Advertisement

އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލީހުން ފާސްކުރުމުން ސަލާމަތީ މަޖިލީހުގައި އެމެރިކާއިން މި ފަހަރު ހަދާނީ ކިހިނެއް؟

11 May 2024 | 02:46
އދ. ގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ (ފޮޓޯ: އދ./ މެނުއެލް އެލިއާސް)

އަބާ މުޙަންމަދު

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދޭން އދ.މަޖިލީހުގެ ޢާންމު މަޖިލީހުން އިއްޔެ ޤަރާރެއް ފާސްކުރީ އެމެރިކާއާއި އިސްރާއީލު ހިމެނޭ ގޮތުން ނުވަ ގައުމަކުން އިދިކޮޅަށް ވޯޓުދީފައިވަނިކޮށެވެ. މި ޤަރާރާ އިދިކޮޅަށް ވޯޓުދިނީ އެމެރިކާއާއި އިސްރާއީލާއި ޗެކްރިޕަބްލިކާއި ހަންގޭރީއާއި އާރޖެންޓީނާއާއި މައިކްރޯނޭޝިއާއި ޕަޕުއާ ނިއުގިނީއާއި ޕަލާއޫއާއި ނައުރޫއެވެ. ވަކިކޮޅަކަށް ވޯޓު ދޭން ބޭނުންނުވާކަމަށް ވޯޓުދިނީ 25 ގައުމަކުންނެވެ. ވަކި ކޮޅަކަށް ވޯޓުދޭން ބޭނުންނުވި ގައުމުތަކަކީ އަލްބޭނިއާއާއި އޮސްޓްރިއާއާއި ބަލްގޭރިއާއާއި ކެނެޑާއާއި ކްރުއޭޝިއާއާއި ފިޖީއާއި ފިންލޭންޑާއި ޖޯޖިއާއާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި ލެތުވިއާއާއި ލިތުއޭނިޔާއާއި މަލާވީއާއި މާރޝަލް އައިލެންޑްސްއާއި މޮނާކޯއާއި ނެދަރލޭންޑްސްއާއި ނޯތު މެސެޑޯނިއާއާއި ޕެރަގުއޭއާއި ރެޕަބްލިކް އޮފް މޮލްޑޯވާއާއި ރޫމޭނިއާއާއި ސްވިޑުނާއި ސްވިޓްޒަރލޭންޑާއި ޔޫކްރޭނާއި އިނގރޭސިވިލާތާއި އާއި ވަނުއޭޓާއެވެ. އެހެންނަމަވެސް 143ގައުމެއްގެ ވޯޓާއެކު އެ ޤާރާރު އިއްޔެ ފާސްވީއެވެ. މި ގޮތަށް ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ.

މި ގަރާރަކީ ދިވެހިރާއްޖެއާއި ޕާކިސްތާނުން ވެސް ކޯ ސްޕޮންސަރކޮށްފައިވާ ގަރާރެކެވެ. މި ޤަރާރުގައި ވަނީ ފަލަސްޠީނަކީ އދ.ގެ މެންބަރަކަށްވުމުގެ ޝަރުތުހަމަވާ ޤައުމެއްކަމަށާއި އދ.ގެ އެހެން ޤައުމުތަކުގެ ބޮޑު ތާއީދެއް މި ކަމަށް އޮންނަކަމަށް ފާހަގަކޮށްފައެވެ. ފަލަސްޠީނަކީ މިހާރު އދ.ގެ "އޮބްޒާވަރުގެ ހައިސިއްޔަތު ލިބިފައިވާ" ޤައުމެކެވެ. އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ޓަކައި ސަލަމާތީ މަޖިލީހުގައި މީގެ ކުރީން ނަގައިފައިވާ  ވޯޓުގައި އެމެރިކާއިން އެ ކަމާ ދެކޮޅަށް ވޯޓުލައިފައި ވުމުގެ ސަބަބުން އެ ޤަރާރު ފާސްނުވީއެވެ. ފުރިހަމަ މެންބަރު ޤައުމަކަށް ފަލަސްތީން ހެދުމަށް ޓަކައި ހުށަހެޅި ގަރާރު އދ.ގެ ސަލާމަތީ މަޖީލިހުން މި ދިޔަ އެޕްރީލު މަހު 18ގައި ބޭރުކޮށްލީ އެމެރިކާއަށް ލިބިފައިވާ ވީޓޯގެ ނާޖާއިޒު ބާރު ބޭނުންކޮށްގެންނެވެ.  

މީގެ އިތުރަށް ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް، ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ. ފުރިހަމަ މެންބަރަކަށްވުމުން އދ.ގައި ބާއްވާ ހުރިހާ ބައްދަލުވުންތަކެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްޤު އެ ޤައުމަށް ލިބޭނެއެވެ. އަދި އދ.ގައި ހުށަހަޅާ ޕްރުޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، އަދި ކޯ-ސްޕޮންސަރކުރުމުގެ ފުރުޞަތު ވެސް އެ ޤައުމަށް ލިބޭނެއެވެ. 

އެމެރިކާގެ ސަފީރު ރޮބަރޓް ވޫޑް

އދ.ގެ އާންމު މަޖިލީހުން ފާސްކުރާ ޤާރާރުތަކަކީ އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެއް ނޫނެވެ. މި ޤަރާރުން އަންގައިދެނީ މެންބަރު ގައުމުތަކުގެ ޚިޔާލު ހުރި ގޮތެވެ. މި ފާސްކުރުން ތަންފީޒުކުރެވޭނީ ސަލާމަތީ މަޖިލީހުން ފާސްކުރީމައެވެ. ސުވާލަކީ މި ޤަރާރު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމެރިކާއިން ވީޓޯނުކުރާނެހެއްޔެވެ؟

މި ގަރާރު ފާސްކުރުމަށް އެމެރިކާއިން ދެކޮޅު ހަދަހަދައި އޮއްވައި ގަރާރު ފާސްވުމުން އެ ކަމާ ހިތަހަމަނުޖެހިގެން އެމެރިކާއިން ޚިޔާލުފާޅުކުރިއެވެ.

އެ ގަރާރާ ބެހޭ ގޮތުން ވާހަކަދައްކަމުން އެމެރިކާގެ ސަފީރު ރޮބަރޓް ވޫޑް ބުނީ، ގަރާރާ އިދިކޮޅަށް އެމެރިކާއިން ވޯޓުދިނުމަކީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދޭން އެމެރިކާއިން ދެކޮޅުހަދާކަން އަންގައިދޭ ކަމެއް ނޫންކަމަށެވެ.

"މާނަހުރި ގޮތެއްގައި މި ކަން ތަރައްގީވާން އަހަރެމެން ތާއިދުކުރާކަމީ ވަރަށް ސާފު ކަމެކެވެ. އޭގެ ބަދަލުގައި މެންބަރުކަން ދޭންވާނީ މި މައްސަލައިގައި ހިއްސާވާ ފަރާތްތަކުގެ މެދުގައި ސީދާ މަޝްވަރާކުރެވިގެން ކަނޑައެޅިފައިވާ އިޖުރާތެއްގެ ދަށުންނެވެ." ރޮބަރޓް ބުނެފައިވެއެވެ.

"ޔަހޫދީ ދީމުގުރާތީ ދައުލަތެއްގެ ގޮތުން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމާއި އެ މީހުންގެ މުސްތަގުބަލަށް ޓަކައި އެހެން މަގެއް ނެތެވެ. އަދި ފަލަސްތީނު މީހުންނަށް އަމާންކަމާއި ޝަރަފާ އެކު އެބައިމީހުންގެ އަމިއްލަ ގައުމުގައި ދިރިއުޅެވޭނެ އެހެން މަގެއް ވެސް ނެތެވެ." އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

އޭނާ އިތުރަށް ފާހަގަކޮށްފައިވަނީ ފަލަސްތީނާއި މެދުއިރުމަތީގެ އެހެން ސަރަހައްދުތަކުގައި ސިޔާސީ ހަމަޖެހުމުގެ ތަރައްގީގައި އެމެރިކާގެ ބައިވެރިވުން ބާއްވާން އެމެރިކާ ވަރަށް ކަށަވެއްޗެވެ. މި މަގުން މަސައްކަތްކޮށްގެން ފަލަސްތީނުގެ ދައުލަތް ގާއިމުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބޭނެއެވެ.

އެމެރިކާގެ މި ވާހަކަތަކުން އަޅުގަނޑަށް މާނަކުރެވުނީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭން ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ޤަރާރަށް އެމެރިކާއިން ތާއީދުނުކުރާނޭކަމުގެ އިޝާރާތެއްގެ ގޮތުގައެވެ. ދެނެވޮޑިގެންވާނީ މާތް ﷲއެވެ.

މި ގަރާރު ފާސްވުމުން ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޢަބްދުލްޢަޒީޒު އަލްވަސީލް ގޮވައިލެއްވީ ފަލަސްތީނަށް އެ މީހުންގެ ކަންކަން އަމިއްލައަށް ކަނޑައެޅުމުގެ ހައްގު ލިބޭ ގޮތަށް، އާންމު މަޖިލީހުގެ ޤަރާރު [ސަލާމަތީ މަޖިލީހުން] ފާސްކުރުމަށެވެ.

ޗައިނާގެ ސަފީރު ފޫ ކޮން ބުނީ މި ޤަރާރުން ދައްކައިދިނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ރައުޔު އޮތް ގޮތަކަމަށެވެ. އެހެންކަމުން އިސްރާއީލަށް އޮންނަ ކޮންމެ ހައްގެއް ފަލަސްތީނަށް ވެސް ދޭން މިހާރު ލާޒިމުވެއްޖެކަމަށެވެ.

ވީމާ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުވުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު ބޭނުންވާ ގޮތެވެ.

ސްވިޓްޒަރލެންޑުން ވަކި ކޮޅަކަށް ވޯޓު ނުދިން ނަމަ ވެސް ގަރާރު ފާސްވުމާއެކު ސްއިސް ސަފީރު ޕަސްކާލޭ ކްރިސްޓިނޭ ބައެރިސްވީލް ބުނީ އަވަހަށް 'ހަނގުރާމަ' ހުއްޓުން މިހާރު މުހުތާދުވެއްޖެކަމަށެވެ. "ގަރާރަށް ދެކޮޅު ނަހަދައި އަހަރެމެންނަށް އިހުސާސްވީ ސުލްހަ ގާއިމުކުރުމަށް ޓަކައި އޮންނަ އިޖުރާތުގެ ތެރެއިން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދެން ޖެހޭކަމަށެވެ."

އޭނާ އަޑުއުފުލީ ދާއިމީ ސުލްހަ ގާއިމުކުރެވޭ ގޮތަށް މަޝްވަރާކޮށްގެން ޖެހިޖެހިގެން އޮންނަ ދެ ދައުލަތުގެ ޙައްލަށް ސްއިޓްޒަރލެންޑުން ތާއީދުކުރާކަމަށެވެ.

އިނގިރޭސިވިލާތުން އެ ގައުމުގެ ސަފީރު ބާރަރާ ވީޑްވާޑް ބުނީ އިސްރާއީލަށާއި ފަލަސްތީނަށް ހަޖަހުމާއި ސަލާމަތްތެރިކަން ކަށަވަރުވާ ގޮތަށް "ދެ ދައުލަތުގެ ޙައްލު" ހޯދާން އިނގިރޭސިވިލާތުން ސާބިތުކަމާއެކު ކަށަވެތިވެ ތިބިކަމަށެވެ.

ފަރަންސޭސިވިލާތުން، ސަފީރު ނިކޮލަސް ޑި ރިވީރޭ ބުނީ ގަރާރާ އެއް ކޮޅަށް އެ ގައުމުން ވޯޓުދިނީ ސިޔާސީ ޙައްލަކަށް މިއީ އެންމެ ރަނގަޅު ވަގުތުކަމަށް ވާތީކަމަށެވެ.

އިސްރާއީލުގެ ސަފީރު ގިލާދް އަރްދާން ދިނީ ފާޑެއްގެ އިންޒާރެކެވެ. އޭނާ ބުނީ, "ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނާން ނިންމައިފި ނަމަ, އެމެރިކާއިން އދ.އާއި އ.ދގެ އިދާރާތަކަށް ދޭ މާލީ އެހީ ކަނޑައިލާނެކަމަށް ގަބޫލުކުރާ"ކަމަށެވެ. 

ރޫސީވިލާތުން ސަފީރު ވަސިލީ ނެބެންޒިއާ ބުނީ މި ގަރާރަށް ވޯޓު ދިނުމަކީ ސުލޫކީ ވާޖިބެއްކަމަށެވެ. މި ވާހަކަ އޭނާ ބުނީ ގަރާރަށް ވޯޓު ދިނުމުގެ ކުރީންނެވެ.

އެކި ގައުމުތަކުގެ ވާހަކަތަކަށް ބަލާ އިރު ޗައިނާ ފަދަ ރޫސީވިލާތް ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ފަލަސްތީނުގެ ދައުލަތަކަށް ތާއީދުކުރާކަން އެނގެއެވެ. އަދި އެމެރިކާއަށް ބިރުން ވޯޓު ނުދިން ގައުމުތަކާއި ވަކިކޮޅަކަށް ވޯޓު ނުދީ ތިބި ގިނަ ގައުމުތަކަކީ ވެސް ހަގީގަތުގައި އެމެރިކާއަށް ބިރުން ވޯޓު ނުދިން ގައުމުތަކެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން މި ގަރާރަށް ތާއީދުކުރިކަމަށް ވިޔަސް، އަދި ދުނިޔޭގެ އާންމު ރައުޔަކީ އެއީކަމަށް ވިޔަސް، އެމެރިކާއާއި އިސްރާއީލުގެ ބަސްމަގު ހުރި ގޮތުން އާންމު މަޖިލީހުގެ ގަރާރާ އެއް ގޮތަށް ސަލާމަތީ މަޖިލީހުން ރުހުން ދީފާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ ފަލަސްތީނާއި އިސްރާއީލުގެ ކަމެއްގައި ގޮތެއް ނިންމާން ޖެހިއްޖެ ނަމަ، ހަމައެއް ޢަދުލެއް، ލަދުހަޔާތުގެ ކަންފުޅެއް ވެސް ނުގެންގުޅޭ ގއުމަކަށް އެމެރިކާ ވާތީއެވެ. އެމެރިކާއަކީ ވީޓޯކުރުމުގެ ނުހައްގު ބާރު އޮންނަ ގައުމެކެވެ.

ދިވެހިރާއްޖޭގެ އިޖާބަ:

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭން އދ.ގެ އާންމު މަޖިލީހުން ފާސް ކުރުމަށް ޓަކައި ބައިނަލްއަގުވާމީ ގައުމުތަކުން އެޅި މުހިންމު ފިޔަވަޅަށް ރައީސް ޑރ. މުއިއްޒު ވަނީ ތައުރީފުކުރައްވައިފައެވެ.

193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި އިއްޔެ ނެގި ވޯޓަކީ އދ.ގެ ފުރިހަމަ މެންބަރަކަށް ވާން ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމުގެ ބައިނަލްއަގުވާމީ ވޯޓެކެވެ.

ރާއްޖެއާއި ޕާކިސްތާނުން ކޯ ސްޕޮންސާކޮށްފައިވާ މި ގަރާރު ފާސްވުމާ ގުޅިގެން ރައީސުލްޖުމްހޫިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން އަދުލު އިންސާފު ގާއިމުކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތުގައި، އިއްޔެ އދ.ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ތާރީޚީ ކާމިޔާބީއެއް ފެނިވަޑައިގެންފިކަމަށެވެ.

"މި ޖަލްސާގައި އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި ހަމަނުޖެހުންތަކަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށާއި، 1967ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމުކުރުންކަމަށް ރާއްޖެއިން އަބަދުވެސް ދައްކަމުންދާ ވާހަކަތައް ރައީސް ތަކުރާރުކުރެއްވިއެވެ.

ފަލަސްތީނުގެ ދައުލަތަށް އދ.ގެ ފުރިހަމަ މެންބަރުކަން ދޭން ތާއީދުކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ދާދި ފަހުން ވެސް ގޮވައިލައްވައިފައި ވެއެވެ.

ރައީސް ޑރ. މުޙަންމަދު މުޢިއްޒު މިހާރު ހުންނެވީ ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ޓަކައި ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން މައްކާގައެވެ. މިއަދު އެ މަނިކުފާނު މަދީނާއަށް ވަޑައިގެން މަސްޖިދުއްނަބަވީއަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެވަޑައިގަތެވެ. ޑރ. މުޙަންމަދު ސަޢީދު ޢަލި ސަޢީދަކީ ޢަރަބި ދުނިޔޭގައި ވަރަށް މަޤުބޫލު ޝަޚުޞިއްޔަތެކެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙާންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ހަދާނެ ނުހަދާނެ ގޮތެއް ނޭގުނެއްކަމަކު ، އެމެރިކާގެ ސިޔާސަތު އޮތީ ކާލިއަޅައަޅާ.
11 May 2024