Advertisement

ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށްހިތުން (2)

06 May 2024 | 06:42
ރަސޫލާ ﷺގެ ނަންފުޅު

އަޙުމަދު ފަޔާޟު ޙަސަން

(2024 އެޕްރީލު 29ގައި ޝާއިޢުކުރި ބައާ ގުޅޭ)

މި ދަނޑިވަޅުގައި ހިތާމަޔާ އެކު ފާހަގަކުރާން ޖެހޭ އެއް ކަމަކީ ޚުދު ބައެއް މުސްލިމުން އެ މީހުންގެ ދީނަށާއި ކީރިތި ޤުރުއާނަށާއި ރަސޫލުﷲ ﷺއަށް ނިސްބަތްކޮށް ދައްކާންނުވާ ޒާތުގެ ވާހަކަދެއްކުމެވެ. ނުވަތަ ފާޑުކިއުމުގެ ނަޒަރަކުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ ﷺއާ މެދު ބަސްބުނުމެވެ. އަދި އެ ފަދަ ވާހަކައަކީ ހެޔޮ ނިޔަތުގައި އިޚުލާސްތެރިކަމާ އެކު، ދައްކާ ވާހަކަކަމަށް އެ ފަދަ މީހުންނަށް ހީވުމެވެ. ހަގީގަތުގައި އެ މީހުންނަށް ކީރިތި ޤުރުއާނާއި ކީރިތި ނަބިއްޔާﷺ ނޭގޭކަން ޚުދު އެ މީހުންނަށް ވެސް ނޭނގެއެވެ. ކީރިތި ޤުރުއާން ދެނެގަތުމަށްޓަކައި ދެ ކަމެއް ކުރާންޖެހެއެވެ. އެއީ ތަފުސީރަށް ދިއުމަށްފަހު  ތަދައްބުރުކުރުމެވެ. ރަސޫލުﷲ ﷺ ދެނެގަތުމަށްޓަކައި އެކަލޭގެފާނުގެ ސިޔަރަތަށް ރުޖޫޢަވެ އިބުރާހީމްގެފާނުގެ ހަޔާތްޕުޅު ދެނެގަންނާންޖެހެއެވެ.

ކަން އޮތީ މިހެން ކަމުގައި ވިޔަސް އެއްވެސް ރަސޫލަކަށް ނުވަތަ ނަބިއްޔަކަށް ފުރައްސާރަކޮށް ހަޖޫ ޖެހުމަކީ މުސްލިމުން ގަބޫލުކޮށް ބަލައިގަންނަ ކަމެއް ނޫނެވެ. އެއީ މުސްލިމުން ނަފުރަތުކޮށް އެ ކަމާ ދެކޮޅުހަދާ ކަމެކެވެ. ވަކީން ޚާއްޞަކޮށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺއަށް ފުރައްސާރަކޮށް ބަދުބަސް ބުނުމުން މުސްލިމުން އެ ކަމާ ދެކޮޅަށް ތެދުވުމަކީ ޠަބީޢީ ކަމެކެވެ. އެހެނީ އެއީ މުސްލިމުންނަށާއި އެ މީހުންގެ ދީނަށް ފުރައްސާރަކޮށް މަލާމާތްކުރުންކަމުގައި ވާތީއެވެ. ދުނިޔޭގެ އެކި ކަންކޮޅުގައި ދޭތެރެދޭތެރެއިން މި ނޭއްގާނީ އަމަލު ހިންގައެވެ. އެ ފަދަ ކޮންމެ ވަގުތަކު އިސްލާމީ އުންމަތް އެ ކަމަށް ކޮންމެވެސް ސިފައެއްގައި ރައްދުދެއެވެ. އަދި އުންމަތުގެ ނަމުގައި މީސްމީހުން ކެކިއަރައެވެ.

ވިސްނައިލަމާ ހިނގާށެވެ. ރަސޫލުﷲ ﷺއަށް ފުރައްސާރަކުރާ މީހުން އެ ކަން ކުރުމުގެ އެއް ބޭނުމަކީ މުސްލިމުން ރުޅިއަރުވައި އެ މީހުން ކެއްކުވުމެވެ. މުސްލިމުން ލައްވައި އަތުންފައިން ގޯސްހެއްދުމެވެ. މިއީ މުސްލިމުން ހޭލާން ޖެހޭ ނުކުތާއެކެވެ. ދީނުގެ ޢަދުއްވުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހިގެން ނުވާނެއެވެ. މުސްލިމުން، ޢިލްމާއި ޙިކުމަތުޢަމަލީ ބޭނުންކޮށްގެން އެ ފަދަ މަޅިތަކުން ސަލާމަތްވާން ޖެހެއެވެ. އަދި ނަބިއްޔާއަށް އެ މީހުން ކުރާ ފުރައްސާރައާއި ކުރިމަތިލާން ޖެހެނީ ވިސްނުންތެރިކަމާ އެކު، ފިސާރި މޮޅަށެވެ. މި ނޫން ގޮތަކަށް ރައްދުދެވޭ ކޮންމެ ފަހަރަކު ހަގީގަތުގައި އެ ކިލަނބުކޮށްލެވެނީ އަޅުގަނޑުމެންގެ ދީނާއި އުންމަތުގެ ތަސައްވުރެވެ. އެ ކަމުން ގެއްލުންވަނީ މުސްލިމް އުންމަތަށެވެ.

މުސްލިމުން ދަންނާން ޖެހޭ އެއް ކަމަކީ ދުޝްމަނުންގެ ފޮރުވިފައިވާ މަގުސަދެވެ. އެ މީހުންގެ ބޭނުމަކީ ދީނާއި ނަބިއްޔުންނާއި ރަސޫލުންނަކީ ނުވާ އެއްޗެއްކަމަށް މީހުންނަށް ވިސްނައިދިނުމެވެ. ޙައްޤު ދީނަށް އުޅެ، ނަބިއްޔުން ގަބޫލުކުރާ ހަމަ އެކަނި ބަޔަކީ މުސްލިމުންނެވެ. ޢަދުއްވުންގެ ބޭނުމަކީ މުސްލިމުންނަކީ ބޯދާ އަދި ބާޠިލު ޢަޤީދާއެއްގައި ތިބި ބަޔެއްކަން މީހުންނަށް އާންމުކޮށް ވިސްނައިދިނުމެވެ. އަދި އިސްލާމް ދީނަކީ ބޯދާ، ޒަމާނަށް ނުފެތޭ، ހައިޖާނު އުފައްދާ ދީނެއްކަން މީހުންނަށް ކަށަވަރުކޮށްދިނުމެވެ. އެ މީހުންގެ ދެވަނަ މަގުސަދަކީ ފައިސާ ހޯދުމެވެ. އެ މީހުން ހަގީގަތުގައި އަޅުކަންކުރަނީ ފައިސާއަށެވެ. އެހެންވެ މި ހަޔާތުގައި އެ މީހުންނަށް މުހިންމުވަނީ ފައިސާއާއި އުފަލާއި އަރާމެވެ. އެ މީހުން ޖަހާ ކޮންމެ މަޅިއެއްގައި މުސްލިމުން ޖެހުމާ އެކު، އެ މަޅި ޖެހި މީހުންނަށް ބިލިއަނުން ފައިސާލިބެއެވެ. ސަލްމާން ރަޝް ޑައި (ރުޝްދީ) "ސެޓަނިކް ވަރސަސް" (ޝައިޠާނީ އާޔަތްތައް) ލިޔުމުން މުސްލިމުން ކެކިގެން އެރިއެވެ. ނަތީޖާއަކަށްވީ ތާކުންތާކު ނުޖެހޭ ފޮތެއް ދުނިޔޭގައި އެންމެ ގިނައިން ވިކޭ ފޮތަކަށް ވުމެވެ. އަދި އެ ފޮތް އެތައް ބަހަކަށް ތަރުޖަމާކުރެވުމެވެ. އާޚިރުގައި އެ ފޮތުން ސަލްމާން ރަޝް ޑައިއަށް މިލިއަނުންމިލިއަނުން ފައިސާ ލިބުނެވެ. ހަމަ އެގޮތަށް އެ މަޅީގައި މުސްލިމުން ޖެހުމާ އެކު، މުސްލިމުން ދުނިޔޭގައި ބަދުނާމުކޮށް ފަޟީހަތްކުރިއެވެ. މިއީ ދީނުގެ ޢަދުއްވުންގެ ބޭނުމާއި މަގުސަދެވެ. އެހެންވެ އުންމަތުގެ ޢަދުއްވުން ހިންގާ އަމަލުތަކަށް އަޅުގަނޑުމެން ރައްދުދޭން ޖެހެނީ ޙިކުމަތްތެރިކަމާއެކުއެވެ.

ޙައްޤު ތެދުން އިންސާނާ ދުރަށް ދާ ޒަމާނެއްގައި މުސްލިމުން އެ ކަމަށް ހޭލާން ޖެހެއެވެ. އެ ގޮތުން އެމީހުންގެ އިސް ވާޖިބަކަށްވާން ޖެހެނީ އެ މީހުންގެ ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. މި ކަން ކުރުމަށް ޓަކައި އެންމެ ފުރަތަމަ ކުރާން ޖެހޭ ކަމަކީ އެ މީހުންގެ ނަބިއްޔާ މުޙައްމަދު ރަސުލޫﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތުމެވެ. އިންސާނާ ބިމުގައި ޚަލީފާއެއްގެ ގޮތުގައި ލެއްވުމަށްފަހު ﷲ އޭނާއަށް ތެދުމަގު ދެއްކެވިއެވެ. އިންސާނާއަށް ތެދުމަގު ދައްކަވާން ފޮނުއްވި އެންމެ ފަހުގެ ނަބިއްޔަކީ އަދި ރަސޫލަކީ ރަސޫލުﷲ ﷺއެވެ. ތެދުމަގު ދައްކަވާން ﷲ ބާވައިލެއްވި އެންމެ ފަހު ފޮތް ކީރިތި ޤުރުއާން ބާވައިލެއްވީ އެކަލޭގެފާނުގެ ހިތްޕުޅަށެވެ. ﷲ އެކަލޭގެފާނު ފޮނުއްވީ މުޅި ޢާލަމްތަކަށް ރަހުމަތެއްކަމުގައެވެ. އެހެންވެ ތެދުމަގުގައި ސާބިތުވެ ތިބުމަށް ޓަކައި އެކަލޭގެފާނަށް ފުރިހަމައަށް ތަބާވެ ކިޔަމަންވެ އެކަލޭގެފާނު ދޫކުރެއްވި ތަކެތީގައި ރަނގަޅަށް ހިފާން ޖެހެއެވެ.

އަދުގެ މި ހާލަތަށް ރިއާޔަތްކުރާ އިރު، އަޅުގަނޑުމެން މުސްލިމުން ކުރާން ޖެހޭ އެންމެ ބޮޑު ކަމަކީ ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތުމެވެ. އެއީ އެކަލޭގެފާނަށް ހުރުމަތްތެރިކޮށް ހިތައި އެކަލޭގެފާނަށް އިޙުތިރާމްކުރުމެވެ. އެކަލޭގެފާނަށް އެންމެ ފުރިހަމަ މާނައިގައި ތަބާވެ އެކަލޭގެފާނަށް ލޯބިކުރުމެވެ. ހަމަ އެ ފަދައިން އެކަލޭގެފާނުގެ ސުންނަތުގައި އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ. ނަތީޖާއަކަށް ވާނީ ހުރިހައި މާނައެއްގައި އެންމެ ފުރިހަމަ ނަމޫނާ މުޖުތަމަޢަކަށް އަޅުގަނޑުމެން ވުމެވެ. ސުލްހަވެރިކަމާއި އަމާންކަމާއި ފާގަތިކަމުގައި އަޅުގަނޑުމެން މިސާލަކަށް ވުމެވެ. ދުނިޔޭގެ ކުރިމަތީގައި އިސްލާމް ދީނާއި އުންމަތުގެ ބުރުސޫރަ ރީތިވުމެވެ. އުންމަތުގެ ޢަދުއްވުން ހިންގާ ކެހިވެރި މަޅިތަކުން ސަލާމަތްވުމެވެ. މި ކަން ކުރުމަށް ޓަކައި ފުރަތަމަ ޖެހެނީ ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް އެކަލޭގެފާނަށް މާތްކޮށް ހިތުމަކީ ކޮބައިކަން ދެނެގަންނާށެވެ.

މި ލިޔުން ލިޔުމުގެ ބޭނުމަކީ ރަސޫލުﷲ ﷺއަކީ ކޮބައިކަމާއި އެކަލޭގެފާނަށް ކަމޭހިތުމަކީ ކޮބައިކަން ބަޔާންކުރުމެވެ. މި ލިޔުމުގައި ފުރަތަމަ މި ބަލަނީ އަޅުގަނޑުމެންގެ ރައްބު ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺއަށް ދެއްވި ޢިއްޒަތާއި މަގާމާއި ދަރަޖައާއި މަތިވެރިކަމަށެވެ. ﷲ އެކަލާނގެ ނަބިއްޔާ ﷺއަށް ދެއްވި ލޯތްބާއި އިޙުތިރާމާއި ޝަރަފަށެވެ. މި ލިޔުމުގައި ދެން މި ބަލަނީ އަޅުގަނޑުމެންނަށް އެކަލޭގެފާނު މުހިންމުވާ މައިގަނޑު ސަބަބަށެވެ. އެއަށް ފަހު، މި ލިޔުމުގައި މި ބަލަނީ އެކަލޭގެފާނާ މެދު، މާތްކޮށް ހިތުމުގެ ގޮތުން އަޅުގަނޑުމެން ކަން ކުރާންވީ ގޮތަށެވެ. ޢިލްމާނީ ނުވަތަ ސެކިއުލަރ ފިކުރަށް ގައުމު ގެނބިގެންދާ ވަގުތު މި މައުޟޫއަށް އިންސާފުކުރުމަކީ ދިވެހީން ނުވަތަ ކޮންމެވެސް ދިވެއްސަކު ކުރާން ޖެހޭ ކަމެއްކަމުގައި ދެކެމެވެ.

ﷲ، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެ ގޮތުގައި އިޚުތިޔާރުކުރެއްވި އެންމެހައި ބޭކަލުންނަށް ޢިއްޒަތާއި މަތިވެރިކަން ދެއްވިއެވެ. އެ ހުރިހައި ބޭކަލުންނަށް ދުނިޔެއާއި އާޚިރަތުގައި މަގާމާއި ދަރަޖަ ދެއްވިއެވެ. އެކަމަކު އެ ހުރިހައި ބޭކަލުންނާއި ނުބައްދަލު މިންވަރަށް ﷲ، ރަސޫލު ﷲ ﷺއަށް ޢިއްޒަތާއި ދަރަޖައާއި ޝަރަފުދެއްވިއެވެ. އޮޅިގެން މީސްތަކުންނަށް އެކަލޭގެފާނަށް އަޅުކަންކުރެވިދާނެ މިންވަރަށް ﷲ، ރަސޫލު ﷲ ﷺއަށް ލޯތްބާއި މާތްކަން ދެއްވިއެވެ. އެހެންވެ ﷲ ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް އެކަލޭގެފާނަކީ ﷲގެ ރަސޫލާ ﷺކަމުގައި އެންގެވިއެވެ. އެކަލޭގެފާނަކީ އިންސާނެއްކަމަށް ތަކުރާރުކޮށް ﷲ ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ހަމައެކަނި ﷲގެ އެންމެ ފަހުގެ ރަސޫލާ ﷺކަމުގައި ވިދާޅުވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މި ކަމުގެ ޙިކުމަތަކީ އެކަލޭގެފާނަށް ތަބާވި މީހުން އެކަލޭގެފާނަށް މާތްކޮށް ހިތުމުގައި ޝިރުކުގެ ތެރެއަށް ވަނުމަށް ފުރުސަތުނުދެއްވުމެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަޙްމަދު ފަޔާޟް ޙަސަނަކީ ޢިލްމީ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވެއެވެ. ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގެވުމުގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަޙުމަދު ފަޔާޟް ޙަސަން އިޖުތިމާޢީ ދާއިރާތަކުން ލިޔުއްވައެވެ. މި ފަހަކަށް އައިސް އޭނާގެ ލިޔުއްވުންތައް ބޮޑަށް އަމާޒުކުރައްވަނީ އިސްލާމް ދީނާއި އިސްލާމީ ތާރީޚުގެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް