Advertisement

މަހާރެހެންދީގެ ޤާބިލުކަން ވިލާތަށް ވެސް އެނގުނީތާއެވެ!

08 May 2024 | 10:37
ޗައިނާގެ މަހާރެހެންދި، މެޑަމް ޕެންގް ލިޔުއާން، ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯދުޣޭ އާޒޫލޭއާ މަޝްވަރާކުރައްވަނީ (ފޮޓޯ: ޝިންހުއާ ނިއުސް އެޖެންސީ(

އަބާ މުޙަންމަދު

އެއީ ހަމައެކަނި މަހާރެހެންދިއެއް ނޫނެވެ. އެއީ ހަމައެކަނި ރައީސް ޝީ ޖިންޕިންގގެ އަނބިކަނބަލުންގެ މަގާމުގައި ހުންނެވި ބޭފުޅެއް އެކަންޏެއް ވެސް ނޫނެވެ.

އާދޭހެވެ! މެޑަމް ޕެންގ ލިޔުއާންގެ އެހެން ޙައިސިއްޔަތެއް އެބަ އޮތެވެ. އެއީ އދ.ގެ ތަޢުލީމާއި ސައެންސާއި ސަގާފަތާ ބެހޭ ޖަމުއިއްޔާ (ޔުނެސްކޯ)ގެ ޚާއްޞަ މަންދޫބެވެ. ހަމައެކަނި ނަމެއްގައެއް ނޫނެވެ. ވަރަށް ބޮޑު މަސްއޫލިއްޔަތަކާއެކު ޙަވާލުކުރެވިފައިވާ މަގާމެކެވެ. އެއީ ދުނިޔޭގެ ހުރިހައި އަންހެންކުދީންނާއި އަންހެނުންގެ ތަޢުލީމު ކުރިއެރުވުމަށް ޓަކައެވެ. މި މަސައްކަތް ހިނގާނުހިނގާ ގޮތް ބައްލަވައިލައްވައި މަސަްކަތްޕުޅުގެ އަދާހަމައެއް ބައްލަވައިލެއްވުމަށް ޓަކައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި މަރުކަޒަށް ވަޑައިގެންދެއްވުން އެދިވަޑައިގެން ޔުނެސްކޯގެ ޑިރެކްޓަރ-ޖެނެރަލް މޒ. އޯދުޣޭ އާޒޫލޭ ދެއްވި ދައުވަތަކަށް މި މަހު ހަވަނަ ދުވަހު، ޕެންގ ލިޔުއާން ވަޑައިގެން އެ ކަމުގެ ތަފުސީލުތައް ދެއްވިއެވެ.

މެޑަމް ޕެންގގެ އަރިހުގައި އާޒޫލޭ ހުންނަވައިގެން ޕެރިހުގެ ޚާއްޞަ މަޢުރަޒަކަށް އެ ދެ ބޭފުޅުން ވަޑައިގަތެވެ. އެއީ ޗައިނާއާއި ޔުނެސްކޯއާ ދެމެދު އުފެދިފައިވާ އެއްބާރުލުމުގެ ސަބަބުން 10 އަހަރުގެ ތެރޭގައި ޙާޞިލުކުރެވުނު ކާމިޔާބީތައް ދައްކުވައިދޭ މަޢުރަޒެކެވެ. މަޢުރަޒު ތަޢާރަފުކޮށްދެއްވަމުން އާޒުލޭ ވިދާޅުވި ގޮތުގައި މުޅި ދުނިޔޭގައި އަންހެންކުދީންނާއި އަންހެނުންގެ ތަޢުލީމު ކުރިއަރުވާން ކުރެވުނު މަސައްކަތުގައި ޗައިނާގެ އެހީތެރިކަމާއި ޙިއްސާ ވަރަށް ބޮޑެވެ.

އަންހެންކުދީންނާއި އަންހެނުންގެ ތަޢުލީމުކުރިއެރުވުމަށް ޓަކައި ޗައިނާގައި ކުރެވިފައިވާ ގިނަގުނަ މަސައްކަތްތަކާއި ލިބިފައިވާ ކުރިއެރުންތަކާއި ހޯދިފައިވާ ކާމިޔާބީތަކުގެ ޚުލާޞާއެއް، މެޑަމް ޕެންގ، މޒ. އާޒޫލޭއަށް ވިދާޅުވެދެއްވިއެވެ. އަދި ޚާއްޞަ ގޮތެއްގައި ތަޢުލީމު ފުރިހަމަނުކުރެވި އިސްކޫލުން ވަކިވެފައިވާ އަންހެންކުދީން އަލުން އިސްކޫލަށް ގެނައުމަށް ޓަކައްޔާއި އަދި ފަގީރު ސަރަހައްދުތަކުގައި ކިޔަވައިދިނުމުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި ޗައިނާގައި ގައުމީ ފެންވަރެއްގައި ހިންގާ "ރަބީޢުގެ ކޯދު މަޝްރޫޢު" (ސްޕްރިންގ ބަޑް ޕްރޮޖެކްޓް)ގެ ނަތީޖާއާއި ތަފުސީލުތައް ޔުނެސްކޯގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މެޑަމް ޕެންގ އޮޅުންފިލުއްވައިދެއްވިއެވެ.

ޕެންގ ވިދާޅުވި ގޮތުގައި ޔުނެސްކޯގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ވޭތުވެ ދިޔަ ދަހަރުގައި ދުނިޔޭގެ ތަފާތު ގައުމުތަކުގެ ވަރަށް ގިނަ އިސްކޫލުތަކަކަށް އެ ކަމަނާ ދަތުރުފުޅުކުރައްވައިފިއެވެ. އެ ތަންތަނުން އަންހެނުންގެ ތައުލީމާއި އަންހެނުންގެ ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުން ފެނިވަޑައިގެން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހުނެވެ. "ޗައިނާގެ ފަރާތުން އަބަދުވެސް ޔުނެސްކޯއާއެކު ދެމި އޮންނާނީ މުޅި ދުނިޔޭގައި ވެސް އަންހެނުންގެ ތައުލީމަށް ޓަކައި ކުރާ ވުނަ އިތުރުކޮށް، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް އެހީތެރިވުމުގައެވެ." ޕެން ވިދާޅުވިއެވެ.

އާޒޫރޭގެ ވާހަކަފުޅުގައި މެޑަމް ޕެންގެ މަސައްކަތްޕުޅަށް ތަޢުރީފުކުރައްވައި ޔުނެސްކޯގެ މަސައްކަތުގައި އެ ކަމަނާގެ ޙިއްސާ ބޮޑުކަން ފާހަގަކުރެއްވިއެވެ. މި ކަން ފާހަގަކުރައްވައި އަންހެނުންގެ ތަޢުލީމު ކުރިއެރުވުމުގައި ޗައިނާގެ އިތުރު އެހީތެރިކަން އަބަދު ވެސް ޔުނެސްކޯއިން ބޭނުންވާކަން ވެސް ހަމަކުރެއްވިއެވެ. އަދި "10 އަހަރުގެ ޚިދުމަތުގެ ޝަރަފު"ގެ ސަނަދެއް ވެސް އާޒޫރޭ، މެޑަމް ޕެންގއަށް އެރުވިއެވެ.

އަންހެނުންގެ ތަޢުލީމު ކުރިއަރުވާން އދ.ން މަސައްކަތް ކުރާ އިރު ދިވެހިރާއްޖެއާއި ދުނިޔޭގެ ގިނަ ގައުމުތަކުގައި މަތީ ތަޢުލީމުގައި އަންހެނުންގެ ޙިއްސާ މާ ބޮޑުކަން މިހާރު ފާހަގަކުރެވިފައިވެއެވެ. ދިވެހި ރާއްޖޭގައި ވެސް މަތީތަޢުލީމުގެއި މިއަދު އަންހެނުންގެ ޙިއްސާއަކީ ގާތްގަނޑަކަށް 78 އިންސައްތައެވެ. ނަމަވެސް މިއީ ގައުމީ ފެންވަރުގައި ސަމާލުކަން ލިބިފައިނުވާ، އެހެންނަމަވެސް ސަމާލުކަންދޭން ޖެހިފައިވާ މައްސަލައެއްކަމަށް ގަބޫލުކުރެވެއެވެ. ޖިންސުގެ ހަމަހަމަކަމަށް ވަކާލާތުކުރާ މި ޒަމާނުގައި އަންހެނުންގެ ހިއްސާ މިހައި ބޮޑުވުމަކީ ގައުމީ ނަޒަރަކުން ވިސްނާން ޖެހޭ ކަމެއްކަން ކަށަވަރެވެ.

ބައެއް ލަފުޒުގެ މާނަ:

ވުނަ       ނ.     ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ.

ދަހަރު      ނ.     ދިހަ އަހަރު

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ކުރީން އެހެން ބައެއް ނޫސްތަކަށް ވެސް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް