Advertisement

ފަލަސްތީނުން ފިލާވަޅެއް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުން

13 Oct 2023 | 17:47
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މީލާދީން ވިހިވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެ ތަނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބީންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން އޮތީ ވެސް އަރަބީންގެ އަތްމަތީގައެވެ. އޭރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ އެންމެ %8އެވެ. އެ މީހުންގެ ބިމުގެ މިލްކުވެރިކަމަކީ އެންމެ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މި އަދަދަށް ބަދަލު އަންނާން ފެށިއެވެ. ފުރަތަމަ ބޮޑުހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސްވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ މެދުގައި ބަހައިލެވި، އިނގިރޭސިވިލާތުގެ އަތްދަށަށް ފަލަސްތީނު ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މި ދެންނެވީ، ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައް ކުރާން ނިންމައިލެވުނީތީއެވެ.

މަތީގައި މި ދެންނެވި އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސީން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވާތީ، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސީން ނެރުނު ބެލްފޯރގެ ވައުދުގެ ނަމުން މަޝްހޫރުވީ އިއުލާނުގެ ސަބަބުންނެވެ. އެ ވައުދަކީ ޔޫރަޕުގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ 'ގައުމީ ވަޒަނެއް' (ޔަހޫދީ ދައުލަތެއް) ގާއިމުކުރާން އިނގިރޭސިީން އެހީވެދޭނޭކަމުގެ ވައުދެވެ.

ދެން، އިނގިރޭސީންގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތީން، އަދި މި ކަމަށް ގާނޫނީ ސިފަ ގެނައުމުގެ ގޮތުން، ލީގް އޮފް ނޭޝަންސްގެ ފަރާތުން، ފަލަސްތީނު އިނގިރޭސީންނާ ހަވާލުކުރިއެވެ. އަދި 1920ގައި، ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުން، ފަލަސްތީނުގެ މައްޗަށް އިނގިރޭސީން ވެރިވިއެވެ. މިއަށް ފަހު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސީން ހުޅުވައިލިއެވެ. މައިގަނޑު ގޮތެއްގައި، ޔަހޫދީން، ފަލަސްތީނަށް ހިޖުރަކުރީ ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވައިލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީން ކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު، އދ.ގެ ފަރާތުން ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑު ބައި ދީ، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރިއެވެ.

ފަލަސްތީނުގައި ޔޫރަޕުގެ ޔަހޫދީން ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށުނެވެ. އަދި ވިހިވަނަ ގަރުނަށް އެޅި މި މަސައްކަތަށް އިތުރު ހަލުވި ކަމެއް ލިބުނެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައި ވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ހަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑުގެ ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެ މީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިއުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނު ތަނާ ހެން، 1948ގައި، މި ކަން ހަގީގަތަކަށް ހެދި ފެނުނެވެ.

މި ހުރިހާ ރޭވުމަކާއި ތައްޔާރީތަކެއް ވަމުން ދިޔައިރު، އަރަބީން ކޮބައިހެއްޔެވެ؟ އެ މީހުންގެ ގިނަބަޔަކު ތިބީ ނިދައިފައެވެ. ދުނިޔޭގައި އެ މީހުންނާ އިދިކޮޅަށް ރޭވެމުން ދިޔަ ރޭވެމުންތައް ފާޅުގައި ރޭވެމުން ދިޔަ ކަމުގައި ވިޔަސް، އެ ކަން އެ މީހުންނަށް އެނގޭކަމަކަށް ނުވެއެވެ. އަނެއް ކޮޅުން، އެ މީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަން ކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތި ކަމުގައެވެ. އެހެންވެ، މި މީހުންގެ ދަހިވެތިކަމުގެ ބޭނުން އިނގިރޭސީން ވަރަށް ރަނގަޅަށް ހިފިއެވެ. އެ މީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެ މީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، އަރަބި ދުނިޔެއިން އެ މީހުން ބޭރުކޮށްލައި، އިނގިރޭސީންގެ އަތް ދަށަށް ފަލަސްތީނު ގެނެސް، އެ މީހުން ބޭނުންވި ގޮތަށް، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރާން މަގު ފަހިކޮށް، އެ ކަން ކުރުމަށް ޔަހޫދީންނަށް އެހީވެދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެ ސަބަބު ކަމުގައި، އާންމުންގެ ހޭލުންތެރިކަން ނެތުމާއި އަދި އަރަބީންގެ ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ހަގީގީ މަގުސަދު އޮޅުން ނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސީން ފަލަސްތީނަށް އައިސް، އެމީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރު ހުޅުވައިލުމުން، އަރަބީންނަށް ވާނުވާ ސާފުވިއެވެ. އަދި އެ ހިސާބުން، އެ ކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މި ހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައި އިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރިވެފައި އޮތް ވެސް މެއެވެ. އިނގިރޭސީންނާއި އަރަބިންނާއި ދެމެދު ކުރެވުނު އެންމެ ފަހުގެ 'ހުދު ކަރުދާހުގެ' އެއްބަސްވުމުގެ މަތީންނެވެ. ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުން ހުއްޓުވައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އަރަބީންގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމުގެ ވާހަކަ މި 'ހުދު ކަރުދާހުގައި' އޮތުމުންނެވެ.

ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަދި މި ކަމުގެ ސަބަބުން، ދުނިޔޭގެ މަސްރަހު ބަދަލުވެގެން ދިޔައެވެ. ހިޓުލަރުގެ ކުރިއެރުމާއި ޔަހޫދީންނާ ދޭތެރޭ އޭނާ އަނިޔާވެރިވި އަނިޔާވެރިވުމާއި، ހަނގުރާމަ ނިމިނު އިރު، ދުނިޔޭގެ ބޮޑެތި ބާރުތައްކަމުގައި އެމެރިކާއާއި ސޯވިއެޓު ޔުނިއަން ވެގެން ދިޔައެވެ. އަދި، އޭރު އޮތީ، އިނގިރޭސީންގެ އެދުމުގެ މަތީން، އަރަބީންގެ ބައެއް ލީޑަރުން ބުނެގެން، ފަލަސްތީނު މީހުން ހަތިޔާރު ވެސް، ބަހައްޓައިފައެވެ. މިހުރިހާ ކަންތަކެއްގެ ސަބަބުން، ކުރީން ނަންގަތް 1939ގެ ހުދުކަރުދާހަށް އަމަލުކުރެވޭ ގޮތެއް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔޭގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި ވެސް އެމެރިކާ ވިއެވެ. ނަތީޖާއަކަށްވީ، ފަލަސްތީނުގެ ކަންތައް ބެލްފޯރގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭނެ ގޮތް ހެދުމަށް ފަހު، ފަލަސްތީނުގެ މައްސަލަ އދ.އާ ހަވާލުކޮށްފައި، އިނގިރޭސިން ފަލަސްތީނުން ފޭބުމެވެ. އަދި، ދުނިޔޭގެ، އާ ބޮޑު ދެބާރުކަމުގައިވި، އެމެރިކާއާއި ސޯވިއެޓް ޔުނިޔަންގެ އެހީގައި، ފަލަސްތީނު ބައިކުރާން، ޔޫ.އެން.ގެ ފަރާތުން ނިންމައި، ޔަހޫދީ ދައުލަތެއް 1948ގައި، ފަލަސްތީނުގައި ގާއިމުވުމެވެ.

ދެން އައީ އަރަބީންނާއި އިޒުރޭލާ ދެމެދު ހަނގުރާމަތަކެއް ކުރެވުނުވުނު އަހަރުތަކަކެވެ. މީގެ ތެރެއިން 1948 ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އދ.އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތް ބައިން ވެސް ބޮޑު ބައެއް ގެއްލިދިޔުމެވެ. މި ކަން ކުރާން އޮތީ މާ ކުރީން ވެސް ރާވައިފައެވެ. ފަލަސްތީނު ބައިކޮށް، މުޅި ފަލަސްތީނަށް ހެން ޔަހޫދީން ވެރިވުމުގެ ރޭވުން އޮތީ މާ ކުރީން ވެސް ރާވައި ނިންމައިފައެވެ. ފަލަސްތީނުގެ އަރަބީންގެ ބަޔަށް ވެސް، ޔަހޫދީން ވެރިވުމުގެ ރޭވުން، ކުރީން ކުރެވިފައި އޮތްކަން ޔަހުދީން ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ 'ހަނދާންތައް' (މެމުއާރސް)، މި ފޮތުން ފެންނާން އޮންނާނެއެވެ. އަދި، މި ކަމުގެ ހަގީގަތް މިއަދު، އަމަލީ މައިދާނުން އެ އޮތީ ފެންނާށެވެ. މިއަދު، ފަލަސްތީނު މީހުންނަށް އޮތީ ހަމަ އެކަނި ޣައްޒާއެވެ. އެހެން ހުރިހާ އަރަބި ބިންތަކެއް އޮތީ އިޒުރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަ ތަނެކެވެ. އެ ތަން ވަނީ އިޒުރޭލާއި މިސުރުގެ ދަށުގައި ހިސޯރުކުރެވިފައެވެ. ޣައްޒާއަށް ވަދެ ނިކުމެ އުޅުމަކީ މިނިވަންކަމާއެކު ފަލަސްތީނު މީހުންނަށް ކުރެވޭން އޮންނަ ކަމެއް ނޫނެވެ. މި ކަމަކީ އިޒުރޭލާއި މިސުރުގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. މިސުރުގެ އަތުގައި މިސުރާއި ޣައްޒާއާއި ގުޅޭ ސަރައްހަދު ހުޅުވުމުގެ އިޚްތިޔާރު އޮތް ކަމުގައި ވިޔަސް، މި ކަން، ގިނަ ފަހަރަށް ކުރެވެނީ، އިޒުރޭލުގެ ރުހުން ލިބިގެންނެވެ. ސަތޭކަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ ބިން ގެއްލި، އެ ތަނުގެ މީހުން ބިކަވެ، ނިކަމެތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮބައިތޯއެވެ؟ އާދޭހެވެ! އާންމުންގެ ހޭލުންތެރިކަން ނެތުމާއި ލީޑަރުންނަށް ތިބި މީހުން ވެރިކަމަށް ދަހިވެތިވުމެވެ.

އާދޭހެވެ! އަދި އެއް ފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. ފަލަސްތީނުގެ ހިތާމަވެރި، މައުސާވީ ހާދިސާއިން ލިބިދޭ އެންމެ މުހިންމު ފިލާވަޅަކީ މިއެވެ. އާންމުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުން ގައުމުތަކަށް ދިމާވާ ނުރައްކަލެވެ. ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތެވެ. އާންމުންގެ ހޭލުންތެރިކަން ނެތި، އަދި އެހެންވެ، ގައުމީ ކަންކަމާ މެދު އަމިއްލައަށް ވިސްނައި ފިކުރުނުކުރުމުގެ ނަތީޖާއަކީ، ވެރިކަމުގެ ދަހިވެތިކަން ނޫންކަމެއް ނެތް، ތަނުގެ ލީޑަރުންނަށް ވެގެން އުޅޭ، ޣައްދާރުވެރި ފިނޑި ޚާއިނުންނަށް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކައިލުމުގެ ހިއްވަރާއި ކެރުން ލިބުމެވެ. ގައުމީ ކަންކަމާ މެދު، އާންމުން ލޯ މަރައިލައިގެން ތިބުމުން، އެފަދަ ޣައްދާރުންނާއި ޚާއިނުންނަށް، ޣަދަރާއި ޚިޔާނަތުގެ، އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ އަމަލުތައް ހިންގައިލުމުގެ ފުރުސަތު ލިބުމެވެ. އާދޭހެވެ! މި ދެންނެވި ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ.

މިފަދަ މަންޒަރެއް ރާއްޖެއިން ވެސް ފެނުމަކީ ދުރުކަމެކޭ މިހާރު ހީނުވާ ފަދަ ކަންތައްތަކެއް ރާއްޖެއިން ވެސް ފެންނާން ފަށައިފިއެވެ. މި ކަމުގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ވަރަށް ވެސް މުހިންމެވެ.

ދެ ހާހުގެ އަހަރުތައް ފެށުނީއްސުރެން ހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެ މީހުންގެ ވެރިކަން ގާއިމުކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް ހިފައިގެންނެވެ. މި ކަންކަން ފާޅުގައި ކުރަމުން ދިޔައިރު، ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގައުމު އަތުލައިގަތުމުގެ ރޭވުންތައް ރާވަމުން ދިޔަ އިރު ނިދައިފައި ތިބި ފަދައިން، ދިވެހީން ވެސް ތިބީ ނިދައިފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވައިލުމުގެ ރޭވުންތައް ރޭވެމުންދާކަމުގެ ކިތަންމެކިތަންމެ އިޝާރާތެއް ލިބެމުން ދިޔައިރު ވެސް އެ ކަން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. މީގެ ބައެއް އިޝާރަތްތަކުގެ ވާހަކަ މި ތާގައި ލިޔެލާން ގަސްތުކުރަމެވެ.

ފުރަތަމަ އިޝާރަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި ތިމާމެންގެ އަމިއްލަ ގައުމަށް ހަމަލާދީ، ހިފާން އައުމަށް ބަޔަކު ގޮވައިލި ގޮވައިލުމެވެ. ދެންމެ، ރާއްޖޭގައި އެމީހުންގެ ވެރިކަން ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެކޭ ދެންނެވި މީހުންނަކީ މިއީއެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު، އެ ބަޔެއްގެ ގައުމާ ބެހޭ ގޮތުން، މި ފަދަ އިއުލާނެއް ކުރި ނަމަ، އެ ބަޔަކު ވާނީ ބޮޑެތިބޮޑެތި މުޖުރިމުނަށެވެ. 1988 ނޮވެމްބަރު ތިނެއްގައި ހާޖަރާގޭ އަބްދުﷲ ލުތުފީ ޓެމިލް ޓައިގަރުން ރާއްޖެ ގެނެސް، ރާއްޖެއަށް ދިން ހަމަލާއާއި މި މީހުން ގޮވި ގޮވުމާ އޮތް ތަފާތަކީ ކޮބައިތޯއެވެ؟ އެ މީހުންނަށް އަމަލީ ގޮތުން އެ ކަން ނުކުރެވުމެވެ. ބައެއް ގައުމުތަކުގައި ގައުމަށް ޣައްދާރުވެ ޚިޔާނާތްތެރިވުމުގެ މި ފަދަ ޖަރީމާތައް (ކުރައިމް އޮފް ޓްރީސަން) ހިންގާ މީހުންގެ އަދަބަކީ ދަންޖައްސައި މެރުމެވެ. އަނެއްބައި ގައުމުތަކުގައި މި ފަދަ މުޖުރިމުން އުމުރަށް ޖަލަށް ލެވެއެވެ. ދުވަހެއްގައި ވެސް އެ މީހުން މިނިވަނެއް ނުކުރެވެއެވެ. އެ މީހުން މަރުވާންދެން އުޅޭން ޖެހެނީ ޖަލުގައެވެ. ނަމަވެސް ރާއްޖޭގައިތޯއެވެ؟ ގައުމު ވިއްކާން އުޅޭ މި ފަދަ ބޮޑެތި ޚާއިނު މުޖުރިމުންނަކީ ސަރުކާރު ހިންގާ ސަރުކާރުގެ އިސް މަގާމުތައް ފުރާން ތިބޭ ގައުމަށް މަގުދައްކާ މީހުންނެވެ. މިނިކާ ވަގުންގެ ބައިގަނޑަކަށް ބަކަރިކޮށި ބެލެހެއްޓުން ހަވާލުކުރުން ފަދަ ކަމެކެވެ. މި ހެން ކަންތައް ވާން ދިމާވަނީ ކީއްވެގެންތޯއެވެ؟ އާންމުންގެ ހޭލުންތެރިކަން ނެތުމުންނެވެ. ގައުމީ ކަންކަމާ މެދު، މިނިވަންކަމާއި އިޚުލާސްތެރިކަމާއެކު ވިސްނައި ފިކުރުނުކުރާތީއެވެ.

ގައުމަށް ޚިޔާނަތްތެރިވުމުގެ މި ފަދަ ގޮވައިލުމެއް ގޮވައިލައި، ބޭރު ބަޔެއްގެ ކިބައިން، ގައުމަށް ހަމަލާދޭން އަންނާށޭ ބުނުމުގެ ހިތްވަރު ލިބެނީ ކީއްވެތޯއެވެ؟ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ މި ފަދަ ވާހަކަތައް، ކުރީން، މި ދެންނެވި ބޭރު ބަޔަކާ ދެކެވިފައި އޮތުމެވެ. މީގެ އެންމެ ބޮޑު ހެތްކަކީ، މި މީސްމީހުން އިންޑިޔާގެ އެކި މީސްމީހުންނާ ބައްދަލުކޮށްކޮށްފައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އެ މީހުންގެ އަތްމައްޗަށް ފުރޮޅައިލުމުގެ ވާހަކަދައްކަމުން ދާތީ އެ ކަމާ ބޮލަށް އުނދަގޫވެގެން އިންޑިޔާގެ މަސްއޫލު މީހަކު ބުނި ބުނުމެވެ. 'މި މީހުން ކެތްނުލަވައިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ޅަ ނޫންހެއްޔެވެ؟ އަދިވެސް ވެރިކަން ލިބިދާނެ ނޫންހެއްޔެވެ؟' މި ވާހަކަތައް އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއުކުރެވުނެވެ. މި ތާގައި އޭނާ އިޝާރަތްކުރަނީ ރާއްޖޭގައި އިންތިޚާބެއް (2018ގެ އިންތިޚާބު) ކައިރިވެފައި އޮތްކަމާއި އެ އިންތިޚާބު މި ކެތް ނުލެވިގެން އުޅޭ ބައިގަނޑަށް ކާމިޔާބުކުރެވިދާނޭކަމެވެ.

ދެވަނަ ސަބަބަކީ ތަނުގެ އާންމުންގެ ހޭލުންތެރިކަން ނެތުމެވެ. އަދި އެ ކަމުގެ ސަބަބުން، އެ ފަދަ ޚާއިނު މުޖުރިމުން މަތި އޮމާންކޮށް ދައްކާ ކޮންމެ ވާހަކައެއް، އަމިއްލަ ވިސްނުން ބޭނުން ނުކޮށް އާންމުން ގަބޫލުކުރާނެތީއެވެ. އާންމުގެ ހޭލުންތެރިކަން ނެތުމުން، ކަންތައްތަކުގެ ހަގީގަތް ފޮރުވައި އޮޅުވައިލެވުމުގެ އެކަށޭނަކަން ލިބިގެންވީ ބަޔަކަށް އާންމުން ވެފައި ތިބީމައެވެ. އާދޭހެވެ! އާންމުގެ މީހުންނަކީ ގުނބޯ ހެއްދޭނޭ ބަޔަކަށްވީތީއެވެ.

ދެވަނަ އިޝާރަތަކީ މޮހޮނަށް އޮޑި ދިން ހެން، ރާއްޖެއަށް އިންޑިޔާއިން ދެ ހެލިކޮޕުޓަރު ދިނުމެވެ. ހެލިކޮޕުޓަރުގެ ބޭނުމެއްނެތްކަމާއި އަދި އެ ގެންދާން އެދުމުން ވެސް، އެ ދެ ހެލިކޮޕުޓަރު ނުގެންދިޔުމެވެ. އަދި، އެ ދެ ހެލިކޮޕުޓަރު އުދުއްސާން ތިބި މީހުންގެ ވިސާ ހުސްވުމުން، އަދި ދިވެހި ބިމުން ފައިބާން އެންގުމުން، ނުފައިބައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމެވެ. މިއީ އެންމެންނަށް ވެސް އެނގުނު ކަމެކެވެ. ނަމަވެސް، އެންމެ ކުޑަވެގެން މި ވާހަކަ ނޫހެއްގައި ޖަހައިލާން ވެސް ނުކެރުނެވެ. ނޫސްވެރީންގެ ހޭލުންތެރިކަމާއި އެ މީހުންގެ ވަޠަނީ ރޫޙު ހުރި މިންވަރަކީ މިއީއެވެ.

ތިންވަނަ އިޝާރަތަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް އިންޑިޔާ ވަދެގަތުމެވެ. ސިޔާސީ ޕުރޮޓޮކޯލާއި ޚިލާފަށް، އެ މީހުންގެ މަންދޫބަކު އައިސް، އަމިއްލައަށް ރާއްޖޭގެ ރައީސް އޮފީހަށް ވަދެގެނެ، މިވެނި ގޮތަކަށް ކަންތައްކުރާން އަމުރުކުރާން ކެރުނުކަމެވެ. ފަހުން، މި މީހަކު، އެ ކަމާ އުޒުރުވެރިވެ، އަމިއްލަ ގޮތުން މާފަށް އެދުނުކަމަށް ވެއެވެ. އަދި، އޭނާ އެ ގޮތަށް ކަންތައް ކުރީ، އިންޑިޔާ ސަރުކާރުން އަންގައިގެންކަމަށް ވެސް އޭނާ އިޝާރަތްކުރިކަމަށް ވެއެވެ.

ހަތަރު ވަނަ އިޝާރާތަކީ ރާއްޖޭގެ މީހުންނަށް ދެވޭނޭ ގައުމުތަކާއި ނުދެވޭނޭ ގައުމުތައް އިންޑިޔާއިން ކަނޑައަޅައިލުމުގެ އިޚުތިޔާރު އިންޑިޔާއަށް ލިބިދިނުމެވެ. ރާއްޖޭގެ ބަޔަކު، ގާނޫނުތަކާއި ގަވާއިދުތަކާ އެއް ގޮތް ވާ ގޮތުގެ މަތީން، ގައުމެއްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އިންޑިޔާ އެ ކަމާ ނުރުހިދާނެތީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެ ކަން ހުއްޓައިލާން މި ބުނާ ބަޔަކަށް އެންގުމެވެ.

ފަސްވަނަ އިޝާރަތަކީ ޕޮލިސް އެކަޑަމީގެ ނަމުގައި ރާއްޖޭގެ އެތަންމިތަނުގައި އަސްކަރީ މަރުކަޒުތައް ހެދުމެވެ. އަދި، މި ކަމަކީ އެ މީހުންގެ އަސްކަރުން ރާއްޖޭގައި ތިބުމުގެ ބަހަނާއަކަށް ހެދުމެވެ. ރާއްޖޭގެ އެތަންމިތާގައި ޕޮލިސް އެކަޑެމީ އަޅާން ޖެހެނީ ކީއްވެހެއްޔެވެ؟ މީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ރާއްޖޭގެ ތަރައްގީއަށް މި ވަގުތު އެންމެ މުހިންމީ މި ކަންހެއްޔެވެ؟ މިހާރު ވެސް، ރާއްޖޭގެ ބޭނުން ފުދޭ ވަރަށް، މި ކަންކަން ކުރާ ތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. އެ ތަންތަން ތަރައްގީނުކުރެވޭންވީ ކީއްވެހެއްޔެވެ؟ ބޭރު ބަޔެއްގެ އަތް މައްޗަށް ގައުމުގެ މި ފަދަ ހައްސާސީ ކަންތައްތައް ދޫކޮށްލާން ޖެހެނީ ކީއްވެހެއްޔެވެ؟ މި ހުރީ ހައްތާ ވެސް ކުރާން ޖެހޭނޭ މުހިންމު ސުއާލުތަކެވެ.

ރާއްޖޭގައި ތަނެއް އަޅާން ޖެހޭ ނަމަ، އަޅާންވީ މުދައްރިސުން ތަމްރީނުކޮށް ތައްޔާރުކުރާނޭ ތަންތަނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްތަކުރުމަށް ޓަކައި ދިވެހީން އަހުލުވެރި ކުރެވޭނޭ ގޮތް ހެދޭނޭ ތަންތަނެވެ. ރާއްޖެ ތަރައްގީކުރުމަށް ޓަކައި، ރާއްޖޭގެ އެތަންމިތަނުގައި ޕޮލިސް އެކަޑަމީ ހެދުމަށް ވުރެ، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި ހޮޓަލް އިސްކޫލުތައް، ރާއްޖޭގެ އެކި ކަންކޮޅުގައި އެޅުން މާ މުހިންމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މި އޮތް ގޮތަށް ބަދަލުވިތާ ފަސްދޮޅަސް އަހަރުވީ އިރު ވެސް، އެކަށީގެންވާ މިންވަރަކާ ގާތް އަދަދަކަށް ވެސް، ރާއްޖޭގެ އިސްކޫލުތަކުގައި މަސައްކަތްކުރާން އެ ކަމަށް އަހުލުވެރިވެފައި ތިބި ދިވެހި މުދައްރިސުން ނެތުމުންނެވެ. ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގައި ފެށުނުތާ ބައި ގަރުނު ވީ އިރު ވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ 70 ނޫނީ 60 އިންސައްތައަށް ވުރެ ގިނައީ ބޭރު މީހުންކަމަށް ވާތީއެވެ.

ހަވަނަ އިޝާރަތަކީ އެ މީހުންގެ ގޮނޑިކޮއްކޮ ދިވެހި ސިޔާސީ ވެރީން، އިންޑިޔާއާ ޖަދަލުނުކުރާން ގޮވުމެވެ. އިންޑިޔާއަކީ ރާއްޖެ ތަރައްގީކުރުމަށް ޓަކައި، މާތްކަލާނގެ ފޮނުއްވި ރަހުމަތެއްކަމުގައި ގަބޫލުކުރާން، އަހަރުމެންގެ ތެރޭގައި އުޅޭ މި ފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީ ވެރީން ގޮވަމުން ދިޔުމެވެ. އަހަރުމެންގެ ތަރައްގީވުން އޮތީ އެ މީހުންގެ އަތްމަތީކަމުގައި ބުނެއެވެ. މި ކަމުގެ މައްޗަށް އިތުރު ވާހަކައެއް ބުނެ، އަލިއަޅުވައިލާން ގަސްތުކުރަމެވެ. މިއީ ޑިމޮކުރަސީގެ އުސޫލުހެއްޔެވެ؟ ވިސްނާން އެނގެނީ ފިކުރުކުރާން އެނގެނީ ހަމަ އެންމެ މީހަކަށް ހެއްޔެވެ؟ ޖާދޫގެ ގޮނޑީގައި އިށީނުމުން، އޭނާއަށް ވަހީބަސްފުޅު އިއްވެވެނީހެއްޔެވެ؟ މި ކަން ވެސް އަހަރުމެން ހަމަ ގަބޫލުކޮށް އަތްތިލަބަޑި ޖަހާންވީހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި، ތަފާތު މައިދާންތަކުގައި އިންޑިޔާވަނީ ކުރި ހޯދައިފައެވެ. އިލްމީ މައިދާނުގައެވެ. އުފެއްދުންތެރިކަމުގެ މައިދާނުގައެވެ. ވިޔަފާރީގެ މައިދާނުގައެވެ. ބޭސްވެރިކަމާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިދާނުގައެވެ. އަދި، ބޮޑެތިބޮޑެތި މުއްސަނދީން އިންޑިޔާގައި އެބަ ތިއްބެވެ. ދުނިޔޭގައި އެންމެ ގިނަ މިލިޔަނަރުން ތިބި، އެއް ގައުމަކީ ވެސް އިންޑިޔާއެވެ.

ނަމަވެސް، އިޖުތިމާއި ކުރިއެރުމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަކީ އިންޑިޔާއަށް ހާސިލުކުރުން، އަދި ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޖުތިމާއީ ކުރިއެރުމާއި އިޖުތިމާއީ އަދާލަތޭ މިތާ މި ބުނާ ބަހުގެ މާނައަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި ގައުމުގެ މުއްސަނދިކަން ބެހިގެން، އެންމެން ޝާމިލުވެގެން ކުރިއަރައިދާ ކުރިއެރުމެވެ. މި ފަދަ ކުރިއެރުމެއްގެ އަސާސަކީ، މުޅި މުޖުތަމައު، އެ މުޖުތަމައުގެ އެންމެންނަކީ ވެސް ހަމަހަމަ ބަޔެއް ކަމުގައި ދުށުމެވެ. އިންޑިޔާގެ ހިންދީ ދީނީ ސަގާފަތް ނިޔާކުރާ ގޮތުން، އެ ތަނުގައި ކަންތައް އޮތީކީ، އަދި، މިހެންނެއް ނޫނެވެ. އެ ސަގާފަތް ނިޔާކުރަނީ އެންމެންނަކީ ހަމަހަމަ ބަޔެއް ނޫންކަމެވެ. ހިންދީ ސަގާފަތް ގަބޫލުކުރަނީ ވަކި ބަޔަކަށް، ގުދުރަތީ ގޮތުން، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖް ތަކެއް) ލިބިދީފައި އޮންނާން ޖެހޭނޭކަމެވެ. އިންޑިޔާގައި، އެއް ކޮޅުން، ބޮޑެތިބޮޑެތި މުއްސަނދީން އުޅޭ އިރު، އަނެއް ކޮޅުން، ތަރައްގީގެ މަސައްކަތުގައި 70އެއްހާ އަހަރު ވޭތުވިއިރު ވެސް، ތަނުގެ އާބާދީގެ ބޮޑު ބަޔަކަށް، ފަސޭހައިން ފާޚާނާކޮށްލުމުގެ ނިޒާމެއް ތަނުގެ ސަރުކާރުގެ އިދާރާތަކުން ގާއިމު ނުކުރެވިފައި އޮތުން ގުޅެނީ މި ދެންނެވި މުއައްސަސީ ތަފާތުކުރުމާއެވެ. މިހެން ކަންތައް އޮތް އިރު، އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ކުރިއެރުމަކީ އިޖުތިމާއީ އަދާލަތުގެ ކުރިއެރުންކަމަށް ވާ އިރު، ރާއްޖޭގެ ކުރިއެރުން ގުޅެނީ އިންޑިޔާއާއޭ ބުނެވިދާނެހެއްޔެވެ؟ ޚުދު އިންޑިޔާގައި ނެތް އެއްޗެއް، އެ ތަނުން އަހަރުމެންނަށް ލިބޭނީ ކިހިނެއްހެއްޔެވެ؟ އަހަރުމެންގެ ތަރައްގީއަކީ އަހަރުމެން އަމިއްލައަށް ވިސްނައި ރާވައިގެން ކުރާން ޖެހޭ ކަމެކެވެ. އެހެންވެ، އަހަރުމެންގެ ތަރައްގީ ގުޅެނީ އިންޑިޔާއާއޭ ބުނާ މީހަކު އެ ބުނަނީ ކަންކަމުގެ ހަގީގަތް އެނގި ހުރެގެން ނެތް ނޫނެވެ. ނޫނީ ރާއްޖެ ކުރިއެރުވުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. އެހެން ބުނެ އެ ގޮވަނީ މުޅީން އެހެން މަގުސަދެއްގައެވެ. ހަމައެކަނި ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރާން އެހީވެ، އެ ކަމަށް މަގުފައިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަތްވަނަ އިޝާރަތަކީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިޔާގެ އަސްކަރީން ތިބުމުގެ ހުއްދަ ދިން ކަމުގެ ވާހަކައެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނައުމާއި އެ މީހުންގެ ބާރު ހިންގޭނޭ ވައިގެ ބަނދަރެއް އެ މީހުންނާ ހަވާލުކުރުމުގެ ވާހަކަތަކެވެ. މި ކަން ވުމުން، އިންޑިޔާއިން ބޭނުން ވަރަކަށް، އެ މީހުން ބޭނުންވި ވަގުތެއްގައި، ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެވެ. އަދި، ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ވެރިވެގަތުމުގެ މަގު ހުޅުވިގެންދާނެއެވެ. މި ކަން ހިތަށް ގެނައުމުން، ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ދިފާއީ ބާރުތައް، ސިފައިންނާއި ފުލުހުން، ބަދުނާމުކޮށް އަބަދާއިއަބަދު ދައްކާ ވާހަކަތަކުގެ ހަގީގީ މަގުސަދު ވެސް ދޭހަވެއެވެ. ތަނެއްގެ ސަރުކާރުގެ ފަރާތުން އެ ތަނުގެ ދިފާއީ ބާރުތައް ބަދުނާމުވާ ގޮތަށް އަބަދާއިއަބަދު ވާހަކަދައްކައިފާނެހެއްޔެވެ؟ މައްސަލަތައް ހުރި ނަމަ، އެ ކަން ވާނީ ގައުމުގެ ހައްސާސީ މައްސަލައަކަށެވެ. އެހެންވެ، އެ ފަދަ ވާހަކަތައް ނުދައްކައި، އެ ކަންކަން އިސްލާހުކުރީމާ ނިމުނީ ނޫންހެއްޔެވެ؟ ނަމަވެސް، މި ކަން ނުކޮށް، އެ ފަދަ ބަދުނާމީ ވާހަކަތައް ދައްކަނީ ކީއްވެހެއްޔެވެ؟ މި ކަމުގެ ބޭނުމަކީ މަގުސަދަކީ، ތަނުގެ ދިފާއީ މުއައްސަސާއަކީ ބޭނުން ނެތް ތަނެއްކަމުގައި އާންމުންނަށް ދެއްކުމެވެ. އަދި، އެ ތަން އުވާލެވެންޏާ އުވްިލައި، ނޫން ނަމަ، އެ ތަނުގެ އަމުރުވެރިކަން ވެސް ބޭރު ބަޔަކާ، (އިންޑިޔާއާ) ހަވާލުކުރުމެވެ. އެއް އިރެއްގައި ޖޯޑުންގެ ލަޝްކަރުގެ ބާރު އިނގިރޭސީންގެ އަތްމަތީ އޮތް ފަދައިންނެވެ. އަދި، މިހާރު، އިންޑިޔާގެ ބާރުގެ ދަށުގައި، ބޫޓާނުގެ ދިފާއީ ކަންތައްތަކާއި އަދި ޚާރިޖީ ކަންތައްތައް އޮތް ފަދައިންނެވެ. މި ކަން އޮތް ގޮތް، މި ދެންނެވި އެއްޗެއްގެ ތެދު ދޮގު އޮޅުންފިލުވައިލެއްވުމުގެ ގޮތުން، ކޮންމެ މީހަކު ވެސް އަމިއްލައަށް ބަލައިލުން މުހިންމެވެ. މިއީ ޚިޔާލީ ވާހަކަތަކެއް ނޫންކަން ދެނެގަތުމަށެވެ.

މި ދެންނެވި ހުރިހާ ކަމަކީ ވެސް ހަމަ ތަރައްގީގެ އެހީތެރިކަމާ ގުޅޭ ކަންކަންހެއްޔެވެ؟ މި ކަންކަން ނުކޮށް ވެސް، ރާއްޖެއާއި އިންޑިޔާއާއި އަދި އެހެން ގައުމުތަކާ ވެސް ގުޅި، ރާއްޖޭގެ ތަރައްގީގެ މަސައްކަތް ދިވެހީންނަށް ކުރެވޭނެއެވެ. ތަނެއްގެ ތަރައްގީގެ މަސައްކަތަކީ ބޭރު ބަޔަކަށް ކުރެވޭނޭ އަދި ކުރާނޭ ވެސް ކަމެއް ނޫނެވެ. މި ކަން އެންމެ ސާފު ގޮތެއްގައި ވިދާޅުވީ ކާކުތޯއެވެ؟ އިންޑިޔާގެ މަހާތުމާ ގާނދީއެވެ. އިނގިރޭސީންގެ އަތުން އިންޑިޔާއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެހީވެދޭން، ހެޔޮ އެދިގެން، އިނގިރޭސި ފާދިރީއަކު، އޭނާ އަރިހު ދެންނެވުމުންނެވެ. އެހެންވެ، އެހެން މީހުންގެ ތަޖުރިބާތަކުން ވެސް ފައިދާ ލިބިގަނެގެން، ދިވެހީންގެ ތަރައްގީގެ މަސައްކަތް ކުރާން ޖެހޭނީ ދިވެހީން އަމިއްލައަށެވެ. އަދި އެއީ ކެރިގެން، އިޚުލާސްތެރިކަމާއެކު އެކަމާ ކުރިމަތިލައިފި ނަމަ، އިރާދަކުރެއްވިއްޔާ، ކުރެވޭނޭ ވެސް ކަމެކެވެ.

ދެން، ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވި ދިޔުމުގެ އެތައް އެތައް އިޝާރާތްތަކެއް ވަމުންދާ އިރު ވެސް، އާންމުން ހޭލުންތެރި ނުވަނީ ކީއްވެހެއްޔެވެ؟ ކޮންމެ ޖުލައި ސައްބީހެއްގައްޔާއި ނޮވެމްބަރު އެގާރާއެއްގައްޔާއި ރަބީއުލްއައްވަލު މަހު އެކެއްގައްޔާއި މިފަދަ ގައުމީ މުނާސަބަތުތަކުގައި ގޮވާ ގޮވުންތަކާއި ޖަހާ ލަވަތަކުގައި ކިޔާ އެއްޗެހީގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ކިޔާ ގައުމު ދެކެ ލޯބިވާ ވާހަކައާއި ގައުމު ދިފާއުކުރުމަށް އެންމެން ތެދުވާނެ ވާހަކައިގެ މާނައަކީ ކޮބައިހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާގެ ފަހުން، ސަލްޓަން ޕާކު ބުރު ކައިރީގައި ލިޔެފައި ބެހެއްޓި ފިލާގައި ހުރި ލިޔުންތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟ ގައުމީ އިހުތިފާލުތަކަކީ މާނައެއް ހުރި ކަމަކަމަށް ވަނީ ނަމަ، އެ ކިޔޭ ލަވަތަކުގެ ބަސްތަކުގައި މާނައެއް ވަނީ ނަމަ، އެ ފިލާގައި ލިޔެވިފައި އޮތް އެއްޗަކީ މާނައެއް ހުރި އެއްޗަކަށްވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލޭން އުޅޭ މި ފަދަ ވަގުތެއްގައި އަތް އުރައިލައިގެން ތިބޭން ހެޔޮވާނެހެއްޔެވެ؟ ޑިމޮކުރަސީއަށް ޓަކައި، އިންސާނީ ހައްގުތަކަށް ޓަކައި، އެންމެން މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުތައް ކޮބައިހެއްޔެވެ؟ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި، މަގުތަކަށް ނިކުމެ، އެ ފަދަ އިހުތިޖާޖުތައް ކުރުން ހައްގުވެގެން ނުވަނީހެއްޔެވެ؟ މިނިވަކަން ގެއްލެމުންދާކަމުގެ އިޝާރަތްތައް ލިބެމުންދާ އިރު، ހެވިފައި ނޭނގޭކަމަށް ހަދައިގެން، މިއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ، ކަންނެތްކަން މަތީ، ބޮޑުއަށިމަތީގައްޔާއި ހޮޅުއަށިތަކުގައްޔާއި ސައި ހޮޓާތަކުގެ މޭޒުތައް ދޮށުގައި ވައި އަނގަތަޅާން ތިބެއްޖެ ނަމަ، ފަލަސްތީނަށް ވީ ގޮތް ރާއްޖެއަށް ވެސް ވުމަކީ ދުރުކަމެއް ހެއްޔެވެ؟ ބަނޑުފައިވެފައި އޮތް ސިންގާއެއް އަނގަ ހުޅުވައިގެން ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ވެސް މެއެވެ. އަދި، މުޅަ މަސްގަނޑަކަށް ރާއްޖެ ހަދައި، އެ ސިންގާގެ އަނގައަށް، ރުހުމުގައި، ރާއްޖެ ލަވައިދިނުމުގެ މަސައްކަތް، ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާ އިރު ވެސް މެއެވެ.

(މި ދުވަސްވަރު ހަނދާންކޮށްލައި އޭގެ މައްޗަށް ފުންކޮށް ނަޒަރު ހިންގައިލުން މުހިންމު އާޔަތެއް ލިޔެލާން ގަސްތުކުރަމެވެ. އެ އާޔަތަކީ މާއިދާ ސޫރަތުގެ 82ވަނަ އާޔަތެވެ. އާދޭހެވެ! އެ އާޔަތަކީ لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا .... ([ކަލޭގެފާނަށް އީމާންވީ މީހުންނާ އެންމެ އަދާވަތްތެރިކަން ބޮޑު ބަޔެއްގެ ގޮތުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނީ ޔަހޫދީންނާއި މާތްﷲއަށް ޝަރީކުކުރާ މީހުންނެވެ.........)

އާދޭހެވެ! އަދުގައި ވެސް، ލޯ ހުޅުވައިގެން، އޭނާގެ ވަށައިގެން ބަލައިލި ކޮންމެ މީހަކަށް، އެއްވެސް އޮޅުމެއް ނެތް ގޮތުގައި، މި ހަގީގަތްތައް ވަރަށް ސާފުކޮށް ފެންނާނެއެވެ! ދިވެހީންނޭވެ! ހޭއަރާށެވެ! ވިސްނައި ފިކުރުކުރާށެވެ!

________________________________________

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް