Advertisement

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާއަށް ވުރެ މާ ފުރިހަމައަށް ދިވެހިރާއްޖޭގައި އެބަ އޮތެވެ.

04 May 2024 | 00:48
ރޭ ޕިއްޒާ ހަޓު ކައިރީގައި މުޒަހަރާކުރާން ތިބި ބައެއް މީހުން (ފޮޓޯ: ފަރަގު މީޑިއާ)

އަބާ މުޙަންމަދު

ފެންނާން ހުރި ހެކިތަކަށް ބަލާ އިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާއަށް ވުރެ މާ ފުރިހަމައަށް ދިވެހިރާއްޖޭގައި އެބަ އޮތެވެ. މި ހެން މި ދެންނެވީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރުމަކީ ދިވެހިރާއްޖޭގައި ހިނގާ ކަމަކަށް ވާތީއެވެ. އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް، ޚިޔާލު ފާޅުކުރުމުގެ ނަމުގައި ވެސް ދިވެހިރާއްޖެއަކު ނުކުރެވޭނެއެވެ. އެހެނީ އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ވެސް ހުއްދަކުރާ ކަމެއް ނޫނެވެ.

ގާނޫނު އަސާސީ ހުއްދަކުރާ އެންމެ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި އޮތްކަން ރެޔާއި އިއްޔެ ރޭ ވެސް އަޅުގަނޑަށް ފާހަގަކުރެވުނެވެ. ސަބަބަކީ ވިއްސަކަށް ތިރީހަކަށް ޒުވާނުން ކޮންމެ ރެޔަކު، ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ)އާއި ޕިއްޒާ ހަޓުގެ ކުރިމަތީގައި ތިބެ، އެ ތަންތަން ބަންދުކުރުމަށް ގޮވައި އަޑު އުފުލުމުގެ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުމެވެ. ޚިޔާލު ފާޅުކުރި އެންމެން ތިބީ ތަފާތު ޝިޢާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. ގިނައިން އިނގިރޭސި ބަހުން ލިޔެފައިވާ ބޯޑުތަކުގައި ބާރގަރ ކިންގާއި، ޕިއްޒާ ހަޓާއި، ކޭ އެފް ސީ ބަންދުކޮށް އެ މީހުން ފޮނުވައިލުމަށް ގޮވައިލައިފައިވެއެވެ. އަދި "މެލޭޝިއާއިން ކޭއެފްސީ ހުއްޓުވައިފައިވާ އިރު، އަހަރެމެންނަށް އެ ކަން ނުކުރެވޭންވީ ކީއްވެތޯ" ސުވާލުކޮށްފައިވާ ލިޔުންތައް ވެސް ހުއްޓެވެ.

މީގެ އިތުރަށް ކުޑަކުދީން ގޮވައިގެން ބެލެނިވެރީން އެ ތަންތަނަށް ނުވަނުމަށާއި އެ ތަންތަން ބޮއިކޮޓުކުރުމަށް މެގަފޯނުން ގޮވަމުން ގެންދިޔައެވެ. އަދި އެ ތަންތަން ބަންދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަމުން ގެންދިޔަ އަޑު ވެސް އިވުނެވެ.

ކޮލަމްބިއާ ޔުނިވަރސިޓީގައި މުޒާހަރާކުރި ކުދީން ފުލުހުން އައިސް ހައްޔަރުކުރަނީ. (ފައިލް ފޮޓޯ)

މުޒާހަރާކުރި މީހުން، ސުލްޙަވެރިކަމާ އެކު، އެ މީހުން އަޑު އުފުލާތީ ފުލުހުން ވެސް އެ ކަން ހުއްޓުވާކަށް ނޫޅެއެވެ. ތަންކޮޅެއް ދުރުގައި އެންމެ ފުލުހަކު ހުއްޓައި "ފަރަގު" މީޑިއާގެ ނޫސްވެރިއަކަށް ފެނުނެވެ. ނަމަވެސް މުޒަހަރަކުރި މީހުންނަށް ހުރަސްއަޅާކަށް ފުލުހަކު ހަރަކާތްތެރިއެއް ނުވެއެވެ. މުޒާހަރާކުރި މީހުން ބޭނުން އިރަކު، ޚިޔާލުތައް ފާޅުކުރުމަށް ފަހު، ގަޑިއެއްހާ އިރު ފަހުން، އެ މީހުން ދަނީއެވެ. ޚިޔާލު ފާޅުކުރުމުގެ ރީތި ނަމޫނާއެކެވެ.

މި ދެންނެވީ ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރު ހުރި ގޮތުގެ ކުޑަކުޑަ މިސާލެކެވެ. ދެން ޑިމޮކްރެސީގެ ބާނީކަމަށް މީހުން ކިޔާ އެމެރިކާގައި ކަން ހުރީ ކިހިނެއްތޯ ބަލައިލަމާތޯއެވެ!

އިސްރާއީލުން ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދުއާ ދެކޮޅު ހެދުމުގެ ގޮތުން، އިސްރައީލަށް ހަތިޔާރު ފޮނުވުން ހުއްޓައިލުމަށް ގޮވައިލުމަށާއި ފަލަސްތީނަށް އިސްރާއީލުން ދޭ ޢުދުވާނު ހުއްޓައިލުމަށް ގޮވައިލައި ޔުނިވަރސިޓީގެ ދަރިވަރުންތަކެއް އަޑު އުފުލާން ފެށުމުން އެމެރިކާ ސަރުކާރަކަށް ކެތެއް ނުކުރެވުނެވެ. ހިމޭންކަމާއެކު ދަރިވަރުން އިޙުތިޖާޖުކުރަމުން ގެންދަނިކޮށް ފުލުހުން ފޮނުވައިގެން އެ ކުދީންގެ ތެރެއަށް އަރައިގަނެ، އެ ކުދީން ހައްޔަރުކޮށް ބިޑިއަޅުވައިގެން ގެންދިޔައެވެ.

މި ދެންނެވީ މި ކުޑަކުޑަ ދިވެހިރާއްޖެއާއި އެއޮއް ބިޔަ ބޮޑު އެމެރިކާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތް ގޮތުގެ ކުޑަކުޑަ މިސާލެކެވެ. މި ދެ މިސާލަށް އެކަނި ވިސްނައިލުމުން ވެސް ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާގައި އެ ކަން އޮންނަ ވަރަށް ވުރެ މާ ފުރިހަމައަށް އޮތްކަން އެ ބަ ހާމަވެއެވެ.

އެހެންވީމާ ދަންނަވާން ޖެހެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެމެރިކާއަށް ވުރެ މާ ފުރިހަމައަށް ދިވެހިރާއްޖޭގައި އެބަ އޮތެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް