Advertisement

ބަދަލު

12 May 2024 | 08:27
ފައިހާ ކައިރީގައި އޮތް މީހާ ދުވެފައި ދަނީ. އާޒިމް ބަލަހައްޓައިގެން

އަސްމާ އަބޫބަކުރު

ލޯތްބަށްޓަކައި އެކި މީހުން ކުރާނީ އެކި ކަންކަމެވެ. ހުށަހަޅާނީ ވެސް އެކި ޝަރުތެވެ. އަހަރެން ހަމައެކަނި އާޒިމް ދެކެ ލޯބިވީއެވެ. އެއްވެސް ޝަރުތެއް ނެތިއެވެ. އެއީ އަހަރެންގެ ފުރަތަމަ އަދި ފަހުގެ ވެސް ލޯތްބެވެ.

"ކޮން ދުވަހަކުން އަހަރެމެން މެރީކުރާނީ؟ އަބަދު މިހެންނެއް ނޫޅެވޭނެ. އެހާ ގިނަދުވަހު ރައްޓެހިވެގެން އުޅޭކަށް އަހަރެންގެ މަންމަ ގަބޫލެއް ނުވާނެ." އާޒިމް ގާތު އަހަރެން ބުނީމެވެ.

"އަދި އަހަރެން ބޭނުން ހަތަރު މަސް ދުވަސް. އެހާ ދުވަހަށް ފައިހާއަށް މަޑުކޮށްލެވިދާނެތަ؟" އާޒިމްގެ އަތުން ހަތަރު އިނގިލި ދައްކައިލަމުން ބުނެޏެވެ. އަހަރެންގެ އުމުރުން އެކާވީސް އަހަރާއި އަށް މަސް ފުރުނު ދުވަހު ދެއްކުނު ވާހަކައަށް އަހަރެން އެއްބަސްވީ ދެން އަންނަ އުފަންދުވަހު ކައިވެނި ކުރެވޭނެތީއެވެ.

އަހަރެން އާޒިމާ ރައްޓެހި ވެގެން މި އުޅުނު އެއް އަހަރު ތެރޭގައި އާޒިމާ އެކު ވަރަށް ގިނަ ވަގުތު ވާހަކަދެއްކިފައި ވާނެއެވެ. ބައްދަލު ކުރެވެނީ ވަރަށް މަދު ފަހަރެއްގައެވެ. އެއީ އާޒިމަކީ ބިޒީ ޝެޑިއުލެއްގައި މަސައްކަތަކުރާ މީހެކަށް ވާތީއެވެ. ބައެއް ފަހަރު ތަނަކަށް ދާން ވިއަސް އޭނައާ އެކު އެޕޮއިންޓްމަންޓް ހައްދައިގެން ނޫނީ ނުދެވޭހާ ބިޒީ މީހެކެވެ.

އަހަރެން މާލެ އައީ ވަޒީފާއަކަށް ވަންނާން އަހަރެންގެ ދޮންތަ ބުނެގެންނެވެ. ދޮންތަގެ ހުންނަނީ ހަމައެކަނި އަންހެން ކުއްޖެކެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް ހިފައިގެން އުޅޭތީ، އަހަރެން ނިދަނީ ރާޝިހާގެ ކޮޓަރީގައެވެ. އަހަންނަކަށް އެއްވެސް ދަތިކަމެއް ނެތެވެ. މަންމައާ ވާހަކަ ދެއްކި ދުވަހެއްގައި މަންމައާއި ބައްޕަ ވަރަށް އަވަހަށް މާލެ ގެންނާނެ ކަމުގައި ބުނީމެވެ.

"ތިޔަ ތާކު ނެތެއްނު ތަނެއް ވެސް." މަންމަ ބުނީ ރަނގަޅު ވާހަކައެވެ. އަހަރެމެން އުޅޭ ކޮޓަރީގައި ކުއީން ސައިޒުގެ އެނދެއް ބަހައްޓައިފައި ވާތީ އިތުރަށް ޖާގައެއް ނޯވެއެވެ. މާލޭގައި މައްސަލައަކީ މިއީއެވެ. ހަމައަށް ނޭވާލާނެ ޖާގައެއް ނޯވެއެވެ.

އެއް ދުވަހަކު އަހަރެން އެ ވާހަކަ އާޒިމް ގާތު ދެއްކުމުން އެއް ކޮޓަރީގެ އެޕާޓްމަންޓެއް ހިފައިފައި އަހަރެން ބަހައްޓާ ވާހަކަ އޭނާ ބުންޏެވެ.

"އާޒިމް ހާދަ ރަނގަޅޭ." އަހަރެން ހުރީ އާޒިމް އެހެން ބުނުމުން ބައްތިރީސް ދަތް ފެންނަ ވަރަށް އުފާވެފައެވެ.

"ތިއީ އަހަރެން ވާން އުޅޭ....." އާޒިމްގެ ޖުމްލަ ފުރިހަމަ އެއް ނުކުރިއެވެ. އެހެންނަމަވެސް އެޕާޓްމަންޓް ހިފައިފައި އޭނާ ބުނި ގޮތަށް އަހަރެން ބަދަލު ކުރިއެވެ. އަހަރެން އެ ގޮތަށް ވަކީން ދާކަށް ދޮންތަ ގަބޫލެއް ވެސް ނޫނެވެ. އެކަމަކު އަހަރެން އެ ތަނަށް ބަދަލުވީ އާޒިމާ އެކު އެކަނިވެލާނެ ވަގުތު ވެސް ހޯދާން ވެގެންނެވެ.

"މަންމައާއި ބައްޕަ ގެނެވޭނީ އަހަރެން މި ކޮޓަރީން ނިކުމެގެންތާ. އެހެންވެ މި ބަދަލުވީ. ކައިވެނިކުރާން ދެން އޮތީ އެންމެ މަހެއްނު؟" އަހަރެން އެހެން ބުނުމުން ދޮންތަ ހިތްހަމަ ނުޖެހުނަސް އެއްޗެކޭ ނުބުނެއެވެ.

އާޒިމް ކުއްޔަށް ނެގި އެޕާޓްމަންޓަށް އަހަރެން ބަދަލުވުމާއެކު އަހަރެން ދެމީހުން އެކަނި ވަގުތު ހޭދަކުރާން ފުރުސަތު ލިބުނެވެ. އާޒިމްގެ ވާހަކަތަކުން އަހަރެންގެ ހިތަށް އުންމީދުގެ އަލިކަން ގެނުވައިފިއެވެ. ހިތުގައި ވާ އުފާވެރިކަން ވިދައި ބަބުޅައިގަތެވެ. އެކުގައި ލިބުނު ކޮންމެ ވަގުތެއްގައި ކުރިމަގު އުޖާލާވާ ޒާތުގެ އެތައް ވާހަކަތަކަކުން އަހަރެން ހިތް އޮތީ ޝުކުރުން ފުރިފައެވެ.

އަހަރެންގެ އެކުވެރީން ގާތު އާޒިމްގެ ވާހަކަ ކިޔައިދެވެނީ ހިނިތުންވުމާ އެކުއެވެ. އުފަލުން ފޮޅިފައި އިނދެގެންނެވެ. އާޒިމް އަޅައިލާ މިންވަރާއި، އަހަރެން ދެކެ ލޯބިވާ ވަރު ކިޔައިދެމެވެ.

"ތިޔަ ހާ ވަރަށް ލޯބިވެރިޔާގެ ވާހަކަ އެހެން މީހުން ގާތު ދައްކާކަށް ނުވާނެ. އެސްފީނާ ޖެހިދާނެ." އެކުވެރި ރާމިޒާ ބުންޏެވެ. އެ ދުވަހު އަހަރެން ހިތަށް އެރީ ރާމިޒާގެ ހިތުގައި އެ އޮތީ ހަސަދަވެރިކަމެވެ. އެއްވެސް ގޮތަކަށް އެއީ ރަނގަޅަށް ބުނި އެއްޗަކަށް ނުވިސްނަމެވެ.

"އެބަ ޖެހޭ އޮފީސް ދަތުރަކު ތިން ދުވަހަށް ރަށަކަށް ގޮސްލާން. ރަނގަޅަށް ކައިގެން ހުންނައްޗޭ. ކައިވެންޏަށް އޮތީ ބާކީ ފަނަރަ ދުވަސް. ފައިހާ ނިންމާން ޖެހޭ ކަންތައްތައް ނިންމައިލާ. ވެޑިންޑްރެސް ފަހާން މާދަމާ ހަނދާންކޮށް ދޮންތައާ އެކުގައި ދައްޗޭ. އަހަރެން އައިސް ކާޑުގެ މަސައްކަތް ނިންމައިލާނަން"  އާޒިމް ދެއްކި ވާހަކަ އަށް އަހަރެން ބޯޖަހައިލަޖަހައިލައި އިނީމެވެ. އަންނާން އޮތީ ކިހާވަރެއްގެ ތޫފާނެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް ކަމަކީ އާޒިމް އަހަންނަށްޓަކައި އެތައް ގުރުބާނީތަކެއް ވާކަމެވެ. އާޒިމް ކަހަލަ ފިރިއަކު ކޮންމެ އަންހެން ކުއްޖަކަށް ބޭނުންވާނެކަމެވެ.

އެންމެ ތިން ދުވަސް ތިން ގަރުނާ އެއްވަރަށް ދިގުވެއްޖެއެވެ. އާޒިމަށް ގުޅޭ ވަގުތު މަދުވިއަސް ދުވާލަކު އެއް ފަހަރު ގުޅައެވެ. މި ހިތަށް ވިސްނައިދެމުން ދިޔައީ އަހަރެން ވެސް އޮފީހުގައި ބިޒީވާ މިންވަރަށް ނުވަތަ އެއަށް ވުރެ މާ ބޮޑަށް އާޒިމް ބިޒީވާނެކަމެވެ. ފުރަތަމަ ދެ ދުވަހު ދޮންތަގެއަށް ގޮސް މަންމައާއި ބައްޕައާ ވެސް ވާހަކަދައްކާން ވަގުތުކޮޅެއް ހޭދަކުރީމެވެ. އެކަމަކު އެއްވެސް ތާކު އިންނަ ހިތެއް ނުވެއެވެ. އާޒިމް މަތީން މާބޮޑަށް ހަނދާންވަނީއެވެ. ދޮންތަ އެތައް ފަހަރަކު ދިމާ ވެސް ކޮށްފިއެވެ. ވެޑިންޑްރެސް ފަހާ ތަނަކަށް ދެވުނީ ރޭގަނޑު އަށެއްޖެހިފަހުންނެވެ. ދޮންތަގެ ދިއުޅި ދިގުކަމުންނެވެ. ދޮންތަ ގެއަށް ފޮނުވައިފައި އަހަރެން އައީ އަހަރެމެންގެ އެޕާޓްމަންޓަށެވެ. ކުރީ ދެރޭ ނުނިދޭތީއާ އެކު އާޒިމް ގުޅީމާ ވަރަށް ނިދިއަންނަކަމަށް ބުނެފައި ނިދީއެވެ. ހެނދުނު ލޯ ހުޅުވައިލެވުނު އިރު އަހަރެން ނިދާ އެނދުގައި އޮތީ ނުވެސް ދަންނަ މީހެކެވެ.

"ކާކުތީ. ކީއްކުރާން މިތާ ތިޔަ އޮތީ؟" އަހަރެން ހަޅޭއްލަވައިގަތުމާއެކު އެނދުން ފުންމައިގަތީ ބިޗުލެއް ދަތްއެޅީމާ ފުންމައިގަންނަ ގޮތަށެވެ. ދުއްވައިގަނެގެން ގޮސް ކޮޓަރީގެ ދޮރާ ހަމައަށް ދެވުނުއިރު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ކުރިމަތީގައި ހުރީ އާޒިމެވެ. ކުއްލި ހައިރާންކަމަކާއެކު އެނދުގައި އޮތް މީހާއާ ދިމާއަށް ބަލަހައްޓައިގެން އާޒިމް ހުރި ގޮތުން އަހަރެން ހުރީ ބަސްހުއްޓިފައެވެ.

"އަހަރެން ދޮގެއް ނުހަދަން. އެއީ އަހަރެން ދަންނަ މީހެއް ނޫން." އަހަރެން އެހެން ބުނި އިރު ހުރެވުނީ ފާޑަކަށް ރޮވިފައެވެ.

"ފައިހާއާ އަހަރެން ރޭގައި ނިދީ ބޭރަށް ގޮސް ދެމީހުން އެކީގައި ކައިގެން އައިސް ނޫންތަ؟ ކީއްވެ އަހަރެން ނުދަންނަ ކަމަށް ތިޔަ ހަދަނީ؟" އެއީ ކޮން ކަހަލަ މީހެއް ކަމެއް ނޭނގެއެވެ. އަހަރެން ހަނދާންވާ ގޮތުގައި ރޭގައި ނިދީ ވެސް އެޕާޓްމަންޓް ތަޅުލެވުނުތޯ ޗެކު ވެސް ކޮށްފައެވެ.

"ހަމަ މިހާރު މި ތަނުން ނިކުމޭ." އާޒިމް އެމީހާ ދިމާއަށް އެހެން ބުނަންވީ އިރު އެ މީހާ ހުރީ ދުއްވައިގަނެގެން ދިއުމަށް ދޮރުމަތީގައެވެ.

"ފައިހާ މަޑުކުރޭ. އަހަރެން އެބަ އަންނަން." އަމުރުވެރި ރާގަކަށް އާޒިމް އެހެން ބުނުމަށްފަހު އެމީހާ ފަހަތުން ދުއްވައިގަތެވެ.

"ރާއްޓޭ މި އޮތީ އަގު. އަވަހަށް ދޭ." އާޒިމް ހިނިތުންވުމާ އެކު އެ މީހަކު ފޮނުވައިލައިފައި އައިސް އެޕާޓްމަންޓަށް ވަނެވެ.

"އަހަރެން ފައިހާއަށް ޓަކައި ނުވަނީ ކޮން ގުރުބާނީއެއް. އެންމެ ތިން ދުވަހަށް ކެތްތެރި ނުވެވުނު މީހަކަށް މަށާ އެކު އުމުރު ދުވަހު ކެތްވާނެތަ؟" އާޒިމްގެ ރުޅިވެރި ބަސްތައް އަމާޒުވަމުން ދިޔައެވެ.

"ކައިވެނީގެ ކުރީން ފައިހާގެ ގޮތް އެނގުނުކަން ވަރަށް ރަނގަޅު. މި ހިސާބުން އަހަރެން ކުރިމައްޗަށް ފައިހާ އައިސްގެނެއް ނުވާނެ."

"އާޒިމް. ކީއްވެ މަށަށް އިތުބާރު ނުކުރަނީ. ލޯބީގެ ދެވަނަ ނަމަކީ އިތުބާރު. އަހަރެން ކީއްވެ އެ ފަދަ މުޑުދާރުކަމެއް ކުރާންވީ. އާޒިމާއެކު އުމުރު ދުވަހު އުޅޭންވީ ވައުދު ހަނދާން ނައްތައެއް ނުލާނަން. ކޮންމެ ގޮތަކަށް ކަންތައް ހިނގިއަސް ކޮންމެވެސް ދުވަހަކުން އާޒިމަށް އެނގޭނެ އަހަރެން ދެއްކީ ތެދު ވާހަކަކަން." އަހަރެން ރޮމުންރޮމުން އެ އެޕާޓްމަންޓުން ވެސް ނިކުތީއެވެ. ދޮންތަމެންގެ ގެއަށް ދެވުމާއެކު އަހަރެން އަނބުރައިގަނެގެން ވެއްޓުނެވެ.

ހޭއެރުމުން ވީ ގޮތް ދޮންތައާއި މަންމަ ވެސް އަހާން ފަށައިފިއެވެ. އަހަރެން ހުރިހާ ވާހަކައެއް ދޮންތައަށް ކިޔައިދިނީމެވެ. އެކަމަކު ނުކިޔައިދޭ އެއްވާހަކަ އޮތެވެ. ކައިވެނީގެ ކުރީން އަހަރެންގެ ހަށިގަނޑުން އާޒިމް އުފާ ހޯދި ވާހަކައެއް އަހަރެންނެއް ނުބުނަމެވެ. އެއީ އަހަރެންގެ ވެސް ބައިވެރިވުން އޮތަތީއެވެ. އޮފީހުން ވެސް ޗުއްޓީއެއް ނެގުމަށް ފަހު، ކެނޑުނީ ލަދުން ރައްޓެހީންގެ ކުރިމައްޗަށް އަރާން ނުކެރިގެންނެވެ.

އަހަރެން ޗުއްޓީ ނެގުމުން ރާމިޒާ ގުޅިއެވެ. ގެއަށް އަންނާން އަހަރެން ބުނުމުން ރާމިޒާ އައިސް ވާހަކަ ދައްކާން އިނެވެ.

"ފުލުސް އޮފިސަރަކަށް ވުރެ އެންމެ ތަންކޮޅެއް ދެރައެއް ނޫން. ތިޔަކުރާ ސުވާލުތަކަކުން؟"

"ފައިހާ އެރޭ އެޕާޓްމަންޓް ތަޅުލީމެންނު. ހެނދުނު ހޭލައިގެން ހަޅޭއްލަވައިގަތް ވަގުތު އާޒިމް އައިސް ދޮރު ހުޅުވީ. އެއީ އިއްތިފާގެއް ނޫން. ޔަގީން. އެއީ ރޭވުމެއް. އަހަންނަށް ފައިހާގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ. އާޒިމް ނޫން މީހަކާ ހަތަރުކަޅި ވެސް ތިޔަ ފައިހާ ހަމައެއް ނުކުރާނެ. މަށަށް އެނގޭ ފައިހާ ނުނިދާނެކަން ނުވެސް ދަންނަ މީހަކާ އެކީ. އެކަމަކު އާޒިމް އެހެން ކަންކުރާންވީ ކީއްވެބާ؟" ފައިހާގެ ސުވާލުތަކަށް އަހަރެންގެ އަތުގައި ޖަވާބެއް ނެތެވެ.

އޭގެ ދެތިން ދުވަސްފަހުން ދޮންތައާއި ފައިހާގެ މަސައްކަތުން އެނގުނީ އާޒިމް އެ ގޮތަށް އަންހެން ކުދީން މި ނޫނަސް ގެންނަކަމެވެ. އަދި މަކަރާ ހީލަތުން އެ އެޕާޓްމަންޓްގައި ބައިތިއްބައިގެން އަންހެންކުދީންގެ ހިތްތަކާކުޅުމަކީ އާޒިމްގެ އާދައެއްކަން އެނގުނެވެ. އަހަންނަށް ދެރައީ އަހަރެންގެ ހިތްހަލާކުކޮށްލި މަކަރުވެރި ގޮތެވެ. މީހަކު ބަދަލުވާކަށް ފަޅި ސިކުންތެއް ވެސް ނުނަގާނެކަން މިހާރު އެނގިއްޖެއެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް