Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން މި އަހަރު ދިވެހި ދައުލަތް ތަމްސީލުކުރައްވާނީ ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު

04 May 2024 | 07:13
ޑރ. ޝަހީމް: ދިވެހި ދައުލަތް ތަމްސީލުކުރައްވަނީ

އަބާ މުޙަންމަދު

އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމުގެ ޖަމުއިއްޔާ (ދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯއައިސީ -)ގެ 15ވަނަ ސަމިޓު މިއަދު ބަންޖުލްގައި ފަށާނެއެވެ. މި އަހަރު މި ސަމިޓުގައި ދިވެހި ދައުލަތް ތަމްސީލުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ކަން ހާމަކުރައްވައިފައި ވަނީ ރައީސުލްޖުމްރީއްޔާގެ އޮފީހުންނެވެ. އެ ސަމިޓުގައި ޑރ. ޝަހީމް ބައިވެރިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.

އޯ.އައި.ސީ.އިން އިންތިޒާމްކޮށްގެން ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓު މިއަހަރު ބާއްވަނީ ގެމްބިޔާގެ ވެރިރަށް ބަންޖުލްގައެވެ. މި ސަމިޓް ބާއްވަނީ ކޮންމެ ސަމިޓަކަށް ވަކި ޝިޢާރެއް ކަނޑައަޅުއްވައިގެންނެވެ. މިއަދާއި މާދަމާ (ދެ ދުވަހުގެ މުއްދަތަށް) މި އަހަރު ބާއްވާ މި ސަމިޓުގެ ޝިޢާރަކަށް ކަނޑައަޅައިފައިވަނީ "ދެމެހެއްޓެނިވި ތަރައްޤީއަށް ޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" މި ޝިޢާރެވެ.

އޯއައިސީގެ 15ވަނަ ސަމިޓުގެ ރިޔާސަތު: ގެމްބިއާގެ ވެރިރަށް ބަންޖަލް

މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކޮށް އިރުޝާދުދިނުމަށް ޓަކައި ބާއްވާ ސަމިޓެކެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙަންމަދު ޝަހީމް ޢަލީ ސައީދު ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފަރަގު މީޑިއާއަށް ޚަބަރު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ދެއްވާ ތަޤުރީރު ޓީވީއިން ދުރަށް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޯއައިސީ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން މި އަހަރު ބޭއްވި ޚާރިޖީ ވަޒީރުންގެ ޖަލްސާގެ ތެރެއިން

ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަކީ މި ސަރުކާރުގައި އެންމެ ޙަރަކާތްތެރި އެއް ވަޒީރުކަން މީޑިއާގައި ޢާންމުވާ ޚަބަރުތަކަށް އެކަނި ބަލައިލިޔަސް ސާބިތުވެއެވެ. އެ މަނިކުފާނު ވަނީ ދިވެހި ގައުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި މަޤުބޫލުކަމާއި ޝުހުރަތު ލިބޭ އެތައް ކަމެއް ކުރައްވައިފައެވެ. އަނި އެ މަނިކުފާނުގެ ސަބަބުން ދިވެހި ދައުލަތަށް ގިނަގުނަ ފައިދާ ވެސް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ އަރިހުގައި ވެސް އެ މަނިކުފަނަކީ ވަރަށް މަޤުބޫލު ބޭފުޅެކެވެ.

އޯއައިސީގެ ފުރަތަމަ ސަމިޓް ބާއްވައިފައިވަނީ 1969ވަނަ އަހަރު ސެޕްޓެންބަރު ތިންވަނަ ދުވަހު މަޣުރިބުކަރައިގެ ރަބާޠުގައެވެ. އެންމެ ފަހުން މި ޖަމުޢިއްޔާގެ ސަމިޓެއް ބާއްވައިފައިވަނީ 2022ވަނަ އަހަރު މާރިޗު 22ން 23އަށް ޕާކިސްތާނުގައެވެ. މީގެ އިތުރަށް ނައިޖަރާއި ޔަމަނާއި މެލޭޝިއާއާއި ލީބިޔާއާއި ގިނީއާއި ބަނގުލާދޭޝްގައި ވެސް މި ސަމިޓު ދެ ފަހަރަކު ބާއްވައިފައިވާކަމަށް އެނގިފައި ވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް