އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (5)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(2024 މޭ 6ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
މަޝްހޫރު އަދީބު އަލްޤާޟީ އަބުލްފަރަޖުލްމުޢާފާ ބިން ޒަކަރިއްޔާ އަލްޙަރީރީ އައްނަހުރަވާނީ (އަވަހާރަވީ 390هـ/1001م) އޭނާގެ މަޝްހޫރު ފޮތް "އަލްޖަލީސުއް ޞާލިޙުލްކާފީ"ގައި ވިދާޅުވެފައިވާ ގޮތުގައި ކަރުމާނު (އީރާނުގެ މެދުތެރޭގެ ރަށެއް)ގައި ހުންނެވި ޢަބްދުއްރަޙްމާން ބިން މުޙައްމަދުލް އަޝްޢަޘުލްކިންދީ (އުމަވީންނާ އިދިކޮޅު ޒަޢީމެއް)ގެ ޚަބަރުތައް ބައްލަވާން ޙައްޖާޖު ބިން ޔޫސުފު، މަޝްހޫރު ޚަޠީބު އަލްޣަޟްބާން ބިނުލް ޤަބަޢުޘަރީ އައްޝައިބާނީ (އަވަހާރަވީ 84هـ/704مގެ ފަހުން) ފޮނުއްވިއެވެ. އޭނާގެ ޢަމަލުތައް ހުންނަ ގޮތް ބަލާން ޖާސޫސެއް ފޮނުއްވިއެވެ. ޢަބްދުއްރަޙްމާން އަރިހަށް އަލްޣަޟްބާން ވަޑައިގަތުމުން ވިދާޅުވިއެވެ. "ޚަބަރަކީ ކޮބައިތޯއެވެ؟ ވިދާޅުވިއެވެ. ރަނގަޅެއް ނޫނެވެ. ޙައްޖާޖު އޭނާގެ ރޭގަނޑުގެ ފަރިއްކޮޅަށް ތިބާ ހެއްދެވުމުގެ ކުރީން ތިބާގެ މެންދުރު ކެއުމަށް އޭނާ ހަދާށެވެ!" އަލްޣަޟްބާން އެނބުރި ޙައްޖާޖު އަރިހަށް ވަޑައިގަތުމުން "ތިބާ މިހެން ބުނީމު ނޫންހެއްޔޭ" ވިދާޅުވެ ސުވާލުކުރެއްވިއެވެ. އެއަށް ފަހު ދުވަސްގަނޑަކަށް އޭނާ ޖަލަށް ލެއްވިއެވެ.
ސަރުކާރުން ދައުލަތުގެ މުވަޒަފުންނަށް ޖާސޫސްކުރުމަކީ ވެސް އޮތް ކަމެކެވެ. އިބްނުލްއަޘީރު އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ "އަލްކާމިލު"ގައި ލިޔުއްވައިފައިވާ ގޮތުގައި ތޫނިސްގެ ރަސްގެފާނު ތަމީމު ބުނުލްމުޢިއްޒު އަލްޞަންހާޖީ (އަވަހާރަވީ 374هـ/984م) މުސާރަދެވޭ ޖާސޫސުން ޢައްޔަންކުރައްވައިފައި ވެއެވެ. އެ މީހުންގެ މަސައްކަތަކީ މީސްތަކުންނަށް އަނިޔާވެރިވެދާނެތީ ސަރުކާރުގެ ވެރީންނަށް ފާރަލައި އެ ބޭފުޅުންގެ ޢަމަލުތައް ބެލުމެވެ.
މިހެންވެ ތަޖުރިބާކާރު ސިޔާސީ ބޭފުޅުންނާއި އަމަންއަމާންކަމާ ބެހޭ ތަޖުރިބާކާރުން، އަމީރުންނަށް އެ ބޭފުޅުންގެ އިސް މުވައްޒަފުންގެ ޢަމަލުފުޅުތައް ވަރަށް ގާތުން ބެއްލެވުމަށް ނަސޭހަތް ދެއްވައިފައި ވެއެވެ. އައްޠާހިރު ބިން އަލްޙުސައިން[1] އޭނާގެ ދަރިކަލުން ޢަބްދުﷲއަށް (އަވަހާރަވީ 230هـ/844م) ނަސޭޙަތްދެއްވަމުން ވިދާޅުވިއެވެ. "ދަރިފުޅުގެ މަސައްކަތުގެ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބަލަހައްޓާނެ އަދި އެ ކަމާބެހޭ ޚަބަރު ގެނެސްދޭނެ ބަނޑޭރިއަކު ޢައްޔަންކުރާށެވެ. ކުދި ބޮޑު އެންމެހާ ކަންތައްތަކުގެ ޚަބަރު ދަރިފުޅަށް އޭނާ ގެނެސްދޭން ޖެހޭނެއެވެ."
އަޖައިބުވަނިވި ކަންތައްތަކުގެ ތެރޭގައި ޚަލީފާއިންނާއި އަމީރުން މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ޖާސޫސަކު ޢައްޔަންކުރައްވާ އިރު މި ޖާސޫސުގެ ޢަމަލުތަކަށް ފަރަލާނެ ޖާސޫސަކު ޢައްޔަންކުރެއްވުން ވެއެވެ. އަދި މި އެންމެންނަށް ފާރަލާނެ ޖާސޫސަކު (މުޚުބިރަކު) އިސްކުރުން ވެއެވެ. އެއީ މި ޒަމާނުގައި ނަމަ އިންޓެލިޖެންސް އިދާރާއެވެ. މި އިދާރާގެ ބޭނުމަކީ ފަސާދަޔާ ދެކޮޅަށް (ކޮރަޕްޝަނާ ދެކޮޅަށް) މަސައްކަތްކުރުމެވެ. އަލްމަޤްރީޒީ ވިދާޅުވާ ގޮތުގައި އަޙްމަދު ބިން ޠޫލޫން އޭނާގެ ޞާޙިބުލްޚަރާޖިގެ މަޤާމަށް (މާލީ ވަޒީރުކަމަށް) އަބޫ އައްޔޫބު އަޙްމަދު ބިން މުޙައްމަދު ބިން ޝުޖާޢު އިސްކުރައްވައިފައި އޭނާގެ މަސައްކަތްތައް ބައްލަވާ ބަނޑޭރިއެއްކަމުގައި ޢަބްދުﷲ ބިން ދަސޫމާ އިސްކުރެއްވިއެވެ. އަދި މި ދެ ބޭފުޅުންނަށް ފާރަލުމަށް ޓަކައި ނުޢައިމު އިސްކުރެއްވިއެވެ.
ޞާޙިބުލްޚަބަރީންނަކީ ސަރުކާރުގެ އިސް މުވައްޒަފުންނަށް ވެސް ފާރަލާ ބަޔެކެވެ. ޚާއްޞަ ގޮތެއްގައި އެ މީހުން ޤާޟީންގެ މުސާރަތަކާއި ތަނަވަސްކަމަށް ބަލައި ޚަލީފާއަށް ޚަބަރު ކުރެތެވެ. ރިޝްވަތުގެ ސަބަބުން އެ މީހުންގެ ޖީބުތައް ފުފެމުންދާ ގޮތް ބަލައެވެ. އިބްނުލްޖައުޒީ އޭނާގެ ފޮތް "އަލްމުންތަޡަމު"ގައި ލިޔުއްވައިފައިވާ ގޮތުގައި އަލްޤާޟީ ބިޝްރު ބިން އަލްވަލީދުގެ އަމުރުވެރިކަމުގެ ދަށުގައި މަސައްކަތްކުރައްވަމުން ދިޔަ ބައެއް ޤާޟީންގެ ކޮރަޕްޝަނާ ބެހޭ ގޮތުން ޚަލީފާ މައުމޫން ރުހިވަޑައިނުގަތުމުގެ ބަސްފުޅުތައް ބިޝްރާ މުޚާޠަބުކުރައްވައި ވިދާޅުވެފައިވެއެވެ. މައުމޫން ވިދާޅުވިއެވެ. "އަބުއްލާގެ ޤާޟީކަމަށް އަހުރެމެން އިސްކުރި މީހާއަށް އެއް ހާސް ދިރުހަމުގެ މުސާރައެއް ކަނޑައެޅީމެވެ. އޭނާ މި މަޤާމަށް އިސްކުރިއިރު ދަނޑެއް، ގެއެއް އަދި މުދަލެއް ނެތެވެ. ޞާޙިބުލްޚަބަރި ޚަބަރުދޭ ގޮތުގައި އޭނާ މިހާރު މަހަކު ހަތަރު ހާސް ދިރުހަމު އެބަ ހޭދަކުރެއެވެ. އިތުރު ތިން ހާސް އޭނާއަށް ލިބެނީ ކިހިނެއްހެއްޔެވެ؟ ޚަލީފާ މުތަވައްކިލްގެ ޒަމާނުގައި އަހުވާޒު ސަރަޙައްދުގެ ޚަރާޖުގެ ވެރިޔާގެ މަޤާމުގައި ހުންނެވި ޢުމަރު ބިން ފަރަޖިލް ރަޚްޖީ ( އަވަހާރަވީ 240هـ/854م) އާ ބެހޭގޮތުން މިފަދަ ސުވާލުތަކެއް ކުރެވިފައި ވެއެވެ.
މި ގޮތަށް ފާރަލުމުގައި ޚަލީފާނޫން ހަމަ އެކަކުވެސް ސަލާމަތްވެގެން ނުވެއެވެ. ޚަލީފާގެ ވަލީ ޢަހުދަށް ވެސް ފާރަލައި ބެލެހެއްޓިފައިވެއެވެ. އައްޠަބަރީ ވިދާޅުވާ ގޮތުގައި ޚަލީފާ މަންޞޫރާއި އޭނާގެ ދަރިކަލުން މަހުދީ (އަވަހާރަވީ 169هـ/785م) އާ ދެމެދުގައި މިފަދަ ޙާދިސާއެއް ހިނގައިފައިވެއެވެ. އެ ދުވަސްވަރުގެ މަޝްހޫރު ޝާޢިރެއްކަމުގައިވާ އަލްމުއައްމަލުލްމުޙާރިބީ (އަވަހާރަވީ 190هـ/806م) އަށް ހާސް ދިރުހަމު މަހުދީ ދެއްވިއެވެ. އެއީ މަހުދީއަށް ތާރީފާއި ސަނާ ވިދާޅުވެ ހެއްދެވި ބައިތުތަކަކަށް ޓަކައެވެ. މި ޚަބަރު ޞާޙިބުލްބަރީދި ޚަލީފާ މަންޞޫރަށް ދެއްވުމުން ޚަލީފާ މަންޞޫރު އޭނާގެ ދަރިކަލުންނާ ދިމާއަށް ކޯފާގެ ބަސްތައް ވިދާޅުވެ އެ ޝާޢިރު ހައްޔަރުކުރައްވައި އޭނާގެ އަތުން ސޯޅަ ހާސް ދިރުހަމު އަތުލެއްވިއެވެ.
ޚަބަރުގެ ޞާޙިބުންނަކީ ސަރުކާރާ އިދިކޮޅު މީހުންނާއި ޢާންމު ރައްޔިތުންނަށް ފާރަލުމުގައި ބުރަތައް އުފުއްލައިފައިވާ ބަޔެކެވެ. ސަރުކާރުގެ ރުހުން ނެތް މީހަކަށް ތާރީފުކުރިޔަސް އެ ޚަބަރެއް ވަގުތުން ޚަލީފާއާ ހަމައަށް ގެންދާނެއެވެ.
އިބްނުލް ޖައުޒީ އޭނާގެ ފޮތެއްކަމުގައިވާ އަލްމުންތަޡިމުގައި ހިޖުރައިން 237ވަނަ އަހަރުގެ ފިޠުރު ޢީދުގައި ހިނގި ޙާދިސާއަކާ ބެހޭ ގޮތުން ލިޔުއްވައިފައިވެއެވެ. "ޚަލީފާ މުތަވައްކިލް އޭނާއާ ދެކޮޅަށް ބަޣާވަތްކުރި އަޙްމަދު ބިން ނަޞްރުލްޚުޒާޢީ ޞަލީބަށް އަރުވައިފައި ބެހެއްޓެވުމަށް ފަހު ޢީދު ދުވަހު އޭނާގެ ހަށިގަނޑު ޞަލީބުމަތީން ބާލައި އޭނާގެ ޢާއިލާއާ ޙަވާލުކުރެއްވިއެވެ. އޭނާގެ ޖަނާޒާގައި ބައިވެރިވި ބައެއް މީހުން ބަރަކާތް ޙާޞިލްކުރާންވެގެން އޭނާގެ ބޮލުގައި ފިރުމައި އޭނާގެ ސަންދޯކުގައި އަތްއުނގުޅައި ހެދުމުން ބަރީދުގެ ވެރިޔާ އެ ޚަބަރު ޚަލީފާ މުތަވައްކިލަށް ދެއްވިއެވެ. އެހިނދު ޚަލީފާ ޢާންމު އެއްވެ އުޅުންތައް މަނާކުރެއްވިއެވެ.
ވަރުގަދައަށް ފާރަލުން
ޢައްބާސީ ޚަލީފާ އައްނާޞިރުގެ ޖާސޫސީ އިދާރާއަކީ ވަރަށް ވަރުގަދަ އިދާރާއެއް ކަމަށް ތާރީޚު ބުނެއެވެ. މުއައްރިޚުން ލިޔުއްވާފައިވާ ގޮތުގައި މި ޚަލީފާގެ މެހެމާނުންނަށް ފަރިއްކޮޅަށް އެރުވޭ އެއްޗެހީގެ ތަފުޞީލުތައް ވެސް ޚަލީފާއަށް ޚަބަރުކޮށްފައި ވެއެވެ. އެ ދުވަސްވަރު ޢިރާޤުގައި އެއްވެސް ގެއެއްގައި ޚަލީފާ ކޯފާވެދާނެފަދަ އެއްވެސް ބަހެއް ބުނާކަށް ނުކުރެއެވެ. ގޭގެ އަހުލުވެރީން ވެސް އެކަކު އަނެކަކު ދެކެ ތިބެނީ ބިރުންނެވެ.
ފާޠިމީ ދައުލަތުގެ ޖާސޫސީ އިދާރާއަކީ ވެސް މީހުން ވަރަށް ޖެހިލުންވި ވަރަށް ވަރުގަދަ އިދާރާއެކެވެ. އެމީހުން ގޭގެއަށް ވަދެ ދެ ލޯބިވެރީންގެ ވާހަކަތައް ވެސް ޚަލީފާއަށް ފޮނުވަތެވެ. އިބްނުލް ޖައުޒީ ވިދާޅުވެފައިވާ ގޮތުގައި މިޞްރުގައި އެ ދުވަސްވަރު މުސްކުޅި އަންހެނުން ވެސް ޖާސޫސީ މަސައްކަތްކުރުމުގައި ބޭނުންކޮށްފައިވެއެވެ. މިފަދަ މުސްކުޅި އަންހެނުން ގޭގެއަށް ވަދެ މިވެނި އަންހެންކުއްޖަކު މިވެނި ފިރިހެންކުއްޖަކާ ހިތާވެގެން އުޅޭ ޚަބަރު ޖާސޫސީ އިދާރާއަށް ގެންގޮސް ދެތެވެ. ޢާންމުންނަށް މި މީހުން ކުރާ ދުއްތުރާތައް ގިނަވެ ޝަކުވާތައް ގިނަވެގެން ފާޠީމީ ޚަލީފާ ޚަބަރުގެ އަޞްޙާބުންގެ ތެރެއިން އެތައް ބަޔަކު ޤަތުލުވެސްކުރައްވައިފައި ވެއެވެ. އިބްނުލް ޢިމްރާނީ )އަވަހާރަވީ 580هـ/1184م) "އަލްއިންބާއު ފީ ތާރީޚިލްޚުލަފާއި" ނަމަކަށް ކިޔާ ފޮތުގައި ލިޔުއްވައިފައިވެއެވެ. "ޢައްބާސީ ޚަލީފާ އަލްމުޢުތަޟިދަށް ބާޒާރުމަތީގައި ހިނގާ ކަންތައްތަކުގެ ޚަބަރު ގެނެސްދޭނެ ޖަސޫސުންތަކެއް ވެއެވެ. މިފަދަ ޖާސޫސަކު ފޮނުވި ރިޕޯޓެއްގައި ވެއެވެ." ފައިވާން ހަދާމީހަކަށް ފޮތި ވިއްކާ މީހަކު އަދާކުރާން ޖެހޭ ދަރަނި އަދާނުކޮށް ދިގުދަންމަމުން ދާތީ ބުންޏެވެ. މުސްލިމުންގެ ޙާލުއަޙުވާލު ބަލާނެ މީހަކު މިއަދަކު ނެތެވެ." މި ކަމާ އަލްމުޢުތަޟިދު ވަރަށް ކޯފާއިސްކުރައްވައި ފައިވާން ހަދާ މި މިސްކީނު މީހާގެ ގާތަށް އޭނާއަށް ބިރުދައްކާނެ ބަޔަކު ފޮނުއްވިއެވެ.
މުޖުތަމަޢުގައި އޮންނަ ތަފާތު ފިކުރުތަކުގެ މީހުންގެ މެދުގައި އުފެދޭ އަރައިރުންތަކާއި ނުތަނަވަސްކަމުގެ ޚަބަރުތައް ގެނެސްދޭނެ ޚަބަރުވެރީން ވެސް ޢައްބާސީ ދައުލަތުގައި ތިއްބެވެ. އިބްނުލް ޖައުޒީ އޭނާގެ ފޮތެއްކަމުގައިވާ "މަނާޤިބު އަލްއިމާމި އަޙްމަދަ" ގައި ވިދާޅުވެފައިވެއެވެ. ބަޣްދާދުގައި ބައެއް ޙަންބަލީން ބިދްޢައިގެ އަހުލުވެރީންގެ ގާތުގައި ދޭތެރެޖެހޭ ވާހަކަތައް ދައްކަތެވެ." މި ޚަބަރު ޚަލީފާ އަލްމުތަވައްކިލަށް ގެނެސްދިން ޚަބަރުވެރިޔާއަށް ވިދާޅުވިއެވެ. "އެމީހުންނާ ބެހޭ އެއްވެސް ޚަބަރެއް މަށާ ހަމައަށް ނުގެންނާށެވެ. ފަހެ އެމީހުންނާއި އެމީހުންގެ އިމާމަކީ މުޙައްމަދު ﷺ އުންމަތުގެ ޢިއްޒަތްތެރީންނެވެ."
ދޭތެރެޖައްސާ މީހުންނާއި ކުޓުވާ މީހުން ގިނަވެގެން ޢިލްމުވެރީން ވަނީ ތަޙުޤީޤުގެ މަޖިލިސްތަކުގައި ދޮގުހެދުން ހުއްދަވާނެކަމަށް ފަތުވާ ދެއްވައިފައެވެ. "ސައިރު އިޢުލާމިއް ނުބަލާއި" ނަމަކަށް ކިޔާ ފޮތުގައި އައްޛަހަބީ ލިޔުއްވައިފައިވެއެވެ. "ދަރިވަރުންނާ އިމާމު ރަޖާއު ބިން ޙަޔަވަތާ ދެމެދުގައި ނިޢުމަތަށް ޝުކުރުކުރުމާ ބެހޭގޮތުން މުޠާލަޢާ ކުރުމުގެ ބައްދަލުވުމެއް ބޭއްވުނެވެ. އޭގެތެރެއިން ދަރިވަރަކު މިއަދު އެކަކުވެސް ނިޢުމަތަށް ޝުކުރު ނުކުރެތޭ ބުންޏެވެ. އެ ވަގުތު އަހުރެމެންގެ ފަހަތުގައި ބޮލުގައި ފޮށައެއް އޮޅައިގެން ހުރި މީހަކު ހުއްޓެވެ. އޭނާ ބުންޏެވެ. އަމީރުލް މުއުމިނީން ވެސް ހެއްޔެވެ؟ އަހުރެމެން އެމީހާއަށް ބުނީމެވެ. މިތާނގައި އަމީރުލް މުއުމިނީންގެ ވާހަކަ ތިޔަ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ވެސް ހަމަ މީހުންގެ ތެރޭގައި ހިމެނޭ މީހެއްނޫން ހެއްޔެވެ؟ އިރުކޮޅެއް ފަހުން ރަޖާއު ދަރިވަރުންގާތަށް ވަޑައިގެން ވިދާޅުވިއެވެ. މިއައީ އެ ފޮށާ އޮޅައިގެން ހުރި މީހާގެ ގާތުންނެވެ. ތިޔަކުދީން ގެންގޮސް ހުވާކުރުވައިފިނަމަ ( ދޮގު ) ހުވާ ކުރާށެވެ. އިރުކޮޅެއް ފަހުން ރަޖާއުގެ ފާރަވެރިޔާ ބުންޏެވެ. އޭ ރަޖާއޭވެ! އަމީރުލް މުއުމިނީންގެ ވާހަކަދެކެވުނުއިރު ދިފާޢުގައި އެއްޗެއް ވިދާޅުނުވެ ހުންނެވީތޯއެވެ؟ އެހިނދު ރަޖާއު އެ ޙާދިސާއާ ދެކޮޅުހެއްދެވިއެވެ. އަދި ރައްކައުތެރިވުމުގެ ގޮތުން ހުވާވެސް ކުރެއްވިއެވެ. އެހިނދު އެ ފާރަވެރިޔާ ދޭތެރެޖައްސަން އުޅުނު މީހާގެ ގާތަށް ގޮސް އޭނާ ދޮގުހެދީތީ އޭނާގެ ގައިގައި ތަޅައި އަދަބުދިނެވެ. (ނުނިމޭ)
ޙަވާލާ:
[1] - ޚަލީފާ މައުމޫނުގެ ޢަސްކަރީ އިސް އިސްވާރެއް