Advertisement

ވަކި ގައުމަކުން ރާއްޖެއަށް ފަތުރުވެރީން އައުން މަދުކުރި ނަމަވެސް މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް އައީ ކުރިއެރުމެވެ.

08 May 2024 | 14:03
ރާއްޖެއަށް އައި ފަތުރުވެރީންތަކެއް ރިސޯޓެއްގައި.....

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖެއަކީ ހަމައެކަނި ވަކި ގައުމަކަށް ބަރޯސާވާން ޖެހޭ ގައުމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޝިޢާރަކީ "އާދޭއާދޭ، އެންމެން އާދޭ"އެވެ. ވަކި ބަޔަކު އިސްތިސްނާއެއް ނުކުރެއެވެ. މި ރާއްޖޭގައި އޮތީ ހަމައެކަނި ދޮންވެރިކޮޅެއްކަމަށް ބަޔަކު ހީކުރިޔަސް އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ވަރުގަދަ ތަނބަކީ ހިތްހެޔޮކަމާއި މެހުމާނުދާރީއާއި ފުރިހަމަ ޚިދުމަތެވެ. އެހެންކަމުން ރާޖެއަށް އިގުތިސާދީ ގޮތުން ދަތިކުރުމަށް ޓަކައި ވަކި ގައުމަކުން މަސައްކަތްކުރިޔަސް މިއަހަރުގެ ފުރަތަމަ ކާލުގައި، ﷲގެ ރަޙުމަތްފުޅާ އެކު އިގުތިސާދީ ހުރިހައި ދާއިރާއަކުން ވެސް ދިވެހި ގައުމަށް ލިބުނީ ކުރިއެރުމެވެ.

އިގުތިސާދީ ގިނަ ދާއިރާތަކުން ކުރިއެރުން ލިބި ވަޒީފާތައް އިތުރުވެފައިވާކަން، ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު (އެމްއެމްއޭ)ގެ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމުގެ ދުވެލި ތަންކޮޅެއް މަޑު ނަމަވެސް އައީ ކުރިއެރުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި ދިޔަ އަހަރާ އަޅައިބަލާ އިރު، މި އަހަރު ފުރަތަމަ ކާލުގައި ރާއްޖެ އައި ފަތުރުވެރީންގެ އަދަދު ވަނީ %12.3 އިތުރުވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެ ދިޔަ، ދެ އަހަރާ އަޅައިބަލާ އިރު ވެސް މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި ހިނގާ މޭމަހު ފަސްވަނަ ދުވަހާ ހަމައަށް ރާއްޖެއައި ފަތުރުވެރީންގެ ޢަދަދު 798610އަށް ވަނީ އަރައިފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 711402 ފަތުރުވެރީންނެވެ. އެހެންވީމާ މިއީ %12.3ގެ އިތުރުވުމެކެވެ. 2022ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ604730  ފަތުރުވެރީންނެވެ.

މިއަހަރުގެ މިހައި ތަނަށް ވަކިވަކި މަސްމަހުގައި ރާއްޖެއަށް އައި ފަތުރުވެރީންގެ ތަފުސީލު:

· ޖަނަވަރީ މަހު:  192385 ފަތުރުވެރީން

· ފެބްރުވަރީ މަހު: 217392 ފަތުރުވެރީން

· މާރިޗު މަހު:   194227 ފަތުރުވެރީން

· އެޕުރީލު މަހު:  168647 ފަތުރުވެރީން

· މޭ މަހު ފަސްވަނަ ދުވަހާ ހަމައަށް: 25959 ފަތުރުވެރީން

މިހާރު ދުވާލެއްގެ މައްޗަށް 6338 ފަތުރުވެރީން އެވްރެޖު ގޮތެއްގައި ރާއްޖެއަށް ޒިޔާރަތްކުރާކަމަށް ވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފަތުރުވެރީން އައި ޤައުމުތައް:

· ޗައިނާ: 87،566 ފަތުރުވެރީން

· ރޫސީވިލާތް:    80،698 ފަތުރުވެރީން

· އިނގިރޭސިވިލާތް: 77،273 ފަތުރުވެރީން

· އިޓަލީވިލާތް:    71،693 ފަތުރުވެރީން

·  ޖަރުމަނުވިލާތް:  62،365 ފަތުރުވެރީން

މިއީ ހަމައެކަނި ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވަމުން އަންނަ ގޮތުގެ ކުޑަކުޑަ ތަފުސީލެކެވެ. މި ގޮތަށް ފަތުރުވެރިކަން ކުރިއަރަމުން އަންނަ އިރު، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ ޝުހުރަތާއި މަގުބޫލުކަން ވެސް އަންނަނީ އިތުރުވަމުންނެވެ. ދާދި ފަހުން ބޭއްވި ދުނިޔޭގެ ފަތުރުވެރިކަމުގެ އިނާމުގައި އިންޑިއާކަނޑުގެ ގިންތީން ރާއްޖެއަށް ވަނީ ޝަރަފުވެރި ހަތަރު ބައެއްގެ އިނާމު ލިބިފައެވެ. އެއީ:

· އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން،

· އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން،

· އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން

· އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން މި ޝަރަފުވެރިކަމުގެ ހަތަރު އިނާމެވެ.

މީގެއިތުރަށް ވެސް ރާއްޖެއިން ވަނީ ދުނިޔޭގެ އެހެން ބައެއް ޝަރަފުވެރި އިނާމުތައް ވެސް ޙާސިލުކޮށްފައެވެ.

އެހެންވީމާ، ވަކި ގައުމަކުން އަންނަ ފަތުރުވެރީންގެ ޢަދަދު މަދުވިކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރައިފައިވާ އިރު، ބައެއް ގައުމުތަކުން އަންނަ ފަތުރުވެރީންގެ ޢަދަދު އެތައް ތަނެއް އިތުރވެފައިވާ ވާހަކައާއި ޖުމުލަކޮށް ރާއްޖެއަށް އަންނަ ފަތުރުވެރީންގެ ޢަދަދު އިތުރުވަމުން އަންނަ ވާހަކަ ރިޕޯޓު ނުކުރަނީ ކިއްވެކަމާ މެދު ސުވާލު އުފެދެއެވެ. އަދި ޖުމުލަކޮށް 12 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ވާހަކަ ލިޔެލާން ނުކެރުނީ ކީއްވެބާވައެވެ؟!

ކޮންމެއަކަސް ވަކި ގައުމަކުން ރާއްޖެއަށް ފަތުރުވެރީން އައުން މަދުވި ނަމަވެސް، ބައެއް ގައުމުތަކުން އައި ފަތުރުވެރީންގެ ޢަދަދު އިތުރުވެ، މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް އައީ ކުރިއެރުންކަން ތަފާސްހިސާބުތަކުން ސާބިތުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހައި އެންމެންނާއި ފަތުރުވެރިކަމުގެ ވުޒާރާގެ ހުރިހައި ވެރީންނާއި މުވައްޒަފުންނަށް ތަހުނިޔާ ރައްދުކުރަމެވެ.

ބައެއް ލަފުޒުގެ މާނަ:

ކާލު       ނ.    ހަތަރުބައިކުޅަ އެއް ބައި.

ޝަރަފުވެރި   ނއ.   (1) ޢިއްޒަތްތެރި (2) މާތް (3) މަތިވެރި

ތަފާސްހިސާބު  ނ.   ހޯދައިބަލައިފައިވާ ޢަދަދުތަކަކުން ދޭ މަޢުލޫމާތު.

Advertisement

ކޮމެންޓް