Advertisement

އިންޒާރުކޮށް ނުފޫޒު ފޯރުވާކަން މިހިރަ ހާމަވަނީއެވެ.

04 May 2024 | 17:48
އައިސީސީގެ ޕްރޮސެކިޔުޓަރ ކަރީމް ޚާން: އިސްރާއީލުގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތައް ތަހުގީގުކުރާކަމަށް ވިދާޅުވޭ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަދުލުއިންސާފަކީ އިސްރާއީލާއި އެމެރިކާ ދަންނަ އެއްޗެއް ނޫންކަން އެ މީހުންގެ ޢަމަލުތަކުން އަބަދު ވެސް ސާބިތުވެއެވެ. އެ މީހުންގެ ނަޒަރުގައި އިންސާފަކީ އެ މީހުންގެ މަސްލަހަތެވެ. ޣައްޒާގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ އިންސާނިއްޔަތާ ޚިލާފު، ރަޙުމެއް ނެތް، އަނިޔާވެރި އުދުވާނު، ހަތް މަސް ދުވަހަށް ދެމިގެންދާ އިރު، އެމެރިކާއި އިސްރާއީލަށް އެއީ އިންސާފެވެ.

މި ޢުދުވާނު ހުއްޓުވުމަށް ބާރުއެޅުމުގެ ބަދަލުގައި އެމެރިކާއިން ތަކެއްޗާއި މާލީ އެހީ ދެނީ އެ ޢުދުވާނު ކުރިއަށް ގެންދާށެވެ. މިއަދު ޣައިރު މުސްލިމުންގެ ތެރޭގައި ވެސް އިންސާނިއްޔަތުކަމެއް ހުރި ކޮންމެ މީހަކަށް މި ހަގީގަތް ހާމަވެއްޖެއެވެ.

އެމެރިކާއާއި ވިލާތުގެ ގިނަ ގައުމުތަކުން އެއްބާރުލުން ދީގެން އިސްރާއީލުން ހިންގާ މި ލާއިންސާނީ ޖަރީމާއާ ދެކޮޅަށް އެކި ގައުމުތަކުން ބައިނަލްއަގުވަމީ ކޯޓުތަކަށް ވަނީ އެކި ގައުމުތަކުން މައްސަލަތައް ހުށަހަޅައިފައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އަށް، އިސްރާއީލުގެ ނިރުބަވެރީންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލައިފި ނަމަ، އިސްރާއީލުގެ އިސްކޮށް އުޅޭ އެންމެންގެ މައްޗަށް ޖިނާއީ ކުށް ސާބިތުވާނެކަން އެންމެންނަށް ވެސް ޔަގީނެވެ. ސަބަބަކީ އިސްރާޢީލުން ނުހިންގާ ޖަރީމާއެއް ނެތެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިޔުޓަރުގެ އޮފީހުން މިހާރު މިވަނީ އެ ކޯޓުގެ މުވައްޒިފުންނަށް އިންޒާރުދީ ބިރުދެއްކުން ހުއްޓައިލުމަށް ގޮވައިލައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އިންޒާރުކޮށްފައި ވަނީ އެ ގޮތަށް ބިރުދައްކައި އިންޒާރުކުރުމަކީ ޢަދުލުއިންސާފުގެ އިދާރިއްޔަތާ ދެކޮޅަށް ހިންގާ ގާނޫނީ ކުށެއްކަމަށާއި އެ ފަދަ ޢަމަލުތައް ތަކުރާރުކުރާ ނަމަ، ހަނގުރާމައާ ބެހޭ ދުނިޔޭގެ ކޯޓުން ފިޔަވަޅުއަޅާނެކަމަށެވެ.

ދަ ހޭގުގައި މަރުކަޒުކުރެވިފައި ހުންނަ ޖިނާއީ ކޯޓުގެ ޕްރޮސެކިޔުޓަރުގެ އޮފީހުން، ޕްރޮސެކިޔުޓަރ ކަރީމް ޚާން ނެރުއްވި ބަޔާނެއްގައި ބަޔާންކޮށްފައި ވަނީ، އެނާގެ އޮފީހުގެ މުވައްޒަފުންނަށް އިންޒާރުކޮށް ބިރުދައްކައި އަދި އެ ނޫން ގޮތްގޮތުން ވެސް އެ އޮފީހަށް ފޯރުވާ ނުފޫޒު މިހާރުން މިހާރަށް ހުއްޓައިލާން ޖެހޭކަމަށެވެ.

ޕްރޮސެކިޔުޓަރގެ ބަޔާނުގައި އިސްރާއީލުގެ ނަން ހާމަ ނުވި ނަމަވެސް، މި އިންޒާރު ޝާއިޢުކޮށްފައިވަނީ، ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ހައްޔަރުކުރުމުގެ އަމުރެއް ނެރެފާނެކަމަށް ވާހަކަ ފެތުރުމުން އިސްރާއީލާއި އެމެރިކާގެ އޮފިޝަލުން އެ ކޯޓަށް އިންޒާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޕްރޮސެކިޔުޓަރުގެ އޮފީހުން ބުނެފައިވަނީ، ކިތަންމެ އިންޒާރެއް ދިންކަމަށް ވިޔަސް ރޫމުގެ ޤަރާރުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ބިނާކުރަނިވި ގޮތެއްގައި މައްސަލައާ ގުޅުން ހުރި ހުރިހައި ފަރާތްތަކެއްގެ އަޑުއަހައިގެން އިންސާފު ގާއިމުކުރައްވާނެ ކަމަށެވެ. ކިތަންމެ އިންޒާރެއް ދިންކަމަށް ވިޔަސް އެ ކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެކަމަށެވެ.

އައިސީސީގެ ޕްރޮސެކިޔުޓަރުގެ އޮފީހުން ނެރެފައިވާ ބަޔާން.

ރޫމްގެ މުޢާހަދާގައި ކަނޑައަޅައިފައިވާ އޮނިގަނޑާއި އިޚުތިޞާސާއި މަސްއޫލިއްޔަތުތަކުގައި ކަނޑައަޅައިފައިވާ އުޞޫލުތަކުގައި ކޯޓާ ދެކޮޅަށް ނުފޫޒު ފޯރުވުން ވަނީ މަނާކޮށްފައެވެ.

ފާއިތުވެ ދިޔަ ހަފުތާތަކުގައި މީޑިއާގައި އާންމުވެފައިވާ ޚަބަރުތަކުގައި ވިރަވެފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ޢުދުވާނުގެ ސަބަބުން އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާއި އެހެން ބައެއް އޮފިޝަލުން ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުމަކީ އެކަށީގެންވާ ކަމެކެވެ. މި ޚަބަރު ފެތުރުމާ ގުޅިގެން އިސްރާއީލާއި އެމެރިކާއިން ގެންދަނީ ތަފާތު އިންޒާރުތައް ދެމުންކަމަށް ޚަބަރު ލިބިފައިވެއެވެ.

ވަކިވަކި ފަރުދުންނަށް ތުހުމަތުކުރެވިފައިވާ ނަސްލުހޭދުއާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ  އެހެނިހެން ޖަރީމާތަކާ ގުޅިގެން އެ މީހުންގެ މައްޗަށް ހުކުމެއް ކޮށްފާނެކަމަށް ބެލެވިފައިވެއެވެ.

އިސްރާއީލުގެ ނިރުބަވެރި އަސްކަރިއްޔާއިން މި ދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުގެ ފަހުން 35 ހާސް މީހުން ޣައްޒާއިން ޝަހީދުކޮށްލައިފައިވެއެވެ.

އިސްރާއީލާ ދެކޮޅަށް ހުކުމެއް ނެރެފާނެކަމަށް ހީކުރެވުމުން އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު މި ދިޔަ އަންގާރަ ދުވަހު ނެރުނު ވީޑީއޯ މެސެޖެއްގައި ދުނިޔޭގެ އިސްވާރުންނަށް މުޚާޠަބުކޮށް ބުނެފައިވަނީ "މިނިވަން ދުނިޔޭގެ އިސްވާރުންގެ ކިބައިން އަހަރެން އުންމީދުކުރަނީ އައިސީސީ ކޯޓުން ކުރާ ކަންކަމާ ދެކޮޅަށް ސާބިތުކަމާއެކު ދެމި ތިބުމާއެކު އިސްރާއީލަށް ވާރުތަވެފައިވާ ނަފުސު ދިފާޢުކުރުމުގެ ޙައްގަށް އިޙުތިރާމްކުރާނެކަމަށެވެ."

އެމެރިކާގައި އިސްރާއީލަށް ތާއީދުކުރާ ބައެއް މީހުން އެމެރިކާގެ ރައީސް ޖޯބައިޑަނުނަށް ގޮވައިލައިފައިވަނީ އައިސީސީގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ތަދައްޚުލުވެ، މި ކަން ހުއްޓުވުމަށެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އައިސީސީއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅު 2021ގައި ރައީސް ޖޯބައިޑުން ވަނީ އުވައިލައިފައެވެ.

އިސްރާއީލާއި އެމެރިކާއަކީ ރޫމުގެ ޤަރާރު (ރޯމް ސްޓޭޓިއުޓް) ތަސްދީގުކޮށްފައިވާ އަދި އައިސީސީގެ ގާނޫނީ ހައްސިއްޔަތަށް އިޢުތިރާފުވެފައިވާ ދެ ގައުމެއް ވެސް ނޫނެވެ. ނަމަވެސް އޮބްޒާވަރެއްގެ ގޮތުން އދ.ގެ މެންބަރުކަން ލިބިފައިވާ ފަލަސްތީނުން ވަނީ އެ ޤަރާރު ތަސްދީގުކޮށް، އެ ކޯޓު ގަބޫލުކޮށްފައެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން 2021ން ފެށިގެން ގެންދަނީ އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިނގާ ޖަރީމާތައް ތަހުގީގުކުރަމުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު މަޢުލޫމާތުން އެނގެނީ އެމެރިކާގެ ބޭއިންސާފުކަމާއި އެ މީހުންގެ ހަމައެއްލަމައެއް ނެތްކަމެވެ.

ބައެއް ލަފުޒުގެ މާނަ:

އިސްވާރު     ނ.      (1) ވެރިޔާ. (2) އިސްވެ ހުންނަ މީހާ

ނަސްލުހޭދު    ނ.      އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ޖަރީމާ       ނ.      ބޮޑެތި ކުށް

އިދާރިއްޔަތު   ނ.      (1) ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއް ފަދަ އިދާރާއެއް ހިންގުމަށް ޓަކައި އެ ތަނެއްގައި ދުވަހުންދުވަހަށް ކުރާ އިދާރީ މަސައްކަތްތައް ރާވައި، އިންތިޒާމު ކޮށް، ހިންގުމުގެ އެކިއެކި ޙަރަކާތްތައް. (2) އިދާރީ ކަންކަން ހިންގާ ގޮތް.

ވިރަވުން     މ.      ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން. 

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް