ޝައިޚުގެ ވާހަކަކޮޅަށް ކުރެވުނު އިއުތިރާޒެއް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
އިއްޒަތްތެރި ޝައިޚަކު މިސްކިތުގެ މިންބަރަށް އަރައިވަޑައިގެން ނަސޭހަތްދެއްވައި ވައުޒުވިދާޅުވިއެވެ. ކެތްތެރިވުމަށާއި ޒުހުދުވެރިވެ، އިސްރާފުކުރުމުން ދުރުވެ، ކޮންމެހެން ބޭނުން ޖެހޭ އެއްޗެއް ނޫނީ ދުނިޔެއިން ބޭނުންނުކޮށް ޒުހުދުވެރިވުމަށް ގޮވައިލެއްވިއެވެ.
އިއްޒަތްތެރި ޝައިޚުގެ ވާހަކަކޮޅު އަޑުއަހާން އެ ވަގުތު މިސްކިތުގައި އިން، ކުނިކަހައި، ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރާ މީހަކު ޝައިޚުގެ ވާހަކަކޮޅު މެދުކަނޑައިލިއެވެ. އަދި، ޝައިޚާ މުޚާތަބުކޮށް، ޝައިޚަށް ދެންނެވިއެވެ.
"އިއްޒަތްތެރި ޝައިޚެވެ! ޝައިޚުގެ އަމިއްލަފުޅު ހާލަތުގެ މައްޗަށް ނަޒަރު ހިންގަވައިލައްވަބައްލަވާށެވެ! ޝައިޚު މިސްކިތަށް ވަޑައިގަތީ އަގުބޮޑު ކާރެއްގައެވެ. ޝައިޚު ތުރުކުރައްވައިގެން ތިޔަ ހުންނެވީ އެންމެ އަގުބޮޑު ފޭރާމުގެ ހެދުންކޮޅެކެވެ. ޝައިޚުގެ އަތުކުރީގައި ތުރުކުރައްވައިފައި ތިޔަ އޮތީ އެހައިމެ އަގުބޮޑު ގަޑިއެކެވެ. ޝައިޚު ޖައްސަވައިގެން ތިޔަ ހުންނެވީ އަދި އެއަށް ވުރެ ވެސް އަގުބޮޑު ސެންޓެކެވެ. ޝައިޚު ތިޔަ ގެންގުޅުއްވަނީ އެންމެ އަގުބޮޑު އައިފޯނެކެވެ. މިއިން ކޮންމެ އެއްޗެއްގެ އަގު، އަޅުގަނޑުމެންގެ މަހު މުސާރައަށް ވުރެ ބޮޑެވެ.
ދެން ޝައިޚު އަޅުގަނޑުމެން ގާތު ތިޔަ ވިދާޅުވަނީ ކެތްތެރިވާންތޯއެވެ؟ ނިކަން އެންމެ ދުވަހަކު އަޅުގަނޑުމެން އުޅޭ ކޮޓަރިގަނޑަށް ޒިޔާރަތްކޮށްލައްވަބައްލަވާށެވެ! އަޅުގަނޑުމެން އުޅޭ ދަތި ހާލު ވަޒަންކޮށްލެއްވުމަށް ޓަކައެވެ. އެއްވެސް ފިނިކަމެއް ނެތް އެ ކޮޓަރިގަނޑުގައި އެއްރޭ ނަމަވެސް އަވަހާރަލައްޕަވައިލައްވަބައްލަވާށެވެ. އަދި، އަޅުގަނޑު މަސައްކަތްކުރާ މަގުމައްޗަށް ވަޑައިގެންބައްލަވާށެވެ. އަތްވާއި ވާރޭގައި އަޅުގަނޑު މަސައްކަތްކުރާ ގޮތް ދެކިވަޑައިގަންނަވާށެވެ! އޭރުން ކެތްތެރިކަމަކީ ކޮބައިކަން ޝައިޚަށް ވިސްނިވަޑައިގަންނަވާނެއެވެ. އަދި، ޒުހުދުވެރިކަމަކީ ކޮބައިކަން ވެސް މާ ރަނގަޅަށް ސާފުވެވަޑައިގަންނަވާނެއެވެ. އަދި، އަޅުގަނޑަށް ލިބޭ، ޝައިޚުގެ ހަށިކޮޅަށް ބުރުއްސަވާލައްވާ ސެންޓުފުޅީގެ އަގަށް ވުރެ ކުޑަ، މުސާރައިން މަހުގެ ޚަރަދުތައް ކޮށްފައި ބާކީވެ، އަޅުގަނޑުގެ އަތުގައި އިސްރާފުކުރާނެ އެއްޗެއް އޮތްތޯ ނެތްތޯ ވެސް އެނގިވަޑައިގަންނަވާނެއެވެ."
"ޝައިޚެވެ! މާފުކުރައްވާށެވެ! އަޅުގަނޑުމެން ގާތު ކެތްތެރިވުމާއި ޒުހުދުވުމުގެ ވާހަކަނުދައްކަވާށެވެ! އެ ކަންކަން އަޅުގަނޑުމެންނަށް މާރަނގަޅަށް އެނގެއެވެ. ވާހަކައެއް ދައްކަވާން ބޭނުންފުޅު ނަމަ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އިޖުތިމާއީ އަނިޔާވެރިކަމުގެ ވާހަކަދައްކަވާށެވެ! ވެރީންގެ ފަސާދައިގެ ވާހަކަދައްކަވާށެވެ! ދީނީ ބޭކަލުންގެ ދެ ފުށް ދެ ގޮތްކަމުގެ ވާހަކަދައްކަވާށެވެ! އަޅުގަނޑުމެންގެ ތެރޭގައި ހަމަހަމަކަމާއި އަދުލުވެރިކަން ނެތްކަމުގެ ވާހަކަދައްކަވާށެވެ! ހަމަހަމަކަމާއި އަދުލުވެރިކަމަކީ ކީރިތި ގުރުއާނުގައި ޖައުހަރީ އަގެއްކަން، އޮވޭ ނޫންތޯއެވެ! ދީނަކީ ބޭރުފުށާ ބެހޭ ކަމެއްކަމުގެ ވާހަކަ ނުދައްކަވައި މި ދެންނެވި ހަމަހަމަކަމާއި އަދުލުވެރިކަމުގެ ވާހަކަދައްކަވާށެވެ! އެ ކަން ހަގީގަތަކަށް ހެދޭނޭ ގޮތުގެ ވާހަކަދައްކަވާށެވެ! ތަނުގެ ޚައިރާތުތައް އެއް ބަޔެއްގެ އަތްމަތީ ހައްޔަރުވެފައި އޮތުމަކީ ބޮޑު ގޯހެއްކަން ބަޔާންކޮށްދެއްވައި އެ ވާހަކަދައްކަވާށެވެ! އެ ޚައިރާތުތަކަކީ އެންމެންގެ މައްޗަށް އަދުލުވެރިކަމާ އެކު ބެހިގެންދާން ޖެހޭނޭ އެއްޗެއްކަމުގެ ވާހަކަދައްކަވާށެވެ! އަދި އެ ކަން ހަގީގަތަކަށް ހަދައިލެވޭނީ ކިހިނެއްކަމުގެ ވާހަކަދައްކަވާށެވެ! ތަނުގެ ބޮޑެތި މަގާމުތައް ވެރީންގެ ގާތް މީހުންނަށާއި ބޭރުގެ މީސްތަކުންނަށް ދިނުމަކީ ރަނގަޅު ގޮތް ނޫންކަމާ ބެހޭ ގޮތުން ވާހަކަދައްކަވާށެވެ!"
"ދީން ބޭނުންކުރައްވައިގެން މީހުންގެ ވިސްނުމާއި ފިކުރުކުރުން ހުއްޓުމަށް ބާރު ލިބޭ ގޮތަށް ވާހަކަނުދައްކަވާށެވެ! ދީން ބޭނުންކޮށްގެން މީހުންގެ އިބްދާއީ ބާރުތައް ހުއްޓުވައި، ކޮށިކޮށްލުމަށް ބާރު ލިބޭ ގޮތަށް ވާހަކަނުދައްކަވާށެވެ! މި ފަދަ ހުނަރުތައް ކުރިއަރުވަން ބާރުއަޅުއްވައި ހިތްވަރުދެއްވައި، އެ ވާހަކަދައްކަވާށެވެ! ކަންކަމާ މެދު، މީހުންނަށް އަމިއްލައަށް ނުވިސޭނޭކަން ދޭހަވާ ގޮތަށް ވާހަކަނުދައްކަވާށެވެ! ކަންކަމާ މެދު، ކޮންމެ މީހަކަށް ވެސް އަމިއްލައަށް ވިސްނާން ދަސްކޮށްދެއްވުމަށް ޓަކައި ވާހަކަދައްކަވާށެވެ!"
"ޝައިޚެވެ! ޝައިޚު ތިޔަ ހުންނެވީ، އަޅުގަނޑުމެންނަށް، ކެތްތެރިކަމާ ބެހޭ ގޮތުންނާއި ޒުހުދުގެ ފިލާވަޅު ދެއްވޭނޭ ފަދަ މަގާމެއްގައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ހަޔާތުގައި ކޮންމެ ދުވަހަކު ތަޖުރިބާކުރާ ކަންކަމެވެ. އަދި ކިއެއްތޯއެވެ؟ އަޅުގަނޑުމެންގެ މައިންބަފައިންނާއި އެ މީހުންގެ މައިން ބަފައިންގެ މުޅި ދިރިއުޅުން ބިނާވެފައި އޮތީ ކެތްކުރުމާއި ޒުހުދުވެރިވުމުގެ މައްޗަށެވެ! އަޅުގަނޑުމެން މިހާރު ބޭނުންވަނީ އެ ގޮތެއް ނޫނެވެ. އަޅުގަނޑުމެން އެދެނީ ހަމައެކަނި އަޅުގަނޑުމެންގެ އާޚިރަތް ބާއްޖެވެރިވުމެއް ވެސް ނޫނެވެ. ޝައިޚު ފަދައިން ދުނިޔޭގެ ހެޔޮކަން ވެސް އަޅުގަނޑުމެން އެދެމުއެވެ."
"އެހެންވެ، ޝައިޚުގެ ކެތްތެރިކަމާއި ޒުހުދުވެރިވުމާއި ދީނުގެ ބޭރުފުށުގެ ވާހަކަތަކަކީ އަޅުގަނޑުމެންނަށް މުހިންމު ވާހަކަތަކަކަށް ނުވެއެވެ. އަޅުގަނޑުމެންނަށް މުހިންމުވަނީ، އާޚިރަތް ނުގެއްލޭ ފަދަ ގޮތެއްގައި، ޝައިޚު ފަދައިން، މޮޅު ކާރައި، ރަނގަޅު ފޭރާމުގެ ހެދުމާއި، ބޯހިޔާވަހިކޮށްލާނޭ ރަނގަޅު ތަނަވަސް ތަނެއް ލިބިފައި އޮތުމާއި، މި ކަންކަން ހާސިލުކުރެވޭނެ ގޮތުގެ ނިޒާމެއް އުފައްދާނެ ގޮތުގެ ވާހަކައާއި، އަޅުގަނޑުމެންނަށް ވެސް ދުނިޔޭގެ ހެޔޮކަން ލިބޭނޭ ގޮތެއް ހޯދުމާ ބެހޭ ވާހަކަތަކެވެ."