Advertisement

ޚާރިޖީ ގުޅުން ގާއިމުކުރިތާ 40 އަހަރު ފުރެނީ! އިތުރަށް ގުޅުން ބަދަހިކުރުމަށް ޓަކައި މަޝްވަރާކުރަނީ!

12 May 2024 | 20:40
ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު، ޤަޠަރުގެ އަމީރީ ދީވާންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރާ މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ: ޚާރިޖީވަޒީރުގެ އެކްސް ޕޯސްޓަކުން)

އަބާ މުޙަންމަދު

ޤަޠަރަކީ ދިވެހިރާއްޖެއާ ޚާއްޞަ ގުޅުމެއް އޮން ގައުމެކެވެ. ރާއްޖޭގައި ހުންނަ އެންމެ ބޮޑު އިސްކޫލަކީ ވެސް ޤަޠަރުގެ އަމީރުގެ ޚާއްޞަ އެހީފުޅެއްގެ ދަށުން ހައްދުންމަތީ ގަމުގައި ޤާއިމުކުރެވިފާ އިސްކޫލެކެވެ. މި ނޫނަސް ކިތަންމެ އެހީތަކެއް ޤަޠަރުން ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. ދިވެހިރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނިކަމަށްވާ އުރީދޫއަކީ ވެސް ޤަޠަރަށް ނިސްބަތްވާ ކުންފުންޏެކެވެ.

ޤަޠަރަކީ ކުރިއަރައިފައިވާ މުއްސަނދި ގައުމެކެވެ. ބިމުގެ ގޮތުން މާ ބޮޑު ގައުމަކަށް ނުވިޔަސް އެއީ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ނުފޫޒުގަދަ ގައުމެކެވެ. ޤަޠަރާއި ދިވެހިރާއްޖެއާ ދެމެދު އިގުތިސާދީ އަދި އިޖުތިމާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މަސައްކަތް ވެސް ދެ ގައުމުގެ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 40 އަހަރު ފުރޭ މި އަހަރު މިހާރު ވެސް ކުރިއަށް އެބަ ދެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު އަލްއަޚު މޫސާ ޒަމީރު މިހާރު އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ޤަޠަރަށް ވަޑައިގެންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު މޫސާ ޒަމީރު ވަނީ، ފަލަސްޠީނުގައި ހިނގަމުންދާ ލާއިންސާނީ ކަންތައްތަކުގެ މައްސަލަ ޙައްލުކުރުމަށާއި ފަލަސްތީނުގައި ސުލްހަ ޤައިމުކުރުމަށް ޓަކައި ޤަތަރުން ކުރަމުންގެންދާ މަސައްކަތަށް ތަޢުރީފުކުރައްވައި އެ މަސައްކަތްތަކަށް މަރުހަބާވިދާޅުވެފައެވެ.

ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙަންމަދު ބިން ޢަބްދުލްރަޙުމާން ބިން ޖާސިމް އާލު ޘާނީއާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ޤަޠަރުގެ "އަމީރީ ދީވާން"ގައި ބައްދަލުކުރައްވަނީ (ފޮޓޯ: ޤަޠަރު ނިއުސް އެޖެންސީ)<br>

ވަޒީރު މޫސާ ޒަމީރު މި މަރުޙަބާވިދާޅުވީ ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚު މުޙަންމަދު ބިން ޢަބްދުލްރަޙުމާން ބިން ޖާސިމް އާލު ޘާނީއާ މިއަދު ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތްކުރާން ޖެހޭ ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ދާއިރާގެ ތަރައްގީއަށް ޓަކައި ޤަތަރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޓަކައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރުގެ މި ދަތުރުފުޅުގައި އެ ވުޒާރާގެ ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް ޑރ. ފަޒީލް ނަޖީބު ވެސް ބައިވެރިވެވަޑައިގަނެއެވެ. ވަޒީރު މޫސާ ޒަމީރުގެ މި ދަތުރުފުޅަކީ މި މަހު 11އިން 13އަށް ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް