Advertisement

ޢަޒުމް

05 May 2024 | 00:03
ޢަޒުމުގައި ސާބިތުވެ ހުރުމަކީ މުހިންމު ކަމެކެވެ.

އަސްމާ އަބޫބަކުރު

އަހަރެން މިއީ އެކަނިވެރި މަޔަކަށް ލިބިފައިވާ ހިތްވަރުގަދަ އަންހެން ދަރިއެކެވެ. އެ ހިތްވަރާއި އަޒުމް އަހަންނަށް ލިބުނީ ކުރިމަތިވި އެތައް ތަކުލީފުތަކަކާ ހެދިއޭ ބުނެވިދާނެއެވެ. ބިރަކީ މަރު ހުއްޓުވާ އެއްޗަކަށް ނުވާ ފަދައިން އަހަރެން ބިރުގަނެގެން މަރުނުވާނެކަން އޭނާއަށް ނޭނގެނީކަމަށް ވެދާނެއެވެ. މީހަކު މަސައްކަތްކުރީ އަހަރެން ދިރިހުއްޓައި ވަޅުލާންކަމުގައި ވާ ނަމަ، އަހަރެން މިއީ އޮށެއް ފަދައިން އެ ވަޅުގައި އޮވެ ހެދި ބޮޑުވި ގަހެކެވެ.

އަހަރެންގެ ނަމަކީ ސަމާއެވެ. މަންމަގެ އުންމީދު ފަދައިން އަހަރެން ރަށުން ކިޔަވައިގެން މާލެ އައީ މަތީތަޢުލީމް ހޯދާށެވެ. ކުރީން ބުނި ފަދައިން މަންމައަކީ އެކަނިވެރި މަޔަކަށް ވާތީ، މާލޭގައި ދިރިއުޅުމަކީ ވެސް ތަކުލީފެކެވެ. ކުޑަ ޚަރަދަކުން އުޅެވޭނެ ތަނެއް ވެސް  ނޫނެވެ. އެ ކަމާ ހެދި އަހަރެން ވިސްނީ ވަޒީފާއަކަށް ގޮސްގެން ކިޔަވާށެވެ. އޭރުން މަންމައަށް ވެސް ތަންކޮޅެއް ލުއިވާނެތީއެވެ. އަހަރެން ކިޔަވާން ބޭނުންވީ ނަރުސްކަމެވެ. އެކަމަކު އެއީ ވަޒީފާ އަކަށް ދަމުން ކިޔެވޭ ވަރަށް ވުރެ އުނދަގޫ ފީލްޑެކެވެ. ދެން ވިސްނީ މާކެޓިން ދާއިރާއިން ކިޔަވާށެވެ. ވަޒީފާ ލިބުނީ އަމިއްލަ އޮފީހަކުން ގްރެފިކް ޑިޒައިނަރެއްގެ ވަޒީފާއެވެ. ކިޔަވާ އެއްޗަކާ ވަޒީފާއާ ވެސް ގުޅުން ހުރުމުން ޝައުގުވެރިކަމާ އެކު ކުރިއަށް ދެވޭނެކަމުގެ އުންމީދު އޮތެވެ.

އޮފީހުގައި ގިނައީ އަންހެން މުވައްޒަފުންނެވެ. އެ އެންމެން ވެސް ނުލާހިކު އެކުވެރިއެވެ. ގިނަ ވަގުތު އަހަރެން މަސައްކަތުގައި ހޭދަކުރަނީ ކުރާ ކަމެއް އެންމެ ފުރިހަމައަށް ކޮށް ނިންމުމުގެ ނިޔަތުގައެވެ. ކްލާސް ނެތް ރެއަކު ތަންކޮޅެއް ލަސްވަންދެން އޮފީހުގައި މަސައްކަތުގައި އިނީ އަނެއް ދުވަހަށް ނިންމާން ޖެހޭ މަސައްކަތަކަށްވާތީ އެ ކަން ނިންމައިފައި ދާންކަމަށެވެ.

"ސަމާ. ހާދަ ލަސްވަންދެން ތިޔަ އިނީ. އެންމެން އޮފީހުން ހިނގައްޖެ" މެނޭޖަރ ދަމުން ބުނެލިއެވެ.

" މި ދެން ނިމުނީ. އިރުކޮޅަކުން ނިކުންނާނަން."

"އަހަރެން ދާ މަގުމަތީގައި ސަމާ ގެންގޮސްދީފާނަން. ކޮން ހިސާބެއްގައި އުޅެނީ؟"

" ނޫން. އަޅުގަނޑު އެކަނި ދާނީ. މި ގަޑީގައި ބަސް އޮންނާނެ. އަޅުގަނޑު ދަނީ ހުޅުމާލެއަށް"

މެނޭޖަރު ކުރުނުކުރުމުން އެންމެ ފަހުން އަހަރެން އޮފީހުން ނިކުމެ އޭނާގެ ކާރުގައި ގެއަށް ދާން ކާރަށް އެރީމެވެ. އެ ކާރުގައި އިން އިރު އަހަރެންނަށް އުނދަގޫ ގޮތްތަކެއް އިޙްސާސްކުރެވުނެވެ. މެނޭޖަރަކާ މުވައްޒަފަކާ ހުންނާން ވާ އިމެއް، ވާހަކަދެއްކުމުގައެއް ނެތެވެ. އެ ވަގުތުކޮޅު މެނޭޖަރުގެ ވާހަކައިގައި ހުރީ އެތައް ޒަމާނެއްވީ ރައްޓެއްސަކާ ވާހަކަދައްކާ އުސޫލެވެ. 

"ސަމާއާ ވަރަށް ގުޅޭ ހެދުމެއްތީ." ވާހަކަ ފެށީ ވެސް އެ ފަދަ ގޮތަކަށެވެ.

އަނެއް ދުވަހު އިރުއެރީ މެނޭޖަރުގެ ގްޑްމޯނިންގ މެސެޖުންނެވެ. އެ މެސެޖު ފެނުނީމާ ވެސް އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު އަހަރެންގެ ކަމަކަށްވީ ދާދި ފަހުން އެފު.ބީ.އިން ލިބުނު އެކުވެރިޔާގެ މެސެޖުތައް ކިޔުމެވެ. އެއީ އެފުބީގެ ގްރޫޕަކުން ލިބުނު ނާޒިމް ކިޔާ އެކުވެރިއެކެވެ. އޭނާ އަކީ ލިޔުންތެރިއެކެވެ. މާ ގިނަގިނައިން ވާހަކަނުދެއްކުނު ކަމުގައިވިއަސް ކޮންމެ ދުވަހަކު ވެސް ދެތިން މެސެޖު އަހަރެމެން ބަދަލު ކުރަމެވެ. އޭނާގެ ބަސްމަގު ހުންނަ ގޮތުން އަހަރެން ވަރަށް ގަޔާވޭ ބުނެވިދާނެއެވެ. ރީތި ލަފުޒުތަކުން އަހަރެންގެ ބަސްކޮށާރު މުއްސަނދިކުރުވައެވެ. އެ މެސެޖުތަކުން އަހަރެންގެ ހިތުގައި ރީތި މާތައް ފޮޅޭ ކަހަލަ އުފާވެރިކަން ހިތަށް ލިބެއެވެ.

އަހަރެންގެ އެކުވެރިއަކަށް ނާޒިމްވީ ކަމުގައި ވިއަސް އަހަރެމެން އެކަކު އަނެކަކުގެ ޒާތީ ވާހަކަތަކެއް ނުދައްކަމެވެ. އެހެންނަމަވެސް އެއްދުވަހުން އަނެއްދުވަހަށް ގުޅުން ބަދަހިވަމުން ދިޔައީ ހީ ވެސް ނުކުރާހާ އަވަހަށެވެ. 

އޮފީހުގައި މީޓިންގއެއްގައި އިންދައި މެސެޖެއް އައުމުން އަހަރެން ފޯނަށް ބަލައިލީމެވެ. އަހަރެން ހީކުރީ ނާޒިމްގެ މެސެޖެއް އައީ ކަމަށެވެ. އަހަރެން ދެލޯ ބޮޑުވެގެން ދިޔައީ މެނޭޖަރުގެ ކާރުގައި އިށީން ތަނާ އެރޭ ސީޓް ބެލްޓު އަޅާން ބުނުމުން އަހަރެން ބެލްޓު އަޅާން އުޅެނިކޮށް އޭނާ ބެލްޓު އަޅުވާން އުޅުނު ގޮތެވެ. އެ މަންޒަރު މި އޮތީ އަހަރެންގެ ފޯނުގައެވެ. އެރޭ އުނދަގޫވީ ވެސް މެނޭޖަރު އުޅުނު ގޮތުންނެވެ. އެ ވަގުތު ފެނުނީ މެނޭޖަރު ބަލަހައްޓައިގެން އިންތަނެވެ.

"ޑްރައިވަރުން ކާރު ކޮންޓްރޯލްކުރާ ފަދައިން މީނާ ކޮންޓްރޯލްކުރާން ޖެހޭ އެބަ." އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ ވެރިޔާގެ ވާހަކަތަކަށެވެ. އޮފީހުގައި ކުރިއަށް އޮތް ޕްރޮޖެކްޓާ ގުޅޭ ގޮތުން މަސައްކަތްތައް ބަހައިލައިގެން މެނޭޖަރުގެ ދަށުން މަސައްކަތް ކުރުމަށް ވެރިޔާ އެންގެވިއެވެ. 

ކަންތަކާ ޖެހުނީއޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އަޒުމަކަށް ބަދަލެއް ނުގެނެސް ކެތްތެރިކަމާއެކު މެނޭޖަރު ދެމުން ގެންދާ މަސައްކަތްކުރަމުން ގެންދިޔައިމެވެ. އިންޓަކަމުން މެނޭޖަރ ކޮޓަރިއަށް ދާން އޯޑަރު އައުމުން ގޮސް ދޮރުގައި ޓަކި ޖަހާފައި އެތެރެއަށް ވަނީމެވެ.

"އެންމެ ފަހުގެ އިޝްތިހާރުތައް ހެދުމުގެ މަސައްކަތް ކިހައި ހިސާބަކަށްބާ ގޮސް އޮތީ؟"

"އަޅުގަނޑަށް އެ މަސައްކަތް މާދަމާ ނިންމައިލެވޭނެ." 

"ސަމާ. އަޅުގަނޑު ކިޔައިގެން ވާހަކަ ނުދައްކާ އަމީޒު ކިޔައިގެން ވާހަކަ ދައްކަބަލަ؟"

"އަޅުގަނޑަކީ މުވައްޒަފެއް. ތިޔައޭ ވެރިޔެއް. އަޅުގަނޑުމެން ދެމެދުގައި ހުރަސްތަކެއް ހުންނާނެ."

"ސަމާ ތީ އަހަރެންގެ ނަޒަރުގައި ގާތް އެކުވެރިއެއް. އެއަށް ވުރެ ވެސް މި ހިތުގައި ތިޔަ ނަން މާ ގާތް"

"ބަދަލު ނުކުރެވޭ ކަންކަން ހުންނަކަމަށް ގަބޫލު ކުރައްވާ!"

އަހަރެން އެހެން ބުނުމުން އެ ދުވަހު މެނޭޖަރ ދެން ދެއްކީ ޕްރޮޖެކްޓާ ގުޅޭ ޕްރެޒެންޓޭޝަނެއް ހަތް ދުވަސްތެރޭގައި ހަދައި ޕްރެޒެންޓުކުރުމުގެ ވާހަކައެވެ. އަހަރެން އެ ކޮޓަރީން ނިކުތީ އެ ކަމަށް އެއްބަސްވެފައެވެ. އަހަރެން ނިކުތް ގޮތަށް ސައި ކޮޓަރިއަށް ގޮސް ފެންތައްޓެއް އަޅައިގެން އެއް ނޭވާއިން ދަމައިލި އިރު އެ ތަން ބަލާން ޒުމްރާ ހުއްޓެވެ.

"މެނޭޖަރަށް ސަމާލުވެގެން އުޅެއްޗޭ." ހަމައެކަނި ޒުމްރާ ބުނީ ކިތަންމެ ކުރު ޖުމްލައެއް ނަމަވެސް އެއީ ވަރަށް ވާހަކަކަން އަހަންނަށް އެނގުނެވެ.

މަންމަ ގުޅީ އެވަގުތުއެވެ. މަންމައަކީ ކޮންމެ ދުވަހެއްގެ ހެނދުނު އަހަރެން ހޭލައްވާ އެލާމް ގަޑިއެވެ. ރޭގަނޑު ވެސް އަހަރެން ނިދުމުގެ ކުރީން މަންމައާއި ވާހަކަދައްކަމެވެ. މިއަދު ހެނދުނު ގުޅި ގަޑީގައި ފޯނު ކަނޑައިލައިފައި ގުޅާން ހިތަށްއެރީ އޮފީހަށް އަންނަ މަގުމަތީގައެވެ.

"މަންމާ. ސޮރީ. ފޯން ކަނޑައިލި ގޮތަށް ނުގުޅައި މިހުރެވުނީ ދޯ؟" އަހަރެން އެހެން ބުނުމުން އޮފީސް ގަޑިކަން މަންމައަށް އެނގޭކަމަށް ބުންޏެވެ. އެހެންވިއަސް މަންމައާ ވާހަކަ ނުދައްކައި އޮފީހަށް ދާނީ ކޮންމެވެސް ކަމެއް ޖެހުނީހޭ މަންމަ އެހިއެވެ.

"ނޫން. މަންމައަށް ވުރެ މުހިންމު އެހެން ކަމެއް ނޯންނާނެ. ފެންވަރައިގެން ނިކުމެ ގުޅާނަމޭ ހިތައި، އެ ގަޑީގައި ފޯން ކަނޑައިލީ." އެ ހިސާބުން މަންމަގެ ފޯން ވެސް ބޭއްވީ އޮފީސް ވަގުތު އުނދަގޫ ވެދާނޭ ކިޔާފައެވެ.

ކޮންމެ ދުވަހެއް އިރުއަރައި އޮއްސެނީ މެނޭޖަރުގެ އެތައް އުނދަގޫތަކަކާއެކުއެވެ. އަހަރެން ކުއްޖަކާ ރައްޓެވެގެން އުޅޭކަމަށް ބުނުމުން ވެސް އެ އުނދަގޫތަކެއް ނުހުއްޓުނެވެ. ފޮނުވާ މެސެޖުތައް އެކަންޏެއް ނޫނެވެ. ފޮޓޯތަކުން ވެސް ލޮލަށް އުނދަގޫވެއެވެ. މީގެ ކުރީން އަޑުއިވިފައި ހުރީ އޮފީސްތަކުގައި ކުރާ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެވެ. މިއަދު އަހަރެންނާ މި ކަން މިވަނީ ކުރިމަތިވެފައެވެ. މި ފަދަ މާހައުލެއްގައި އަންހެން ކުދީންނަށް ވަޒީފާ އަދާކުރާކަށް ފަސޭހައެއް ނޫނެވެ. އަހަރެން ހިތުގައި ވަނީ އެންމެ ކަމެކެވެ. މެނޭޖަރު ފަޟީޙަތްކޮށްލާނެ ގޮތެވެ.

އޮފީހުގެ ކޮންފަރެންސް ހޯލަށް އަހަރެން ވަން އިރު، އެހެން ހުރިހައި މުވައްޒަފުން ވަނީ އެ ތަނަށް ޖަމާވެފައެވެ. މެނޭޖަރާއި ވެރިޔާ ފިޔަވައެވެ. އަހަރެން ތައްޔާރުވީ ޕްރެޒެންޓޭޝަން ހުށަހެޅުމަށެވެ. މާ ގިނަ އިރުތަކެއް ނުވެ ވެރިޔާއާއި މެނޭޖަރު ވެސް ދުރުވެއްޖެއެވެ. އޮފީހަކީ ގަޑިއަށް ސަމާލުކަން ދޭން ބާރުއަޅާ މަދު މުވައްޒަފުންކޮޅެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާ އޮފީހެކެވެ. ފުރަތަމަ އޮތީ އަހަރެންގެ ޕްރެޒެންޓޭޝަނެވެ. ޕްރެޒެންޓޭޝަންގެ ކަވަރ ޕޭޖު ދައްކައިލުމަށްފަހު ހުށަހަޅައިދޭ ޕްރެޒެންޓޭޝަންގެ ތަޢާރަފެއް ދިނުމަށް ފަހު، ހުށަހަޅަމުން ގެންދިޔައީމެވެ. ހުރިހާ އެންމެންގެ ސަމާލުކަން ލިބިފައިވީ މި ހުށަހެޅުން ނިންމައިލަމުން ދެއްކި ދެ ފޮޓޯއަކުން މެނޭޖަރު ހާސްވެއްޖެއެވެ.

"ސަމާ." މެނޭޖަރ ތެދުވެ ވަގުތުން ޕްރެޒެންޓޭޝަން އޮފު ކޮށްލައިފިއެވެ. އެހެންނަމަވެސް އަހަރެންގެ ފަހު ޖުމްލައަކަށްވީ މި ޕްރޮޖެކްޓް އަޅުގަނޑު ކުރިއަށް ގެންދިޔައީ އެކުވެރި މާހައުލެއްގައި ނަމަވެސް ޖިންސީ ގޯނާގެ ޝިކާރައިގައި ޖެހިފައި ހުރެގެންކަން ވެރިޔާއަށް އަންގައިދީފައެވެ.

މެނޭޖަރު ހިތްހަމަނުޖެހިފައި ހުރެ ދެ ތިން ޖުމްލައެއް ބުނެލިއެވެ. މި ފަހަރު އެ އަޑުއަހާނެ އެއްވެސް މީހަކު ނެތެވެ.

"ސަމާ ފަދައިން އަޅުގަނޑަކީ ވެސް މެނޭޖަރުގެ ފުރައްސާރަ ލިބުނު މުވައްޒަފެއް." ޒުމްރާ ތެދުވެ އަހަރެން ކައިރިއަށް އަތުވެއްޖެއެވެ. އޭގެ ފަހުން އަމާނީ، ޒީމާ، އަހުލާމާ ވެސް އަހަރެން ކައިރިއަށް އައިސް ހުއްޓުނެވެ. ވެރިޔާ ހުންނެވީ އަންތަރީސް ވެފައެވެ. އޮފީހުގައި މި ފަދަ ކަންކަން ހިނގާއިރު ވެރިޔާއަށް ވެސް އެއްވެސް ކަމެއް ނޭނގުނީތީއެވެ. ވަޒީފާގެ ބިރަށް ޓަކައި އެއްވެސް ކުއްޖަކު އެ ކަން ކުރާން ތިބީ ނުކެރިފައެވެ.

"ސަމާ ފަދަ ހިތްވަރު ގަދަ މުވައްޒަފުން މި އޮފީހަށް ބޭނުންވަނީ. އެއްވެސް މުވައްޒަފެއްގެ ހައްގަކަށް އުނިކަން އަންނަ ފަދަ ކަމެއް ހިނގާ ނަމަ އެ ކަން ވީހައި ވެސް އަވަހަށް އަންގާން ވާނެ." ވެރިޔާގެ ވާހަކަފުޅުން އަންހެން މުވައްޒަފުންނަށް އުފާވެރިކަން ލިބުނެވެ.

މިއަދު އަހަރެންގެ ސަބަބުން އެތައް އަންހެން މުވައްޒަފުންނަކަށް ހިތްވަރު ލިބިއްޖެއެވެ. ބޭނުންވަނީ ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކުރުމެވެ. މެނޭޖަރުގެ ވަޒީފާ ގެއްލުނެވެ. ކޮންމެ އަންހެން ކުއްޖެއްގެ އަޒުމަކަށް ވާންވީ ބިމުގައި ވަޅުލާ އޮށްފަދައިން އަހަރެމެން ވަޅުލިކަމުގައި ވިއަސް އެ އޮށުން ފަޅާ ގަހުގެ މިސާލަށެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް
އަސްމާ އަބޫބަކުރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަ ލިޔުމުގެ މުބާރާތްތަކުން އޭނާ ވަނީ ތަފާތު ވަނަތައް ވެސް ހާސިލުކޮށްފައެވެ. އަދި އޭނާ ވަނީ ވަރަށް ގިނަ ވާހަކަ ފޮތްތަކެއް ޝާއިޢު ވެސް ކުރައްވައިފައެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގެ ތަޖުރިބާކާރެއް ވެސް މެއެވެ. ދިވެހިބަހަށް ލޯބިކުރެއްވުމާއެކު މުޖުތަމަޢުގެ އިޞްލާހަށް ވަސައްކަތްކުރެއްވުމުގައި ނަމޫނާ ކަނބަލެކެވެ. އަސްމާގެ ލިޔުންތެރިކަމުގެ ޚާއްޞަ ފަންނަކީ ވާހަކަލިޔުމެވެ.

Advertisement

ކޮމެންޓް