Advertisement

ކަރުނައިގެ އަސަރު (14)

07 May 2024 | 00:02
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 މޭ ދެވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)   

         ___________________________________________

          ޤުދްރަތްތެރިކަމުން،އިންސާނިއްޔަތުކަމުގެ ވޭނުން އަހަރެންނަށް ސަލާމަތްވެވިއްޖެއެވެ.

              އަހަރެންގެ މަޤްޞަދަކީ ހަމައެކަނި އަލިފާން ރޯވުމަކަށް ނުވެވޭނެއެވެ.

          ___________________________________________

ސަތާރަ އަހަރުގެ ނިޝޫ ------- އޭނާގެ އެތެރެއިން ސަތާރަ ހެދުންލާފައިވާ ކަހަލައެވެ.

އޭނާ ވަރަށް ރީތި އަދި ވަރަށް ކުޅޭ ކުޅޭ ކުއްޖެކެވެ.

އޭނާ އުޅެ ބޮޑުވީ ލަންޑަނުގައިކަމަށްވިޔަސް އޭނާގެ ކޮންމެ އަދާއެއް ކޮންމެ ސްޓައިލެއް އަމިއްލަ ވަންތަ ގޮތް ހުއްޓެވެ.

ޔޫރަޕުގައި ބޮޑުވެފައިވާ މަލަކުން ފެންނަނީ އިރުމަތީގެ ކުލަތަކެވެ.

ރަޢުނާ އާދަޔާ ޚިލާފު ގޮތަކަށް ނިޝޫއަށް ބަލަމުންދިޔައެވެ.

ކައުސަރު ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް އޭނާއަށް މަޖުބޫރެވެ. ------- ކޮންމެ ޙާލެއްގައިވެސް ޚާން އަކުބަރުގެ އުފަލަށްޓަކައި ނިޝޫދެކެ ލޯބިވާން ޖެހެއެވެ.

އެކަމަކު އޭގެ ބަދަލުގައި އޭނާ ވިސްނާންވީ އޭނާ އުފަލުގައި ހުންނާންޖެހޭކަމެވެ.

ރަޢުނާއަށްވެސް ޔަޤީނެއްނޫނެވެ. ------ އޭނާވެސް ހުރީ ޤަބޫލުކުރާން ދަތިވެފައެވެ. ------ އޭނާގެ ކޮއްކޮއެއް  އުފަންވީ ކިހިނެއް ކީއްވެގެންހެއްޔެވެ؟

އޭނާގެ ކޮއްކޮއެއް ހުންނަކަމަށްވަންޏާ ކުރީން އޭނާއަށް އެކަން ނޭނގުނީ ކީއްވެހެއްޔެވެ؟

ޔޫރަޕުގައި ކޮއްކޮއެއް ހުރިކަން މި އެނގުނީ ވެސް މި ތަނަށް އައުމުންނެވެ.

މި ވަގުތު އެ ދެ ބެއިން ތިބީ ބަގީޗާގައި ސައިބޯށެވެ.

"ނިޝޫ -----! ވާހަކައެއް ބުނެފައިނާންހެއްޔެވެ؟ --------- ރަޢުނާ ވާހަކަދެއްކީ އޭނާގެ ސިކުނޑީގައި  އޮޅުން ބޮޅުން ވެފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ނިޔަތުގައެވެ.

"ދައްތަ ބުނެބަލާށެވެ. ------- ކިތަންމެ ވާހަކައެއް އެހިޔަސް އެންމެ ރަނގަޅެވެ. ----"

ނިޝޫގެ ވާހަކަދެއްކުމުގައި ހުރި ލޯބި ގޮތުން ރަޢުނާ ހިނިތުންވެލިއެވެ. އަދި ލޯބީން ފުރިފައިވާ ގޮތެއްގައި އޭނާއަށް ބަލައިލަމުން ބުންޏެވެ.

"ނިޝޫގެ ދައްތައެއް ހުންނަކަން ނިޝޫއަށް އެނގޭތަ؟"

"ނޭނގޭންވީ ކިއްވެ؟-----"

"ހަމަ ރަނގަޅަށްހެއްޔެވެ؟"

"އާނ، ދައްތާ -------!" ބޮޑުބޭބެ އަހަރެންގެ އަލްބަމުން ފޮޓޯ ދެއްކިއެވެ.

"ބައްޕަގެ ފޮޓޯއާ އެކު ވެސް މީހަކު އެބަ ހުރިހެއްޔެވެ؟"

"ނުހުންނާންވީ ކީއްވެ؟ -------- ދައްތަ ތިޔަ ހުރިހައި ސުވާލެއް ތިޔަ ކުރަނީ ކީއްވެހެއްޔެވެ؟ ޚާއްޞަކަމެއް އޮތީހެއްޔެވެ؟"

"ދައްތަ ކޮންމެވެސް ކަމެއް އެބަ ފޮރުވައެވެ. ------- މިހައި ތަނަށް ތިޔަ ކުރި ސުވާލުތަކުން އަހަރެންގެ އެއްވެސް ޒާތީ މަޢުލޫމާތެއް ދައްތައަށް ނޭނގޭކަން އެނގިއްޖެއެވެ."

"ފަހަރެއްގައި އެހެން ވެސް ވެދާނެއެވެ. --------" ރަޢުނާ ހީނލިއެވެ. -------

"މިހާރު ދައްތަގެ ހިތް ބުނަނީ ކީކޭހެއްޔެވެ؟"

"ތިޔަ ބުނި އެއްޗެއް ކުޑަކޮށް ތަފުޞީލުކޮށްދީފައިނާންހެއްޔެވެ؟

"އަހަރެން މިބުނީ އަހަރެން ފެނުމުން ދައްތަ އުފަލެއްނުވޭހެއްޔެވެ؟"

"ނިޝޫއަށް އެހެން ހީވީ ކީއްވެހެއްޔެވެ؟"

"އަހަރެން އެހެން ހީއެއް ނުކުރަމެވެ. ޖަވާބެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތް ވާހަކަ ދެންމެ ބުނީމެއްނޫންހެއްޔެވެ؟"

"އެނގޭ މިންވަރަކުންނެވެ.-------"

"އަހަންނަކީ މޮޔައެކެވެ. ----- އެހެންނޫންހެއްޔެވެ؟ ދައްތާ!" ނިޝޫ ހީނލަމުން ބުންޏެވެ.

އޭނާ ހީނލުމުން، އޭނާގެ ކޯތާފަތުގައިވާ ޑިމްޕަލްއަށް ރަޢުނާ ބަލަމުން ދިޔައެވެ.

ރަޢުނާ އެ ގޮތަށް ބަލާ ތަން ފެނުމުން ނިޝޫއަށް ސިހުމެއްލިބުނެވެ.

ރަޢުނާ ބާރަށް ހޭންފެށިއެވެ.

އެ ދެބޭން މި ގޮތަށް މަޖާކޮށް މިއަދު ހެމުން މި ގެންދަނީ އެތައް ދުވަހެއްގެ ފަހުންނެވެ. ރަތް ކުލައިގެ ކާރެއް ގަނޑުވަރުގެ ގޭޓުން ވަން ތަން ފެނުމުން އެ މީހުންގެ ހުނުން ހުއްޓުނެވެ. އޭރު ކާރު ވަދެގެން އައިސް މަޑުކޮށްފިއެވެ.

ކާރުން ފޭބީ ނިސްރީނެވެ. -------

އޭނާ ހުރީ މަޑު ނޫކުލައިގެ ސާޅިއެއްގައެވެ. ހީވަނީ ޤިޔާމަތް ވެދާނެހެނެވެ. އޭނާ އަންނަނީ އެ ދެބޭންނާ ދިމާއަށެވެ.

"އަހަންނަށް މި ވަގުތު މި އާދެވުނީ ނިޝޫއާ ބައްދަލުވުމުގެ ޝަރަފު އަހަންނަށް ލިބޭންކަމަށް ވެދާނެއެވެ."

"ނިސްރީނު ދައްތަހެއްޔެވެ؟"

ނިޝޫ އިޙުތިރާމުކުރުމުގެ ގޮތުން އޭނާ އިން ތަނުން ތެދުވެފައި ބުންޏެވެ.

"އާދޭ، އިށީނދޭ ------- ސަޖިދަކޮށް ރުކޫޢުކުރާން ފަށާހާ އަހަރެން ޢުމުރުން ދުވަހެއް ނުވެއެވެ."

ނިޝޫ ބާރަށް ހޭންފެށިއެވެ. އަދި ބުންޏެވެ.

"ނިސްރީނު ދައްތަ ރަޢުނާ ދައްތައަށް ފޯނުކުރި އިރު، ރަޢުނާ ދައްތަ އިނީ އަހަރެން ކައިރީގައެވެ.

"ވާހު ---------"

ނިސްރީނު ބާރަށް ހެމުން ބުންޏެވެ.

"ނިޝޫ ފެނުމުން، މާތް ﷲ ގެ ޙަޟްރަތުން ޙަޤީޤަތުގައި ވެސް އަހަރެން މި ހުރީ މަސްތުވެފައެވެ."

ނިޝޫ ކައިރިއަށް ނުބައި ހިންޏެއް އައެވެ.

"ޔާ ﷲ ------! މި ކަން ދެކޭ މީހުން ކާފިރުންނަށްވާނެއެވެ."

"ދައްތާ -------!!"

"ނިޝޫ ލޯމަރައިލައިގެން އިޙްތިޖާޖު ކުރިއެވެ.

"މަރުވެއްޖެއެވެ. -------"

ނިސްރީނު ގޮނޑިއަށް ވެއްޓިގަންނަ ކަހަލަ ގޮތެއްގައި އިށީންނަމުން ބުންޏެވެ.

ނިޝޫ އަނެއްފަރާތަށް އެނބުރިލިއެވެ.

ރަޢުނާ ބުންޏެވެ.

"ތިޔަ ވާހަކަތައް ހުއްޓައިލަމާ ހިނގާށެވެ. ------- ބުނެބަލާށެވެ. އަހަރެންގެ ކޮއްކޮއާ މެދު ނިސްރީނު ހިތްހަމަޖެހޭހެއްޔެވެ؟"

"ހޭނެތިގެން ނުދިޔައީ ކިރިޔާއެވެ. ވަގުތުން ޑޮކްޓަރެއް ހަމަޖައްސައިދީފި ނަމަ، އަހަރެން ވެސް މި ކަން ކުރާނަމެވެ.-----"

ނިސްރީނު ދައްތަ ހާދަހާވާ ލާނެތޭދޯ --------؟" ނިޝޫ ކަންބޮޑުވެގެން ބުންޏެވެ.

"ކީ ------- ކީކޭ؟-------------" ނިސްރީނު ދެލޯ ބޮޑުކޮށްލައިފައި ބުންޏެވެ.

"ތިޔަ ސަކަރާތް މި ހިސާބުން ނިމުނީއެވެ. ---------" ރަޢުނާ ހީނލަމުން ބުންޏެވެ.

"ކޮންމެވެސް ޕްރޮގްރާމެއް ރާވަމާ ހިނގާށެވެ. ------"

"ޕްރޮގްރާމު --------" ނިސްރީނު ސިކުނޑިއަށް ބާރުލައިފައި ބުންޏެވެ.

"ކޮންމެވެސް މަޖާ ޕްރޮގްރާމެކެވެ. --------" ރަޢުނާ ބާރަށް ބުންޏެވެ.

ރަޢުނާ ހިތާމައިން ސަލާމަތްވާން މަސައްކަތްކުރާ ތަން ފެނުމުން ނިސްރީނު ހުރީ ވަރަށް އުފާވެފައެވެ.

އެހެން ނޫނީ މި ވަގުތުގެ ގޮތުން އޭނާގެ ހިތާމަ ދައްކާން ބޭނުން ނުވަނީކަމަށް ވެސް ވެދާނެއެވެ.

"ކޮންކަހަލަ ޕްރޮގްރާމެއް -------" ނިސްރީނު އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

ޖަވާބުގައި ރަޢުނާ އެއްޗެއް ބުނުމުގެ ކުރީން ނިޝޫ ބުންޏެވެ.

"އަހަރެމެން އިންޑަސްޓްރީޒް ބަލައިލާން ދާނީއެވެ. ------"

"އިންޑަސްޓްރީޒް -------" ރަޢުނާ ސިއްސައިގެން ގޮސް ބުންޏެވެ.

"ދައްތަ އިޢުތިރާޒުނުކުރާންޏާ ބައްޕަގެ އިންޑަސްޓްރީޒް ބަލައިލާން ދާން އަހަރެން ބޭނުމެވެ. އެއީ ބޮޑުބޭބެ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައިވާތީއެވެ."

"ބޯ ޖަހައިލިއެވެ."

ނިސްރީނު އަވަސްއަވަހަށް ބުންޏެވެ.

ނިޝޫގެ ޕްރޮގްރާމަށް ރަޢުނާ ހިތްހަމަނުޖެހޭކަން ރަޢުނާގެ މޫނުމަތީން ހެކިދެއެވެ.

ފަހަރެއްގައި ނިސްރީނަށް އެ ކަން ފާހަގަ ނުކުރެވުނީކަމަށް ވެދާނެއެވެ. އެހެންކަމުން ނިސްރީނު އިތުރަށް ބުންޏެވެ.

"ކިހިނެއްވާނީ ރަޢުނާ ------ ރަޢުނާގެ ޚިޔާލަކީ ކޮބައި؟"

"އަހަރެންގެ ދެން އޮންނާނީ ކޮން އިޢުތުރާޒެއްހެއްޔެވެ؟ ނިޝޫ އެ ގޮތަށް ބޭނުންވަންޏާ ފުރަތަމަ އިންޑަސްޓްރީޒް ދައްކަމާ ހިނގާށެވެ."

"އަހަރެން ވަރަށް ބޮޑަށް ޝައުޤުވެރިވެއެވެ. ---------" ނިޝޫ ހިނިތުންވެލަމުން ބުންޏެވެ.

"އަދި ނިޝޫގެ ޝައުޤުވެރިކަމަކީ ކޮބައިހެއްޔެވެ؟"

ނިސްރީނު، ނިޝޫއާ ސުވާލު ކުރީ ހަލުވިކަމާއެކު އެސްފިޔަ ޖަހައިލަމުންނެވެ.

ފަހަރެއްގައި ނިސްރީނަށް ވާހަކަތައް ނުވިސްނުނީކަމަށް ވެދާނެއެވެ.

ސުވާލުކުރި ގޮތުން ނިޝޫ ދެތިން ފަހަރަކު ލޯ މަރައިލިއެވެ.

"އަންނާށެވެ. -------"

ހަމައެކަނި އެހެން ބުނުމަށް ފަހު ނިޝޫ ތެދުވެއްޖެއެވެ.

ރަޢުނާއަށް ނިޝޫއާއެކު ދާން މަޖުބޫރެވެ.

ކުޑައިރުކޮޅަކަށް ފަހު، ތިން މީހުން އިންޑަސްޓްރީޒަށް ދިޔުމަށް ޓަކައި ދަތުރު ފަށައިފިއެވެ. މިހާރު އެ މީހުން ތިބީ އިންޑަސްޓްރިޒްގައެވެ.

ނިޝޫ، ބައްޕަގެ މިހައި ބޮޑު ވިޔަފާރި ފެނި ވަރަށް އުފާވިއެވެ. އިންޑަސްޓްރީޒުގެ ގޭޓުގެ އެތެރެއަށް ވަންނަމުން ނިޝޫ ބުންޏެވެ.

"ދައްތާ -------!" ޙަޤީޤަތުގައިވެސް އިންޑަސްޓްރީޒް ވަރަށް ބޮޑެވެ. އަދި ވަރަށް ރީއްޗެވެ."

"ނިޝޫއަށް ވުރެ ރީއްޗެއްނޫނެވެ. --------" ނިސްރީނު ހިނިތުންވެލިއެވެ.

"އަހަރެން ހަދާފައެއްނޫނެވެ. ---------- އަހަރެން އެބަ ލަދުގަނެވެ.-------" ނިޝޫ ލަދުން ގޮސް ރަތްވެގެން ބުންޏެވެ.

"ލަދުވެތިކަން ވެސް ވާނީ ޤިޔާމަތަކަށެވެ. ---------"

ނިސްރީނު އަނެއްކާވެސް ނިޝޫއަށް އުނދަގޫ ކޮށްލިއެވެ.

ނިޝޫ ޙަޤީޤަތުގައިވެސް ލަދުގެންފިއެވެ.

"ޔޫރަޕު އަންހެންކުއްޖާ ދަގަނޑުގައި ޖެހިއްޖެކަން ޔަޤީނެވެ. ނަމަވެސް ސޯޅަ ސަތާރަ އަހަރުވަންދެން އެތާނގައި އުޅުނުނަމަވެސް ޙައިރާންވާންޖެހޭ މިތާނގެ މާހައުލަށް އާދޭސް ކުރާން މަޖުބޫރުކަމެވެ."

ނިޝޫ އެއްވެސް އެއްޗެއް ނުބުނެއެވެ.

ތިން މީހުން ވެސް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ރަޢުނާގެ ހަށިގަނޑު ތުރުތުރު އަޅައެވެ.

"މި ވަނީ ކިހިނެއްހެއްޔެވެ؟ ޢާމިރާ ކުރިމަތިލާން ނުޖެހިއްޖެއްޔާ ރަނގަޅެވެ.-------" ރަޢުނާއަށް ވާގޮތް ފެނުމުން ނިސްރީނު އަމިއްލަ ނަފުސު ކޮންޓްރޯލު ކުރާނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް އޮޅިގެންވެސް އެއްޗެއް ބުނެވޭ ގޮތަކުން ނިޝޫއަށް ކުރާނެ އަސަރެއް ވެސް ނޭނގެއެވެ.

ރަޢުނާ ކަންބޮޑުވުމާ އެކު، ކުރިއަށް ދިޔައެވެ. ކުޑައިރުކޮޅެއްގެ ފަހުން ޚާން އަކުބަރުގެ ކޮޓަރިއާ ހަމައަށް އެމީހުންނަށް ދެވިއްޖެއެވެ. ------ އެ ކޮޓަރިއަކީ ރަޢުނާ ބޭނުންކުރާ ކޮޓަރިވެސްމެއެވެ.

"އިށީންނާށެވެ. ------ ވަރުބަލިކަން އިހުސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ."

ރަޢުނާ ގޮނޑިއަކަށް ވެއްޓިގަންނަ ކަހަލަ ގޮތެއްގައި އިށީންނަމުން ބުންޏެވެ.

ދެން އޭނާ އަވަސް އަވަހަށް ޕްރޮގްރާމެއް ތަރުތީބުކޮށްލިއެވެ. އަދި ފޯނު ނަގައި ޝާހިދަށް ގުޅިއެވެ.

ޝާހިދު އޮފީހަށް ވަން އިރު، އިތުރު ދެ މީހަކު އެ ތާނގައި ތިއްބެވެ. އަދި އެ މީހުން ފެނިގެން އޭނާ އެ ތާނގައި މަޑުކޮށްލިއެވެ.

"މެނޭޖަރ ---------! މިއީ އަހަރެންގެ ކޮއްކޮ -------އޭނާ ލަންޑަނުން އައީ ހަމަ ދާދި ފަހުންނެވެ. -------- މެނޭޖަރ، އޭނާއަށް އިންޑަސްޓްރީޒް ދައްކާލާންވީނޫންހެއްޔެވެ؟"

"ވަރަށް ރަނގަޅު ------"

ޝާހިދު އަދަބު ވެރިވުމުގެ ގޮތުން ކުޑަކޮށް ބޯ ތިރިކޮށްލަމުން ބުންޏެވެ.

އެހެނީ ކޮންމެ ގޮތެއްވިޔަސް އޭނާ ރަޢުނާ ދެކެ ބިރުގަތެވެ.

"ދައްތައާއި ނިސްރީނު ދައްތަ އަހަންނާއެކު ނުދާނާންހެއްޔެވެ؟"

"ކޮއްކޯ ------ ! ތެދެއް ބުނަންހެއްޔެވެ؟ ------ މި ތަނުން އައުމުން މުހިންމު މަސައްކަތެއްގެ މަތީން ހަނދާންވެއްޖެއެވެ. ކޮއްކޮ ދިޔުމުން އަހަންނާ ނިސްރީނު އެ މަސައްކަތް ނިންމައިލާނަމެވެ.---------- އަދި ----- "

"އަހަރެން އެކަނި ހަމަ ދާންވީހެއްޔެ؟. ----------"

ނިޝޫ ދަމުން ހިތްހަމަނުޖެހޭ ރާގެއްގައި ބުންޏެވެ.

"ކޮއްކޮ ރުޅި އައީ ހެއްޔެވެ. --------؟"

ރަޢުނާ ދެރަވާ ގޮތެއްގައި ބުންޏެވެ.

ނިޝޫ އެނބުރި ހިނިތުންވެލުމަށް ފަހު، ޝާހިދާއެކު ބޭރަށް ނުކުމެއްޖެއެވެ.

"މި ހެޔޮކަމުގެ މާނައަކީ ކޮބައިހެއްޔެވެ.--------؟" ނިސްރީނު ޙައިރާންކަމާއެކު ބުންޏެވެ.

"އަހަރެން ނިސްރީނު ކައިރީގައި ވާހަކައެއް ބުނާންވެގެންނެވެ. --------"

ނިސްރީނު ލޯމަރައިލިއެވެ.

ރަޢުނާ، އޭނާގެ ގޮތުގައި ބުންޏެވެ.

"ޢާމިރު މިތާނގައި އެބައުޅެއެވެ."

"ކީކޭ ------؟"

"އޭނާއަކީ މި ތާނގެ ސުޕަވައިޒަރެވެ. ---------"

"ތިޔަ ބުނީ ކީކޭ ------؟"

ރަޢުނާ ބުނި އެއްޗެއް ނިސްރީނަށް ޔަޤީން ނުކުރެވުނު ކަހަލައެވެ.

"އަހަރެން މި ތަނުން އޭނާއާ ބައްދަލުވެސްކޮށްފީމެވެ. ---------" ރަޢުނާ ފިނި ނޭވާއެއްލަމުން ބުންޏެވެ.

"މުޅި ވާހަކަ ކިޔައިދީބަލާށެވެ.-------"

ޙައިރާންކަމާއި ވަރުގަދަ ސިހުމެއްގެ ތެރޭގައި ރަޢުނާއާ ދިމާއަށް ބަލައިލަމުން ނިސްރީނު ބުންޏެވެ.

"މުޅި ވާހަކަދޯ؟---------" ރަޢުނާ ފުން ނޭވާއެއްލަމުން ބުންޏެވެ.

"އޭނާގެ ނުލަފާކަން ރޫޙަކަށް ވެގެން އަހަރެންގެ ނާރުތަކުގައި ޖެހުނުކަން ވިސްނާށެވެ.------ އެހެންކަމުން އޭނާއާ ކައިވެނިކުރާން އަހަރެން ނިންމައިފީމެވެ. އެ ވާހަކަ އޭނާގެ ކައިރީގައި ބުނާން ވެސް ބުނެފީމެވެ. ކުޑަދުވަސްކޮޅަކަށް މަޑުކޮލާން އޭނާ ބުންޏެވެ. އޭރުން ކައިވެނި ކުރާނަމޭވެސް ބުންޏެވެ."

"ދެން ރަޢުނާ އޭނާގެ ވާހަކަ ޤަބޫލު ކުރީހެއްޔެވެ.-----؟"

"އެ ވާހަކަ ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ. އެހެންނޫނީ އަހަރެން ޖެހޭނީ ވަރަށް ހިތްދަތި މަރަކުން އޭނާ މަރައިލާށެވެ."

"ރަޢުނާ އަހަރެން މަޑުކުރުވީ ތިޔަ ވާހަކަ ބުނާންހެއްޔެވެ؟"

"އާނ ------ ނިޝޫއަށް އެ ކަން އެނގޭކަން އަހަރެން ބޭނުމެއްނޫނެވެ. އަދި އަހަރެން ނިޝޫ ގޮވައިގެން ޢާމިރު ކުރިމައްޗަށް އަރާކަށް ވެސް ބޭނުމެއްނޫނެވެ."

ޢަދަދު ނުކުރެވޭފަދަ ޝައްކުތަކެއް ނިސްރީނުގެ ނިތްކުރީން ފާޅުވަމުން ދިޔައިރު، ދެމީހުންވެސް ގެންދިޔައީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ. ކޮޓަރީގައިވަނީ ނަށަމުންދިޔަ ހަމަހިމޭންކަމެވެ.

އަނެއްކޮޅުން ނިޝޫއަށް އިންޑަސްޓްރީޒް ތަޢާރުފުކޮށްދެމުން ޝާހިދު ގެންދިޔައެވެ. ޢާމިރު ވިސްނާނެ ގޮތެއްވެސް ނޭނގެއެވެ. މިޚިޔާލުގައި ހުރެގެން ނިޝޫއަށް ޢާމިރުގެ ކޮޓަރީގެ ކުރިމަތީގައި ޝާހިދު މަޑުކޮށްލިއެވެ.

"މިއީ ސުޕަވައިޒަރުގެ ކޮޓަރިއެވެ. ---------" ޝާހިދު މަޑު މަޑުން ބުންޏެވެ.

"އެތެރެއަށް ވަންނަމާ ހިނގާށެވެ! -------- ކޮޓަރިތެރެ ވެސް ބަލައިލާންވާނެއެވެ. ---------" ނިޝޫ ހިނިތުންވެލަމުން ބުންޏެވެ.

"އެތެރެއަށް ވަންނަވާށެވެ. -------"

ޝާހިދު އަދަބު އިޙްތިރާމުކުރަމުން ގޮތުން ބޯ ތިރިކޮށްލަމުން ބުންޏެވެ.

އެއަށް ފަހު އެ މީހުން ޢާމިރުގެ ކޮޓަރިތެރެއަށް ވަނެވެ.

ޢާމިރު ----- އިނީ ގޮނޑީގައި ލެނގިލައިގެން -------- ލޯ މަރައިލައިގެންނެވެ.

އޭރު އޭނާގެ އަނގައިގައި އޮތް ސިނގިރެޓު ބުރީން ދުންއަރަމުން ދިޔައެވެ.

ކޮޓަރީގައި މީހަކު ހިނގާ ކަމުގެ އިހުސާސް އެވަގުތު އޭނާއަށް ކުރެވުނެވެ. ------ އެހެންނަމަވެސް ދެލޯ ހުޅުވައިލުމަށް ފަހު އަންނަމުންދާ ބަޔަކާ ދިމާއަށް ބަލައިނުލައެވެ. އޭނާ ސިނގިރެޓު ބޯލަމުން ބުންޏެވެ.

"ވިދާޅުވާށެވެ. ------" ނިޝޫ ބިރުންހުރެ ޢާމިރަށް ބަލައިލިއެވެ. ----------

ދެ މީހުންކުރެ އެކަކު ވެސް އެކައްޗެއް ވެސް ނުބުނެއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް
ފާތީ
ކޮބާައަނެއ އެޕިސޯދު ހާދަލަހޭ
14 May 2024