Advertisement

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާން ހަމަޖެހިފައިވަނީ މި މަހު 12އިން 16އަށް.

07 May 2024 | 19:00
ބައެއް ޢުމުރާވެރީންނާއި ކަޢުބަތުﷲ

އަބާ މުޙަންމަދު

"ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު"ގައި ވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކުން ޢުމުރާއަށް މީހުން ގެންދާ ނަމަ، އެ ކަމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައްވައިފައި ވަނީ މި މެ މޭ މަހު 12އިން 16ގެ ނިޔަލަށެވެ. ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުޞޫލުގެ ދަށުން، ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ދިނުމަށް ޓަކައި ކޮންމެ އަހަރަކުވެސް ދެ ފަހަރު އިޢުލާނުކުރާން ޖެހޭނެއެވެ. މިއީ މި އަހަރު އިޢުލާނުކުރާ ފުރަތަމަ ފަހަރެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅާން ޖެހޭ ފޮތް އެ ވުޒާގެ ވެބުސައިޓުން ލިބޭން ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރައްވައިފައިވާ "ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލު"ގައި ވާ ގޮތުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރައްވާނީ ސައްތައިން ސައްތަ ދިވެހިންގެ ޙިއްޞާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. އަދި ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާޢީ ކުށެއްގައި އޭނާގެ މައްޗަށް ޙުކުމެއް ތަންފީޒުކުރެވެމުންދާ މީހެއްކަމުގައި ވެގެންނުވާނެކަމަށާއި، އަދި އެ މީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚާ ހަމައަށް ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޙުކުމެއްކުރެވިފައިވާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކުރައްވައިފައި ވެއެވެ.

މި އުޞޫލުގައިވާ ގޮތުން ޢުމްރާއަށް މީހުން ގެންދާން ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށްކަމަށާއި ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ގާއިމުކުރާންޖެހެއެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދާން ފައިސާ ޖަމާކުރުމަށް ޓަކައި ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްޞަ އެކައުންޓެއް ބެންކެއްގައި ހުޅުވަން ވެސް މި އުޞޫލުގައި ވަނީ ލާޒިމްކުރައްވައިފައެވެ. ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދެވޭ ފަރާތްތަކުގެ ދަފުތަރެއް ވުޒާރާގައި އޮންނަންވާނެ ކަމަށާއި މި ދަފުތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަދާހަމަކުރާން ޖެހޭނެކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުފަތުރުގެ އިންތިޒާމުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭން ޖެހެނެކަމަށް ވެސް ބަޔާންކުރައްވައިފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 50 ކުންފުންޏަކަށް ވަނީ ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވައިފައެވެ.

މި ކުންފުނިތަކުގެ ތެރެއިން މި ދިޔަ މާރިޗު މަހު ހަތަރު ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އިތުރު ތިން ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދަ މިއަހަރު އޮގަސްޓު މަހަށް ހަމަވާނެއެވެ. މީގެ އިތުރަށް 22 ކުންފުންޏަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވަނީ އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ. މީގެ އިތުރަށް 21 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު 2025ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ހަމަވާނެއެވެ.

"ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލު"ގައި ބަޔާންކުރައްވައިފައިވާ ހުރިހާ ކަންތައްތަކަކީ ވެސް ރާއްޖެއިން ޢުމްރާއަށް ދާ މީހުން، ސަލާމަތާއި ރައްކާތެރިކަމާ އެކު, ހިތްހަމަޖެހިގެން ޢުމްރާގެ އަޅުކަން އަދާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ޓަކައި ކަނޑައަޅުއްވައިފައިވާ އުޞޫލުތަކެއްކަން އެ އުޞޫލަށް ވިސްނައިލުމުން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

_______________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ.

Advertisement

ކޮމެންޓް