Advertisement

ވިލިނގިލީ ބަނދަރު ހެދުމާއި، ފާލަންއެޅުމުގެ މަސައްކަތުގެ ހަނދާނުން ސަފުހާއެއް

09 May 2024 | 00:17
ވިލިނގިލީ ބަނދަރުހެދުމުގެ މަސައްކަތުގެ ތެރެއިން......

ޢަދުނާނު  ޙަލީމް

ވިލިނގިލީ  ފަޅު  ފުންކުރުމުގެ  މަސައްކަތް

1987ވަނަ އަހަރުގެ ތެރޭގައި ވިލިނގިލި އެއްގަމު ތޮށްޓާއި ބޭރުތޮށިލައި ބަނދަރުހެދީ ވިލިނގިލީ ރައްޔިތުންނެވެ. އެ ދުވަސްވަރު އޮންނަ ގޮތުން ސަރުކާރުން ފަޅު ކޮނެދެއްވަނީއެވެ. ކޮންނަ އިރު ނެގޭ ގަލާއި، ރައްޔިތުން އަމިއްލައަށް ހޯދާ ސިމެންތިއާއި ތަކެތީން ތޮށިލައި ބަނދަރު ހެދުމަކީ ރައްޔިތުންގެ ކަމެކެވެ. ރަށުގެ ވެރީންނާއި، ރަށްކުރިއަރުވާ  ކޮމިޓީއާއި، ރައްޔިތުން ކުރާންޖެހޭ ކަމެކެވެ. ސަރުކާރުން ތޮށިލައި ވާޓަރު ހެދުމެއް އޭރަކު ނޯވެއެވެ. އެއީ އޭރުގެ ޙާލަތެވެ..

ވިލިނގިލީ ރަށްކުރިއަރުވާ  ކޮމިޓީގެ  ސެކްރެޓަރީއެއްގެ  ގޮތުން  ރައްޔިތުންނަށް އަޅުގަނޑު ޚިދުމަތްކުރި  ދުވަސްވަރު ބަނދަރުގެ  އެއްގަމު  ވާޓަރާއި  ބޭރުތޮށިލުމުގެ  މަސައްކަތުގެ ޕްރޮޖެކްޓް މެނޭޖަރަކީ އަޅުގަނޑެވެ.  ޕްރޮޖެކްޓެއްގެ  ގޮތުގައި  މަސައްކަތް ކުރާނޭ  ގޮތް  ރާވައި،  ކުރެހުންތަކާއި،  ޕްރޮގްރެސް  ޗާޓުތައް  ތައްޔާރުކޮށް،  ތަކެއްޗާއި،  މީހުން  ހޯދައި  މަސައްކަތްކުރީ  ސީދާ  އަޅުގަނޑުގެ  ބެލުމުގެ  ދަށުންނެވެ.  ރަށްކުރިއަރުވާ  ކޮމިޓީގެ  ތެރޭގައި  ޒަމާނީ  ރަށްވެހި ކަމެއްގެ  ޚިޔާލު އުފައްދައި،  ތަރައްޤީގެ  ވާދަވެރި  ރޫޙެއް  ރައްޔިތުންގެ  މެދުގައި  އުފައްދަމުންނެވެ.

މަސައްކަތުގެ  ސޯބުތައް  އޮމާންކަމާ އެކު، އެނބުރެމުން ދިޔައީ ފައިސާއާއި ސިމެންތި  ހޯދުމުގެ  ވާދަވެރިކަން  އުފެއްދި  ފައިސާއާއި ތަކެތީގެ ދަފުތަރުކަމުގައިވި ބޮޑު ފިލަޔަށް ދިރުން ގެނުވަމުންނެވެ. މާވައްދިހަރޭގައި ބަހައްޓައިފައި ހުރި ބަނދަރު ފަންޑު ފިލާގައި  ލިޔެ، ފިލާ ފުރި  އުތުރިއެރީ އެ އުފެއްދި "އެންމެން  ބައިވެރިވުމުގެ" ދިރުމުންނެވެ. ފިލާގެ  ފޮޅުވަތްތަކުން  ފޮޅުވަތެއްގައި ކޮންމެ މީހަކު ވެސް އެމީހެއްގެ ނަން ލިޔެލާން ބޭނުންވިއެވެ. އަދި ރަންވަނައެއް ލިބޭ ކަހަލަ އަކުރަކާއި، އިތުރު  އެތައް ސުމެއް ޖެހުމަކީ ލިބޭ ޝަރަފަކަށް  ވިއެވެ.  މިނިސްޓަރުންނާއި، އެހެނިހެން ވެރީންނާއި، ކެޕްޓަނުންނާއި، އޮޑިވެރީންނާއި، ކެޔޮޅުންނާއި، ދޯނިފަހަރާއި ބޯޓުތަކުގެ ނަމުންނެވެ.

މަސްވެރީން މަހަށް ފޮނުވަމުން ވަރުބަލިކަމެއް ނެތި ހުއްޓުމެއް ނެތި  މަސައްކަތްކުރާނޭ އޮޅިތަކެއް ކަނޑައަޅައި، އެ އޮޅިތަކުގެ  މަސައްކްތެރީންގެ ދުވަހު ކޮއްތު ނެރެ،  ހިތްވަރުދެމުން ރަށްކުރިއަރުވާ ކޮމިޓީގެ ސަރުދާރުން ޙަރަކާތްތެރިވަމުން ދިޔައީ ހިތާއި  ރޫޙުންނެވެ. ސަޔާއި ޖޫސް ދެމުން ހިތްވަރުގެ ލަވަކިޔަމުން އަންހެނުންގެ ކޮމިޓީ ފައިހަމަކުރީ ޒަމާނީ ރަށްވެހިކަމުގެ ރާގުތަކުންނެވެ.

މަސްވެރީން މަހުން އައިސް މަސައްކަތުގެ ކުރިއެރުން ބަލަމުން މަސައްކަތު އޮޅިތަކަށް އެއްވެސް އުނިކަމެއް ނެތި, މަހާއި ފައިސާ ދެމުންނެވެ. ދޯންޏެއްގެ ފަޅުވެރިކަމުގެ އުނިކަން ނުދައްކައި މި އޮޅިތަކުން ވެސް މީހުން މަހަށް ފޮނުވަމުން، މިއީ  އެންމެންގެ ކަމެއްކަމުގައި ޤަބޫލުކުރަމުންނެވެ.

މި މަސައްކަތުގެ ފޯރީގެ ތެރެއަށް ހިލޭސާބަހަށް ބައިވެރިވުމާއި، ޒުވާން ޖިންސުއްލަޠީފުންނާއި، ހަރު އަންހެނުންގެ ހީވާގިކަމާއި  މުރާލިކަން އިތުރުވިއެވެ. ތެމިގެން މޫދުގައި ތޮށިގަނޑު ޖަހަމުން ގެންދިޔައީ ރޯނަށް ސީދާކޮށް ކޮންމެ ގަލެއް، އެ ގަލެއްގެ  ތަޅުވަޑާމަށް ފައްތަމުންނެވެ. ދަސްކުރަމުން ފަރިތަކުރަމުންނެވެ. މަތި ރާނައި ސިމެންތިޖަހައި ތާރީޚުން ޖާގަ ހޯދީ އަނެއްކާ ވެސް  "މާލެ" ހަދަމުންނެވެ.

ނަތީޖާއެއްގެ ގޮތުން މި މަސައްކަތަކީ ރައްޔިތުންނާ އެކު، ރަށްކުރިއަރުވާ ކޮމިޓީއަކުން ކުރި، ނަމޫނާ މަސައްކަތެއްކަމުގައި   ސަރުކާރުގެ ޢަމަލުން ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުގެ ކޮމިޓީތަކުން މި ޕްރޮޖެކްޓް ދިރާސާކޮށް، ދަސްކުރުމުގެ ފުރުޞަތު  ސަރުކާރުން ދެއްވިއެވެ. ޕްރޮޖެކްޓް  މެނޭޖަރުގެ މަޝްވަރާގެ އަޑު، ޤައުމުގެ ވެރިޔާ އެއްސެވިއެވެ.

ބަނދަރު ހެދުމަށް ފަހު، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ރީތި ފާލަމެއް އެޅިއެވެ. މިއީ ވިލިނގިލީގައި  ފުރަތަމަ ބިނާކުރި ހިޔާކުރި ފާލަމެވެ. މިއީ އެ ދުވަސްވަރަށް ބަލާ އިރު، އެހެން ރަށްރަށުން މިސާލުނަގާނޭ ހައި ކުރީކޮޅު  ކުރެވުނު މަސައްކަތެކެވެ. 

1991ވަނަ އަހަރު އެޅި މި ފާލަމަކީ ވަށް ކޮންކްރީޓް ތަނބުތަކާއި، ކޮންކްރީޓް އޮނިގަނޑަކާ އެކު، ލަކުޑި ތައްޓެއް (ޑެކެއް)  އަޅައި ދެފަރާތުގެ އަރިމަތީގައި ޖަހައިފައިވާ ތަނބުތަކުގެ މައްޗަށް ދެ ފުރާޅަށް ހިޔާކޮށް ސީލިންގކޮށްފައިވާ ފާލަމެކެވެ. އަދި  ތޭރިޖަހައި ފަޑިއަޅައި ފާލަމުގެ ދެ އަރިމަތީން ފާލަމުގެ ސަރަޙައްދު ވަކިކޮށް ފުރިހަމަ އިންތިޒާމްތަކެއްކޮށްފައިވާ ވަރަށް ރީތި  ފާލަމެކެވެ.

އަޅުގަނޑު މި ފާލަން ފަރުމާކުރީ ފާލަމަކަށް ވުރެ، ގިނަ ބޭނުން ހިފޭ ގޮތަށެވެ. އެއީ ފާލަމެއްގެ މާނައިގައި ފާލަން ބޭނުންކުރާން ޖެހޭނީ ހާލަކުން ފަހަރަކު ކަމުގައިވާތީ ފާލަމުގެ ބޭނުން އަބަދުމެ ކުރުމާއި، މަރާމާތުކޮށް ބެލެހެއްޓުމާއި، މި ކަންކަމަށް ރިޢާޔަތްކޮށްގެން، އަދި އެއީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނޭ ފަދަ ވިސްނުމެއްގެ މައްޗަށެވެ.

ނަތީޖާއެއްގެ ގޮތުން ރަސްމީ ބޭނުންތަކުގެ އިތުރަށް ހަވީރުފިންޏަށް މަސްވެރީން އެއްވާ ތަނެއްކަމުގައި މި ފާލަން ވިއެވެ.  ރައްޔިތުންގެ އެ ތަނަކަށް ޒިޔާރަތްކުރާ އެ ތަނާ މެދު ޝައުޤުވެރިވި ތަނަކަށް ވިއެވެ. ތާހިރުކޮށް ބަލަހައްޓައި، ބޭނުންކުރި ލަކުޑި  ތައްޓުގައި (ޑެކްގައި) އިށީނދެ ތިބެ ޚިޔާލު ބަދަލުކޮށް ވާހަކަދައްކައި ހެދި ޒާތެއްގެ "ހޮޅުއަށްޓެއް" ކަހަލަ ތަނަކަށް އެ ތަން ވިއެވެ.

ހަމަ އެ ފަދައިން އެއީ ޒުވާނުންގެ ބޭނުންތައް ވެސް ފުއްދައިދިން ތަނެކެވެ. އެއީ ރަށުގައި ބާއްވާ ކުޅިވަރާއި މިޔްޒިކް ޝޯތައް  ބޭއްވި އިސްޓޭޖެކެވެ. ޒުވާނުންގެ ކުޅިވަރާއި، ޝޯތައް ބާއްވާ އިސްޓޭޖަކަށާއި، ރަސްމިއްޔާތުތައް ބާއްވާ ތަނަކަށް އެ ތަން ވިއެވެ.  މާވައްދިހަރޭގައި ބާއްވާ ކުޅިވަރުގެ މަރުކަޒަކަށް ވިއެވެ. ރަސްމީ އަދި ނުރަސްމީ އެތައް މަރުޙަބާއެއް ކިޔައި އެތައް ބަޔަކު  ތަޢާރަފުވުމުގެ ޝަރަފު ހޯދި ތަނަކަށް ވިއެވެ.

މި ފާލަމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ރަށްކުރިއަރުވާ ކޮމިޓީގެ ރައީސާއި، އަތޮޅުގެ ތަރައްޤީގެ މަސައްކަތްތައް ހިންގުމާ  ޙަވާލުވެ ހުރި މީހެއްގެ ޙައިސިއްޔަތުން ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުންނެވެ. އިންޖިނޭރެއްގެ ގޮތުންނާއި، މަސައްކަތުގެ  އިސްމީހެއްގެ ގޮތުން ޢަމަލީ ގޮތުން ބައިވެރިވެގެންނެވެ. ފާލަމުގެ ކޮންމެ ތަނބެއްގެ ފައުންޑޭޝަން ނުވަތަ ފޫޓިންގ ވަޅުލައި  ބަހައްޓާފައިވާނީ އަޅުގަނޑު އަމިއްލައަށް ފީނައިގެންނެވެ. އަޅުގަނޑު ފީނާއިރު މަތީގައި މަސައްކަތްކުރާ،  ތަނބު  ޕޮސިޝަންކުރާ، ޓެކްނިކަލް އަނެއް އިންޖިނޭރަކީ އިބްރާހީމް ރަޝާދެވެ.

ބުޑުތަކާއި ތަނބުތަކުގެ ފެނުގެ އަޑީ ބައި ކޮންކްރީޓްކުރީ އެއްގަމުގައެވެ. އެއަށް ފަހު މޫދަށް ބާލައި ޗޭނުބުލޮކުގެ އެހީގައި  ޕޮސިޝަންކޮށް ދިޔަ ވަރަށް ބަލައިގެން ސިޑިއާއި ތަނބުތަކުގެ މަތީ ބަޔާއި ބެރިތައް ކޮންކްރީޓް ކުރީއެވެ. ސައިޓް އިންޖިނޭރުކަމާއި، ސުޕަވައިޒަރުކަމާއި، ޝަޓަރިންގެ މަސައްކަތްތަކާއި، ކޮންކްރީޓްކުރުމުގެ މަސައްކަތްތައްކުރަމުންނެވެ.

ފާލަމުގެ މަސައްކަތްކުރި ޓީމުގައި ހިމެނުނު ވިލިނގިލީ މުރިނގު (ރެޑިޔަމްގެ) އިބްރާހީމް ރަޝާދާއި  ވިލިނގިލީ ވެނިސް  މުޙަންމަދު  ޒާހިރާއި  ވިލިނގިލީ ކަނީރުމާގެ ޢަލީ ޒުބައިރާއި ވިލިނގިލީ ދުންފިނިގޭ މާހިރު އިސްމާޢީލުގެ ނަން ޝުކުރުވެރިކަމާ އެކު،  ފާހަގަކުރާންޖެހެއެވެ. އެއީ ހިލޭސާބަހަށް ރެޔާއި ދުވާލު ތައްޔާރީ ޙާލަތުގައި ތިބެ، މަސައްކަތްކުރި،  ވަރަށް ހިތްވަރު ގަދަ ޓީމެކެވެ. ކޮންކްރީޓަށް ދިޔަވަރު ލިބެނީ ދަންވަރުކަމުގައި ވިޔަސް ފަރުވާލެއް ނެތި ވަރަށް ވަޠަނީ ރޫޙެއްގައި މަސައްކަތްކުރި  ހީވާގި ޓީމެކެވެ. ފާލަމުގެ މަސައްކަތްކުރި މީހުންގެ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަނީ އެއިން ކޮންމެ މީހަކީ  ވިލިނގިލީގެ މިއަދުގެ ޒުވާނުންނަށް ފަޚުރުވެރި ނަމޫނާއެއްކަމުގައި ދަންނަވަމުންނެވެ.

ފާލަމުގެ ޑެކް އެޅުމާއި، ފުރާޅުގެ މަސައްކަތާއި ސީލިންގކުރުމާއި ފަޑި އެޅުން ފަދަ މަސއްކަތްތައް ކުރުވީ އަގުދީގެން، ރާއްޖެތެރެ ތަރައްގީކުރުމުގެމަޝްރޫޢޫގެ ތެރެއިންނެވެ. ފާލަމުގެ މަސައްކަތުގައި ރކއ ކޮމެޓީއާއި އަންހެނުންގެ ކޮމެޓީގެ އިތުރަށް ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބުނުކަން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.

1994ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީން އަޅުގަނޑު މާލެ ގެންދަވައި އެންޓި ކޮރަޕްޝަނަށް ޙާޒިރުކުރައްވައި ވިލިނގިލީ ފާލަމުގެ ތަނބުތައް އަޅާން ތައްގަނޑު ހޯދީ ކޮންތާކުންތޯ ސުވަލުކުރެއްވިއެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އަނބުރައި ދައްކާ ގޮތަށް ތައްގަނޑުތައް ހޯއްދަވައިދެއްވައި މިނިސްޓަރ އޮންރަބްލް އިލްޔާސް އިބްރާހީމް ތައްގަނޑުތައް ފޮނުއްވައިދެއްވި ވާހަކައާއި މަސައްކަތް ނިމުމުން ތައްގަނޑުތައް ގެންގޮސް އެއަރޕޯޓް ކުންފުންޏާ ޙަވާލުކުރި ވާހަކަ ދެންނެވީމާ، އެ ގޮތަށް ބަޔާނެއް ނަންގަވައި އަޅުގަނޑު ލައްވައި ސޮއިކުރުވިއެވެ.

މި ދެންނެވި ހާދިސާގެ ސަބަބުން ކުށްވެރި ނުވިޔަސް އިންތިޚާބު ނިމެންދެން މާލޭގައި ބަންދުކުރައްވައި ވަޒީފާއިން ނޯޓިސްދެއްވައި އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުން އަޅުގަނޑު ވަކިކުރެއްވިއެވެ. އަދި އޭގެ ފަހުން އަތޮޅުން އެއްވެސް ވަޒީފާއެއް ނުވެސް ދެއްވިއެވެ.އަމިއްލަ ވަޒީފާތަކާއި މަސައްކަތްތަކަށް ނުކުމެ، މާލޭގައި މި އުޅެނީ އެހައި ހިސާބުން ފެށިގެންނެވެ. ރަށުން ބޭރުވާން ޖެހުނީ އެ ހިސާބުންނެވެ. އެހެން ނޫންނަމަ، ވާދަވެރީންގެ ފަރާތުންނާއި ވާދަވެރީންނަށް ވާގިވެރިވި މީހުންގެ ޢަދުލުވެރިކަމެއް އިންސާފެް ނެތް އަނިޔާގައި ތާށިނުކުރިނަމަ، އަދިވެސް އަޅުގަނޑު ދެމިހުރީހީ ރަށުގެ ތަރައްގީގެ މުގުލުގައެވެ.

______________________

ބައެއް ލަފުޒުގެ މާނަ:

ތައްޓު      ނ.     ފުރާދުއްވާ އުޅަނދުފަހަރުގެ ވަތްތަކުގެ މަތީގައި އަޅައިފައި އޮންނަ ޑެގު.

ފަޑި       ނ.     (1) އެނދާއި އުނދޯލި ފަދަ ތަކެތީގެ ދެ ކޮޅާއި، ބިތްދޮށުގައި ހުރަސް ތޭރިމައްޗަށް ފަތިހަރުކޮށް ހަދައިފައިވާ ބައި. (2) ފުރާދުއްވާ އުޅަނދުފަހަރުގެ ދެ ފަރާތު މަތިކަން މަތީގައި ތޭރިޖަހައިގެން ހަދައިފައި ހުންނަ ބައި. (3) އަރާފައިބަން ހަދާފައި ހުންނަ ސިޑިއާއި ފާލަން ފަދަ ތަންތާގައި އަރިމަތީގައި ހިފޭ ގޮތަށް ހަދައިފައިވާ ބައި.

ފަޑިއެޅުން    މ.     ފަޑި ހަރުކުރުން.

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަދުނާނު ޙަލީމަކީ ދިވެހި ތާރީޚާއި ސަގާފަތް ދިރާސާކުރައްވައި ދިވެހިބަހާމެދު ޚާއްޞަ ލޯތްބެއް ހުންނަ މަސައްކަތްތެރި ބޭފުޅެކެވެ. އޭނާގެ ލިޔުއްވުން ބޮޑަށް ބިނާކުރައްވައިފައި ހުންނަނީ ވެސް މި ދާއިރާތަކުގެ މައްޗަށެވެ.

Advertisement

ކޮމެންޓް
އިބްނި މުހަންމަދު
ތާރީޚީ ހަނދާނެއް. އެ ދުވަސްވަރު ރަށްރަށުގައި އިޖުތިމާޢީ ރޫޙު ހުރޭ.
09 May 2024