Advertisement

ނަތަންޔާހޫގެ "އަނގަމަތީގައި ތަފާލަކުން ޖެހީއެވެ."

11 May 2024 | 19:32
ޔޫއޭއީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ޝައިޚު ޢަބްދުﷲ ބިން ޒައިދު އާލް ނަޙުޔާން، (ފޮޓޯ: ރޮއިޓަރސް)

އަބާ މުޙަންމަދު

"ހަނގުރާމަ"އަށް ފަހު، މުސްގުބަލުގައި ޣައްޒާގައި އުފެދޭ ސަރުކާރަކަށް އެހީތެރިވުމުގައި ގަލްފުގެ ގައުމުތަކަށް ބައިވެރިވެވޭނެކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނުމުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އިން ވަރުގަދަ ރައްދެއްދީ އޭނާގެ "އަނގަމަތީގައި ތަފާލަކުން ޖެހީއެވެ."

ޔޫއޭއީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ޝައިޚު ޢަބްދުﷲ ބިން ޒައިދު އާލް ނަޙުޔާން، އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރުގެ އެ ކޮމެންޓުތަކަށް ރައްދުދެއްވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"އިސްރާއީލުން ޙިޞާރުކޮށްފައިވާ ޣައްޒާ ސަރަހައްދުގެ މަދަނީ އިދާރިއްޔަތުގައި ގަލްފުގެ ގަމުތަކުން ބައިވެރިވާން ގޮވައިލި ގޮވައިލުން ޔޫއޭއީއިން ކުށްވެރިކުރަމެވެ." ޝައިޚު ޢަބްދުﷲ ޢަރަބިބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

"ޔޫއޭއީއިން ބާރުލައި މި ގޮވައިލަނީ މި ފަދަ ފިޔަވަޅެއް އަޅާކަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި، ޣައްޒާ ސަރަހައްދުގައި އިސްރާއީލުގެ ވުޖޫދު ބޭއްވުމަށް ޓަކައި ކުރެވޭ އެއްވެސް ތަދުބީރެއްގައި އިސްރާއީލުގެ ބައިވެރިވުން އޮތުމާ ޔޫއޭއީ ކަނޑައެޅިގެން ދެކޮޅެވެ." އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ.

ޝައިޚު ޢަބްދުﷲ ހާމަކުރެއްވި ގޮތުގައި މިނިވަން ފަލަސްތީނެއްގެ ރައްޔިތުންގެ އުންމީދުތަކާއި އިލްހާމުތައް ހަގީގަތަކަށް ވާ ގޮތަށް އުފެދޭ ފަލަސްތީނު ސަރުކާރަކަށް އެހީވާން އަބަދު ވެސް ޔޫއޭއީ ތައްޔާރުވާނެއެވެ.

މި ހަފުތާ ތެރޭގައި ދުރަށް ފޮނުވި ބަސްދީގަތުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ "ހަނގުރާމަ"އިގެ ފަހުން ޣައްޒާގައި އުފެދޭ ސަރުކާރަކަށް އެހީވުމުގައި އޫއޭއީއާއި ސުޢޫދީ ޢަރަބިއްޔާއާއި [އަދި ގަލްފުގެ] އެހެން ގަމުތަކަށް ބައިވެރިވުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ.

ނަތަންޔާހޫގެ ކެބިނެޓުގެ އިސް ވަޒީރަކު ބުނެފައިވަނީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ ސަރަހައްދުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދާން އޭނާ ކަނޑައެޅިގެން ދެކޮޅުކަމަށެވެ. އަދި ނަތަންޔާހޫ ބުނީ "ހަނގުރާމަ"ގެ ފަހުން ވެސް ޣައްޒާގެ ސަލާމަތީކަންކަން ބެލެހެއްޓުން އެ ގޮތަށް ދަމަހައްޓާން އިސްރާއީލު ބޭނުންވާކަމަށެވެ.

ޔޫއޭއީއިން ތާއީދުކުރާ ގޮތަށް އިސްރާޢީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގުއައްސޭރިއާއި ޣައްޒާގައި މިނިވަން ދައުލަތެއް ގާއިމުކުރުމަކީ ފަލަސްތީނު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.

އިސްރާއީލާއި އޫއޭއީއާ ދެމެދު އޮންން ޑިޕްލޮމެޓިކު ގުޅުމުގެ ސަބަބުން އެހީގެ ތަކެތި ޣައްޒާއަށް ވައްދާން ބައެއް ފަހަރު ހުއްދަ ލިބުނުކަމުގައި ވިޔަސް، އިސްރާހީލުގެ ރަޙުމެއް ނެތް ޙަމަލާތަކުން އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ އަދި ޝަޙިދުވަމުންދާ ޢުދުވާނީ ޙަމަލާ ވަރަށް ގިނައިން ޔޫއޭއީއިން ކުށްވެރިކުރެއެވެ.

ބައެއް ލަފުޒުގެ މާނަ:

ނިރުބަވެރި      ނއ.    (1) އާދަޔާ ޚިލާފަށް ބިރުވެރިކަން ފަތުރާ ނުވަތަ އުފައްދާ (2) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ގަދަބަދަވިކަން ދައްކާ، އަދި އާދަޔާ ޚިލާފަށް ބިރުގަންނަވާ.

ކޮމެންޓު       ނ.     ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން.

ތަދުބީރު       ނ.     (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.

އިދާރިއްޔަތު     ނ.     (1) ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއް ފަދަ އިދާރާއެއް ހިންގުމަށް ޓަކައި އެ ތަނެއްގައި ދުވަހުންދުވަހަށް ކުރާ އިދާރީ މަސައްކަތްތައް ރާވައި، އިންތިޒާމު ކޮށް، ހިންގުމުގެ އެކިއެކި ޙަރަކާތްތައް. (2) އިދާރީ ކަންކަން ހިންގާ ގޮތް. (3) ދައުލަތުގެ ތަންފީޒީ ބާރުން ކުރާންޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި އުފައްދާ އިދާރާތައް.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް