އިސްރާއީލުން އަބަދުވެސް މަސައްކަތްކުރަނީ އެ މީހުންގެ އަނިޔާވެރި ޢަމަލުތައް ދުނިޔެއަށް ވަންހަނާ ކުރާށެވެ!!
ފަރަގު ޓީމު
އިސްރާއިލޭ ކިޔާ ދައުލަތެއް، ހުޅަނގުގެ އެހީގައި ފަލަސްޠީނުގެ މުޤައްދަސް ބިމުގައި ބޭއިންސާފުން ގާއިމުކޮށްގެން އުޅޭތާ ހަތް ދަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ދިގު މުއްދަތުގައި އެ މީހުން ދައުލަތެއް ހަދައިގެން އުޅޭ ސަރަހައްދަށް ބިން އިތުރުކުރުމަށް ޓަކައި ފަލަސްތީނު ރައްޔިތުން އުޅޭ ސަރަހައްދުން ބިން ފޭރުމުގެ މަސައްކަތް އެމެރިކާއާއި ހުޅަނގުގެ އެހީގައި އަބަދުވެސް އަންނަނީ ކުރަމުންނެވެ.
ފަލަސްޠީނު ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް އެބައިމީހުންގެ ދަނޑުފަނގާއި އެހެނިހެން މުދާތައް ފޭރި ހާލަކުކުރުމަށް ފަހު، އެމެރިކާގެ މާލީ އެހީއާއެކު ގެދޮރު ބިނާކޮށް އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަކީ ސިލްސިލާ ގޮތެއްގައި ޔަހުދީ ސަރުކާރުން ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ.
މި އަނިޔާވެރި ޢަމަލުތައް ހިންގިކަމަށް ވިޔަސް އެބައިމީހުންގެ ނުފޫޒުގެ ދަށުގައި ހުންނަ މީޑިއާތަކުން ދޮގު ޚަބަރު ފަތުރަމުން ގެންދަނީ އިސްރާއީލުން ހިނގާ ޖަރީމާ ތަކަކީ އެ ބައިމީހުންގެ ނަފުސު ދިފާޢުކުރުމަށް ޓަކައި މަޖުބޫރުން ކުރާ ދިފާޢީ ކަމެއްްކަމުގައެވެ. މިއާ އެކު ތެދު ޚަބަރު ފަތުރާކަމަށް އެ މިހުންނަށް ގަބޫލުކުރެވޭ މީޑިއާތަކުގެ އިދާރާތަކަށާއި ނޫސްވެރީންނަށް ޙަމަލާދެނީއެވެ. އަދި ފަލަސްތީނުގެ މުއާޞަލާތީ ބިނާރު ހަލާކުކުރާން ސީދާ އަމާޒުކޮށްގެން ޙަމަލާދެނީއެވެ.
މި ދިޔަ އަހަރު އޮކުޓޫބަރުމަހު ހަތެއްގައި ޔަހޫދީން ފެށި އާދަޔާ ޚިލާފު ޢުދުވާނު ފެށިފަހުން ފަލަސްޠީނުގެ މުއާސަލާތީ ނިޒާމަށް ހަމަލާދީ އެތައް ފަހަރަކު ހަލާކުކޮށްލައިފިއެވެ. ހަލާކުވި ބައިތައް އެއޮއް ނުރައްކާތެރި ޙާލަތުގައި ވެސް ފަލަސްތީނުގެ ކުޅަދާނަ ޓެކްނީޝަނުން މަރާމާތުކޮށް އަލުން ޚިދުމަތްދޭން ފަށައެވެ. ފަލަސްޠީނުެ ރައްޔިތުންގެ ކުޅަދާނަކަމަށް ހަމަ ތަޢުރީފެވެ.
މިއަދު އަނެއްކާ ހަމަ ގަސްތުގައި ތަނެއް ދޮރެއް ނުބަލައި ޣައްޒާ ސަރަހައްދަން ދިން އެތައް ޙަމަލާތަކެއްގައި ދެކުނު ޣައްޒާ ސަރަހައްދުން އިންޓަނެޓްގެ ޚިދުމަތް އެކީއެކަށް ކެނޑިއްޖެކަމަށް ފަލަސްޠީނުގެ މުވާސަލާތީ ކުންފުނީން ޚަބަރުދީފިއެވެ.
އެ ކުންފުނީގެ ފެސްބުކު ޕޭޖުގައި އާންމުކުރި ކުރުކުރު ބަޔާނެއްގައި ބުނެފައިވަނީ ލިބުނު ގެއްލުންތައް ވީހައި އަވަހަކަށް މަރާމާތުކޮށް އަލުން ޚިދުމަތްދިނުމުގެ މަސައްކަތް އެ ކުންފުނީގެ ހީވާކި މުވައްޒަފުން އެބަ ކުރަމުން ގެންދާކަމަށެވެ.
އިސްރާއީލުން ޙިޞާރުކޮށްގެން އުޅޭ ފަލަސްޠީނުގެ ސަރަހައްދަށް އޮކްޓޫބަރު ހަތެއްގެ ފަހުން ދޭންފެށި ނުރައްކާތެރި ޢުދުވާނުގައި މުވާސަލާތީ ނަރުތަކަށް ސީދާ އަމާޒުކޮށްގެން އެތައް ފަހަރަކު ޙަމަލާދީ ހަލާކުކޮށްލައިފައިވެއެވެ. މުވާސަލާތީ ކުންފުނީގެ މުވައްޒިފުން ވަރަށް އަވަހަށް އެ ކަންކަން މަރާމާތުކޮށް އަނެއްކާ ޚިދުމަތްދޭން ފަށައެވެ.
އުންމީދަކީ މި ފަހަރު ވެސް ދާދި އަވަހަށް އެ ގެއްލުންތައް މަރާމާތުކޮށް ފަލަސްތީނުގެ ޚަބަރުތައް އަޅުގަނޑުމެންނަށް ލިބޭނެ މަގު ފަހިވުމެވެ. (ޤަޠަރު ނިއުސް އެޖެންސީ)
ބައެއް ލަފުޒުގެ މާނަ:
ދަހަރު ނ. ދިހަ އަހަރު
ބިނާރު ނ. ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.