Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (3)

13 May 2024 | 05:21
ރަސޫލާގެ ނަންފުޅު

އަޙުމަދު ފަޔާޟު ޙަސަން

)2024 މޭ 6ގައި ޝާއިޢުކުރި ބައާ ގުޅޭ)

، ރަސޫލު މާތްކުރައްވައި މަތިވެރިކުރެއްވުން:

މާތް ﷲ އެކަލާނގެ ރަސޫލާ ﷺއަށް ދެއްވާފައިވާ ޢިއްޒަތާއި މަތިވެރިކަން އިންސާނަކަށް ބަޔާންކޮށްދެވޭވަރަށްވުރެ ބޮޑެވެ. ކީރިތި ޤުރްއާނުގެ 400އަށް ވުރެ ގިނަ އާޔަތުގައި ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވާ މާތްކުރައްވާފައިވެއެވެ. މީގެ އިތުރަށް އެކަލޭގެފާނަށް ތަބާވުމަށާއި ކިޔަމަންވުމަށް އަންގަވާފައިވާ އާޔަތްތައްވެސް އެހާގިނައެވެ. އަދި އިތުރަށް ކީރިތި ޤުރްއާނުގެ އެތައް ސަތޭކަ އާޔަތުގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

ކީރިތި ޤުރްއާނުގެ ތިން ސޫރަތް ޚާއްޞަވަނީ ރަސޫލުﷲ ﷺގެ މާތްކަމަށެވެ. އެއީ މުޙައްމަދު ސޫރަތާއި ފަތުޙު ސޫރަތާއި ޙުޖުރާތު ސޫރަތެވެ. މިސޫރަތްތަކުގެ އިތުރަށް ޟުޙާ ސޫރަތާއި އިންޝިރާޙު ސޫރަތާއި ކައުޘަރު ސޫރަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަންހުރިވަރު އަންގައިދެއެވެ. ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި ޢިއްޒަތްތެރިކުރައްވާފައިވާވަރާ ކައިރިއަށްވެސް އިންސާނަކަށް އެކަން ނުކުރެވޭނެއެވެ. އެކަމަކު މުސްލިމުންނަށް އޮތީ އެމަސައްކަތުގައި ފޫހިކަމެއްނެތި ދެމިތިބުމެވެ. އަދި އިސްކަމެއްގެ ގޮތުގައި އެކަން ރަނގަޅަށް ކުރުމެވެ.

މުސްލިމެއްގެ ގޮތުގައި ހުރުމަށްޓަކައި ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހެއެވެ. އިސްލާމް ދީން މަތިވެރިކޮށް އިސްލާމީ އުންމަތަށް ނަސްރު ހޯދައިދިނުމަށްޓަކައި އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހެއެވެ. އާޚިރަތުގެ ކާމިޔާބަށްޓަކައި އެކަލޭގެފާނު ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތަންޖެހެއެވެ. މިކަންކުރެވޭނީ އެކަލޭގެފާނަށް މާތްކޮށް ހިތައި އެކަލޭގެފާނު ޢިއްޒަތްތެރިކުރާނެގޮތް ދެނެގަނެ ދަސްކޮށްގެންނެވެ.

ރަސޫލުﷲ ﷺއަށް ލޯބިކޮށް މާތްކޮށް ހިތުމަށްޓަކައި އެކަލޭގެފާނަށް ﷲ ދެއްވި މާތްކަމާއި ލޮބުވެތިކަން ދެނެގަތުމަކީ ފުރަތަމަ ކުރަންޖެހޭ މަސައްކަތެވެ. އިންސާނުންގެ ކުރިމަތީގައި އެމީހުންނަށް އެންމެ ހިތްގައިމު އަދި އެންމެ މުހިންމު އެއް އަޑަކީ އޭނާގެ ނަމެވެ. އެހެންވެ ނަމުން މުޚާޠަބުކުރުމަކީ އާންމުކޮށް އެންމެންވެސް ކަންކުރާގޮތެވެ. އެކަމަކު ތިމާޔާ އެންމެ ގާތް އަދި ތިމާދެކެ އެންމެލޯބިވާ މީހުން ތިމާއާއި ވާހަކަދައްކާއިރު ތިމާގެ ނަން ބޭނުމެއްނުކުރެއެވެ. ނަން ބޭނުންނުކުރަނީ ލޯބި ދިނުމުގެ ގޮތުންނެވެ. ނަމުގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ ކޮންމެވެސް ލަގަބެއް ނުވަތަ ލޯބިން ދޭ ނަމެކެވެ. މިސާލަކަށް މަންމަ ތިމާއަށް މުޚާޠަބުކުރާނީ ދަރިފުޅާ ނުވަތަ ދޫނި މިފަދަ ނަމަކުންނެވެ. ހަމައެގޮތަށް މަގާމުގައި ތިބޭ މީހުންނާއި ވާހަކަދައްކާއިރު އެމަގާމު އިސްކުރެވެއެވެ. އެއީ އިހުތިރާމްކޮށް ކަމޭހިތުމުގެގޮތުންނެވެ. ﷲ، އެއިލާހުގެ ނަބިއްޔުންނާއި މުޚާޠަބުކުރެއްވީ މުޅިންވެސް އެބޭކަލުންގެ ނަންފުޅުންނެވެ. އިބުރާހީމްގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. ޢީސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. މޫސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ.

އެކަމަކު އެންމެފަހަރަކުވެސް ﷲ އެކަލާނގެ ރަސޫލާ ﷺއަށް އެކަލޭގެފާނުގެ ނަންފުޅުން މުޚާޠަބުނުކުރައްވައެވެ. ކޮންމެފަހަރަކުވެސް ﷲ އެކަލޭގެފާނަށް މުޚާޠަބުކުރައްވާފައިވަނީ ޚާއްޞަ ލަގަބަކުންނެވެ. މިސާލަކަށް އޭ ރަސޫލާއެވެ. އޭ ނަބިއްޔާއެވެ. މިކަމުން ދޭހަވަނީ ﷲ ގެޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ. އަދި ﷲ އެކަލޭގެފާނަށް ދެއްވި ޚާއްސަ މަގާމާއި ދަރަޖައެވެ. ﷲ އަކީ އަޅުގަނޑުމެންގެ ރައްބުއެވެ. އެހެންކަމުން އަޅުގަނޑުމެންނީ އެއިލާހުގެ އަޅުންނެވެ. ﷲ ރަސޫލުﷲ ﷺއަށް ދެއްވި އެންމެ ޚާއްސަ އެއް މުޢުޖިޒާތަކީ އަދި ދަރަޖައަކީ އިސްރާއާއި މިޢުރާޖު ދަތުރުފުޅެވެ. އިސްރާ ސޫރަތުގައި މިދަތުރުފުޅުގެ ވާހަކަ ބަޔާންކުރައްވަމުން ﷲ އެކަލާނގެ ރަސޫލާ ﷺ ބަޔާންކުރެއްވީ އެކަލާނގެ އަޅާގެގޮތުގައެވެ. އެއީ އެކަލާނގެ ޙަޟުރަތުގައި ރަސޫލުﷲ ﷺގެ އެންމެމަތީ ދަރަޖައާއި ލަގަބެވެ. އެހެނީ ﷲއަށް އަޅުވެތިވެ އަޅުކަންކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނުއެވެ.

ކީރިތި ޤުރްއާނުގައި ރަސޫލުﷲ ﷺގެ ނަންފުޅު ހަތަރު ފަހަރު އައިސްފައިވެއެވެ. އެއީ މުޙައްމަދުގެ ނަންފުޅުން ތިން ފަހަރާއި އަޙުމަދުގެ ނަންފުޅުން އެއްފަހަރުއެވެ. މުޙައްމަދު މިނަންފުޅު ބަޔާންކުރެއްވުމުގައި އެއްފަހަރު ފިޔަވައި ކޮންމެ ފަހަރަކުވެސް އެކަލޭގެފާނުގެ ނަންފުޅާއެކު އެކަލޭގެފާނުގެ ލަގަބު ނުވަތަ ދަރަޖަ ބަޔާންކުރައްވާފައިވެއެވެ. މިނޫންގޮތަކަށް އެކަލޭގެފާނުގެ ނަންފުޅު އައިސްފައިވަނީ މުޙައްމަދު ސޫރަތުގައެވެ. އެއީ އެކަލޭގެފާނު ދައްކަވާ ކޮންމެ ވާހަކައެއް އަޑުއަހަން ނުޖެހޭނެކަމަށް ބުނެ މުނާފިގުން ވާހަކަދައްކަންފެށުމުން ބާވައިލެއްވި ސޫރަތެކެވެ. އެމީހުން ބުނަމުން ދިޔަގޮތުގައި އެމީހުން އަޑުއަހަންޖެހޭނީ ރަސޫލުﷲ ﷺގެ ހައިސިއްޔަތުން އެކަލޭގެފާނު ދައްކަވާ ވާހަކައެވެ. އެކަމަކު މިސޫރަތުގައި ﷲ އަންގަވަނީ އެކަލޭގެފާނު މުޙައްމަދުގެގޮތުގައި ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކޮންމެ އެއްޗެއް ވިދާޅުވިޔަސް އޭގައި މުސްލިމުން ފުރިހަމައަށް ހިފަންޖެހޭނެކަމަށެވެ. މިހާލަތު ބަޔާންކޮށްދެއްވަން ﷲ އެކަލޭގެފާނުގެ ނަންފުޅާއެކު ލަގަބެއްނުދެއްވައެވެ. އަޙުމަދު މިނަންފުޅު ޤުރްއާނުގައި އައިސްފައިވަނީ ޢީސާގެފާނުގެ ދޫފުޅުންނެވެ. މިއިން އެނގިފާޅުވަނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ މާތްކުރެއްވިވަރެވެ.

ރަސޫލުﷲ ﷺގެ ނަންފުޅަށް ބަލާލަމާތޯއެވެ؟ އިންސާނާގެ ދުލުން ފުރަތަމަ ނިކުތް ބަހަކީ އަލްޙަމްދުލިއްލާހިއެވެ. އަރަބީން ޝުކުރާއި ތަޢުރީފަށް ބޭނުންކުރާ ބަހަކީ ޙަމްދުއެވެ. މިއީ ﷲއަށް އެކަނި ނިސްބަތްކުރެވޭ ބަހެކެވެ. މިބަހުން ލިބޭ މެސެޖަކީ ޙަމްދުހުރީ ﷲއަށް ކަމެވެ. މުޙައްމަދު މިބަސް އައިސްފައިވަނީ ޙަމްދު މިބަހުންނެވެ. މާނަޔަކީ އެންމެގިނައިން ޙަމްދުލިބިގެންވާ މީހާއެވެ. ގިޔާމަތަށް ދާދެން ދުނިޔޭގައި އެންމެގިނަ ނަމަކަށް ﷲ ލެއްވީ އެކަލޭގެފާނުގެ ނަންފުޅު މުޙައްމަދުއެވެ. އުޑާއި ބިމުގައި އެންމެ އިތުރުކަންބޮޑު ނަމެއްކަމުގައި ﷲ ލައްވާފައިވަނީ މުޙައްމަދުއެވެ. އެހެންކަމުން އަޅުގަނޑުމެން ރަސޫލުﷲ ﷺއަށް ކަމޭހިތާ އިހުތިރާމްކުރަންޖެހެނީ ނިހާޔަތަށްކަން ކަށަވަރުވެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް