Advertisement

ރާއްޖޭގެ އަސަރުގަދަ ތަގުރީރުތައް: ތަގުރީރަކަށް ފަހު ތަގުރީރެއް. މި ފަހަރު ޑރ. ޝަހީމް

05 May 2024 | 15:00
ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު: އެ މަނިކުފާޏުގެ ތަގުރީރަށް ވަނީ އިސްލާމީ އުންމަތުގެ ސަމާލުކަން ލިބިފައެވެ.

އަބާ މުޙަންމަދު

ދިވެހިރާއްޖެއިން އދ.ގައި އިނގިރޭސިބަހުން ޑރ. ޢަލީ ޙައިދަރު ދެއްވި ތަގުރީރަކަށް ދިވެހީންގެ ތަޢުރީފު މެދުކެނޑުމެއް ނެތި އޮހެމުން ދަނިކޮށް، އިސްލާމީ ގައުމުތަކުގެ އެއްބާރުލުމުގެ ޙަރަކާތް – އޯއައިސީ – ގައި ދިވެހިރާއްޖެއިން ޢަރަބިބަހުން ދެއްވި ތަގުރީރަކުން ދިވެހިރާއްޖެއަށް އަނެއްކާ ވެސް ބައިނަލްއަގުވާމީ ސަމާލުކަން ލިބިއްޖެއެވެ.

އާދޭހެވެ! އޯއައިސީގެ 15ވަނަ ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ފަރާތުން ދެއްވި ތަގުރީރަށް އަނެއްކާ ވެސް ދިވެހީންގެ ތަޢުރީފު އޮހޭން ފަށައިފިއެވެ. ބަލާޣަތާއި ފަޞާޙަތާއެކު އެ މަނިކުފާނު ދެއްވި ތަޤުރީރަށް ދިވެހީންގެ އިތުރަށް މެންބަރު ގައުމުތަކުގެ ސަމާލުކަން ވެސް ލިބުނެވެ.

މި ތަޤުރީރު ކުރިއަށް ގެންދަވަމުން ޑރ. ޝަހީމް، ދިވެހިރާއްޖޭގެ ފަރާތުން އިސްލާމީ ގައުމުތަކުގެ އިސްވާރުންނަށް ގޮވައިލެއްވީ އިސްރާއީލުން ފަލަސްތީނަށް ކެނޑެނޭޅި ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކާއި، ފަލަސްތީނުގައި ހިންގަމުން ގެންދާ ނަސްލުހޭދު ހުއްޓުވާން މުޅި އިސްލާމީ އުންމަތް ތެދުވެ، މިހާރަށް ވުރެ ބޮޑަށް ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި ހައެއްކަ މަސް ދުވަހު، ފަލަސްތީނުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންގެ ފުރާނައާއި މުދަލާއި ހައްގުތަކާއި އެބައިމީހުންގެ ކުރިމަގު ގެއްލުވައިލަމުންދާ މަންޒަރު މާޔޫސްކަމާ އެކު ބަލަހައްޓައިގެން ތިބޭން މުޅި އިސްލާމީ އުންމަތަށް މިއަދު ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާގައި ފަލަސްތީނުގެ ނައްތާލުމަށް ޓަކައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމާއި ނަސްލުހޭދަކީ އެތައް އަހަރެއް ވާންދެން އިސްރާއީލުގެ އަނިޔާވެރިކަމަށް އަޅައިނުލުމުގެ ނަތީޖާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ފަލަސްތީނުގެ މައުސޫމް ރައްޔިތުންގެ ހައްގުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިއަން އާންމުން ނުކުމެ އިހުތިޖާޖު ކުރަމުންދިޔަސް، ޝަހީމް ވިދާޅުވި ގޮތުގައި، އދ. އެންމެ ބާރުގަދަ ގުނަންކަމަށްވާ ސަލާމަތީ މަޖިލީހުން ހަމަ އެކަނި އެ ހަމަލާތައް ހުއްޓައިލާން ގޮވައިލުމަށް ވެސް ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަވިކަމަށެވެ

"...ހަމަލާތައް ހުއްޓައިލަން ބައިނަލްއަގުވާމީ މުޖުތަމަޢުން ހަމައެކަނި ގޮވައިލުމަކުންނެއް ނުފުދޭ. ހަނގުރާމައިގެ ނަމުގައި މި ހިންގާ ނަސްލުހޭދު އަދިވެސް އެ ގެންދަނީ ހިންގަމުން. ހަމަލާތައް ހުއްޓައިލުމުގެ ގޮވައިލުން ތަންފީޒުކުރެވޭން ޖެހޭ،" ވަޒީރުގެ އަޑުފުޅަށް ބާރުލައްވައި ވިދާޅުވިއެވެ.

އޯއައިސީ ސަމިޓުގެ ބައިވެރީން މިއަދު: ފޮޓޯއަކަށް ހުއްޓިވަޑައިގެން.<br>

ވަޒީރު ވިދާޅުވި ގޮތުގައި، ޣައްޒާއަށް ކޮންމެހެން ބޭނުންވެފައިވާ އިންސާނީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމުގެ އިތުރަށް އިސްރާއީލުގެ އަނިޔާވެރި އަމަލުތަކަށް އެ ނިރުބަވެރީން ޖަވާބުދާރީކުރުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްކުރާން ޖެހެއެވެ. އަދި ޢުދުވާނުތައް މިހާރުން މިހާރަށް ހުއްޓުވާންޖެހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ޢަރަބިބަހުން ދެއްވި ތަގުރީރު ކުރިއަށް ގެންދަވަމުން ޑރ. ޝަހީމް އިޢުލާނުކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓުގައި އިސްރާއީލާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ އިތުރަށް، ޣައްޒާއާ ގުޅުވައި ޖެނޮސައިޑް ކޮންވެންޝަން ނުވަތަ ނަސްލުހޭދު ހުއްޓުވުމުގެ މުއާހަދާގެ ދަށުން މައްސަލައެއް ހުށަހަޅަން ރާއްޖޭން ވަނީ ނިންމައިފައެވެ.

އަދި އދ.ގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު ފަލަސްތީނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖެ އަބަދު ވެސް ސާބިތުވެ ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވަމުން، އެ މަސައްކަތުގައި އިސްކޮށް ބައިވެރިވެ، ވަކާލުތުކޮށްދިނުމަށް ޝަހީމް ވަނީ އިސްލާމީ ގައުމުތަކުގެ ވެރީންނަށް ހަރުއަޑުފުޅުން ގޮވައިލައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މުޅި އިސްލާމީ އުންމަތަށް މިއަދު ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަންނާން މުޅި އިސްލާމީ އުންމަތް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރާންޖެހޭކަމަށް ޑރ. ޝަހީމް ތަކުރާރުކުރައްވައި ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ތަގުރީރު ކުރިއަށް ގެންދަވަމުން ސުވާލުކުރެއްވީ "އަޅުގަނޑުމެންނަކީ 57 ގައުމުގެ މައްޗަށް އެކުލެވޭ އާއިލާއެއްކަމަށާއި އަދި ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ބިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއްކަމަށް ވާއިރު، ދުނިޔޭގެ އެހެން ހިސާބުތަކުގައި އުޅޭ މުސްލިމް އަޚުންނަށް އެހީތެރިވާން އަޅުގަނޑުމެން މިވަރަށް ނުކުޅެދިފައި މި ތިބެނީ ކީއްވެގެންތޯއެވެ. އަދި އެ ކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅާން ދުނިޔެއަށް ފިއްތުންތައް ކުރިމަތިނުކުރެވި އަޅުގަނޑުމެން މި ތިބެނީ ކީއްވެގެންތޯއެވެ."

ޑރ. ޝަހީމުގެ ތަގުރީރުގައި މިޔަންމާރުގައި ދިރިއުޅޭ ރޮހިންގާ ދަރިކޮޅުގެ މުސްލިމުނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ ނަސްލުހޭދު ވެސް ފާހަގަކުރައްވައި ޑރ. ޝަހީމް ވަނީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ވެރީންގެ އަޑުފުޅު ހަރުކުރައްވައި، ފިޔަވަޅުފުޅުތައް ވަރުގަދަކުރައްވައި، އަނިޔާވެރިކަމުގެ ޝިކާއަރައަކަށްވެފައި ތިބި މުސްލިމުން ޙިމާޔަތްކުރެއްވުމަށާއި މުޅި އިސްލާމީ އުންމަތުގެ ކުރިމަގު ސަލާމަތްކުރެއްވުމަށް ގޮވައިލައްވައިފައެވެ.

ކޮންމެއަކަސް ދިވެހީންނަކީ ކެރޭ ޤާބިލު ބަޔެއްކަން އަނެއްކާ ވެސް ހާމަވީއެވެ. ވަޒީރުންގެ ހުންރުވެރިކަން ސާބިތުވީއެވެ. މި ފަދަ ވަޒީރުންނަށް ރުހުންދެއްވާން ރައްޔިތުންގެ މަޖިލީހުން ދެކޮޅުހެއްދެވީ އެއްވެސް އަސާސެއް ނެތި ޒާތީ ގޮތުންކަން ވެސް މިހިރަ ސާބިތުވަނީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު     ނ.       އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ނިރުބަވެރީން    ނ.       (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ބިރު ދައްކާ މީހުން. (2) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ފަތުރާ މީހުން.

އިސްވާރު     ނ.       (1) އިސްވެ ހުންނަ މީހާ. (2) އިސްވެ ހުންނަ މީހާ.

ތަގުރީރު      ނ.       ފެށުމަކާއި ނިމުމެއް އޮންނަގޮތަށް ވަކި މައުޟޫއެއްގެ މައްޗަށް ބަޔަކާ މުޚާތަބުކޮށް ދައްކާ ވާހަކަ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ.

Advertisement

ކޮމެންޓް