Advertisement

އީދު ކުޅިވަރަށްވުރެ ބޮޑު ހޭދައެއް ތައުލީމަށް ކުރަމާ ހިންގަވާށެވެ!

09 May 2024 | 00:50
އިސްލާމީ ޔުނިވަރސިޓީ (ފައިލް ފޮޓޯ)

ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް

الحمد لله، والصلاة والسلام على رسول الله محمد وآله وصحبه، وبعد:

ދިވެހިރާއްޖެއަކީ ކުރިއެރުމަށް ޓަކައި މަސައްކަތްކުރާކަމުގެ ދައުވާކުރާ ގައުމެކެވެ. އަދި ސަރުކާރުގެ ވެސް ބޮޑު ވައުދަކީ ދިވެހިރާއްޖެއަށް ކުރިއެރުން ހޯދައިދޭނެކަމުގެ ބޮޑު ވައުދެވެ. އަދި ސަރުކާރުތައް އިންތިޚާބުތައް ކާމިޔާބުކޮށްގަތުމަށް ޓަކައި ބޭނުންކުރާ ބޮޑު އުކުޅަކީ ވެސް އެއީއެވެ. ކަން މިހެން އޮތުމާ އެކު ވެސް ފެންނަ މަންޒަކީ ތަރައްގީއަށް ބީރައްޓެހި މަންޒަރެކެވެ.  

ދާދި ފަހުން އިވުނު އުފާވެރި އެއް ޚަބަރަކީ ބުކުގުރާންޓެއް އިސްލާމިކު ޔުނިވަރުސިޓީން އިއުލާންކުރި ޚަބަރެވެ. އެއީ މަރުހަބާ ހައްގު ޚަބަރެކެވެ. އާދޭހެވެ! ބުކު ގުރާންޓަކީ ޔުނިވަރުސިޓިއަށް ބޭނުންވާ އިލްމީ ދިރާސާތައް، ފޮތްތައް، މާއްދާތައް، ތައްޔާރުކޮށް ހުށަހަޅާ ތަކެއްޗަށް ޚަރަދުކުރާން އޮންނަ ފައިސާގެ ބަޖެޓެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިލްމީ ދިރާސާތައް، ފޮތްތައް، މާއްދާތައް ދިވެއްސަށް ބަދަލުވެ މުޖުތަމައަށް އިލްމީ ހެޔޮ ބަދަލެއް އަންނާނެކަމަށް ފެނެއެވެ. ނަމަވެސް ހަގީގަތް ބަލައިލުމުން ހިތާމައިގެ ކޮޅެއްނެތެވެ.

ތައުލީމު ހަރުދަނާކުރާން ބޭނުންވާ އެ ފަދަ މުހިންމު ވަސީލަތެއް އުފެއްދުމަށް ޓަކައި ދެވިފައި އޮތީ ތިން ލައްކަ ފަންސާސް ވަރަކަށް ހާސް ރުފިޔާގެ ފައިސާކޮޅެކެވެ. އެ ކަން އެ ގޮތަށް ދިމާވަނީ ރާއްޖޭގައި ފައިސާ މަދުވެގެނަކަމަކަށް ގަބޫލެއްނުކުރެވެއެވެ. ހަގީގަތް މުޅީން ނޭގުނަސް އެނގޭ މިންވަރަކީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ރާއްޖޭގައި އޮތް ތައުލީމީ ސިޔާސަތަކީ ވިހާ ވެސް ވަރަކުން ތައުލީމީ ޖީލު މަދުކުރުންކަމަށް ގަބޫލުކުރެވެއެވެ. އޭގެ ހެކި ވެސް އެބަ ފެނެއެވެ. މަޖިލިސްގައި ތިބޭ ގިނަ މީހުންނަކީ މަޖިލިސްގައި ކުރެވޭ އިލްމީ މަސައްކަތަށް އެކަށީގެންވާ ފަދަ ތައުލީމެއް ލިބިފައިނުވާ ބަޔަކުކަމުގައި ގިނަ މީހުން ދެކެއެވެ. ސަރުކާރުގެ ތަންފީޒީ ދާއިރާގެ މަގާމުތަކުގައި ތިބޭ ބައެއް މީހުންނަކީ އެ ދާއިރާގެ މަސައްކަތަށް އެކަށީގެންވާ ފަދަ ތައުލީމެއް ލިބިފައިނުވާ ބަޔަކުކަމުގައި ވެސް ގިނަ މީހުން ދެކެއެވެ. ބިދޭސި ޑޮކުޓަރުންނާއި ސިއްހީ ޓެކުނީޝަނުން ބޭރުން ގެންނާންޖެހޭ މައްސަލައަކީ ވެސް ތައުލީމީ ޖީލު މަދުކަމުގެ ހެތްކެކެވެ. ބިދޭސީ ޓީޗަރުން ބޭރުން ގެންނާން ޖެހުމަކީ ވެސް ތައުލީމީ ޖީލު މަދުކަމުގެ ހެތްކެކެވެ. އަދި ކިއެއްތަ! ބޭނުންވަފައިވާ މިންވަރަށް އިސްލާމާއި ދިވެހި ޓީޗަރުން ނުލިބުމީ ވެސް ތައުލީމީ ޖީލު މަދުކަމުގެ ހެތްކެކެވެ. އެއިން އެނގެނީ މުޖުތަމައުން ޖާހިލުންކަން ނައްތައިލުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާން ޖެހިފައިވާކަމެވެ. މުޖުތަމައުގައި އިލްމީ މީހުން ގިނަ ނަމަ، މަޖިލިސްގައި ވެސް ސަރުކާރުގައި ވެސް ގިނަވާނީ ޢިލްމީ މީހުންނެވެ. ބިދޭސީ ޓީޗަރުންނާއި ޑޯކުޓަރުން ބޭރުން ގެންނާކަށެއް ނުޖެހުނީހެވެ.

އާދޭހެވެ! ތިރީސް އަހަރުގެ ދައުރަކަށް ފަހު، ސިޔާސީ އޮއިވަރެއްގައި ޖެހިގެން އެރި ބިޔަ ރާޅުތަކެއްގެ ސަބަބުން މަޖުބޫރުވެގެން ރާއްޖޭގައި ދެ ޔުނިވަރުސިޓީއެއް ހެދިކަމުގައި ވިޔަސް އެ ދެ ތަނުގެ އިލްމީ ލަނޑުދަނޑި ހާސިލުނުވާތީ އިސްވެ ދެންނެވުނު ފަދައިން ޖާހިލު މުޖުތަމައެއްގެ މައްސަލަ ވަނީ ދިވެހި ރާއްޖެއަށް ކުރިމަތިވެފައެވެ. އެ ދެ ތަނަށް ފައިސާ ދަތިކޮށްފައި އޮތުމުގެ ސަބަބުން ހާސިލުވާން ޖެހޭ ލަނޑުދަނޑި ހާސިލުނުވަނީކަމަށް ވެސް ވެދާނެއެވެ. ނުވަތަ ޔުނިވަރުސިޓީތަކުގެ މައި ގޮނޑީގައި ސިޔާސީ ނުފޫޒު އޮންނާތީކަމަށް ވެސް ވެދާނެއެވެ. ޔުނިވަރުސިޓީތަކުގެ މައި ގޮނޑީގައި ތިބެނީ ސީދާ ރައީސު އައްޔަންކުރައްވާ ބަޔަކަށްވާތީ ބައެއް ފަހަރަށް އެ ފަދަ ބަޖެޓުތައް ބޮޑުކޮށްދިނުމަށް ދަންނަވާން ނުކެރިނުކެރި ތިއްބަވަނިކޮށް ދައުރުނިމޭ ތަން ވެސް އަތުވެދެއެވެ. ކޮންމެއަކަސް އުފެދޭ ސުވާލަކީ އީދު ކުޅިވަރަށް ފަސްދޮޅަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވޭ އިރު، ތަޢުލީމީ ޖީލެއް ބިނާކުރުމަށް ޓަކައި ކުރާން ޖެހޭ ޚަރަދަށް ފައިސާ މަދުވަނީ ކީއްވެބާއެވެ! އީދު ކުޅިވަރަށް ފަސްދޮޅަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވޭ އިރު ޔުނިވަރުސިޓީތަކުގެ ބުކުގުރާންޓަށް ފައިސާ މަދުވަނީ ކީއްވެބާއެވެ!

ބުކުގުރާންޓަކީ ދިވެހި ރާއްޖެގެ ޔުނިވަރުސިޓީތަކަށް ވަރަށް ވެސް މުހިންމު ވަސީލަތަކެވެ. އިލްމަކީ ތަރައްގީއާއި ތަހުޒީބުގެ ބިންގާކަމަށްވާތީ އެ ފަދަ ބުކުގުރާންޓުތައް ވެގެންދާނީ ނުދަންނަ މީހުން މުޖުތަމަޢުން މަދުވެ ދަންނަ މީހުން ގިނަކޮށްދޭނެ ވަސީލަތަކަށެވެ. އަދި ކިއެއްތަ! އިސްލާމީ އުންމަތް އެހެނިހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދައިފައިވަނީ ވެސް އިލްމަށް ޓަކައި ކުރި ހޭދައެއްގެ ބޮޑުކަމުންނެވެ. މިސާލެއްގެ ގޮތުން ބަލަމާ ހިންގަވާށެވެ. ޢިލްމީ ޙަޟާރަތު ކުރިއަރައިގެން ގޮސް އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގައި އިސްލާމީ އުންމަތް އެހެނިހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދައިފައިވަނީ ވެސް ވެރިކަމުގަމުގައި އޮތް ސިޔާސީ ހެޔޮ ވިސްނުމެއްގެ ސަބަބުން އިލްމަށް ކުރި ހޭދައެއްގެ ހެޔޮ ނަތީޖާއަކުންނެވެ. މިސާލަކަށް ބަލަމާހިނގަވާށެވެ. ޚަލީފާ މައުމޫނުއްރަޝީދުގެ ދުވަސްވަރުގައި އުފެއްދި މިދުވަސްވަރުގެ ބަހުންނަމަ "ބުކުގުރާންޓު" އެދުވަސްވަރުގެ ނަމުންނަމަ " ބައިތުލްޙިކުމާ" ގެ ނަމުން ރިސާރޗް އެކަޑަމީއެއް އުފައްދަވައި އެހެނިހެން ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރުމުގެ ބޮޑު މަޝްރޫޢެއް ފެއްޓެވިއެވެ. ނަތީޖާއަކަށް ވީ އިސްލާމީ އުންމަތުގެ ދަރީންނަށް އިތުރު ދޮރުތައް ހުޅުވި އެތައް ޢިލްމެއްގެ ސައިންސުވެރީންނަށް މުސްލިމުން ވެގެންދިއުމެވެ. ބޭސްވެރިކަމާއި ފަލަކާއި ޙިސާބާއި ޖޯގުރަފީއާއި ތާރީޚާއި އަދިވެސް އެތައް އިލްމަކުން މުސްލިމުން ސައިންސުވެރީންނަށް ވެގެންދިއުމެވެ. އެގޮތުން އިސްލާމީ ޙަޟާރަތް ވެގެން ދިޔައީ ޢިލްމާއި ފިކުރުގެ މައްޗަށް ޤާއިމުވެގެން ދިޔަ ޙަޟާރަތަކަށެވެ.

ދިވެހީންނަށް ލިބިފައިވާ ކުރިއެރުމާއި ތަހުޒީބާއި ތަމައްދުނުގެ އަސްލަކީ އިސްލާމް ދީނާއި ދިވެހި ބަސްމޮށުންތެރިކަމެވެ. ދިވެހީންގެ އެހާރާއި މިހާރު އެގެން އޮންނަ ވަސީލަކީ ދިވެހި ބަހެވެ. ބަސް ހަރުދަނާ ކުރެވޭ އެއް ދޮރަކީ ތަޢުލީމީ މަންހަޖެވެ. ބަހުގެ ހަމަތަކަށް ތަބާވެ ކުރީއްސުރެން ދިވެހި ބަސް ބޭނުންކުރަމުން އައިސްފައިވާ ހަމަތަކާއި އުސޫލުތަކަށް ތަބާ ކުރުވުމަށް ހުޅުވައިލެވޭ ދޮރަކީ ތައުލީމީ ދޮރެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަޢުލީމީ ކަރުކިއުލަމުގައި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކަށް ތަބާ ކުރުވުމަށް ހުޅުވައިލެވިަފައި އޮންނަ ދޮރަކީ ހަމައެކަނި ދިވެހި ބަހުގެ ދޮރެވެ. އެ ބަހުން މުޖުތަމައަށް ބޭނުންވާ އިލްމީ ދިރާސާތައް، ފޮތްތައް، މާއްދާތައް، ތައްޔާރުކޮށް ހުށަހަޅާ ތަކެއްޗަށް ޚަރަދުކުރާން ޔުނިވަރުސިޓީތަކަށް އޮންނަ ފައިސާގެ ބަޖެޓު އީދު ކުޅިވަރަށް ބޮކި ދިއްލަން ހޭދަކުރާ ފައިސާއަށްވުރެ މަދުވަނީ ފަހެ ކީއްވެބާއެވެ!

ރައްޔަތުންގެ މުދާ ބޭނުންކޮށްގެން ފައިދާދެނިވި އިލްމު ފެތުރުމުގެ ދައުރަކީ ވެރީންނާއި ސިޔާސީ ލީޑަރުންގެ ކުރިމަތީގައި ހުޅުވިފައިއޮންނަ ދޮރެކެވެ. ﷲ ހެޔޮ ތައުފީގު ދެއްވި މީހަކަށް އެކަމުގެ މަގުފަހިވެއެވެ. މީގެ ވަރުގަދަ އެއް ހެތްކެއްގެ ގޮތުގައި އެއް ހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ الأزهر الشريف އަށް ވެރިއެއްގެ ފަރާތުން ލިބުނު މާލީ އިނާޔަތް ފާހަނގަކޮށްލެވެއެވެ. އެތަނަށް الحاكم بأمر الله الفاطمي، ހިޖުރީ ސަނަތުން ހަތަރު ސަތޭކައިގައި ވަޤުފެއް (ފަންޑެއް) ކުރެއްވިއެވެ. އަދި އެ ތަނަށް الأمير يشبك الدويدار، ހިޖުރީ ސަނަތުން 1218 هـ، ގައި ވަޤުފެއް (ފަންޑެއް) ކުރެއްވިއެވެ. އަދި އެތަނަށް رواق ابن معمر، އާއި رواق المغاربةގެނަމުން މަޣުރިބުކަރައިގެ މީހުން ކުޅަ ވަޤުފަކާއި (ފަންޑަކާއި) رواق الأتراكގެނަމުން ތުރުކީން ކުޅަ ވަޤުފަކާއި (ފަންޑަކާއި) ކުރުދީންނާއި ޔަމަނުކަރައިގެ މީހުން ކުޅަ ވަޤުފަކާއި (ފަންޑަކާއި) އަދި محمد علي باشا ކުރެއްވި ވަޤުފެއް (ފަންޑެއް) ވެސް ފާހަނގަކޮށްލެވެއެވެ. ނަތީޖާއަކަށްވީ الأزهر الشريفގެ އިލްމީ ޚިދުމަތާއީ ޘަޤާފީ ޚިދުމަތްތަށް މުޅި އުއްމަތަށް ފުޅާވެގެންދިއުމެވެ. (العزعزي، الوقف ودعم التعليم والثقافة، ص 8)  ސުވާލަކީ ދިވެހި ރާއްޖޭގެ ޔުނިވަރުސިޓީތަކަށް ބޭނުންވާ އިލްމީ މަސައްކަތަށް ފަންޑު ފަސޭހަކޮށްދިނުމުގެ ވިސްނުން ދިވެހި ވެރީންނާއި ސިޔާސީ ލީޑަރުންގެ ސިކުނޑީގައިހުރީ ކިހާ މިންވަރަކަށްތޯއެވެ؟

އާދެ! ހުޅަނގުގެ ވަރަށް ގިނަ ޔުނިވަރުސިޓީތައް ކުރިއެރުވުމަށް ބޭނުންކުރާ އެއް އުކުޅަކީ ވަޤުފާއި އެއް ވައްތަރުގެ ޕްރޮޖެކުޓްތައް ބޭނުންކުރުމެވެ. އެ ގޮތުން އެމެރިކާގެ ފަންސާސް ޔުނިވަރުސިޓީއަކަށް ކުރެވިފައިވާ ވަޤުފުތައް (ފަންޑުތައް) ފާހަގަކުރެވެއެވެ. ވަޤުފަކީ އިސްލާމީ އުފެއްދުމެކެވެ. ނަމަވެސް އެމެރިކާގެ ހަމައެކަނި ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުގެ (ފަންޑުގެ) އަގު މުޅި އިސްލާމީ ދުނިޔޭގައި ތިބި ހުރިހާ ވަޤުފެއް (މިސްކިތްތަކާއި ސަހަރާތައް ފިޔަވައި) އެއްކުރި ކަމުގައި ވިޔަސް އެއްވަރެއްނުވާކަން ފާހަގަވެއެވެ.  އެމެރިކާގެ ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުތަކުގެ އަގު 2004 ގައި އުޅުނީ 132 (ސަތޭކަ ބައްތިރީސް ބިލިއަން) ޑޮލަރުގައެވެ. މިސާލަކަށް ހާވާރޑް ޔުނިވަރުސިޓީގެ ވަޤުފުގެ (ފަންޑުގެ) މިނަކީ 22.6 (ބާވީސް ޕޮއިންޓް ހަޔެއް ބިލިޔަން) ޑޮލަރެވެ. ވަޤުފުގެ ގޮތުން (ފަންޑުގެ ގޮތުން) އެންމެ ދަށުގައި އުޅެނީ 1.049 (އެކެއް ޕޮއިންޓް ސުމެއް، ހަތަރެއް، ނުވައެއް ބިލިޔަން ޑޮލަރާއިއެކު)  ޔުނިވަރުސިޓީ އޮފް މިޝިގަންއެވެ. އާދޭހެވެ! އެ ކާމިޔާބީގެ ސިއްރަކީ ރަނގަޅު ކަންތައްތަކަށް ހޭދަކުރުމުގެ ޝައުޤުވެރިކަން ވެރީންގެ  ފިކުރުގައި ހުރުމެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)  

ފެންނަ ބައެއް ހައްލުތައް:

އެކެއް: ޔުނިވަރުސިޓީތަކުގެ މައި ގޮނޑީގައި ތިބޭ ބަޔަކީ ޔުނިވަރުސިޓީގެ މެންބަރުންގެ ވޯޓަކުން އައްޔަންކުރެވޭ ބަޔަކަށް ހެދުމަށް ޓަކައި ގާނޫނަށް އިސްލާހެއް ގެނައުން.

ދޭއް. ކޮންމެ ޔުނިވަރުސީއަކަށް ވަގުފެއް އުފެއްދުން. (ދުނިޔޭގެ ކުރިއަރާފައިވާ ޔުނިވަރުސިޓީތަކުގައި އިލްމީ ދިރާސާތައް ފުޅާވެފައި ވަނީ އެ ތަނުގައި އޮންނަ ވަގުފެއް/ ޓުރެއްސްޓެއްގެ/ ފަންޑެއްގެ ސަބަބުން ލިބިފައިވާ މާލީ ތަނަވަސްކަމުގެ އެހީގައި)

ތިނެއް: ޔުނިވަރުސިޓީތަކުގެ އިލްމީ ދިރާސާތަކަށް ޒަކާތުގެ އިބުނުއްސަބީލުގެ ހިއްސާއިން ބައެއް ލިބިގަތުމަށް ދައުވާކުރުން. (ކަމާބެހޭ ފަރާތަށް ހުށަހެޅުން)

ހަތަރެއް: ޔުނިވަރުސިޓީތަކުގެ އިލްމީ ދިރާސާތަކަށް އެހީވުމަށް ހެޔޮއެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވައިލުން.

ފަހެއް: ޔުނިވަރުސިޓީތަކުގެ އިލްމީ ދިރާސާތަކަށް އެހީވުމަށް މިސްކިތްތަކާއި ފިހާރަތަކާއި އެއަރޕޯޓުފަދަ ވިޔަފާރި ހަބުތަކުގައި ފަންޑުފޮށިތައް ބެހެއްޓުން. އަދިވެސް ކިތަންމެ ކަމެއް....

އާދޭހެވެ! އަޅުގަނޑުގެ އިލްތިމާސަކީ އީދު ކުޅިވަރަށްވުރެ ބޮޑު ހޭދައެއް ތައުލީމަށް ކުރަމާހިންގަވާށެވެ!

وصلى الله على محمد وعلى آله وصحبه وسلم.

އެޑިޓަރުގެ ނޯޓް
ޑޮކްޓަރ ޢަބްދުﷲ ފާރޫޤު އިބްރާހީމަކީ ބެޗްލާރ އޮފް ޝަރީޢާ، އިސްލާމިކް ސްޓަޑީޒުން މާސްޓާސް އަދި ފިޤުހާއި އުޞޫލުލްފިޤުހުން ޕީއެޗްޑީ ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވައިލައްވައި ދީނީ އަދި އިޖުތިމާޢީ މައުޟޫޢުތަކަށް ލިޔުއްވާ މޮޅު ލިޔުންތެރިއެކެވެ. "ރިޔާޟުއްޞާލިޙީން" ނަމަކަށް ކިޔުނު ޙަދީޘް ފޮތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރުޖަމާކުރައްވައި ބޭނުން މީހަކަށް އޮންލައިނުކޮށް ހިލޭ ލިބޭ ގޮތަށް އިންޓަނެޓަށް ދޫކުރެއްވިއެވެ. ރާއްޖޭގައި އެ ފޮތް އެހެން ބޭފުޅަކު ތަރުޖަމާކުރައްވައި ޝާއިޢުކުރެއްވީ މާ ފަހުންނެވެ.

Advertisement

ކޮމެންޓް