ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އެ އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށެވެ.
"ފަރަގު" ޓީމު
މިއަދަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ޚިދުމަތްތެރި ލޭފަވެތި ނަރުންނާއި އެ ބޭފުޅުންގެ ޢާއިލާތަކަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. އަދި ދުނިޔޭގެ ހުރިހައި ކަންކޮޅެއްގައި މި މަތިވެރި އިންސާނީ ޚިދުމަތް އަދާކުރަމުން ގެންދާ ހުރިހާ ނަރުހުން ވެސް މި ތަހުނިޔާގައި ޝާމިލުކުރަމެވެ.
ކޮންމެ އަހަރެއްގެ މޭ މަހު 12 ވަނަ ދުވަސް ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ނަރުހުން އަދާކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހުރިހާ ފެންވަރެއްގައި ވެސް ދެނެގަނެވި އެ ކަމަށް ޙައްލު ހޯދުމުގެ މަގުސަދުގައެވެ.
ބައިނަލްއަގުވާމީ ނަރުހުންގެ މަޖިލީހުން ނަރުހުންގެ
ދުވަހުގެ މި އަހަރުގެ ޝިޢާރަކަށް ކަނޑައަޅުއްވައިފައިވަނީ "އަހަރެމެންގެ
ނަރުހުން، އަހަރެމެންގެ ކުރިމަގު: ހޭހަންކުރުމުގެ އިގުތިސާދީ ބާރު" (Our Nurses,
Our Future: The Economic Power of Care) މި ޝިޢާރެވެ.
ހޮސްޕިޓަލުގައި ނުވަތަ ސިއްޙީ
މަރުކަޒުގައި ބައްޔެއްވެގެން އެޑްމިޓުކުރާ ހިސާބުން އެންމެ ފުރަތަމަ
އެހީތެރިކަމާއި އޯގާތެރިކަން ލިބޭން ފަށަނީ ނަރުހުންގެ ފަރާތުންނެވެ. ބަލިމީހާއާ
އާއިލީ ގޮތުން ގުޅުމެއް ނެތް ނަމަވެސް ނަރުހުން ވަރުބަލިކަމެއް ނެތި
ފޯރުކޮށްދޭ ޚިދުމަތަކީ އަޅައިލުމާއި ލޯތްބާއި ކުލުނު ފެންނަ، އަދި
ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.
ނަރުހުންގެ ދައުރަކީ ވަރަށް ފުޅާ
ދައުރެވެ. އެއީ ވަރަށް ޚާއްޞަ ދަންނެކެވެ. މުޤައްދަސް ދަންނެކެވެ.
ދިވެހި ނަރުހުންކޮޅެއް: ހުދު ޔުނީފޯމުގައި ނަރުހުން ތިބޭ އިރު ހާދަހާ ރީއްޗެވެ. ނަމަވެސް މިހާރު ޔުނިފޯމުތައް ވަނީ އެކިކުލަކުލައަށް ބަދަލުކޮށްފައެވެ.<br>
ހޮސްޕިޓަލަށް އަންނަ ބަލި މީހުންނަށް ޑޮކްޓަރު ދޭ އިރުޝާދަށް ޢަމަލުކުރޭތޯ ބެލުމާއި، ބަލި މީހާގެ ޙާލަތު ގަވާއިދުން ބެލެހެއްޓުމާއި ކަމެއްދަމެއް ބޮޑުވެއްޖެ ނަމަ އެންމެ ކައިރީން ގޮވައިލާން ހުންނަ އެހީތެރިއަކީ ނަރުހެވެ. ހޮސްޕިޓަލްގައި ބާއްވައިފައި އޮންނަ އިރު، ބަލި މީހާގެ ބެލެނިވެރިއަކީ ވެސް ނަރުހުންނެވެ. ޢާއިލާއާ ދުރުގައި އެތައް ގަޑި އިރަކު ނަރުހުން މަސައްކަތްކުރަނީ އެހެން އާއިލާއެއްގެ ކޮންމެވެސް މީހެއްގެ ޚިދުމަތުގައެވެ. ހިތްހެޔޮކަމާއި ހިނިތުންވުމާ އެކީގައެވެ. އެތައް ވަގުތެއް އަމިއްލަ ޢާއިލާއާ ދުރުގައި ހޭދަކުރަނީ އަމިއްލަ އުފާތައް ޤުރުބާންކުރުމަށް ފަހު ބަލި މީހާއަށް ހޭހަންކުރުމުގައެވެ.
އަމިއްލަ ދިރިއުޅުމުގެ ވަގުތުތައް ޤުރުބާންކުރުމަށް ފަހު،
ނަރުހުން ހިތްހެޔޮކަމާއި ހިނިތުންވުމާއެކު ދޭ ޚިދުމަތްތަކަކީ އަގުވަޒަންކުރާން
ޖެހޭ މަތިވެރި މުޤައްދަސް ޚިދުމަތެކެވެ. އެއީ ހަމައެކަނި ޑޮކްޓަރުން އަންގާ
ކަންކަން ކޮށްލާން ތިބޭ ބަޔެއް ނޫނެވެ. އައަށް ވުރެ އެ މީހުންގެ ދައުރު މާ ބޮޑެވެ. މާ ފުޅަލެވެ.
މި ވަގުތު ރައީސްުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އުޅުއްވަނީ ސުޢޫދީ ޢަރަބިއްޔާގައިކަމަށް ވިޔަސް ނަރުހުންގެ މަތީން އެ މަނިކުފާނު ހަނދުމަފުޅު ނައްތައެއް ނުލައްވައެވެ. ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އެ ބޭފުޅުންގެ ޚިދުމަތް ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ. ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެ ނަރުހުންނަށް ތަޢުރީފުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ނަރުހުން ތިބެ އެބައިމީހުން އެ އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށެވެ. އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވައިފައެވެ.
ޑރ. މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ޚިދުމަތުގެ ދާއިރާ ކުރިއަރުވައި އިސްލާހުކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާކަން މިފުރުޞަތުގައި ފަރަގުން ފާހަގަކުރަމެވެ. ނަރުހުންނާއި ސިއްހީ ޚިދުމަތެރީންނަށް ފާގަތި ކުރިމަގަކަށް އެދެމެވެ.
ބައެއް ލަފުޒުގެ މާނަ:
ކުލުނު ނ. (1) އަޅައިލުމާއި އޯގާވެރިކަން ހުރުމުގެ ސިފަ. (2) ލޯބި
ހޭހަން ނ. (1) ބަލިވެއުޅޭ މީހާއަށް އޯގާވެރިކަމާ އެކު ކުރާ ޚިދުމަތް. (2) ހާލުގައިޖެހިފައިވާ މީހަކަށް ވާ އެހީ. (3) ބަލިމީހާއަށް ކުރާ ފަރުވާ. މި ނޫނަސް މި ބާވަތުގެ ޚިދުމަތަށް ހޭހަން ކިޔައެވެ.