Advertisement

އިސްލާމީ ޖާސޫސީ މުއައްސަސާ އުފެދި ތަރައްޤީވުން (4)

06 May 2024 | 00:30
ޞާޙިބުލްޚަބަރިގެ ދީވާން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 އެޕްރީލް 29ގައި ޝާއިޢުކުރި ބައާ ގުޅޭ)

ދީވާނުލްޚަބަރިގެ މުހިންމަތު

ދީވާނުލްޚަބަރި (ޖާސޫސީ އިދާރާ)ގެ މުހިންމަތަށް ބަލާއިރު އެއީ ހަތަރު ނާރެހެއްގައި މަސައްކަތްކުރާ އިދާރާއެކެވެ.

ފުރަތަމަ ނާރެހަކީ: މުހިންމ ޚަބަރުތައް ނިޔުޅެމުންދާގޮތް ބެލުމާއި ސަރަޙައްދުތަކުގެ ޙާލުއަޙުވާލު ދެނެގަތުމެވެ.

ދެވަނަ ނާރެހަކީ: ދައުލަތުގެ އިސް މުވައްޒަފުންނަށް ފާރަލައި އެމީހުންގެ ނަޒާހަތްތެރިކަމާއި ޙާކިމާއަށް އެމީހުން އިޚްލާޞްތެރިވާ މިންވަރު ބެލުމެވެ.

ތިންވަނަ ނާރެހަކީ: އިދިކޮޅު މީހުންނާއި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާ މީހުންނާއި އިޙުތިޖާޖުތަކާއި ގަޑުބަޑުތައް އުފައްދާ މީހުންގެ ޙަރަކާތްތަކަށް ކަޅިއަޅައި ބެލުމެވެ.

ހަތަރުވަނަ ނާރެހަކީ: ބޭރުގެ ޢަދުއްވުންގެ ޚަބަރުތައް ހޯދުމެވެ.

ޚަބަރުގެ ސާހިބުންނަކީ ހިނގާ ހުރިހާ ކަންތައްތަކާއި ދެކެވޭ ހުރިހާ ވާހަކަތަކަކަށް ކަނުލައި އަޑުއަހާ ބަޔެކެވެ. އެ ވާހަކަތަކުގެ ސިޔާސީ ސަލާމަތީ ޢަސްކަރީ ބުރަދަނަށް ބެލުމެއްނެތި އެ ހުރިހާ ޚަބަރުތަކަކާއި ވާހަކަތަކެއް ކަމާބެހޭ އިސް ފަރާތަށް އެމީހުން ފޮނުވާނެތެވެ. ޢަރީބުލް ޤުރުޠުބީ ( އަވަހާރިވީ 369هـ/979م)  "ޞިލަތު ތާރީޚިއް ޠަބަރީ"  ނަމަކަށް ކިޔާ ފޮތުގައި ޚަބަރުގެ ސާހިބާ ފޮނުއްވި ރިޕޯޓެއް ގެނެސްދެއްވައިފައި ވެއެވެ. އެ ރިޕޯޓުގައި އެއްވެސް މުހިންމ މަޢުލޫމާތެއް ނެތެވެ.އޮތީ އާދަޔާޚިލާފު ވާހަކައެކެވެ. ބަޣަލެއް ވިހޭ ވާހަކައެވެ. ޞާޙިބުލް ބަރީދިގެ ފަތް ބުނާގޮތުގައި މި ބަޣަލު ވިހެއީ އީރާނުގެ ހުޅަނގުގެ ރަށެއް ކަމުގައި ދީނަވަރު ގައެވެ. މި ޚަބަރާ ބެހޭ ތަފްޞީލުތައް މި ފަތުގައި ވެއެވެ. އެހެންވީމާ ސިޔާސީ ނުވަތަ ސަލާމަތީ މުހިންމ ޚަބަރުތަކުގައި ތަފްޞީލު ހުންނާނެ މިންވަރު ނިކަން ތަޞައްވުރުކޮށްލައްވައި  ބައްލަވާށެވެ!

ދުޝްމަނުންގެ ރޭވުންތަކަށް ދުރާލައި ތައްޔާރުވުމަށް ޓަކައި ހަނގުރާމައިގެ މައިދާންތަކަށާއި ދުޝްމަނުންގެ ރަށްތަކަށް ޖާސޫސުން ވިޔަފާރިވެރިންގެ ގޮތުގައްޔާއި އޮޑިނަވުފަހަރުގެ ކަލާސީންގެ ގޮތުގައި ފޮނުވައިފައިވެއެވެ. ޝާމުކަރައިގެ އައްސޭރިފަށުގެ ރަށްތަކަށް ޞަލީބީން ވެރިވެގަނެގެން ތިބި ދުވަސްވަރު އެމީހުންގެ ސަލާމަތީ ހުރަސްތައް ފޫއަޅުވައިލައިފައިވާ ގޮތުގެ ވާހަކަތަކުން މި ކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

މަޝްހޫރު މުއައްރިޚު އަބޫ ޝާމަތުލް މަޤްދިސީ (އަވަހާރަވީ 665هـ/1267م) ރިވާކުރައްވައިފައިވާ ވާހަކައަކުން ޞަލާޙުއްދީނުލް އައްޔޫބީ (އަވަހާރަވީ 598هـ/1201م) އޭނާގެ ޖާސޫސީ އިދާރާގައި ނަޞާރާ އަންހެނުން ޖާސޫސުންގެ ގޮތުގައި ގެންގުޅުއްވައިފައިވާ ކަން އެނގެއެވެ. އަންޠާކިޔާގެ ނަޞާރާ ރަސްގެފާނުގެ އަނބިކަނބަލުން ޞަލާޙުއްދީނުގެ އަރިހުގައި ޖާސޫސީ މަސައްކަތް ކުރައްވައިފައި ވެއެވެ. ދީންވެރި ވަރަޢުވެރި ޞަލާޙުއްދީނުލް އައްޔޫބީ ނަޞާރާ އަންހެނުން ޖާސޫސުންގެ ގޮތުގައި ގެންގުޅުއްވުމުގައި އެއްވެސް ޖެހިލުންވުމެއް ނުގެންގުޅުއްވައެވެ. މި ނަޞާރާ ރަސްގެފާނުގެ އަނބިކަނބަލުންނަށް ޞަލާޙުއްދީން އަގުހުރި ހަދިޔާތައް ދެއްވައިފައިވެއެވެ. އަދި އޭނާ ރުއްސަންވެގެން އަދި އޭނާގެ ފަރާތުން ޖާސޫސީ މަޢުލޫމާތުތައް  ހޯއްދަވަންވެގެން މި އަންހެނާގެ ޢާއިލާގެ ތިމާގެ މީހުން އަސީރުވުމުން މިނިވަންކުރައްވާ ދޫކޮށްލައްވައިފައި ވެސް ވެއެވެ.

އަބޫ ޝާމަތު އޭނާގެ ފޮތެއްކަމުގައިވާ "ކިތާބުއްރައުޟަތައިނި" ގައި ބަޔާންކުރައްވައިފައިވާ ގޮތުގައި އަންޠާކިޔާގެ ނަޞާރާ އަމީރުގެ އަނބިކަނބަލުން  މެޑަމް ސިބިއްލާ  Sibylla  (މަރުވީ 584هـ/1188م)އަކީ ޞަލާޙުއްދީނުލްއައްޔޫބީގެ ޖާސޫސެކެވެ. އޭނާ ޞަލާޙުއްދީނަށް ނަޞާރާއިންގެ ސިއްރުތައް ޚަބަރުކުރަމުން ގެންދިޔައެވެ. ޞަލާޙުއްދީން އޭނާއަށް ވަރަށް އަގުހުރި ހަދިޔާތައް ދެއްވިއެވެ. އަންޠާކިޔާ ކައިރީގައި ހުންނަ ބުރުޒައްޔާ ކިއްލާ މުސްލިމުން ފަތަޙަކުރިއިރު އަސީރުވި މީހުންގެ ތެރޭގައި ސިބިއްލާގެ ކޮއްކޮއާއި އޭނާގެ ތިމާގެ މީހުންތަކެއް ވިއެވެ. ޞަލާޙުއްދީން މި އެންމެންނަށް ވަރަށް ކަމޭހިއްތެވުމަށް ފަހު އަންޠާކިޔާއަށް ފޮނުވައިލެއްވިއެވެ. މި ކަމަށް ޓަކައި ސިބިއްލާ ޞަލާޙުއްދީނަށް ވަރަށް ބޮޑަށް ޝުކްރުއަދާކުރިއެވެ. ޞަލާޙުއްދީނާ މި އަންހެނާއާ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން މުސްލިމުންގެ ލަޝްކަރުތަކަށް ފައިދާތަކެއް ލިބުނެވެ.

ޙަލްބާއި އިންޠާކިއްޔާ ދައްކައިދޭ ޗާޓެއް

ދިފާޢީ ކަމެއް

އޭގެ ބައި ސައްތަ އަހަރުފަހުން ދިމަޝްޤުގެ ރަސްގެފާނު ޢީސަލް އައްޔޫބީ[1] ( އަވަހާރަވީ 624هـ/1227م) ވެސް ޞަލާޙުއްދީނާ އެއް ގޮތަށް ނަޞާރާ އަންހެނުން ޖާސޫސުންގެ ގޮތުގައި ގެންގުޅުއްވިއެވެ. އެ މީހުންނާ އެކު މުޢާމަލާތުކުރެއްވުމަށް ޓަކައި ޚާއްޞަ ރަމުޒުތައް (ކޯޑުތައް) ވެސް ވަނީ އުފައްދަވައިފައެވެ. ބައެއް ފަހަރަށް ނަޞާރާ ލަޝްކަރުގެ ވެރިޔާއަށް އޮޅުވައިލައިގެން މުސްލިމުން ބޭނުންވާ ފަރާތަށް އެ މީހުންގެ މިސްރާބު ވެސް ބަދަލުކުރުވައިފައި ވެއެވެ.

ސިބްޠު އިބްނުލް ޖައުޒީ "މިރުއާތުއްޒަމާނި" ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓައިލައިފައި ބޭއްވުމަށް އެއްބަސްވި މުއްދަތު ހަމަވުމުން ހުޅު ރޯކޮށްގެން ޖާސޫސުން މުސްލިމު ލަޝްކަރަށް ނަޞާރާ ސިފައިންގެ ޙަރަކާތްތަކުގެ ޚަބަރު ދެތެވެ. ޢައްކާ ކައިރީގައި ކަރުމަލް ނަމަކަށް ކިޔާ ފަރުބަދައެއް ހުރެއެވެ. ޢައްކާގައި ޖާސޫސީ މަސައްކަތްކޮށްދޭ ގިނަ މީހުންނަކީ ނަޞާރާ އަންހެން ސިފައިންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އަސްވާރުންނެވެ. މި އަސްވާރުން ތިބޭ ކޮށީގައި މި އަންހެނުންގެ ކޮޓަރިތަކުގައި އާނގަތަކެއް ހުރެއެވެ. ފަރަންޖީ ސިފައިން މުސްލިމުންނަށް ޙަމަލާއެއް ދޭން ނިންމައިފި ނަމަ ކަރުމަލް ފަރުބަދައާ ވީ ފަރާތަށް ފެންނަ ގޮތަށް ހުންނަ އާނގަ ހުޅުވައި އުށްބައްތި ރޯ ކުރެތެވެ. މި ޙަމަލާގައި ބައިވެރިވަނީ ސަތޭކަ ސިފައިންނަމަ އެއް އުށްބައްތި ދިއްލައެވެ. ދުއިސައްތަނަމަ ދެ އުށްބައްތި ދިއްލަތެވެ. ފަރަންޖީ ސިފައިން ޙަމަލާދޭން ދަނީ ދިމަޝްޤަށް ނަމަ އެ ބައްތި ރޯކުރާނީ އެ ފަރާތާ ދިމާވާ ގޮތަށެވެ. މި ކަމުގެ ސަބަބުން މުސްލިމުންނަށް އިސްވެ ޙަމަލާދިނުމަށް މަގުފަހިވެ އެތައް ނަޞްރުތަކެއް ލިބިފައިވެއެވެ.

ސިބްޠު އިބްނުލްޖައުޒީ ވިދާޅުވާ ގޮތުގައި މި މަސައްކަތަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރާތީ އެއީ އިސްރާފެއްކަމަށް ދެންނެވުނު ހިނދު އެ ރަސްގެފާނު ވިދާޅުވިއެވެ. ޖަރުމަނުގެ ރަސްގެފާނު ޝާމުކަރަ ހިފުމަށް ޓަކައި ކުއްލިއަކަށް ޢައްކާއަށް އަރައި އެ ރަށް ހިފާންވެގެން ވަރުގަދަ އަސްވާރަކު ފޮނުވިއެވެ. އޭނާއަށް ރަސްގެފާނު ވިދާޅުވިއެވެ. "ތިބާ ގޮސް އަހުރެމެން އަންނާން އުޅޭކަން ވަންހަނާކުރާން ކަންތައްތަކެއް ހިންގާށެވެ. އޭރުން އަހުރެމެންނަށް ކުއްލިއަކަށް ޙަމަލާދެވޭނެއެވެ. ޢައްކާގައި ވަރަށް ރީތި އަންހެންކުއްޖަކު އިނެވެ. އޭނާ މި ޚަބަރު އަހުރެމެންނަށް އެންގިއެވެ. އަހުރެން އެ ކުއްޖާއަށް ވަރަށް ރީތި ކުލަ ފޭރާމަކާއި މާވަހަރުގެ އަތަރުފުޅިއަކާއި ފަށުވި ޖިލްބާބެއް ފޮނުވީމެވެ. އޭނާ މި ހެދުންލައިގެން ނަޞާރާ އަސްވާރާ ބައްދަލުކުރުމުން އެއީ ކޮންތާކުން އޭނާއަށް ލިބުނު އެއްޗެއްތޯ ސުވާލުކުރިއެވެ. އެއީ މުސްލިމު ރަޙުމަތްތެރިއަކު ދިން ހަދިޔާއެއްކަމަށް މި އަންހެނާ ބުންޏެވެ. އެއީ ކާކުތޯ ސުވާލުކުރުމުން މި އަންހެނާ ބުންޏެވެ. އެއީ ކުރައިދީ[2]އެވެ. މި އަންހެންކުއްޖާ މި އަސްވާރާއެކު މަޖާކޮށްހަދަމުން ދިޔައެވެ. ޖަރުމަނުން ފޮނުއްވާ ސިއްރު ލިޔުންތައް މީނާގެ އަތަށް އަރައެވެ. އެ އެއްޗެހިތައް އޭނާ މަށަށް ފޮނުވައެވެ. މި ގޮތަށް އަހުރެން އޭނާއާ އެކު މުޢާމަލާތުކުރަމުން ނުދިޔަ ނަމަ ޖަރުމަނުގެ މި ރަސްގެފާނު ކުއްލިއަކަށް އަހުރެމެންނަށް ޙަމަލާދޭނެއެވެ. ޝާމުގެ ރައްޔިތުންގެ ގެރިބަކަރިތަކާއި މުދާތައް ޣަނީމާކޮށްގެން ގެންދާނެތެވެ. އެއީ ހިސާބުކޮށް ބެލޭނެ މުދާތަކެއް ނޫނެވެ. އަހުރެން މި ދެނީ އެއާ އަޅައި ބަލާ އިރު ވަރަށް ކުޑަ އެއްޗެކެވެ. އެހެންވީމާ މި ކަން ހުއްދަވާނެއެވެ.

ޖާސޫސީ މަސައްކަތްތަކުގައި އަންހެނުން ބޭނުންކުރުމަކީ އިސްލާމީ ތާރީޚުން ފެންނާން އޮތް ކަމެކެވެ. ކީރިތި ރަސޫލާ ﷺ މައްކާ ފަތަޙަކުރައްވާން އުޅުއްވާ ޚަބަރު ޙާޠިބު ބިން އަބީ ބަލްތަޢަތުގެފާނު (އަވަހާރަވީ 30هـ/652م) ޤުރައިޝުންނަށް އަންގަވާންވެގެން ލިޔުއްވި ސިޓީފުޅު ފޮނުއްވާން އުޅުއްވީ އަންހެނަކު އަތަށް ދެއްވައިގެންނެވެ. ކީރިތި ރަސޫލާ ﷺއަށް މި ކަން އެނގިވަޑައިގަތުމުން ކައު ރަސޫލާ ﷺ މި އަންހެނާ އަތުން އެ ސިޓީ އަތުލެއްވުމަށް ޓަކައި ރަސޫލާ ﷺގެ ހިތްވަރުގަދަ ދެތިން ޞަޙާބީން ފޮނުއްވިއެވެ. އަލްބުޚާރީ ރިވާކުރައްވާ ގޮތުގައި ރަސޫލާ ﷺ ފޮނުއްވި ބޭކަލުންގެ ވެރިއަކަށް ހުންނެވީ މަތްﷲ ރުއްސުންލެއްވީ ޢަލީގެފާނެވެ. މި އަންހެނާ ސިޓީއެއް ނެތްކަމަށް ބުނުމުން ޢަލީގެފާނު އޭނާއަށް ބިރުދައްކަވައިފައި ވިދާޅުވިއެވެ. ސިޓީ ދޭށެވެ. އެހެންނޫނީ ތިބާ އޮރިޔާންކުރައްވާހުށީމެވެ. މިހެން ވިދާޅުވުމުން މި އަންހެނާ އޭނާގެ  އިސްތަށިގަނޑުގެ ހުޅީ ތެރެއިން އެ ސިޓީ ނެރެ ޢަލީގެފާނަށް އެރުވިއެވެ. ޢަލީގެފާނުގެ ދީންވެރިކަމާއި ވަރަޢުވެރިކަމާ އެކުގައި ވެސް ދައުލަތުގެ ސަލާމަތީ މުހިންމަތު އަދާކުރެއްވުމުގައި މީހެއްގެ މަލާމާތަކަށް ބައްވައިފައެއް ނުވެއެވެ.

ތަފާތު މުހިންމަތްތަކެއް

ޞާޙިބުލްޚަބަރި ގެ މުހިންމު ވަޒީފާތަކުގެ ތެރޭގައި ވަޒީރުންނާއި ޤާޟީންނާއި ވާލީންނާއި ޢަސްކަރީ ވެރީންނާއި އަމްނާއަމާންކަމާ ބެހޭ އިސް މުވައްޒަފުންނަށް ފާރަލުން ވެއެވެ. އަދި ޖާސޫސުންނަށް ފާރަލުން ވެސް ހިމެނެއެވެ. އުމަވީ ދައުލަތުގެ ހަރުކަށި އަނިޔާވެރި ވާލީއެއްކަމުގައިވާ އަލްޙައްޖާޖު ބިން ޔޫސުފު (އަވަހާރަވީ 95هـ/715م)އަކީ މި ކަމުގައި ވަރަށް ވަރުގަދަ ބޭފުޅެކެވެ.

(ނުނިމޭ)

ޙަވާލާ:

[1]  - ޞަލާޙުއްދީނުގެ ކާފަ ދަރިކަލެކެވެ.އޭނާއަކީ ވަރަށް ފިޤްހުވެރި ޙަނަފީ މަޒުހަބުގެ ޢާލިމެކެވެ.

[2]  - ކުރުދީންގެ ބޮޑު ބޭފުޅެކެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް
عبدالمجيد محمد
ވަރަށް އަގުހުރި މަޢުލޫމާތުކޮޅެއް. އުސްތާޛު ރަޝީދަށް ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އެދެން
09 May 2024