ޙަމަލާތައް ހުއްޓުމުގެ ހުށަހެޅުން ހަމާސުން ގަބޫލުކޮށްފައިވަނިކޮށް އިސްރާއީލުން ރަފަޙަށް ވަރުގަދައަށް ޙަމަލާތައް ދެނީ ކީއްވެ؟
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޤަޠަރާއި މިޞްރުން އިސްރާއީލުގެ ޙަމަލާތައް ހުއްޓައިލުމަށް ހުށަހެޅި ހުށަހެޅުން ޙަމާސުން ގަބޫލުކޮށްފައި ވިޔަސް އަދި އެ ވާހަކަތަކުގައި އިސްރާއީލުން ބައިވެރިވަމުން ގެންދިޔަޔަސް ޙަމަލާތައް ހުއްޓުމުގެ އެއްވެސް ނިޔަތެއް އިސްރާއީލުގެ ކިބައިގައި ނެތީ ކީއްވެހެއްޔެވެ؟ އެއި ހަގީގަތުގައި ވެސް އިސްރާއީލުން ބޭނުންވަނީ ފަލަސްތީނުގެ ނަސްލު އެކިއެކައް ނައްތައިލައި ފަލަސްތީނުގެ ބިންތައް ފޭރިގަންނާންކަމަށް ވާތީއެވެ. ޙަމާސް ނައްތައިލުމަށްކަމަށް ބުނެ ތަންތަނަށް ޢާންމުން އެއްކޮށް އެ މީހުން ބަނޑަށްޖައްސައި، ދުނިޔޭގައި އުފައްދައިފައިވާ އެންމެ ބާރުގަދަ ހަތިޔާރުން ވައިގެ މަގުންނާއި އެއްގަމު މަގުން ސީދާ ޢާންމުންނަށާއި ހަސްފަތާލުތަކަށް އަމާޒުކޮށް ޙަމަލާދިނުމުގެ އެހެން ބޭނުމެއް އެބަ އޮތްހެއްޔެވެ؟ މި ހަމަލާތަކަށް ހަތް މަސް ފުރި އަށްވަނަ މަހެއް ގުނަމުން ދާ އިރު، ހަމާސް ކޮބައިހެއްޔެވެ؟ ޙަމާސް އޮތް ގޮތަށް އެބަ އޮތެވެ. ޙަމާސް ނައްތައެއް ނުލެވުނެވެ. ފަލަސްތީނުގެ އެންމެ ފުރާނައެއް ހުއްޓައި ވެސް އެ މީހުންނަކަށް ޙަމާސެއް އުވައެއް ވެސް ނުލެވޭނެއެވެ. އިސްރާއީލުން އެ ބުނާ ރަހީނުންނެއް ވެސް މިނިވަނެއް ނުކުރެވުނެވެ. މިނިވަންކުރާކަށް ނުވެސް އުޅެއެވެ. އެހެނީ ރަހީނުން މިނިވަންކުރުމުގެ ޝަރުޠުގައި އެ މީހުން މިނިވަންކުރާން ޙަމާހުން އެއްބަހެވެ. އެ ކަމާ އެއްބަސް ނުވަނީ އިސްރާއީލުންނެވެ.
ރަހީނުން މިނިވަންކުރުމުގެ ނިޔަތެއް އިސްރާއީލުގެ ވެރިންގެ ކިބައިގައި އޮތްކަމަކަށް ފެންނާކަށް ނެތެވެ.
ޙަމާސް ޖަމާއަތުން ރޭ (އަންގާރަވިލޭރޭ) އިޢުލާނުކޮށްފައިވާ ގޮތުގައި "ހަނގުރާމަ" ހުއްޓައިލާން ޤަޠަރާއި މިޞްރުން ހުށަހަޅައިފައިވާ ހުށަހެޅުން އެ ޖަމާޢާތުން ގަބޫލުކުރާކަމަށް ވަނީ އަންގައިފައެވެ. ނަމަވެސް ނިރުބަވެރި ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓުގެ ފަރާތުން އެ ވާހަކަދެއްކުންތަކަށް މަންދޫބުން ފޮނުވުމާއެކު ސިފައިންނަށް ބާރުއަޅަނީ ތަނެއްދޮރެއް ނުބަލައި ޙަމަލާދިނުމާއިގެން ކުރިއަށް ދާށެވެ. އެހެންވީ އިރު އިސްރާއީލުގެ ނިޔަތާއި މަގުސަދު މި އޮތީ ރީތިކޮށް ފެންނާންތާއެވެ. އެ މީހުން ހަނގުރާމައިގެ ނަމުގައި، އަދި ޙަމާދިނުމުގެ ނަމުގައި ވެސް ހިންގަނީ ނަސްލުހޭދެކެވެ. ނަސްލެއް ނައްނައިލުމަށް ޓަކައި ހިންގާ ލާއިންސާނީ ޖަރީމާއެކެވެ.
ޙަމަލާ ހުއްޓައިލުމުގެ ހުށަހެޅުން ބުނަނީ ކީކޭ؟
ޙަމާސް ޖަމާޢަތުން ބުނަނީ އެ ހުށަހެޅުމުގެ މަގުސަދަކީ އަމާންކަމާއި ސަލާމަތްތެރިކަމެވެ. އަދި ޣައްޒާގައި ހިފަހައްޓައިފައި ތިބި ހަނގުރާމަވެރީންނާއި މަދަނީން އެކީއެކަށް ދޫކޮށްލުމެވެ. އަދި އޭގެ މުގާބިލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ގައިދީން މިނިވަންކުރުމެވެ. އޭގެ ތެރެއިން ދިރިތިބީންނާއި މަރުވެފައިވާ މީހެއްގެ ހަށިގަނޑުކަމަށް ވިޔަސްވެހެވެ.
ޣައްޒާ މިއަދު: މުޅި ސަރަހައްދު ހީވަނީ ތަޅައި ސުންނާފަތިކޮށްލައިފައިވާ ގާފުނިތަކެއް ހެންނެވެ.<br>
މި ޑީލު ހިންގާނީ ތިން ފިޔަވައްސަކަށް ބަހައިލައިގެންކަމަށް އެ ހުށަހެޅުމުގައި ވެއެވެ.
ފުރަތަމަ ފިޔަވަހި:
ފުރަތަމަ ފިޔަވަހީގައި އެއްބަސްވާނީ 42 ދުވަހުގެ މުއްދަތަކަށް ޙަމަލާތައް ހުއްޓައިލައިފައި ބޭއްވުމަށެވެ. އަދި އިރާއީލުގެ ލަޝްކަރުތައް އިރުމަތީ ސަރަހައްދުން ހުސްކޮށް ބައިބޯ އާބާދީތަކުން ދުރަށް ގޮސް އިސްރާއީލުގެ ސަރަހައްދި އިމުގެ ކައިރިއަށް ދާށެވެ.
އިސްރާއީލުގެ ހަނގރާމަވެރި އުޅަނދުތަކާއި ޑުރޯނުތައް ޣައްޒާ މަތީން އުދުހުން ކޮންމެ ދުވަހަކު 10 ގަޑިއިރަށް މެދުކަނދައިލާނެއެވެ. އަސީރުން ދޫކުރާ ދުވަސްވަރު 12 ގަޑިއިރަށް ކޮންމެ ދުވަހަކު މި މުހުލަތު އިތުރުކުރާނެއެވެ.
ފުރަތަމަ ފިޔަވަހީގައި އަސީރުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި އަންހެނުން ދޫކުރާން ވާނެއެވެ.
ދިރހުއްޓައި މިނިވަންކުރާ ކޮންމެ ޔަހޫދީ އަސީރެއްގެ ބަދަލުގައި އިސްރާއީލުން ޖަލުގައި ގެންގުޅޭ ފަލަސްޠީނީ ޤައިދީންގެ ތެރެއިން 30 މީހުން ދޫކުރާނެއެވެ.
ޔަހުދީ އަސީރުންގެ ތެރެއިން މިނިވަންކުރެވޭ ކޮންމެ އަންހެން އަސިރެއްގެ ބަދަލުގައި ފަލަސްތީނުގެ 50 މީހުން މިނިވަންކުރާން ވާނެއެވެ.
ފަލަސްތީނުން ވިއްސިވިހާލިވެފައިވާ ރައްޔިތުން އެބުރި ވަޒަނަށް ރުއޫޢަވުމުގެ ޙައްގުދިނުމާއި ޣައްޒާއަށް އެހީ ވެއްދުމަށް އެއްވެސް ހުރަހެއް ނޭޅުމަށް ވެސް މި ޑީލުގައި ލިޔެފައިވެއެވެ.
ދެވަނަ ފިޔަވަހި:
މި ފިޔަވަހީގައި ހިމެނެނީ އަސީރުން ބަދަލުކުރުމުގެ އިތުރުބުރެއް ބޭްވުމާއި ޣައްޒާއިން އެކީއެކަށް އިސްރާއީލު ސިފައިން ފޭބުމެވެ.
ތިންވަނަ ފިޔަވަހި:
މިއީ އެންމެ ޝައުގުވެރި ފިޔަވައްސެވެ. އަދި އިސްރާއީލުގެ ހަރުކަށި މީހުން އެންމެ ހިފަހައްޓާން ބޭނުންވާނެ ފިޔަވައްސެވެ.
2007ން ފެށިގެން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމަށް ނިމުން ގެނައުން މި ފިޔަވަހީގައި ހިމެނިފައިވެއެވެ. އަދި ތިން ހަތަރު ފަސް އަހަރަށް ޣައްޒާ އަލުން ބިނާކުރުން ވެސް ހިމެނެއެވެ.
ސުވާލަކީ މި ކަންކަން ކުރާން ހަތުރުވެރި ނިރުބަވެރި އިސްރާއީލާއި އެ މީހުންގެ ވާގިވެރިޔާ އެމެރިކާއިން ފުރުސަތު ދޭނެހެއްޔެވެ؟ މި ވަގުތު ވެސް މިހާރު ވަނީ ޣައްޒާއަށް އެހީދޭ ހުރިހައި މަގުތަކެއް އިސްރާއީލުން ބަންދުކޮށްފައެވެ. (އަލްޖަޒީރާ/ދަ ނޭޝަނަލް ނިއުސް)