Advertisement

ޑޮކުޓަރަށް ދައްކާން ތަކުލީފާއި، މާލެ ދާންޖެހޭތީ އިތުރު ތަކުލީފު

11 May 2024 | 01:16
ޞިއްޙީ ޚިދުމަތުގެ ކިޔޫގައި

ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް

الحمد لله، والصلاة والسلام على رسول الله محمد وآله وصحبه، وبعد:

މިހާރު ރައްޔިތުންގެ ބޮޑު އެއް ޝަކުވާއަކީ ޑޮކުޓަރަށް ދެއްކުމަށް ކިއު ދިގުވުމާއި އަދި ރާއްޖެތެރެއިން ރަނގަޅު ޚިދުމަތްނުލިބޭތީ މާލެ ދިއުމުގެ ތަކުލީފެވެ. ހަގީގަތަކީ ވެސް އެއީއެވެ. ދިވެހިރާއްޖޭގައި އޮތް ސިޔާސަތަކީ ވަރަށް އާދައިގެ ބަލިތަކަށް ބޭސްކުރަން ވެސް ރާއްޖެތެރޭގެ މީހުން ގިނަގިނައިން މާލެއަށް ދާންޖެހުމެވެ.  އަދި ނިސްބަތުން ބޮޑު އަދަދެއްގެ ރައްޔަތުން އަވަށްޓެރި ގައުމުތަކަށް ގޮސްގެންނޫނީ ގިނަބަލިތަކަށް އެކަށީގެންވާ ފަރުވާނުލިބެއެވެ. ރާއްޖެތެރޭގެ މީހުން މާލެ ގޮސް އަދި އަވަށްޓެރި ގައުމުތަކަށް ގޮސް ސިއްހީ ފަރުވާ ހޯދުމަކީ ބޮޑު ތަކުލީފެކެވެ. ނުހަނު ބޮޑު ޚަރަދެއް ވެސް މެއެވެ. އެހެންކަމުން މިއީ ހައްލުވާންޖެހޭ މައްސަލައެކެވެ. ކޮންމެ ސަރުކާރަކުން ވެސް މި މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަގީންކަންދެއެވެ. ނަމަވެސް ހައްލެއްނުވެއެވެ. މީހުންގެ ކަންބޮޑުވުން ދަނީ އެއްދުވަހަށްވުރެ އަނެއްދުވަހަށް ބޮޑުވަމުންނެވެ.

މިފަދަ މައްސަލައެއް ހައްލުކުރަން ގޮތެއް ބުނެދިނުމުގެ ކުރީގައި ސިއްހީ ނިޒާމުގެ ބިންގާ އެޅިފައިވާ ގޮތް އެނގިގަތުން މުހިންމެވެ. އާދެ! ސިއްހީ ނިޒާމުގެ ބިންގާ އެޅިފައި އޮންނަނީ ކޮންމެ ގައުމެއްގެ ވެސް ޕަބުލިކު ހެލްތުގެ މައްޗަށެވެ. އެއީ މީހުންގެ ދުޅަހެޔޮކަމާއި ސިއްހީ ނިޒާމުގެ އަސާސެވެ. ޕަބުލިކު ހެލްތުގެ ބޭނުމަކީ ހަމައެކަނި ބައެއް ވެކުސިން ދިނުމާއި ނުވަތަ މަދިރި ކޮންޓުރޯލުކުރާ ވާހަކަދެއްކުން އެކަންޏެއްނޫނެވެ. ޕަބުލިކު ހެލްތުގެ މުހިންމު އެއް ބޭނުމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގެއް ކޮށައިދިނުމެވެ. ނަމަވެސް ރާއްޖޭގައި ރައްޔަތުންނާ މެދު ކަން ކުރެވިފައި އޮތް ގޮތަކީ ހަށިގަނޑަށް ގެއްލުންވާ ފަދަ ނުވަތަ ކުލޮސްޓުރޯލާއި ފަލަވާ ތަކެތީގެ ޑިއުޓީ ކުޑަކޮށްފައި ހަށިގަނޑަށް ފައިދާހުރި ކާތަކެތީގެ ޑިއުޓީ ބޮޑުކޮށް ބެހެއްޓުމެވެ. މިސާލަކަށް އާދައިގެ ފުށް ކިލޯއެއް ފަސްރުފިޔާއަށް ލިބޭނަމަ އާޓާފުށް ކިލޯއެއް ގަންނަންލިބެނީ ވިއްސަކަށް ނުވަތަ ފަންސަވީހަކަށް ރުފިޔާއަށެވެ. މިއީ ހަމައެކަނި މިސާލެކެވެ. އަނެއްކޮޅުން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކަރީއާއި މޭވާ ދިވެހީންނަށް ގަންނާން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައެވެ. އެހެންކަމުން ދިވެހީންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައދިނުމަށް ޓަކައި ޕަބުލިކު ހެލްތުގެ ދަށުން ގައުމީ ފެންވަރުގައި ބަދަލުކުރާން ޖެހޭ ސިއްހީ ޕޮލިސީތަކެއް ވާކަމަށް ގަބޫލުކުރެވެއެވެ. މި ދަންނަވަނީ އޭގެ ތެރެއިން ބައެއް ކަންތައްތަކެވެ.

އެކެއް: ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖީއެސްޓީ ސުންޕަސެންޓަށް ތިރިކުރުމުގެ ސިޔާސަތު ކަނޑައެޅުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެ ފަދަ ތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވޭން އޮތް ހައި ލުޔެއް ދިނުމެވެ.

ދޭއް: ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރުކުރެވޭ ގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި އިމާރާތްތަކުގައި މިނީ ޖިމުތައް ގާއިމުކުރުމެވެ.

ތިނެއް: ކަސްރަތު ސިވިލްސާވިސަށް ވެއްދުމެވެ. ޕުރައިވެޓު ބައެއް ސެކުޓަރުތަކުގައި ކަސްރަތު ވަޒީފާއާއި ގުޅައިލެވިފައިވެއެވެ. ނަމަވެސް ސިވިލްސާވިސަކީ ކަސްރަތަށް ވަރަށް ބީރައްޓެހި ތަނެކެވެ. މުވައްޒަފުން ލައްވައި މަސައްކަތްކުރުވުން ނޫނީ އެހެންކަމެއް ނުދަންނަ މުއައްސަސާއެކޭ ވެސް ދެންނެވިދާނެއެވެ. މުޒަފުންގެ ރަސްމީ ގަޑި ނިމުމަށްފަހު އެ މީހުން ދެން ގެބިގަންނަނީ އިތުރުގަޑި ނެގުމަށެވެ. ނަޖީއަކަށްވާނީ ކަސްރަތާ ދުރުހެލިވާން ދަސްވުމެވެ. އެ ކަމުގެ ސަބަބުން އަވަހަށް ހަށިގަނޑުގެ ދުޅަހެޔޮކަން ގެއްލިދިއުން އެކަށީގެންވެއެވެ. އިސްކޫލުގެ ކަރިކިއުލަމަށް އޮންނަނީ ކަސްރަތު ވެއްދިފައެވެ. އެހެންކަމުން އިސްކޫލުގެ ދުވަސްވަރު އެ ކަން ކުރެވެއެވެ. ނަމަވެސް އިސްކޫލު ނިމިގެން މަދަނީ ޚިދުމަތަށް ވަނުމަށް ފަހު އެ ކަން ކުރުމުގެ ފުރުސަތެއް އެ ވަޒީފާއަކުންނެއް ނުލިބެއެވެ. އެހެންކަމުން ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޓަކައި ދައުލަތުގެ އިދާރާތަކުގައި ސިވިލްސާވިސްގެ ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތައް ވަޒިފާގެ ތެރެއަށް ވެއްދުން މުހިންމެވެ. އަދި ސިއްހަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުން ވެސް މުހިންމެވެ. މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުމެވެ.  ނުވަތަ ސިގުރެޓި ބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުން ފަދަ ކަންތައް ކޮށްގެން ސިވިލްސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.  

ހަތަރެއް: ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތި ތަންތަނުގައިއެވެ. އެ ކަމުގެ ސަބަބުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިވުން ގާތެވެ. ދިރިއުޅޭ ތަން ތާހިރުވެ މީހުންނަށް ކަންކަން ލުއިފަސޭހަވުމަކީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެ ގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނާން ޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުން މުހިންމުކަމަށް ފެނެއެވެ. އޭގެ ތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން ސިއްހީ މިންގަޑަށް ފެތޭ ގޮތަށް ހުރުމާއި ކޮންމެ އިމާރަތެއްގައި ޖިމެއް ހުރުމެވެ. އަދި ކިއެއްތަ! އެ ފަދަ އިމާރާތްތަކުގައި މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރަތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރޫ ނާރާފަދަ ތަނެއްގައި ޕަބުލިކު ކޮފީޝޮޕެއް ހިންގޭނެ ޖާގަ ހުރުން ފަދަ ކަންކަމީ ވެސް ނަފުސާނީ ހަމަހިމޭކަމަށް ލިބޭނެ ކުރިއެރުމެއްކަމަށް ބެލެވެއެވެ.

ދެން އޮތީ ޑޮކުޓަރަށް ދެއްކުމަށް ކިއު ދިގުވުމުގެ ޝަކުވާގެ މައްސަލައެވެ. ތެދެއްމެއެވެ. ވަރަށް އާދައިގެ ކަންކަމުގައި ވެސް ޑޮކުޓަރަށް ދެއްކުމަށް ހޭދަވާ ވަގުތު ވަރަށް ވެސް ގިނައެވެ. މި ދުވަސްވަރުގައި މީހުންގެ ދިރިޅުމުގެ މަސައްކަތް ބެހިފައި ހުންނަ ގޮތުން އާދައިގެ ކަންކަމަށް ޑޮކުޓަރަށް ދައްކާން ގިނަ ވަގުތުތައް ހޭދަކުރާން ޖެހުމަކީ އެންމެންނަށް ވެސް އުނދަގޫކަމެކެވެ. އެހެންކަމުން އެ ކަމުގެ ހައްލެއްގެ ގޮތުން ވެސް ޚިޔާލެއް ދިނުމަކީ އެންމެ ރަނގަޅުކަމެއްކަމުގައި ދެކެމެވެ.

އެކެއް: ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) އެވެ.

އަވަށުކުލިނަކަކީ އެ މީހަކު ދިރިއުޅޭ އަވަށުގައި އެ މީހަކަށް ސައުވީސް ގަޑީގެ ޚިދުމަތް ދިނުމަށް ޚާއްސަކުރެވިފައި ހުންނަ ހަސްފަތާލެވެ. އެހެންކަމުން އެ މީހަކަށް ފަސޭހަ ވަގުތެއްގައި އެ މީހަކަށް ބޭނުންވާ ފުރަތަމަ މަރުހަލާގެ ބޭސްފަރުވާ ހޯދުން ފަސޭހަވާނެއެވެ. އަދި ކިއެއްތަ! އެ މީހެއްގެ ސިއްހީ ރުކޯޑު ވެސް ހުންނާނީ އެ ތަނެއްގައި ހުންނަ ސިސްޓަމެއްގައި ރައްކާކުރެވިފައެވެ. މިސާލަކަށް އެ މީހަކީ ހަކުރުބަލީގެ މީހަކު ކަމުގައިވެފައި ދައްކާން ޖެހޭ މުއްދަތުގައި ހާޒިރުނުވެއްޖެ ނަމަ އެ މީހަކާ ގުޅައި އަދި ނާދެވޭނެ ފަދަ އުޒުރެއް ބުނެފި ނަމަ، އެ މީހެއްގެ ގެއަށް ގޮސްގެން ވިޔަސް ހަކުރު ޗެކުކޮށްދީ އަދި ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެކެވެ. ހަކުރުބަލީގެ މިސާލެއް ދިންކަމުގައި ވިޔަސް ލޭގެ ބައްޔާއި ކޮލެސްޓުރޯލް މޮނީޓަރުކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށު ކުލިނިކުގެ މަސްއޫލިއްޔަތެކެވެ. އަދި ދަންވަރު ވަގުތެއްގައި އަވަށު މީހަކަށް ސިއްހީ މައްސަލައެއް ދިމާވެއްޖެ ނަމަ އެ މީހަކަށް ދޭންޖެހޭ ފުރަތަމަ ފަރުވާއާ އެކު، އެއަށް ވުރެ މަތީ މަރުހަލާގެ ހަސްފަތާލަށް ސިއްހީ ރައްކާތެރިކަމާ އެކު، ވާސިލުކޮށްދިނުމަކީ ވެސް އަވަށުކުލިނިކުގެ މަސްއޫލިއްޔަތެކެވެ.

ދޭއް: ދިވެހިރާއްޖޭގައި ޕްރައިމެރީ ހެލްތުކެއަރއާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލީން ރައްކާތެރިވެ، ބަލިތައް މޭނޭޖުކޮށް، ސިއްހީ ޚިދުމަތް އިސްރާފު ކުޑަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެ ގޮތުން އަވަށުކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާން ޖެހޭނެ ތަނަކީ އަވަށު ކުލިނިކުކަމުގައި ހަމަޖެއްސުމެވެ. އަވަށުކުލިނިކުތައް އުފެއްދިއްޖެ ނަމަ އެ އަވަށުގައި ތިބޭ މީހުންގެ ވަގުތު ސަލާމަތްކުރެވިފައި އަދި އެ މީހުންގެ ސިއްހީ މައްސަލަތަކަށް ވެސް ރަނގަޅު ހައްލެއް ލިބިދާނެކަމަށް ފެނެއެވެ.

ދެން އޮތީ އަތޮޅުތަކުން ރަނގަޅު ސިއްހީ ޚިދުމަތް ނުލިބޭތީ މާލެ ދާންޖެހުމުގެ ތަކުލީފެވެ. އެމް.ބީ.ބީ.އެސް ނިންމާ ދަރިވަރުންނަށް ވަކި ރޮނގަކުން ޚާއްޞަ (ސްޕެޝަލައިޒް)ވުމުގެ ފުރުސަތު ނުލިބި ލަސްވުމީ ރާއްޖެތެރެއިން ރަނގަޅު ސިއްހީ ޚިދުމަތް ނުލިބޭ އެއް ސަބަބެވެ. ރާއްޖެތެރޭގައި ވެސް ބައެއް ތަންތަނުގައި ރަނގަޅު ފެންވަރުގެ ހަސްފަތާލުތައް އިމާރާތްކުރެވިފައި އެބަހުއްޓެވެ. ނަމަވެސް ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބެއެވެ. ޚުލާސާއަކީ ސިއްޙީ ދާއިރާގެ ފަންނުވެރީން ނުއުފައްދައި ތިބެގެން ކިތަންމެ ވަރަކަށް ހަސްފަތާލުތައް ބުރިބުރިއަށް އުފުލިކަމުގައި ވިޔަސް އެއިން ކުރާނެ މަންފާއެއް ނޯއްނަނެ ވާހަކައެވެ. ތަރައްގީގެ ބިންގަލަކީ މީހުން ބިނާކުރުމެވެ. އެހެންކަމުން ދިވެހި ޒުވާން ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމުގެ ފުރުސަތު ގިނަކުރުމަކީ އެ ކަމުގައި އޮތް ދުރު ރާސްތާގެ ހައްލެވެ.   

އެމް.ބީ.ބީ.އެސް ނިންމާ ދިވެހި ޑޮކްޓަރުންނަށް ސްޕެޝަލައިޒްވުމުގެ ފުރުސަތު ނުލިބި ލަސްވާ ސަބަބުތަކުގައި ކިތަންމެ ސިއްރުތަކެއް ފޮރުވިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑު ފާހަގަކުރާ ސަބަބަކީ ވެރީންގެ އިހުމާލެވެ. ނުވަތަ އިޚުލާސްތެރިކަން ކުޑަކަމެވެ. ނުވަތަ ތިމާގެ ހިތުގައި ގައުމާ މެދު ކުލަނު ކުޑަވުމެވެ.

ކޮންމެ އަކަސް މިއީ މިކަމުގެ ސަބަބުން ރައްޔަތުންނަށް އަތޮޅުތަކުން ރަނގަޅު ޚިދުމަތް ނުލިބިގެ މާލެ ގޮސް ތަކުލީފު އުފުލާން ޖެހުމުގެ އިތުރަށް ސިއްޙީ ދާއިރާއަށް ވެސް ނޭދެވޭ އަސަރުތައް ކުރާ ކަމެކެވެ. އެ ގޮތުން ކުރާ ބައެއް އަސަރުތައް ފާހަގަކޮށްލާނަމެވެ.

ހ- ސިއްހީ ނިޒާމުގެ ތެރެއިން ދިވެހިރާއްޖެއަށް ބައެއް އަވަށްޓެރި ގައުމުތަކުގެ ނުފޫޒުވަނުމަށް މަގުފަހިވުމެވެ.

ށ- ސިއްހީ ޚިތުމަތް ހޯދުމަށް ޓަކައި ރައްޔަތުން ދައްކާ ޓެކުސްގެ ފައިސާ ބޭރު ގައުމަށްތަކަށް ލިބެވޭ ގޮތަށް މަގުފަހިވުމެވެ.

ނ- ދިވެހި ޒުވާނުންގެ މިންނެތް މަސައްކަތުންނާއި ބައިވަރު ފައިސާ ހޭދަކޮށްގެން ހާސިލުކުރާ އެމް.ބީ.ބީ.އެސްގެ ފުރަތަމަ ޑިގުރީގެ މަގުސަދު ފުރިހަމައަށް ހާސިލުނުވުމެވެ. އެހެނީ އެ ޑިގުރީގެ ބޭނުމަކީ ސިއްހީ ދާއިރާއަށް ފުރިމަހަ ޚިދުމަތެއްކުރުމެވެ. އަދި އެ ދާއިރާއިން ފުރިހަމަ ޚިދުމަތެއް ކުރެވޭނީ ސްޕެޝަލައިޒްވެގެންކަމަށް ވާތީއެވެ.

ރ-ސިއްހީ ދާއިރާ ތަރައްގީކޮށް ހިންގާނެ ދިވެހިންތަކެއް އުފެދުމަށް ހުރަސްއެޅުމެވެ.

މި ކަމުގެ ހައްލުގެ ވާހަކައެއް މީހަކު ދައްކައިފި ނަމަ ބައެއް ބޭފުޅުން ދައްކަވާ ހުއްޖަތަކީ އަވަށްޓެރި ކޮންވެސް ގައުމަކުން ދެ ތިން ޖާގައެއް ސަރުކާރު މެދުވެރިވެގެން ލިބިގެން ބައެއް ކުދީން ކިޔަވަމުންގެންދާކަމުގެ ވާހަކައެވެ. ތެދެއްމެއެވެ. ސަރުކާރުން ވަރަށް މަދުން ނަމަ ވެސް އެފަދަ ފުރުސަތު ހުޅުވައިލައްވައެވެ. ނަމަވެސް ގިނަ ފަހަރަށް އެ ދެތިން ފުރުސަތެއް ހަމަޖެހިގެން ދާނީ ކޮންމެވެސް ސިޔާސީ ނުފޫޒެއްގެ ދަށުން ނުވަތަ ވެރީން ބޭނުންވާ މިސްރާބަކުންނެވެ. އެހެންކަމުން ގައުމުގެ ޒުވާނުންގެ ބޮޑު ބައެއް ތިބޭން ޖެހެނީ އެ ފަދަ ފުރުސަތުތަކުން މަހުރޫމުވެފައެވެ.  ކޮންމެއަކަސް މިއީ ހައްލުކުރާން ޖެހޭ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ޓަކައި ކުރެވިދާނެ ކަންތަކެއް އެބަ ހުއްޓެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

ހ- މެޑިސިނުން ދުނިޔޭގެ ކުރިއަރައިފައިވާ ބައެއް ގައުމުތަކުން މިސާލަކަށް އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ގައުމުތަކުގެ ބައެއް މެޑިކަލް އިންސިޓިއުޓު ހޮސްޕިޓަލްތަކުން ސްޕޮންސަރ ގަބޫލުކޮށް ސްޕެޝަލައިޒްވުމުގެ ފުރުސަތު ދެއެވެ. އެ ފަދަ ތަންތަނުން ދަރިވަރުން ހޯދާ ޖާގަތަކަށް ސަރުކާރުން ސްޕޮންސަރކޮށްދިނުމެވެ. އިސްވެ ދެންނެވި ގޮތަށް އެމެރިކާ، ކެނެޑާ، ޔޫ.ކޭ މި ކަމަށް ޚާއްސަކުރަނީ އެހެންގައުމުތައް ދެރަވެގެނެއްނެއް ނޫނެވެ. ނަމަވެސް އެމެރިކާ، ކެނެޑާ، ޔޫ.ކޭފަދަ ގައުމުތަކުން ތަޖުރިބާ ހޯދައިގެން ނިމޭ ކުދީންނަކީ ފަހުން މި ގައުމު ބިނާކުރާނެ ކުދީންކަމަށް ބަލައިގެންނެވެ.

ށ- މި ވަގުތު ޚިދުމަތުގައި ތިބި އެމް.ބީ.ބީ.އެސް ދިވެހި ޑޮކުޓަރުން ސްޕެޝަލައިޒްވުމުގެ ފުރުސަތެއް އިސްވެ ދެންނެވި ގޮތަށް ކުރިއަރައިފައިވާ ގައުމުތަކުން ލިބޭތޯ ބެލުމެވެ.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު މި ހުށަހަޅައިލި ޚިޔާލުތަކުގެ މައްޗަށް ޞިއްޙަތާ ބެހޭ ޒުވާން ވަޒީރު ފުން ނަޒަރެއް ދެއްވައި، ސިއްހީ ދާއިރާ ތަރައްގީކޮށް ދުޅަހެޔޮ ޖީލެއް ބިނާކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތްޕުޅު ހަލުވި ވާނެ ގޮތަކަށް މަސައްކަތްޕުޅުތައް ބައްޓަންކުރެއްވުމެވެ. ކީތިރިވަންތަ ﷲ އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ!

وصلى الله على محمد وعلى آله وصحبه وسلم.

އެޑިޓަރުގެ ނޯޓް
ޑޮކްޓަރ ޢަބްދުﷲ ފާރޫޤު އިބްރާހީމަކީ ބެޗްލާރ އޮފް ޝަރީޢާ، އިސްލާމިކް ސްޓަޑީޒުން މާސްޓާސް އަދި ފިޤުހާއި އުޞޫލުލްފިޤުހުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ދީނީ އަދި އިޖުތިމާޢީ މައުޟޫޢުތަކަށް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. "ރިޔާޟުއްޞާލިޙީން" ނަމަކަށް ކިޔުނު ޙަދީޘް ފޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރުޖަމާކުރައްވައި ބޭނުން މީހަކަށް އޮންލައިނުކޮށް ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކުރެއްވިއެވެ. ރާއްޖޭގައި އެ ފޮތް އެހެން ބޭފުޅަކު ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވީ މާ ފަހުންނެވެ.

Advertisement

ކޮމެންޓް