Advertisement

ފަލަސްތީނު-އިސްރާއީލުގެ ހަމަނުޖެހުމާމެދު އިންޑިއާއާއި ޗައިނާގެ ބަސްމަގު

14 Oct 2023 | 15:14
Getty Images

ޗައިނާއާއި އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އާބާދީއެވެ. އިގުތިޞާދީ ގޮތުން އޭސިއާގައި އެންމެ ކުރިއަރަމުން އަންނަ ދެގައުމެވެ. އަދި އޭޝިއާގައި އެންމެ ވާދަވެރި ދެގައުމު ވެސް މެއެވެ. މީގެ އިތުރަށް މި އިސްލާމީ ދިވެހި ގައުމާ އެންމެ ގާތް ރަޙުމަތްތެރި ދެ ގައުމުގެ ގޮތުގައި ވެސް ގިނަ ބަޔަކު ބަލަނީ މި ދެ ގައުމެވެ. އެހެންކަމުން އުޚުއްވަތްތެރިކަމުގެ ގޮތުން ދިވެހީންނާ ވަރަށް ބޮޑަށް ގުޅިފައިވާ ފަލަޞްޠީނުގެ މައްސަލައިގައި އެ ދެ ގައުމުން ބުނަނީ ކީކޭތޯ ބަލައިލުމަކީ ވެސް މި ދަނޑިވަޅުގައި މުހިންމު ކަމެއްކަމަށް ދެކެވެ.

މި ދިޔަ ހޮނިހިރު ދުވަހު ފަލަޞްޠީނުގެ މުޖާހިދުންގެ ގުރޫޕެއްކަމުގައިވާ ޙަމާސް ޖަމާޢަތުން ދިން އާދަޔާޚިލާފު ކުއްލި ޙަމަލާއާއި އެ ޙަމަލާގެ ރައްދުގައި އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާ ބެހޭ ގޮތުން ޗައިނާއިން ބުނެފައިވަނީ ކީކޭކަމަށް ތޯއެވެ!

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "މި ދިޔަ ހަފުތާ ބަންދުގައި އިސްރާއީލާއި ފަލަސްޠީނާ ދެމެދު ފެށުނު (ހަމަނުޖެހުންތަކުގައި) އަނިޔާވެރިކަން އިންތިހާއަށް އިތުރުވެފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ"ކަމަށެވެ. އަދި "ދެ ފަރާތުން ވެސް ހަމަޖެހުން އިޚުތިޔާރުކުރުމަށް" އިލްތިމާސްކޮށްފައިވެއެވެ. "ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި އިތުރުވަމުންދާ އަނިޔާވެރި ޢަމަލުތަކާ މެދު ޗައިނާ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ." ޗައިނާގެ ޚާރިޖީ ވުޒާރާއިން ޢާންމުކުރި ބަޔާނެއްގައި ވެއެވެ. "ކަމާބެހޭ ހުރިހާ ފަރާތްތަކަށް ބެއިޖިނުން ގޮވައިލަނީ ހަމަޖެހުން ގާއިމުކުރުމަށާއި ޙަމަލާތައް ވަގުތުން ހުއްޓައިލައި އާންމު ރައްޔިތުން ހިމާޔަތްކޮށް، ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި ވަގުތުން ފިޔަވަޅު އެޅުމަށް"ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އަނެއްްކޮޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ އޭނާގެ ގައުމު އޮތީ "މި އުނދަގޫ ދަނޑިވަޅުގައި އެއްބައިވަންތަކަމާއެކު އިސްރާއީލާއެކުގައި"ކަމަށެވެ. "އިސްރާއީލަށް ދިން ނިރުބަވެރި ޙަމަލާތަކުގެ ޚަބަރުން" އޭނާއަށް "ވަރަށް ބޮޑު ސިހުމެއް ލިބިއްޖެ"ކަމަށް ވެސް މޯދީ ވިދާޅުވެފައިވެއެވެ.

ދެ ގައުމުގެ ބަޔާންތަކަށް ބަލާއިރު، ޗައިނާއިން ވަކި ކޮޅަކަށް ނުޖެހޭކަން ދޭހަވެއެވެ. އަދި ޗައިނާ ބޭނުންވަނީ ޞުލްޙަކަން އެ ގައުމުން ނެރުނު ބަޔާނުން ދޭހަވެއެވެ. އަނެއްކޮޅުން އިންޑިއާގެ ބޮޑުވަޒީރުގެ މެސެޖުން އެނގުނީ އެއްވެސް ސަބަބެއް ބެލުމެއް ނެތި އެ ގައުމު އޮތީ އިސްރާއީލާއެކުގައިކަމަށެވެ.

އާންމު ގޮތެއްގައި އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކުން އެއްވެސް ހިފެހެއްޓުމެއް ނެތި އިސްރާއީލަށް ތާއީދުކުރި ނަމަ ވެސް، ހިފެހެއްޓުމެއް ނެތި ފަލަޞްޠީނަށް ތާއީދުކުރާ ގައުމުތަކާއި ވަކި ކޮޅަކަށް ސީދާ ތާއީދު ނުކޮށް ސުލްޙައަށް ގޮވައިލާ ގައުމުތައް ވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން، ދެކުނު އެމެރިކާގެ ގައުމެއްކަމުގައިވާ ވެނެޒުއެލާ ސަރުކާރުން ވެސް ވަނީ “ކަންބޮޑުވުން” ފާޅުކޮށްފައެވެ. އެކްސް (ކުރީގެ ޓްވީޓާރ)ގައި އާންމުކުރި ބަޔާނެއްގައި އެ ގައުމުން ބުނެފައި ވަނީ މި ހަނގުރާމައަކީ "ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގައި ބައިނަލްއަގްވާމީ ގާނޫނީ ގޮތުން އެބައިމީހުންގެ ތާރީޚީ ހައްގުތައް ކަށަވަރުކޮށްދޭނެ ފުރުޞަތު ހޯދައިނުދިނުމުގެ ނަތީޖާ" ކަމަށެވެ.

އީރާނުގެ ދީނީ ލީޑަރު އަލީ ޚާމަނާއީގެ އެޑްވައިޒަރަކު ވިދާޅުވީ ފަލަސްތީނުގެ ހަމަލާއަށް އީރާނުން ތާއީދުކުރާ ކަމަށެވެ. "ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަޅުގަނޑުމެން ތަހުނިޔާ ދަންނަވަމެވެ." އެޑްވައިޒަރު ރަހީމް ސަފާވީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ވެ އެވެ. "ފަލަސްތީނާއި ގުދުސް މިނިވަންކުރެވެންދެން ފަލަސްތީނުގެ ހަނގުރާމަވެރިންނާއެކު އަހަރެމެން ދެމި ތިބޭނަމެވެ." އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެގައުމުގެ އެކުވެރި ހަމާސްއިން ދިން ހަމަލާތަކަކީ އިސްރާއީލުގެ އިސްތިއުމާރުގެ ކުރިމަތީގައި ފަލަސްތީނުގެ އިތުބާރު އިތުރުވެފައިވާކަމުގެ ހެތްކެއް ކަމަށެވެ.

އިސްރާއީލު-ފަލަސްޠީނުގެ ހަމަނުޖެހުންތަކާއި އެ ކަމުގެ ހަގީގަތްތަކުގެ މައްޗަށް ދޭތެތެރެދޭތެރެއިން "ފަރަގު" ޓީމުން ވާހަކަދައްކަމުން ގެންދާނަމަވެ.

__________________________________

Advertisement

ކޮމެންޓް