Advertisement

މިއަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

03 May 2024 | 07:46
ނޫސްވެރިކަމުގެ ރަމްޒުގެ ތެރެއިން....

އަބާ މުޙަންމަދު

މިއަދަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެންނަށް، ނޫސްވެރީންނަށް ނޫސްވެރިކަމަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އާދޭހެވެ! މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ހުރިހައި ނޫސްވެރީންނަށް ނޫހުގެ އަހުލުވެރީންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ. ދުނިޔޭގައި މިއަދު މި ދުވަސް ފާހަގަކުރަމުން ގެންދަނީ ޚާއްޞަ ޝިޢާރެއް ކަނޑައަޅުއްވައިގެންނެވެ. "ދުނިޔެއަށް ޓަކައި ނޫސް: ތިމާވެށީގެ ނުރައްކާތެރިކަމުގެ މޫނުމަތީގައި ނޫސްވެރިކަން." މިއީ މިއަދުގެ ޝިޢާރުން އަޅުގަނޑަށް ކުރެވުނު ތަރުޖަމާއެވެ. މި ޝިޢާރުން ބާރުއަޅަނީ ނޫސްވެރިކަމުގެ ޚުޠޫރަތްތެރި ދައުރާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިއަދުގެ ތިމާވެށީގެ ނުރައްކާ ޢާންމުންނަށް އަންގައިދިނުމާއި ޒިންމާދާރުވުމާއި ހޭލުންތެރިކުރުމުގައި އަދާކުރާންޖެހޭ އަދާކުރާންޖެހޭ ވާޖިބުގެ މުހިންމުކަމުގެ މައްޗަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އދ.ގެ އާންމު މަޖިލީހުން ފުރަތަމަ ކަނޑައެޅި 1993 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެއީ ޔުނެސްކޯއިން ހުށަހެޅި ހުށަހެޅުންތަކަކާ ގުޅިގެންނެވެ. މި މޭލުގާ ފާހަގަކުރާން ފެށުނީ ދުނިޔޭގެ ނޫސްވެރިކަމުގެ ފާރަވެރިޔާގެ ގޮތުގައި ފަހުން ބެލެވުނު "ވިންޑްހޯކް" އިއުލާމު ކުރެވުނު ދުވަސްކަމުގައިވާ މޭ 3 ވަނަ ދުވަހެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އިމެއް ނެތް ގޮތެއްގައި ހުޅުވިފައި އޮތް މި ޒަމާނުގައި ޒިންމާދާރުކަމަކީ ނޫސްވެރިކަމުގައި ވަރަށް މުހިންމު އަދި އެހާމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. ނޫސްވެރީންގެ ޚާއްޞަކޮށް، އަދި އާންމުކޮށް އެންމެންގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މުޖުތަމަޢުގައި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެ ފޯރުކޮށްދޭ މަޢުލޫމާތު ވާން ޖެހޭނީ މުޖުތަމަޢަށް ބޭނުންތެރި އެ މަޢުލޫމާތަކުން ގައުމަށް ފައިދާކުރަނިވި މަޢުލޫމާތެވެ.

ފަރަގު މީޑިއާގެ ސްޓޫޑިއާ

ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރަނީ ނޫސްވެރިކަމުގެ މުހިންމުކަން ހާމަކުރުމާއެކު އެ މަސައްކަތަށް ދޭ ޤަދަރު ހާމަކުރުމަށް ޓަކައެވެ. ގައުމުގެ ތަރައްގީގައި ނޫސްވެރީންގެ ހިއްސާއަށް ޓަކައި ޝުކުރުވެރިވުމުގެ ދުވަހެއްގެ ގޮތުގައި ވެސް މެއެވެ.

"ފަރަގު" ގަބޫލުކުރާ ގޮތުގައި ނޫސްވެރީންގެ ޒިންމާއަކަށް ވާން ޖެހޭނީ ގައުމު ބިނާކުރުމަށް ޓަކައި އެހީތެރިވުމެވެ. ގައުމު ފަނާވާނެ ހަމަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ގައުމު ފަސާދަވާނެ ހަމަ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެއެވެ. ނޫސްވެރިކަމަކިީ މީހުންގެ އަބުރާ ބެހި މުޖުތަމައު ފަސާދަވެދާނެ ހުރިހައި ކަމަކަށް ނޫސްވެރީން ރައްކާތެރިވާން ޖެހޭނެއެވެ.

މިއަދު ދިވެހިރާޖޭގެ އަޑުން ދުރަށް ފޮނުވި "ބާއްޖަވެރި ހެނދުނެއް"ގައި ފޯނުން ގުޅި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ހުރިހާ އެންމެން ބުނެފައިވަނީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އެބަ އޮތްކަމުގައެވެ. ނަމަވެސް އެކަކު ބުނި ގޮތުގައި ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ މެދު މިންވަރެއްގައެވެ. އޭނާ އެހެން ބުނި ސަބަބެއްކަމަށް ބުނީ ނޫސްވެރީންގެ އަގު ބައެއް އާންމުން ވަޒަންނުކުރާތިީކަމަށެވެ. އެހެން މީހަކު ބުނީ ހަމަ އެއް ގޮތަކަށް ވެސް މިނިވަންކަން ނެތްކަމަށެވެ. ނަމަވެސް އެހެން އެންމެން ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި އޮތީ އޮންނާންވާން ވަރަށް ވުރެ ވެސް ބޮޑަށްކަމަށެވެ.

މިއަދު ދިވެހިރާއްޖެއަށް ޚާއްޞަވާ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. މިއަދަކީ ދިވެހިރާއްޖޭ ގައުމީ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާގެ ހަތްވަނަ އަހަރީ ދުވަސް ވެސް މެއެވެ. އެހެންކަމުން އެ މީޑިއާއަށް ވެސް ތަހުނިޔާ އަދާކުރަމެވެ.

މިހާރު ދިވެހިރޭއްޖޭގައި ނޫސް މަޖައްލާއަކީ އޮންލައިނުކޮށް ނެރޭ އެއްޗަކަށް ވެފައި ރަޖިސްޓަރީކުރުމުގެ އިޖުރާތުތައް ފަސޭހަވެފައި ވާތީ ވަރަށް ގިނަ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރެވިފައި އެބަ ހުއްޓެވެ. ގާތްގަނޑަކަށް 265 ނޫސް/މަޖައްލާ މިއަދު ދިވެހިރާއްޖެގައި ރަޖިސްޓަރީކޮށްފައިވެއެވެ. މީގެ ތެރެއިން ބައެއް ނޫސްތަކަކީ އެހައި ހަރަކާތްތެރި ނޫސްތަކެއް ވެސް ނޫނެވެ. ރައީސް ޑރ. މުޙަންމަދު މުއިއްޒު ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަތް ފަހުން ވެސް 17 ނޫސް/މަޖައްލާ ރަޖިސްޓްރީކޮށްދެއްވައިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު މިއަދު ހާމަކުރައްވައިފައިވެއެވެ.

_________________________

ދެ ލަފުޒެއްގެ މާނަ:

އިއުލާމުކުރުން      މ.    ކަނޑެއް ވަކި ގޮތަކަށް ކަނޑައަޅައި އާންމުކޮށް އިޢުލާނުކުރުން (ރަދީފުގައިި ލަފުޒު އޮތަސް އަދި މާނައެއް ނެތް.)

މޭލުގާ            ނ.    ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް.

އޮންލައިނު        ނއ.   (1) އިންޓަނެޓު ނުވަތަ ޖާލު ފަަދަ ވިއުގައަކާ ގުޅިފައިވާ. (2) އިންޓަނެޓު ނުވަތަ ޖާލު ފަަދަ ވިއުގައެއްގެ ޒަރީއާއިން ޚިދުމަތްދޭ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް