Advertisement

އިސްލާމި އެއްބައިވަންތަކަމުގެ ގުޅުމުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުއަޅާން ގޮވައިލުމަކުން އަދި ނުފުދެއެވެ.

07 May 2024 | 01:08
އިސްލާމީ ގައުމުތަކުގެ ޗާޓު (ފެހިކުލައިގައި)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ އިސްލާމީ ގައުތަކުން ތަފާތު ބައްދަލުންތައް ބާއްވައި އިސްރާއީލާ ދެކޮޅަށް އެކިއެކި ނިންމުންތައް ނިންމައިފައިވެއެވެ. ނަމަވެސް އެ ނިންމުންތައް ތަންފީޒުކުރެވޭ ތަން ފެންނަނީ ވަރަށް ނިކަމެތި ގޮތެއްގައެވެ. މިހާރު ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކެއްގެ އެއްބާރުލުމާ އެކު އިސްރާއީލުން ހިންގމުން ގެންދާ ނަސްލުހޭދު ކުރިއަށް ގެންދާތާ ހައެއްކަ މަސް ފާއިތުވެފައިވާ އިރު، 57 ގައުމު ބައިވެރިވާ އިސްލާމީ އެއްބައިވަތަންތަކަމުގެ ޖައުއިއްޔާގެ 15ވަނަ ސަމިޓުން މި ވަނީ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާން އިސްލާމީ ގައުމުތަކަށް ގޮވައިލައިފައެވެ.

މި މަހު ހަތަރަކުން ފަހަކަށް ގެމްބިއާގައި ބޭއްވި އިސްލާމީ އެކުވެރިކަމުގެ ޖަމުއިއްޔާ -އޯއައިސީ-އިން ބޭއްވި އެ ޖަމުއިއްޔާގެ 15ވަނަ ސަމިޓުން ފާސްކުރި ގަރާރުގައި އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާން ގޮވައިލާން ގޮވައިލައިފައިވެއެވެ. އަދި އިސްރާއީލަށް މުދާ ބޭރުކުރުން ހުއަޓައިލުމަށް ވަނީ ގޮވައިލައިފައެވެ. އަދި ޣައްޒާގައި ނަސްލުހޭދުގެ ޖަރީމާ ހިންގަމުން ގެންދާ އިސްރާއީލުގެ އަސްކަރީ ފައުޖުތަކުން ބޭނުންކުރާން މުވާސަލާތީ ސާމާނާއި ހަތިޔާރު އެ ގައުމަށް ވިއްކުން ހުއްޓއިލުމަށް ވެސް ވަނީ ގޮވައިލައިފައެވެ.

ބައެއް ނޫސްވެރީންނަށް ފެނިފައިވާ ގޮތުގައި އާދީއްތަ ދުވަހު އޯއައިސީއިން ފާސްކުރި ގަރާރުގައި ގާނޫނީ، ސިޔާސީ އަދި ދީބުލުމާސީ ފިއްތުންތައް ކުރިމަތިކޮށް އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވައިދިނުމަށް ދުނިޔޭގެ ގައުމުތަކަށް އިސްލިމާސްކޮށްފައިވެއެވެ. "އަދި އެއްވެސް ޝަރުތެއް ނެތި މިހާރުން މިހާރަށް ދާއިމީ ގޮތެއްގައި އެ ޙަމަލާތަށް ހުއްޓައިލުމަށް" ވެސް އެ ގަރާރުގައި ގޮވައިލައިފަވެއެވެ.

ޢަރަބި ލީގާއި އޯއައިސީ ގުޅިގެން 2023ވަނަ އަހަރު ނޮވެންބަރު މަހު ސަޢޫދީ ޢަރބިއްޔާގެ ރިޔާޟުގައި ބޭއްވި ގުޅިފައިވާ ސަމިޓެއްގައި އިސްރއީލުގެ ނިރުބަވެރި ލަސްކަރުތަކުން ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނު ކުށްވެރިކޮށް އެ ކަން ހުއްޓުވުމަށް ސިޔާސީ އަދި އިގުތިޞާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރާން ގޮވައިލިއެވެ. ނަމަ ވެސް ވީކަމެއް ހަމަ ހަތްހަރާމުން ހަރާމެވެ.

އޯއައިސީއަކީ ޖެރޫސަލަމްގައި ހުންނަ އަލްއަޤުޞާ މިސްކިތުގައި ހުޅުޖެހުމާ ވިދިގެން މުސްލިމުންގެ މުޤައްދަސް ތަންތަން ޙިމާޔަތްކުރުމުގައި ފަލަސްތީނު ރައްޔިތުން ކުރާ ޖިހާދަށް ތާއީދުކުރުމަށާއި މުސްލިމުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް 1969ގައި އުފެއްދި ޖަމުޢިއްޔާއެކެވެ.

މިހާތަނަށް ތުރުކިޔޭއިން އިސްރާއީލާ ވިޔަފާރީގެ ހުރިހައި ގުޅުންތަކެއް ކަނޑައިލިކަން އިޢުލާނުކޮށްފައި ވިޔަސް ގިނަ ގައުމުތަކުން އިސްރާއީލާ ގުޅުން ބާއްވަމުން ގެންދެއެވެ.

މި ވާހަކަ ލިޔަމުން ގެންދާއިރު، ބިމުންނާއި ވައިން ޣައްޒާގެ ރަފަޙު ސިޓީއަށް އަނިޔާވެރި ޙަމަލާތަކެއް ދެމުން އެބަ ގެންދެއެވެ. އަދި ފަލަސްތީނަށް ކާބޯތަކެތި ވައްދާ ހުރިހައި މަގުތަކެއް ބަންދުކޮށްފައިވުމުގެ ސަބަބުން މިލިއަނެއްހައި މީހުން ތިބީ ބަނޑުހައިހޫނުކަމުގައި ވަންނާނެ ގެދޮރެއް ނެތިފައެވެ.

މިހާތަނަށް 35 ހާހެއްހައި ރައްޔިތުން ޣައްޒާއިން ޝަހީދުކޮށްލައި 78 ހާސް މީހުން ވަނީ ބޮޑެތި ޒަޚަމްތަކާއެކު ނުކުޅެދުންތެރީންނަށް ހަދައިފައެވެ. މިއީ ލިޔެލާން އުނދަގޫ ލަފުޒުތަކަކަށް ނުވިޔަސް މި ދެންނެވި ވޭނުގައި އުޅެމުން ގެންދާ ރައްޔިތުންނަށް ޚާއްޞަކޮށް ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީން ބަރުދާސްތުކުރަމުން ގެންދާ ނިކަމެތި ވޭންދެނިވި ޙާލަތު އިޙުސާސްކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

Advertisement

ކޮމެންޓް