Advertisement

ބަދަލުކުރުމުގެ މަގުޗާޓު

10 May 2024 | 00:24
އިސްރާއީލުގެ ޢުދުވާނު ކުރިއަށް ގެންދަނީ އެ މީހުންގެ މަގުޗާތުގައި އޮތް ގޮތަށް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ޣައްޒާއާ ދެކޮޅަށް އަނިޔާވެރި އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުތަކާއި ނަސްލުހޭދުގެ ޖަރީމާތައް ކުށްވެރިކޮށް ފަލަސްޠީނީންނަށް ނަޞްރުދިނުމަށް ޓަކައި ހުޅަނގުގައި (އެމެރިކާއާއި ޔޫރަޕްގައި) ޒުވާނުން ކުރާ އިޙުތިޖާޖުތައް އިތުރުވެ އެ ޤައުމުތަކުގެ މަގުމަތި ކެކެމުންދާއިރު އިސްލާމީ ގައުމުތަކުގައި މިފަދަ  ޢަމަލުތައް ހިނގަމުންދާ ތަން ނުފެންނަނީ ކީއްވެގެންހެއްޔެވެ؟

އާދޭހެވެ! އެއީ ބަދަލުގެނައުމާއި ޒަމާންވީ އިޖުތިމާޢީ ބަރު ހިލަގަނޑުތައް ނަގައި އެއް ފަރާތަށް ލުމުގެ ފަންނިއްޔަތު، ދެނެގަތުމުގެ މަސްއަލައެކެވެ. އެކަމުގެ ޚުޠޫރަތްތެރިކަން ބޮޑުކަމުން ކައު ރަސޫލާ ﷺ ވަނީ ބަދަލުގެނައުމާ ބެހޭ މަގުޗާޓު މި އުންމަތަށް ކުރައްސަވައި ދެއްވައިފައެވެ.އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((مَن رَأى مِنكُم مُنْكَرًا فَلْيُغَيِّرْهُ بيَدِهِ، فإنْ لَمْ يَسْتَطِعْ فَبِلِسانِهِ، فإنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وذلكَ أضْعَفُ الإيمانِ [1] - ތިޔަބައިމީހުންގެ ތެރެއިން މުންކަރާތެއް ފެނުނުމީހާ ފަހެ އޭނާގެ އަތުން އެ މުންކަރާތެއް ބަދަލުކުރާހުށިކަމެވެ. ފަހެ އޭނާ އެކަމަށް ކުޅަދާނަވެގެންނުވާނަމަ އޭނާގެ ދުލުން އެ ކަންތައް ކުރާހުށިކަމެވެ. ފަހެ އެ ކަމަށް އޭނާ ކުޅަދާނަވެގެންނުވާ ނަމަ،  އޭނާގެ ހިތުން އެ ކަންތައް ކުރާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ދެރަ މިންވަރެވެ.))

ސިޔާސީ އަދި އިޖުތިމާޢީ އަނިޔާއާއި މުންކަރާތާ ކުރިމަތިލުމަށް ޓަކައި އެ ކަންކަމާ ދެކޮޅުހަދައި އެ ކަންކަމުން ދިފާޢުވެގަތުމަށް މަސައްކަތްކުރާ ޙަރަކާތެއް އޮންނާން ޖެހޭނެއެވެ. ފިއްތުންތައް ފިއްތާނެ ޙަރަކާތަކާ ނުލައި ބަދަލެއް ނުގެނެވޭނެއެވެ.

ކީރިތި ރަސޫލާ ﷺގެ މި މާތް ބަސްފުޅުން އެނގޭ ގޮތުގައި މި ޙަރަކާތް (ފިއްތުމުގެ ބާރު) އޮންނާނީ އަސާސީ ތިން ދަރަޖައެއްގައެވެ. ތަފާތު ތިން އުސްމިނެއްގައެވެ. އެއީ އަތުން ގެންނަ ބަދަލާއި ދުލުން ގެންނަ ބަދަލާއި ހިތުން ގެންނަ ބަދަލެވެ. މި ތިން ބާރު ތަމްސީލުކޮށްދެނީ ބަދަލުގެނައުމުގެ ބާރު ބޭނުންކުރުމާ ބެހޭ ތިން އިސްތިރާޖެވެ. އެއީ ވެރިކަމުގެ ފަރާތުން ބާރުގެ ބޭނުންކުރުމާއި ސީދާ މަސްއަލައިގެ ތެރެއަށް ބާރާ އެކު ވަދެ މާއްދީ ބަދަލުގެނައުމާއި ފިއްތުމަށް ޓަކައި ކަލިމައިގެ ބޭނުންކޮށްގެން ތަޢުބީރީ ބަދަލުގެނައުމާއި ނަފުސުގެ ބާރު ބޭނުންކޮށްގެން ހިތުގެ ބަދަލުގެނައުމެވެ.

ބަދަލުކުރުމުގެ މާއްދީ ބާރު: އެއީ މުންކަރާތާ ބެހޭ މާއްދީ ޢުންޞުރުތަކާއި ފެތުރިފައިވާ އަނިޔާވެރިކަން ނައްތައިލުމަށް ޓަކައި މަސްއަލައިގެ ތެރެއަށް ސީދާ ވަދެ އެ ކަންތައްތައް ބަދަލުކުރުމާއި، މުންކަރާތުގެ ވެރީންނާ، ބާރުން ކުރިމަތިލައި އެ މީހުންގެ މަސައްކަތްތައް ހުއްޓުވުމާއި އެ މީހުންނަށް ވާގިވެރިވާ ހުރިހައި މަޞްދަރުތަކެއް ނިކަމެތިކޮށްލުމާއި އެ މީހުންގެ  މަޞްލަޙަތުތައް ނައްތައިލުމެވެ. ކައު ރަސޫލާ މި ބާރަށް ބޭނުންކުރައްވައިފައިވާ މި ވަނީ އަތެވެ. އެއީ މަޖާޒީ ތަޞްވީރެކެވެ. "އަތުގެ" ތެރޭގައި ދައުލަތުގެ ތިން ބާރާއި ހުރިހައި މުއައްސަސާތަކަކާއި އިދާރާތަކެއްގެ ވެރީން ހިމެނެއެވެ. ދަރީންނަށް ބަލާއިރު މައިންބަފައިން، ދަރިވަރުންނަށް ބަލާ އިރު މުދައްރިސުންނާއި އުސްތާޒުން ހިމެނެއެވެ.

ބަދަލުކުރުމުގެ ތަޢުބީރީ  ބާރު:  އެއީ މުންކަރާތާއި އަނިޔާއާއި ބޭއިންސާފާ ދެކޮޅުހަދާ ޚިޔާލާއި ވިސްނުމާއި ފިކްރު ފެތުރުމާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި މީހުންނާ ދެކޮޅަށް ގަލަމުން ފިއްތުންތައް ފިއްތުމެވެ. މިތާނގައި ކައު ރަސޫލާ މި އޮމާން ފަށުވި ބާރަށް ބޭނުންކުރައްވައިފައިވާ މި ވަނީ ދުލެވެ. އެއީ ވެސް މަޖާޒީ ތަޞްވީރެކެވެ.

ބަދަލުކުރުމުގެ ނަފުސީ ބާރު: މި މަޖާލުގައި ކޮންމެ ފަރުދަކު މަސައްކަތްކުރާނީ އޭނާގެ ނަފުސު ބަދަލުކޮށް އިޞްލާޙުކުރުމަށެވެ. އަނިޔާވެރީންނާއި މުންކަރާތްތަކުގެ ވެރީން އޭނާގެ ނަފުސުގެ މައްޗަށް ގަދަވެގަތުން  މަނާކުރުމަށް ޓަކައެވެ. އެމީހުންނަށް ތަބާވާ މީހަކަށް އޭނާ ހެދިޔަނުދިނުމަށް ޓަކައެވެ. މި ތާނގައި ތިބާ މަސައްކަތް ކުރަން ޖެހޭނީ ތިބާގެ ނަފުސާ ކުރިމަތިލުމަށެވެ. ޙައްޤަށް ތާއީދުކުރުމަށް ޓަކައެވެ. ޙަޤީޤަތާއެކު މުޢާމަލާތު ކުރުމަށް ޓަކައެވެ. މިތާނގައި ކައު ރަސޫލާ ހިތް ބޭނުންކުރައްވައިފައި މި ވަނީ މަޖާޒީ މާނައެއްގައެވެ. ނަފުސާއި ޒަމީރުގެ ބަދަލުގައެވެ.

ޢާލިމުން ވިދާޅުވާގޮތުގައި އަތާއި ދުލާ ދެމެދުގައި ވަންހަނާ ދަރަޖައެއް ވެއެވެ. އެއީ  ޢާންމުން ހާމަކަން ބޮޑުގޮތެއްގައި ޚިޔާލު ފާޅުކުރުމެވެ.އާދައިގޮތަކަށް ބަލާނަމަ އެއީ ޚިޔާލު ފާޅުކުރުމެކެވެ. ނަމަވެސް އެ ކަމުގައި ޖަމާޢަތް ގުޅިގެން ފާޅުގައި އަޑުއުފުލުން ވެއެވެ. އެހެންކަމުން އެއީ ބަދަލުކުރުމުގެ މާއްދީ ބާރާ އެއްފަދަ ބާރެކެވެ. ބައެއްފަހަރަށް  މި ބާރު މާއްދީ ބާރަށްވުރެ ގަދަވެސް ވެދާނެތެވެ.

ހަމައެފަދައިން ދުލާއި ހިތާ ދެމެދުގައި ވެސް ބަދަލުކުރުމުގެ ދަރަޖައެއް ވެއެވެ. އެއީ ޖަމާޢީ ނަފުސީ ބަދަލުކުރުމުގެ ބާރެވެ. މި ޙާލަތުގައި މީސްތަކުން މުންކަރާތާ ދެކޮޅުހަދާނީ ވަންހަނާ ބިސީތަކެއްގެ ގޮތުގައި ތިބެގެންނެވެ. އެ މީހުން ވާހަކަދައްކާނީ އެ  މީހުންނަށް އިތުބާރުކުރެވޭ ރަޙުމަތްތެރީންނާއި ޢާއިލާގެ ފަރުދުންގެ މެދުގައެވެ.އެމީހުން މުންކަރާތްތަކާއި އަނިޔާވެރިކަމާ ކުރިމަތިލުމަށް މަގުމައްޗަކަށް ނުނުކުންނާނެއެވެ. އަތަކުން ވެސް އަދި ދުލަކުން ވެސް އެކަމެއް ނުކުރާނެތެވެ.

ވީމާ، ބަދަލުކުރުމުގެ ބާރުތައް ފަސް ދަރަޖައަކަށް ބަހައިލެވިދާނެއެވެ. އެއީ ތަރުތީބުން

1- މާއްދީ ބަދަލުކުރުން

2- ޖަމާޢަތް ގުޅިގެން ފާޅުގައި ތަޢުބީރުކޮށް ބަދަލުކުރުން

3- ވަންހަނާކޮށް އާދައިގެ ގޮތެއްގައި ތަޢުބީރުކޮށް ބަދަލުކުރުން  

4- ޖަމާޢީ ނަފުސީ ބަދަލުކުރުން

5- ފަރުދީ ނަފުސީ ބަދަލުކުރުން

ފަރުދީ ނަފުސީ ތަޢުބީރަކީ އެ ހިސާބަށް ފޭބުން ހުއްދަނުވާ އެންމެ އަޑީ ފުލެވެ. މި ފުލަކީ މުންކަރާތާއި އަނިޔާވެރިކަމާ ގުޅޭ އިމެވެ. އެ އަޑީގައި އޮވެ އޭނާއަށް  މުންކަރާތާއި އަނިޔާވެރިކަން ބަދަލުކުރުމަށް ޓަކައި ޙަރަކާތެއް ނުކުރެވޭނެއެވެ. ކައު ރަސޫލާގެ ބަސްފުޅުގައި " އެއީ އީމާންކަމުގެ އެންމެ ވަރުދެރަ " ހިސާބުކަމަށް ޙަދީސްކުރައްވައިފައިވަނީ މިހެންވެގެންނެވެ. އެ ހިސާބުން އޭނާއަކަށް މައްޗަކަށް ނޭރޭނެއެވެ. ނުކުޅެދޭ މީހާއަށް އެ މިންވަރު ހުއްދަކުރެއްވީ މިހެންވެގެންނެވެ. އޭނާ ޢުޒުރުވެރިއަކަށް ވާތީއެވެ.  

ސިޔާސީ މިޚްޔާލު[2]  މިނިވަންކުރުން   

ކައު ރަސޫލާ ﷺގެ މި ބަސްފުޅަކީ މީސްތަކުން ސިޔާސީ މިޚްޔާލު މިނިވަންކޮށް ބަދަލުކުރުމުގެ ދޭހައާއި މުޖުތަމަޢުގެ މަސްއޫލިއްޔަތާއި ފަރުދުންގެ ދައުރުތައް ތަފާތު އަމާޒަކަށް ނެރެ މިސްރާބުކޮށްދޭ ބަސްފުޅެކެވެ. ދާރިސަކު ވިދާޅުވާ ގޮތުގައި މުސްލިމު މުޖުތަމަޢުތަކުގައި އަފުރާދުން ޙަރަކާތްތެރިވުން ފަސްޖައްސުވާ ސަބަބުތަކުގެ ތެރޭގައި ރޫޙާނީ އަދި އަޚްލާޤީ އަދި އެކަކު އަނެކަކަށް އަޅައިލުމުގެ މާނައާ ބެހޭ ސުވާލުގެ މައްޗަށް މާއްދީ ލާބައިގެ ސުވާލު އިސްކުރުން ވެއެވެ. މިކަމުގެ ސަބަބުން ފަރުދީ ކޮންމެ ޙަރަކާތެއް ވަޒަން ކުރާނީ ކަރުދާހާއި ގަލަމާއި އަތްލެވޭ ސީދާ ނަތީޖާގެ މައްޗަށެވެ. މި ހަނި މީޔާރުން ނަތީޖާއަކާ ހަމައަށް ނުދެވިއްޖެނަމަ އެމީހުން ހަމަހިމޭންވެދެއެވެ. ނަފުސު ތަޅުލަތެވެ. އެންމެ ރަނގަޅު ޙާލަތުގައި ދެރަވެ ދުޢާކުރާން ފަށައެވެ. އިސްލާމީ ދުނިޔޭގެ ވެރިރަށްތަކާއި ބޮޑެތި ސަހަރުތަކުގައި ޣައްޒާގެ މަސްއަލައިގައި  އިޙުތިޖާޖުތަކާއި މުޒާހަރާތައް ބޭއްވޭތަން ނުފެންނަނީ މިހެންވެގެންނެވެ. މިފަދަ މުޒާހަރާތަކުގެ ސަބަބުން އިސްރާއީލުގެ ޢުދްވާނަށް ހުއްޓުމެއް އަތުވެދާނެކަމަށް ނުދެކޭތީއެވެ.    

މި ފަދަ ގޮތަކަށް ވިސްނުމުގެ ނުރައްކާތެރިކަމަކީ އަދުގެ ދުނިޔެއާއެކު ފައިހަމަކޮށް މުޢާމަލާތު ނުކުރެވޭތީއެވެ. ދުނިޔެއަށް އަތްގަދަކޮށްފައިވާ އެއްތަނޑީގެ ބާރާ ދެކޮޅުހަދަމުންދާތަން ނުފެންނާތީއެވެ. މިއަދުގެ ދުނިޔޭގައި އިޖުތިމާޢީ ޙަރަކާތްތަކުން ދަނީ އާންމު ރައުޔުގެ ބާރު ވުނަކުރަމުންނެވެ. އޭގެތެރެއިން ލައިފާ ފިއްތުންތައް  ފިއްތުމަށް ޓަކައެވެ.  ތަޢުބީރީ ޙަރަކާތްތައް  ބައްޓަންކުރުމަށް ޓަކައެވެ. އަނެއްކޮޅުން ބަލާއިރު ތަޢުބީރީ ބަދަލުކުރުމުގެ އަގުވައްޓައިލުމަކީ ތަނަވަސްވެފައިވާ ސިޔާސީ ޖައްވު ހަނިކުރުވާނެ ކަމެކެވެ. އޭގެ ކެރިފޯރުންތެރިކަން ހެޔޮގޮތުގައި ވުނަކުރުމަށް ހުރަސްއަޅައިފާނެ ކަމެކެވެ. މިއީ ޙުއްރިއްޔަތާއި  ބަދަލުކުރުމުގެ އިސްލާމީ މަފުހޫމުތަކާ ޚިލާފުކަމެކެވެ. ކީރިތި ރަސޫލާ ﷺ ތަޢުބީރީ ބާރުގެ ބުރަދަން ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެއީ ޖިހާދުގެ މަޖާލުގެ ތެރޭގައި ހިމެނޭކަމެއްކަން ވަނީ އަންގަވައިފައެވެ. އޭގެ މަޤާމު ބަޔާންކޮށްދެއްވަމުން ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أفضلُ الجِهادِ كلِمةُ حقٍّ عندَ سُلطانٍ جائرٍ [3]-އެންމެ މާތް ޖިހާދަކީ އަނިޔާވެރި ވެރިޔާގެ ގާތުގައި ބުނާ ޙައްޤު ބަހެވެ.))  އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((إنَّ مِن أعظمِ الجِهادِ كلِمةَ عدلٍ عندَ سلطانٍ جائرٍ[4] -ހަމަކަށަވަރުން އެންމެ މާތް ޖިހާދުގެ ތެރޭގައި އަނިޔާވެރި ވެރިޔާގެ ގާތުގައި ބުނާ ޢަދްލުވެރި ބަސް ވެއެވެ.))  ވީމާ ދުނިޔޭގެ އަނިޔާވެރި ނިޒާމުގެ ކުރިމަތީގައި ޙައްޤު ބަސް ފާޅުކުރުމުގެ ޖިހާދު ކިހައި މަތިވެރިވާނެހެއްޔެވެ؟

________________________________________

ބައެއް ލަފުޒުގެ މާނަ:

މަޖާލު       ނ.    އޭގެ މައްޗަށް ތިމާގެ ބާރު، ނުވަތަ ޙައްޤު ނުވަތަ ނުފޫޒު ފޯރުވޭ ދާއިރާ ނުވަތަ މައިދާން.

ގަތުލުއާންމު   ނ.    ރަހުމުކުޑަ ގޮތެއްގައި ނުވަތަ  އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު  މަރައިލުމުގެ ޢަމަލު.

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި.

އިސްތިރާޖު   ނ.    ލަނޑުދަނޑިއެއް ހާސިލުކުރުމަށް ޓަކައި ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް.

މަޖާޒީ      ނއ.   މަޖާޒާ ގުޅޭ

މަޖާޒު      ނ.    ލަފުޒުގެ އަސްލު މާނަ ނޫން އެހެން މާނައެއް ދޭހަވާ ލަފުޒު.

މަގުޗާޓު     ނ.    ކަމެއް ކުރުމަށް ޓަކައި ވަކި މުއްދަތކުތަކަކަށް ބަހައިލައިގެން ރާވައިފައިވާ ރޭވުން (ރަދީފުން މާނައެއް ނުފެނުނު)

ޙަވާލާ:

[1]  - أخرجه مسلم (٤٩)، وأبو داود (١١٤٠)، والترمذي (٢١٧٢)، والنسائي (٥٠٠٩)، وابن ماجه (١٢٧٥)، وأحمد (١١٠٧٣)

[2] - ވިސްނާ ފިކްރުކުރުމުގެ ގިއުގަނޑު

[3]  -  أخرجه أحمد (١١١٥٩)، وأبو يعلى (١١٠١)، والحاكم (٨٥٤٣) و الطبراني (٨/٣٣٨) (٨٠٨١)، والبيهقي في ((شعب الإيمان)) (٧٥٨١)  و أبو داود (٤٣٤٤)، والترمذي (٢١٧٤)، وابن ماجه (٤٠١١)

[4]  - أخرجه الترمذي (٢١٧٤) وأبو داود (٤٣٤٤)، وابن ماجه (٤٠١١)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް