Advertisement

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް މި އަހަރު ރާއްޖޭގައި ފާހަގަކުރީ އުފާވެރި ޚަބަރުތަކަކާ އެކު.

09 May 2024 | 01:49
ތެލެސީމިއާ ދުވަސް ފާހަގަކުރާން ރޭ ބޭްއްވި ޙަފުލާގެ ތެރެއިން .....

އަބާ މުޙަންމަދު

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ، އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒު (ސޯޝަލް ސެންޓަރު)ގައި ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު، ތެލެސިމިއާ ކުދީންނަށާއި އެ ކުދީންގެ ބެލެނިވެރީންނަށް ދެއްވީ އުފަލުން ފޮޅޭ ފަދަ އުފާވެރި ޚަބަރުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެމަނިކުފާނުގެ އަނބިކަނބަލުން (ރާއްޖޭގެ މަހާރެހެންދި) މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ރާއްޖޭގެ ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި ތިބެގެން ތެލެސީމިއާ ކުދީންނަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް އޮޅުންފިލުއްވައިދެއްވިއެވެ.

ތެލެސީމިއާ ކުދީންނަށް މިހާރު ލިބޭން ހުންނަ ދާއިމީ ފަރުވާއަކީ ބޯންމެރޯ ހެދުމެވެ. މި ކަން ކުރުމުގެ ފުރުޞަތު ކޮންމެ އަހަރަކު ވަކި ޢަދަދެއްގެކުދީންނަށް ދެއްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މި ޕްރޮގްރާމުގެ ދަށުން ބޯންމެރޯ ހެދުމަށްޓަކައި މިހާރު ފަސް ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން ދެ ކުއްޖެއްގެ ބޯން މެރޯ އެޕަރޭޝަންތައް ނިމި މިހާރު ތިބީ އޮބްޒަވޭޝަންގައިކަން ޑރ. ޚަލީލު ހާމަކުރެއްވިއެވެ. އަދި އަނެއް ތިން ކުދީންގެ އޮޕަރޭޝަންގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް ވެސް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭ އިތުރު 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ޓަކައި ރައްޖެއިން ބޭރަށް ފޮނުއްވާނެކަމަށާއި އޭގެ ތެރެއިން ފަސް ކުއްޖަކު މިއަހަރުގެ މެދުތެރޭގައި ފަރުވާއަށް ފޮނުއްވައި، އަހަރުގެ ފަހުކޮޅު އިތުރު ފަސް ކުދީން އެ ކަމަށް ޓަކައި ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް ވެސް ޑރ. ޚަލީލު އިޢުލާނުކުރެއްވިއެވެ.

ބޯންމެރޯ ހެދުމަށް ޓަކައި ގުޅޭތޯ ބަލާން ހަދާ ޓެސްޓު ކުރީން ޖެހެނީރާއްޖެއިން ބޭރަށް ކުއްޖާއާއި ބެލެނިވެރިޔާއާއި އެހީދޭ މީހާ ފޮނުވައިގެން ޓެސްޓު ހަދާންކަމަށް ވިޔަސް މިހާރު އެ ޓެސްޓު ހެދުމުގެ ޚިދުމަތް ރާއްޖެއިން ލިބޭނެކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ ތެލެސީމިއާ ކުދީންނަށް ފަރުވާދެމުންދާ އިމާރާތް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީން އާ އިމާރާތެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ އިމާރާތް ތަރައްޤީކުރައްވާނީ ތެލެސީމިއާ ކުދީންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށާއި މިހާރު އިމާރާތުގެ ޑިޒައިންގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އިމާރާތް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސެމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތެލަސީމިއާ ކުދީންނަށް ހުރިހައި ޚިދުމަތް ދޭނެ ފުރިހަމަ ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވަރެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ތަން ވާނީ މި ސަރަޙައްދުގައި ވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއްތަނަށްކަމަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްޤީކުރަނީ ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެ އިންތިޒާމްތަކާއި ތެލެސީމިއާ ކުދީން ރާއްޖޭގައި މަދުކުރުމަށް ޓަކައި ކުރާންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރެވޭ ފަދަ ގޮތަކަށް އެހެނިހެން ހުރިހައި ޚިދުމަތްތަކާއެކުގައިކަމަށް ވެސް ވަޒީރު އިޢުލާނުކުރެއްވިއެވެ.

އެ ތަނުގައި ތިބެގެން ބޯންމެރީހެދުމާއި ފަހުގެ ސައިންސްގެ ޒަރީޢާއިން މި ބަލި ކޮންޓްރޯލްކުރުމަށް ޓަކައި ކުރާންޖެހޭ މަސައްކަތްތައްކުރާން ބޭނުންވަ އާލާތްތައް ޤާއިމް ކުރުމާއި ފަހުގެ ލެބޯޓަރީތައް ޤާއިމްކުރުން ފަދަ ކަންކަން ޤާއިމްކުރެވޭނެކަމަށާއި ރާއްޖޭގައި މިހާރު ހުރި ބްލަޑް ބޭންކަށް ވުރެ ރަނގަޅަށް އެކަމުގެ ޚިދުމަތް ދެވޭނެ އިންތިޒާމު އެ ތާނގައި ގާއިމުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުރިހަމަ ހޮސްޕިޓަލެއް ތަރައްގީކުރާއިރު ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މީހުންނަށް ތަމްރީނުދިނުމަކީ މުހިންމު ކަމެއްކަމަށް ވާތީ، މީހުން ތަމްރީންކުރުމަށް ޓަކައި އަވަށްޓެރި ބައެއް ޤައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް މިހާރު ފައްޓަވައިފައިވާކަމަށާއި މި ކަމުގެ އެއްބަސްވުމަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ސޮއިކުރެވޭނެކަމަށެވެ.

އަދި މި މަސައްކަތަށް މަހާރެހެންދި މެޑަމް ސާޖިދާ ދެއްވާ މަޝްވަރާއާއި އެހީތެރިކަން ވަޒީރު ކާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ފޯނުން ގުޅުއްވައިގެންނާއި ބައްދަލުކުރައްވައިގެން ވެސް އެ ކަން އަވަސްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާދެއްވިކަމަށް ޑރ. ޚަލީލް ވިދާލުވިއެވެ.

ކޮންމެއަކަސް މި އަހަރުގެ ތެލެސީމިއާ ދުވަސް ރާއްޖޭގައި މި ފާހަގަކުރެއްވި މީގެ ކުރީން ދުވަހަކު ވެސް ތެލެސީމިއާ ކުދީންނަށް ލިބިފައިނުވާ ފަދަ އުފާވެރި ޚަބަރުތަކަކާ އެކީގައެވެ. ތެލެސީމިއާކުދީންނާއި އެ ކުދީންގެ ބެލެނިވެރީން މި ރޭ ތިބީ ވަރަށް އުފަލުންނެވެ. ރައީސުލްޖުމްހޫރިއްޔާޑރ. މުޙަންމަދު މުޢިއްޒަށް ޝުކުރުވެރިވާ ޙާލުގައެވެ.

ކޮންމެ އަހަރެއްގެ ވެސް މެއިމަހުގެ އަށްވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ ގޮތުގައެވެ. މި ފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަނީ މި ކަމާ މެދު، މުޖުތަމަޢު ހޭލުންތެރިކުރުވާއި، އެ ކުދީންނަށް ބޭނުންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް