Advertisement

ވަޒީރުގެ ތަގުރީރަށް ދިވެހީން މި ފަހަރު ކުރީ ތަޢުރީފެވެ. އަދާކުރީ ޝުކުރެވެ.

05 May 2024 | 07:16
ޑރ. ޢަލީ ޙައިދަރު: ވަޒީރުގެ ތަގުރީރަށް މި ފަހަރު ދިވެހީން ކުރީ ތަޢުރީފެވެ.

އަބާ މުޙަންމަދު

ދިވެހި ސަރުކާރުގެ ފަރާތުން ގައުމީ އަދި ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ދެއްވާ ތަގުރީރުތަކަށް ތަޢުރީފުގެ ކޮމެންޓުކުރުމަކީ ވަރަށް މަދުން ނޫނީ ނުފެންނަކަމެކެވެ. ދިވެހީންނަކީ ވަރަށް ނައްސިކޮށް ކޮމެންޓުކުރާ ބަޔެއްކަމަށް މީހުން ބުނެ އުޅެއެވެ. ނަމަވެސް ރަނގަޅު މޮޅު ތަގުރީރުތަކަށް ދިވެހިން ވެސް ތަޢުރީފުކޮށް ޝުކުރުއަދާކޮށް އުޅޭކަން މިހާރު މި ވަނީ ހާމަވެފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 78ވަނަ ޖަލްސާގައި ދިވެހިރާއްޖެއިން ދެއްވި ތަގުރީރަށް ހަމަ އެކަކު ވެސް ނުރުހުމުގެ ކޮމެންޓެއް ކޮށްފައި އޮތް ތަނެއް ނުފެނުނެވެ. އެ ތަގުރީރަށް މީހުން ރައްދުކުރަމުން ގެންދިޔައީ ތަޢުރީފުގެ ބަސްތަކެވެ. އެ ތަގުރީރަށް އެތައް ބަޔަކު ތަހުނިޔާ ދަންނަވައި މަރުޙަބާއާއި ޝުކުރުގެ ޢިބާރާތްތައް ތަކުރާރުކޮށްފައިވާ ކޮމެންޓުތަކުން މީސްމީޑިއާ ފުރައިލި ތަން ފެނުނެވެ.

މި ކަމުން އެނގުނީ ދިވެހީން ވެސް ކުރަނީ ހަމައެކަނި ނައްސި ކޮމެންޓު ނޫންކަމަށާއި މޮޅު، ފުރިހަމަ ތަގުރީރުތަކަށް ދިވެހީން ވެސް ފައްސިކޮށް ކޮމެންޓުކުރާކަމެވެ. މި ފަހަރު ދިވެހި ދައުލަތުގެ ފަރާތުން ތަގުރީރުކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރެވެ. ޑރ. ޢަލީ ޙައިދަރު، އދ.ގައި ދެއްވި ބަލާޣާތްތެރި ތަގުރީރަކީ މި ފަހުގެ ތާރީޚެއްގައި އިވުނު އެންމެ ރީތި، މޮޅު، އަސަރުގަދަ ތަގުރީރުކަމަށް ވެސް ބައެއް މީހުން ކޮމެންޓުކޮށްފައި ހުށްޓެވެ.

ޑރ. ޢަލީ ޙައިދަރު ދެއްވި ތަގުރީރު ޔޫޓިއުބުގައި ޢާންމުވުމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ކޮމެންޓުކުރި ނަމަ ވެސް ހުރިހައި އެންމެން ވެސް ކޮންމެންޓުކޮށްފައި ހުރީ ތަޢުރީފުކޮށްފައެވެ. ޑރ. ޢަލީ ޙައިދަރާއި އެ މަނިކުފާނުގެ އަނބިކަނބަލުންނަކީ އިނގިރޭސިބަހަށް ވަރަށް މޮޅު ދެ ބޭފުޅުންނެވެ. އަދި އެއީ، އިނގިރޭސިވިލާތުގައި ދިގު މުއްދަތެއްގައި ދިރިއުޅުއްވައި ބަހުގެ ސަގާފަތާއި ޠަބީޢާތާ އެއް ގޮތަށް މޮޅަށް ވާހަކަފުޅުދައްކަވާން އެނގިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެހެންކަމުން ޑރ. ޢަލީ ޙައިދަރަކީ އިނގިރޭސިބަހަށް ވަރަށް މޮޅު ބޭފުޅެކެވެ. އެ މަނިކުފާނުގެ ތަގުރީރުން އެ ކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވައިފިއެވެ. އަޅުގަނޑު ވެސް މި ފުރުޞަތުގައި ތަހުނިޔާ ދަންނަވަމެވެ. އަދި އެ ތަގުރީރުގެ ސަބަބުން ދިވެއްސަކަށް ވީތީ ފަޚުރުވެރިވާކަމަށް ވެސް ބައެއް މީހުން ބަޔާންކޮށްފައި ހުއްޓެވެ.

މި ތަގުރީރުގެ ބަސްމަގާއި ހުށަހެޅުއްވި ގޮތް ހަމަ އެކަނި މޮޅީކީއެއް ނޫނެވެ. ފާޅުކުރެއްވި ޚިޔާލުފުޅާއި އޮއްޓަރު ވެސް އަސަރުގަދައީއެވެ. މި ތަގުރީރުގައި ޑރ. އަލީ ހައިދަރު ދެއްކެވީ އަޑުއެހި ކޮންމެ ދިވެއްސަކު، ޚާއްޞަކޮށް ގައުމީ ރޫޙު ހުރި، އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ބަލައިގަންނާނެ ވާހަކަތަކެކެވެ. މި ވާހަކަތަކުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގައި އެ ޖަމާއަތުގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާކަމުގެ މައްޗަށް އަލިއަޅުވައިއްވިއެވެ. އަދި ވީޓޯގެ ނާއިންސާފު އުސޫލުގެ މައްޗަށް ފާޅުގައި ފާޑުވިދާލުވިއެވެ.

އެ މަނިކުފާޏުގެ ތަގުރީރު ކުރިއަށް ގެންދަވަމުން އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހައްގުގައި ފިޔަވަޅެއް އަޅާން ކުރާ މަސައްކަތް އެންމެ ގައުމެއްގެ ވޯޓުން ހުއްޓުވޭ ގޮތަށް އޮތުމަކީ ލަދުވެތިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅައި، އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރުމުގެ ބާރު އުވައިލުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހާ ހިސާބަށް މި ދިޔަ މަހު ގެންދާން ކުރި މަސައްކަތް އެމެރިކާއިން ވަނީ އެ ގައުމަށް ލިބިފައިވާ ވީޓޯކުރުމުގެ ބޭއިންސާފު ބާރު ބޭނުންކޮށްގެން ސަލާމަތީ މަޖިލީހާ ހިސާބުން އެ ކަން ހުއްޓުވައިފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) އިސްވެ އޮވެގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި މި ގަރާރަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ ތެރެއިން 13 ގައުމަކުން ތާއީދުކުރިއެވެ. މި ގަރާރާ ދެކޮޅު ހަދައި އެ ގައުމަށް ލިބިފައިވާ ވީޓޯކުރުމުގެ ބޭއިންސާފު ބާރު ބޭނުންކުރީ އެމެރިކާއެވެ. އެމެރިކާއަކީ އިސްރާއީލުގެ ނިރުބަވެރި އަމަލުތަކަށް ވާގިވެރިވެ، ހުރިހައި ގޮތަކުން އެހީތެރިވާ ގައުމެވެ.

އެ ކަމާ ގުޅިގެން ޑރ. ހައިދަރު ވިދާޅުވި ގޮތުގައި އދ.ގެ 140 މެންބަރު ގައުމަކުންނާއި، ސަލާމަތީ މަޖިލީހުގެ 12 ގައުމެއްގެ އިތުރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް އެތައް މިލިއަން ބަޔަކު ގޮވައިލައި ކުރަމުންދާ ސުލްޙަވެރި އިހުތިޖާޖުގެ އަޑު ވަނީ ކަނޑުވައިލައިފައެވެ.

އދ.ގެ އާންމު މަޖިލީހަށް އިއްވެވި ބަޔާނުގައި ޑރ. ހައިދަރު ވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފަށް އެދި ގޮވާ ގޮވުމާއި، އެ މީހުން އަމިއްލަ ނިންމުން ނިންމުމަށް އެދި ގޮވާ ގޮވުމަށް ހަމަ އެކަނި ނޫނެކޭ ބުނީ، އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން އެންމެ ގައުމެއްކަން ފާހަގަކުރައްވައިފައެވެ. މިއީ ކޮންފަދަ ލަދުވެތިކަމެއްތޯ އޭނާ ސުވާލުކުރެއްވިއެވެ.

ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އިސްރާއީލުން ވެރިވެގަނެގެން ތިބި ފަލަސްތީނުގެ ބިންތައް އަނބުރައި ހަވާލުކޮށް، 1948ވަނަ އަހަރުން ފެށިގެން ރެފިއުޖީންގެ ގޮތުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް އެ މީހުންގެ ބިންތައް އަނބުރައި ހަވާލުކުރާން އިސްރާއީލަށް މަޖުބޫރުކުރާން ޑރ. ހައިދަރުގެ ތަގުރީރުގައި ބާރުލައްވައި ގޮވައިލެއްވިއެވެ.

ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާއި ދެމުން ގެންދާ އަނިޔާތައް ދުނިޔޭގެ ތާރީޚުގައި ކޮންމެ ދުވަހަކު ލިޔެވެމުން، ފެވެމުންދާކަމަށެވެ. އަދި އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުން ސުންނާފަތިވެ، ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރުމަށް ޓަކައި ތުއްތުކުދީން އަމިއްލައަށް މަސައްކަތްކުރާ މަންޒަރު ކޮންމެ ދުވަހަކު ފެންނަމުންދާކަން އޭނާ އަސަރާ އެކު ފާހަގަކުރެއްވިއެވެ.

ޑރ. ޢަލީ ޙައިދަރުގެ ތަގުރީރަށް ދިވެހިރާއްޖޭގެ ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުން ޝުކުރު އަދާކުރަމުންނެވެ. އަދި ސިޔާސީ ބައެއް އިސްވާރުން ވެސް އެކުސްގައްޔާއި މީސްމީޑިއާގެ އެހެނިހެން މަންސަތަކުގައި އެ ތަގުރީރަށް ތަޢުރީފުކުރައްވާކަން ފާހަގަކުރައްވައިފައި ވެއެވެ. މި ފުރުޞަތުގައި "ފަރަގު މީޑީއާ"ގެ ފަރާތުން ވެސް ޑރ. ޢަލީ ޙައިދަރަށް ތަހުނިޔާ ދަންނަވަމެވެ. މުބާރިކުބާދީއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ނޫސްވެރިއެކެވެ.

Advertisement

ކޮމެންޓް
ޢަލީ ނަސީމް
ޑރ. ޙައިދަރު ދެއްވި ތަގުރީރު އަޑުއަހަމުން ގެންދިޔަ އިރު، އަޅުގަނޑަށް ކުރި އަސަރަކުން ހަގީގަތުގައި ލޮލުން ކަރުނަ އޮހޮރުނެވެ. ޑރ. ޙައިދަރުގެ ތަގުރީރުން އަޅުގަނޑުމެން ފަޚުރުވެރިކުރުވައިފިއެވެ.
05 May 2024
އަލީއާދަމް
ދިވެހީންގެ މޮޅުކަން މިތަޤުރީރުން ހާމަވޭ! ވަރަށް އުފާވި.
05 May 2024