެވި އެ މީހަކީ ފާފައެއްނުކުރާ މީހެއް ފަދަ ނުވަތަ މައިމީހާގެ ބަޑުން އުފަންވި މީހެއް ފަދައިން ވާނެކަމަށް ދަންނަބޭކަލުން އިއްތިފާގުވެފައިވެއެވެ.[1]
ބޮޑެތި ފާފަތަކުން ތައުބާނުވެ ހުރެ ޙައްޖުކުރުމުން އެ ފާފަތައް ފޮހެވުމާ މެދު، ދަންނަބޭކަލުން ދެ ގައުލަކަށް އިޚްތިލާފުކުރައްވާފައިވެއެވެ.
ފުރަތަމަ ޤައުލު: ޙައްޖުގެ އަޅުކަމުން ފޮހެވޭނީ ހަމައެކަނި ކުދި ފާފަތަކެވެ. އަނިޔާވެރިކަމެއް ފޮހެނުލެވޭނެއެވެ. އަދި ﷲގެ ހައްގެއްގެ ގޮތުގައި ހިމެނޭ ބައެއް ބޮޑު ފާފަތައް މިސާލަކަށް ނަމާދު، ރޯދަ، ޒަކާތް އަޅައިފައި ހުރުމާއި، ދިނުން ލާޒިމުވެފައިވާ ކައްފާރާތައް ނުދީ ހުރުން ފޮހެއެއްނުލެވޭނެއެވެ. އަދި ހެކީންގެ ބަހުން ވެރިޔާގެ ކުރިމަތީގައި ސާބިތުވެފައިވާ ޒިނޭއާއި ލިވާޠު ފޮހެއެއްނުލެވޭނެއެވެ. އަދި އާދަމުގެ ދަރީންގެ މާލީ ހައްގުތައް ފޮހެއެއްނުލެވޭނެއެވެ. އެއީ ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔެވެ.[2]
ދެވަނަ ޤައުލު: ޙައްޖުގެ އަޅުކަމުން ﷲއާއި އާދަމުގެދަރީންގެ ހައްގުގައި ހިމެނޭ އެންމެހާ ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ފޮހެވިގެންދާނެއެވެ. އެއީ ބައެއް ދަންނަބޭކަލުންގެ ރައުޔެވެ. އޭގެތެރޭގައި އިބުނު ޙަޖަރާއި[3] الأبي المالكي[4] ހިމެނިވަޑައިގަންނަވައެވެ. އަދި ފަހުގެ ބޭކަލުންގެ ތެރެއިން الشيخ أحمد البناގެ ރަައުޔަކީ[5] ވެސް އެއީއެވެ.
ابن نجيم الحنفي ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަމުން ފާފަ ފޮހެވޭކަމުގެ މުރާދަކީ ހުރިހާ ފާފައެއް ނޫނެވެ. ﷲގެ ހައްގުތަކުގައި ހިމެނޭ ބައެއް ބޮޑުފާފަތައް، މިސާލަކަށް ނަމާދު،ރޯދަ،ޒަކާތް އަޅައިފައިހުރުމާއި ދިނުން ލާޒިމުވެފައިވާ ކައްފާރާތައް ނުދީ ހުރުންފަދަ ހައްގުތަކާއި އަދި މީސްތަކުންގެ ހައްގުތައް ނުހިމެނެއެވެ. މާލީ ހައްގުތަކާއި ދަރަނި ނުހިމެނެއެވެ. ޢަރަފާތް ލިބުމުން އެމިހާ ދަރަނި ނުދީ ލަސްކުޅަ ފާފަ ފޮހެވޭނެއެވެ. ނަމަވެސް ދަރަނި މާފެއްނުވާނެއެވެ. ހަމައެގޮތަށް ޢަރަފާތް ލިބުމުން އެމިހާ ނަމާދު އަޅައިގެން ލަސްކުޅަ ފާފަ ފޮހެވޭނެއެވެ. ނަމަވެސް ޤަޟާކުރުމެއް މާފެއްނުވާނެއެވެ.[6]
ދެވަނަ ޤައުލުގެ ދަލީލުތައް:
ފުރަތަމަ ދަލީލު: عن أبي هريرة قالَ: سَمِعْتُ رسُولَ اللَّهِ ﷺ يَقولُ: )منْ حجَّ فَلَم يرْفُثْ، وَلَم يفْسُقْ، رجَع كَيَومِ ولَدتْهُ أُمُّهُ) [7] މާނައީ: މާތް ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވި އަނޑު ތިމަން އެހީމެވެ. "ހަޑި ހުތުރު ބަހުން މުޢާމަލާތު ނުކޮށް، އަދި ފާސިޤު ޢަމަލެއް ނުކޮށް، ޙައްޖު އަދާކޮއްފި މީހާ ވާހުށީ ފާފައިން ޠާހިރުވުމުގައި އެމީހެއްގެ މަންމަ އެމީހަކު ވިހެއި ދުވަސްފަދައިންނެވެ.
އިބުނު ޙަޖަރު ވިދާޅުވިއެވެ. ހަދީސުން ދަލާލަތުކޮށްދެނީ ޙައްޖުގެ އަޅުކަމުން ﷲއާއި އާދަމުގެދަރީންގެ ހައްގުގައި ހިމެނޭ އެންމެހާ ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ފޮހެވިގެންދާނެކަމަށެވެ.[8]
އެ ދަލީލު ވަރުންއެޅުން:
ޙައްޖުކުރުމުން ފޮހެވޭ ފާފައިގައި ހިމެނެނީ އިހުމާލުވުމުގެ ފާފައެވެ. މިސާލަކަށް ޒަކާތް ދައްކާން ޖެހޭ ވަގުތު ނުދައްކައި ފަސްކޮށްގެން ހުންނަ ހުރުމެވެ. ނުވަތަ މީހެއްގެ ދަރަނި ނުދައްކައި ފަސްކޮށްގެން ހުންނަ ހުރުމެވެ. އެގޮތަށް ފަސްކޮށްގެން ހުރުމަކީ ފާފައެކެވެ. އެ ފާފަތައް ޙައްޖުގެ އަޅުކަމުން ފޮހެވެއެވެ. ނަމަވެސް ޒަކާތް، ނަމާދު، ރޯދަ ގަޟާކުރުމާއި ދަރަނި އަދާކުރުން އެ މީހެއްގެ ޒިއްމާގައި އޮންނާނެއެވެ. ޙައްޖަށްފަހު އާދަމުގެދަރިއެއްގެ ހައްގުގެ ތެރެއިން ހިތްހަލާލު ހޯދަންޖެހޭ ކަމެއްގައި އެ ކަންނުކުރެވިހުއްޓައި މަރުވެއްޖެ ނަމަ އުއްމީދުކުރެވެނީ ގިޔާމަތް ދުވަހު ﷲ އެމީހެއްހެ ޚަސްމުގެ ކިބައިން އެމީހާއަށް ޓަކައި ހިތްހަލާލު މިންވަރުކޮށްދެއްވާނެ ކަމަށެވެ.[9]
ދެވަނަ ދަލީލު: ޙަދީސް: (وأمّا وُقُوفُكَ عَشِيَّةَ عَرَفَةَ فَإنَّ اللَّهَ تَعالى يَهْبِطُ إلى سَماءِ الدُّنْيا فَيُباهِي بِكُمُ المَلائِكَةَ يَقُولُ: هؤلاء عِبادِي جاءُونِي شُعْثًا غُبْرًا مِن كُلِّ فَجٍّ عَمِيقٍ يَرْجُونَ رَحْمَتِي ومَغْفِرَتِي فَلَوْ كانَتْ ذُنُوبُهم مِثْلَ الرَّمْلِ وعَدَدِ القَطْرِ ومِثْلَ زَبَدِ البَحْرِ ومِثْلَ نُجُومِ السَّماءِ لَغَفَرْتُها لَهم ويَقُولُ: أفِيضُوا عِبادِي مَغْفُورًا لَكم ولِمَن شَفَعْتُمْ لَهُ وأمّا رَمْيُكَ الجِمارَ فَلَكَ بِكُلِّ حَصاةٍ رَمَيْتَها كَبِيرَةٌ مِنَ الكَبائِرِ المُوبِقاتِ المُوجِباتِ) [10] މާނައީ: އަދި ތިބާ ޢަރަފާތް ބިމުގައި ހަވީރުކުރާ ވަގުތު ފަހެ ﷲ ދުނިޔޭގެ އުޑަށް ވޮޑިގަންނަވައި މަލާއިކަތްބޭކަލުންނަށް ތިޔަބައިމީހުންގެ ރަނގަޅުކަމާއި މާތްކަމުގެ މައްޗަށް ޘަނާ ވަޙީކުރައްވައެވެ. ވަޙީކުރައްވައެވެ. އެހެރަ ފެންނަނީ ތިމަން އިލާހުގެ އަޅުތަކުންނެވެ. އެތިބީ ބޮލުގެ އިސްތަށިތައް ވިހިހާލިވެ ހިރަފުހުންތައްތެޅިގެން، ދުނިޔޭގެ އެތަންމިތަނުން ތިމަން އިލާހުގެ ރަޙުމަތަށާއި ފާފަފުއްސެވުމަށް އެދިގެން އައިސްފައެވެ. ފަހެ އެ މީހުންގެ ފާފަތަކަކީ ބިމުގެ ވެލީގެ އަދަދު ކަމުގައިވިޔަސް އަދި ފެނުގެ ތިކިތަކުގެ އަދަދު ކަމުގައިވިޔަސް އަދި ކަނޑުގެ ފުނަގަނޑުގެ އަދަދު ކަމުގައިވިޔަސް އަދި އުޑުގެ ތަރިތަކުގެ އަދަދު ކަމުގައިވިޔަސް ހަމަކަށަވަރުން ތިމަން އިލާހު އެބައި މީހުންނަށް ފުއްސަވާވޮޑިގެންފީމެވެ. އަދި ވަޙީކުރައްވައެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ތިޔަބައި މީހުން އެނބުރިދާށެވެ. ތިޔަބައި މީހުންނަށް ފުއްސެވިއްޖެއެވެ. އަދި ތިޔަބައި މީހުން ޝަފާޢަތްތެރިވި ކޮންމެ މީހަކަށް ވެސް ފުއްސެވިއްޖެއެވެ. އަދި ތިބާ ޖަމުރާއަށް އުކާ ކޮންމެ ހިލައަކުން ބޮޑުފާފައެއް ފުއްސެވެއެވެ.
ދަލީލު ނެގެވުނު ގޮތް:
އިސްވެދިޔަ ހަދީސުން ބަޔާންވެގެންވަނީ އެންމެހާ ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ޙައްޖުގެ އަޅުކަމުން ފޮހެވިގެންދާނެކަމަށެެވެ.[11] الزركشي އާއި الدماميني ވިދާޅުވިއެވެ. ޙައްޖުގެ އަޅުކަމުން އެންމެހާ ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ފޮހެވިގެންދާނެކަން ހަދީސުން (އިސްވެދިޔަ ހަދީސުން) އެނގެއެވެ.[12]
އެ ދަލީލު ވަރުންއެޅުން:
އެކެއް: البوصيري ވިދާޅުވިއެވެ. އެ ހަދީސުގެ ސަނަދުގައި إسماعيل بن رافع ވާކަމަށް ޓަކައި ބެލެވިފައިވަނީ ޟަޢީފު ހަދީސެއްގެ ގޮތުގައެވެ.[13]
ދޭއް: އެ ހަދީސަކީ ސައްހަ ހަދީސެއްކަމުގައި ބެލިކަމުގައި ވިޔަސް އޭގައި ހިމެނެނީ އާއްމުކޮށް ﷲގެ ހައްގުތަކެވެ. އާދަމުގެ ދަރީންގެ ހައްގުތައް ނުހިމެނެއެވެ. އެހެނީ އާދަމުގެ ދަރީންގެ ހައްގުތަކުގައި ހިތްހަލާލު ހޯދުން ލާޒިމުވާތީއެވެ.[14]
ތިނެއް: ހަދީސެއްގައި (أنَّ الحجَّ يهدِمُ ما كان قبلَه)[15] "ހަމަކަށަވަރުން ޙައްޖުން އޭގެ ކުރީގެ ފާފަތައް ފުއްސެވިގެންދާނެއޭ" އޮތް ބަސްފުޅުގެ މުރާދަކީ އެއްވެސް ޝަރުޠެއްނެތި ފާފަތައް ފޮހެވިގެންދާނެ ވާހަކައެއްނޫނެވެ. އަދި ކިއެއްތަ! ޙައްޖުން އޭގެ ކުރީގެ ފާފަތައް ފުއްސެވިގެންދިއުމުގައި ޝަރުޠަކީ ފާފަނުކޮށް ހުއްޓައިލުމެވެ. ޙައްޖުވުމަށްފަހު ފާފަމަތީ ދެމިހުންނަމީހާގެ ޙައްޖުން އޭގެ ކުރީގެ ފާފަތައް ފުއްސެވިގެންނުދެއެވެ.[16]
އެންމެ ރަނގަޅުކަމަށް ފެންނަ ގޮތް:
އެންމެ ރަނގަޅުކަމަށް ފެންނަނީ ޙައްޖުގެ އަޅުކަމުން އާދަމުގެ ދަރީންގެ ހައްގުތައް ފިޔަވައި ދެންހުރި ހުރިހާ ކުދިފާފަތަކާއި ބޮޑެތި ފާފަތައް ފޮހެވިގެންދާނެކަމަށެވެ. ނަމަވެސް ބޮޑެތި ފާފަތައް ފޮހެވުމުގައި ހައްޖުގެ އިތުރުން ތައުބާވުން ޝަރުޠުވާނެކަމަށެވެ.[17] ޙައްޖުގެ އަޅުކަމުން އާދަމުގެ ދަރީންގެ ހައްގުތައް ނުކެޑޭނެކަމަށް އިޝާރާތްލިބިފައިވާ އެހެން ހަދީސުތައް ވެއެވެ. ހަދީސެއްގައިވެއެވެ. (يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إلَّا الدَّيْنَ)[18] ދަރަނި ފިޔަވައި ޝަހީދުންގެ އެންމެހާ ފާފަތައް ފުއްސެވިގެންވެއެވެ. ________________________________
މަރުޖިޢުތައް:
[1] بريقة محمودية 4/ 309؛ البحر الرائق 2/ 364؛ الفواكه الدواني 1/ 375؛ حاشية العدوي 1/ 709؛ الخصال المكفرة للخطيب الشربيني الشافعي؛ تحقيق: حسام الدين عفانة ص70.
[2] البحر الرائق 2/ 364؛ الفواكه الدواني 1/ 375؛ حاشية العدوي 1/ 709؛ الخصال المكفرة للخطيب الشربيني الشافعي؛ تحقيق: حسام الدين بن موسى محمد بن عفانة ص70.
[3] ابن حجر، فتح الباري 3/ 383.
[4] الخصال المكفرة للذنوب للخطيب الشربيني الشافعي؛ تحقيق: حسام الدين عفانة ص97.
[5] الفتح الرباني الشيخ أحمد البنا 11/ 7.
[6] البحر الرائق 2/ 364.
[7] متفق عليه: أخرجه البخاري في كتاب الحج باب فضل الحج المبرور برقم (1521) 2/ 133؛ ومسلم في الحج باب فضل الحج والعمرة ويوم عرفة برقم (1350) 2/ 983.
[8] فتح الباري 3/ 383.
[9] الفواكه الدواني 1/ 375؛ حاشية العدوي 1/ 709
[10] حسن: أخرجه الطبراني في الكبير 1/ 322 برقم 61؛ والبزار؛ وابن حبان في صحيحه عن ابن عمر؛ وكنز العمال 5/ 13 برقم (11833)؛وحسنه الألباني في تخريج الترغيب 2/ 129 - 130؛ وصحيح الجامع برقم (1360)؛ وقال البزار: وقد روي هذا الحديث من وجوه ولا نعلم له أحسن من هذا الطريق؛ قال المملي: وهي طريق لا بأس بها رواتها كلهم موثقون ورواه ابن حبان في صحيحه".
[11] فتاوى الرملي 2/ 377.
[12] الخصال المكفرة للخطيب الشربيني الشافعي ص 70
[13] إتحاف الخيرة المهرة بزوائد المسانيد العشرة للبوصيري 3/ 55.
[14] الخصال المكفرة للخطيب الشربيني الشافعي ص 74
[15] أخرجه مسلم كتاب الإيمان باب كون الإسلام يهدم ما قبله وكذا الهجرة والحج برقم (121)1/ 112.
[16] الخصال المكفرة للخطيب الشربيني الشافعي ص 76
[17] الخصال المكفرة للخطيب الشربيني الشافعي ص 81
[18] أخرجه مسلم في الإمارة باب من قتل في سبيل الله كفرت خطاياه إلا الدين برقم (1886)3/ 1502.