Advertisement

ކޮން ކަހަލަ ކެޔޮޅުކަމެއް؟؟

03 May 2024 | 00:42
ކެޔޮޅުކަން ކުރާ ބައެއް ސާމާނު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ތިބާ ކެޔޮޅަކަށް ވާން ބޭނުންހެއްޔެވެ؟

ކެޔޮޅަކަށްވުމާމެދު ވިސްނައިލީންހެއްޔެވެ؟

ހިފާން ބޭނުންވަނީ ކޮން އެއްޗެއްހެއްޔެވެ؟

އޭތި ހިފާނީ ކިހިނެއްހެއްޔެވެ؟

ކެޔޮޅުކަންކުރާން ބޭނުންކުރާނީ ކޮންކަހަލަ އާލަތްތަކެއްހެއްޔެވެ؟

އެންގަނޑަކަށް އަޅާނީ ކޮން އެއްޗެއްހެއްޔެވެ؟

ކެޔޮޅުކަންކުރާން ނުކުންނާނީ ކޮން ވަގުތެއްގައިހެއްޔެވެ؟

ގަންނަ ކޮންމެ އެއްޗެއް ހިފޭނެބާވައެވެ؟

މި ފަދަ ސުވާލުތަކަށް ޖަވާބުދޭނެ ގޮތަކާ މެދު  ވިސްނައިލީންހެއްޔެވެ؟

މި ފަދަ ސުވާލުތައް ތިބާގެ ހިތަށް އަރައި ފައިބައިގެން ނުދޭހެއްޔެވެ؟

1-  ﷲ ތަޢާލާގެ ބަސްފުޅު (( وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا وَسَنَجْزِي الشَّاكِرِينَ  -  آل عمران: 145 މާނައަކީ :  އަދި، ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވައިފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވައިފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، شكر ކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. )) ތިބާ  ނުކިޔަން ހެއްޔެވެ؟

2-  ﷲ ތަޢާލާގެ ބަސްފުޅު (( مَنْ كَانَ يُرِيدُ حَرْثَ الْآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآخِرَةِ مِنْ نَصِيبٍ  -الشورى: 20 މާނައީ : آخرةގެ ثوابއަށް އެދި މަސައްކަތްކުރާ މީހާއަށް އޭނާގެ ثواب، ތިމަންރަސްކަލާނގެ އިތުރުކުރައްވާހުށީމެވެ. އަދި ދުނިޔޭގެ މަންފާތަކަށް އެދޭ މީހާއަށް، ތިމަންރަސްކަލާނގެ އެއިން ދެއްވާހުށީމެވެ. އަދި آخرةގައި އޭނާޔަށް (ثواب ގެ) އެއްވެސް نصيب އެއްނެތެވެ. )) ތިބާ ނުކިޔަންހެއްޔެވެ؟

3- ﷲ ތަޢާލާގެ ބަސްފުޅު (( مَنْ كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَنْ نُرِيدُ ثُمَّ جَعَلْنَا لَهُ جَهَنَّمَ يَصْلَاهَا مَذْمُومًا مَدْحُورًا * وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا كُلًّا نُمِدُّ هَؤُلَاءِ وَهَؤُلَاءِ مِنْ عَطَاءِ رَبِّكَ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا - الإسراء: 18 – 20 މާނައީ : ދުނިޔޭގެ އަރާމަށް އެދޭމީހާ (ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް، ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި، ތިމަންރަސްކަލާނގެ ނަރަކަ ލެއްވީމެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވައިފައިވާ حال، އެ ނަރަކައަށް އެމީހަކު ވަންނާނެތެވެ.އަދި مؤمن އަކު ކަމުގައިވާ حال، آخرة އަށް އެދި، އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، އެއުރެންގެ މަސައްކަތް مقبول ވެވި، شكر ލިބިގެންވާ މީހުންނެވެ.ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ. ))  ތިބާ ނުކިޔަން ހެއްޔެވެ؟

4- ﷲ ތަޢާލާގެ ބަސްފުޅު )) يَا أَيُّهَا الَّذِينَ آمَنُوا هَلْ أَدُلُّكُمْ عَلَى تِجَارَةٍ تُنْجِيكُمْ مِنْ عَذَابٍ أَلِيمٍ تُؤْمِنُونَ بِاللَّهِ وَرَسُولِهِ وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ  -  الصف: 10، 11 މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟(އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމެވެ. އަދި ތިޔަބައިމީހުންގެ މުދާތަކުންނާއި، ތިޔަބައިމީހުންގެ نفس ތަކުން اللَّه ގެ މަގުގައި ތިޔަބައިމީހުން جهاد ކުރުމެވެ. ތިޔަބައިމީހުން ދަންނަނަމަ، އެގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ. )) ތިބާ ނުކިޔަންހެއްޔެވެ؟

5- ﷲ ތަޢާލާގެ ބަސްފުޅު (( مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً  -  البقرة: 245 -މާނައީ : ހެޔޮވެގެންވާ ދަރަންޏަކުން اللَّهއަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެ މީހަކަށް އިތުރުކޮށް ދެއްވާނެތެވެ.))  ތިޔަބައިމީހުން ނުކިޔަންހެއްޔެވެ؟

6- ﷲ ތަޢާލާގެ ބަސްފުޅު (( وَالْعَصْرِ إِنَّ الْإِنْسَانَ لَفِي خُسْرٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ - العصر: 1 – 3 މާނައީ : ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ.)) ތިބާ ނުކިޔަންހެއްޔެވެ؟

7- ކައު މުޞްޠަފާ صلى الله عليه وسلمގެ ބަސްފުޅު ((مَن دَعا إلى هُدًى، كانَ له مِنَ الأجْرِ مِثْلُ أُجُورِ مَن تَبِعَهُ، لا يَنْقُصُ ذلكَ مِن أُجُورِهِمْ شيئًا،ومَن دَعا إلىضَلالَةٍ، كانَ عليه مِنَ الإثْمِ مِثْلُ آثامِ مَن تَبِعَهُ، لا يَنْقُصُ ذلكَ مِن آثامِهِمْ شيئًا- أخرجه مسلم (٢٦٧٤) –މީސްތަކުންނަށް ހެޔޮކަމަކަށް ގޮވައިލި މީހާއަށް ތަބާވެ ،  އެކަން ކުރިމީހާއަށް ލިބޭ ސަވާބު އޭނާއަށް ލިބޭނެތެވެ. އެމީހުންގެ ސަވާބުން އެއްވެސް އެއްޗެއް އުނިވުމަކާ ނުލައެވެ. ހަމައެފަދައިން މީހަކު މީސްތަކުންނަށް ނުބައި ކަމަކަށް ގޮވައިލުމުން އެކަމަށް ތަބާވެ އެކަން ކުރިމީހާއަށް ލިބޭ ފާފަ އޭނާއަށް ލިބޭނެތެވެ. އެމީހުންގެ ފާފައިން އެއްވެސް އެއްޗެއް އުނިވުމަކާ ނުލައެވެ. )) މި ބަސްފުޅު ތިބާ ނުކިޔަންހެއްޔެވެ؟  

8- ކައު ޙަބީބު صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. (( أَتَدْرُونَ ما المُفْلِسُ؟ قالواالمُفْلِسُ فِينا مَن لا دِرْهَمَ له ولا مَتاعَ، فقالَإنَّ   المُفْلِسَ مِن أُمَّتي يَأْتي يَومَ القِيامَةِ بصَلاةٍ، وصِيامٍ، وزَكاةٍ، ويَأْتي قدْ شَتَمَ هذا، وقَذَفَ هذا، وأَكَلَ مالَ هذا، وسَفَكَ دَمَ هذا، وضَرَبَ هذا، فيُعْطى هذا مِن حَسَناتِهِ، وهذا مِن حَسَناتِهِ، فإنْ فَنِيَتْ حَسَناتُهُ قَبْلَ أنْ يُقْضى ما عليه أُخِذَ مِن خَطاياهُمْ فَطُرِحَتْ عليه، ثُمَّ طُرِحَ في النّارِ - أخرجه مسلم (٢٥٨١)  -  ބަގުރޫޓުވެފައިވާ މީހަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އެއީ އޭނާގެ އަތުގައި ދިރްހަމެއް މުދަލެއް ނެތް މީހާއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަގުރޫޓުވެފައިވާ މީހަކީ އޭނާ ކުރި ނަމާދުތަކާއި، ހިފި ރޯދަތަކާއިގެން އަންނަ މީހާއެވެ. އެނާ އަންނައިރު އޭނާ ވަނީ މިވެނި މީހަކާ ދިމާއަށް އެއްޗެހިގޮވައިފައެވެ. މިވެނި މީހާގެ އަބުރާބެހިފައެވެ. މިވެނި މީހާގެ މުދާ ކައިފައެވެ. މިވެނި މީހާގެ ލޭ އޮހޮރުވައިފައެވެ. މިވެނި މީހާގެ ގައިގައި ޖަހައިފައެވެ.ފަހެ އޭނާގެ ހެޔޮ ޢަމަލުތަކުން އެމީހުންނަށް ބަދަލުދެވޭނެއެވެ. މި ގޮތަށް ބަދަލުދީ އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެނަމަ އޭނާއަށް އެމީހުންގެ ކުށްފާފަތައް އުފުލަން ޖެހޭނެތެވެ.އޭނާ މި ފާފަތައް އުފުލުމުން އޭނާ ނަރަކައަށް އެއްލައިލެވޭނެތެވެ. ))  ކައު ރަސޫލާގެ މި ބަސްފުޅު އަޑުއެހީން ހެއްޔެވެ؟

އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބު ލިބިވަޑައިގެންފިކަމަށް ހީކުރަމެވެ. ﷲ ތަޢާލާ އަޅުގަނޑުމެން އުފެއްދެވީ އެންމެ މުހިއްމަތަކަށް ޓަކައެވެ. އެއީ ((إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً  -  البقرة: 30 - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގައި  ބިމުގައި خليفة އަކު ލައްވާހުށީމެވެ. )) މި ޚަލީފާއަކީ ތިބާއެވެ. މި ބިމުގައި ޙަޔާތާއި މަޢީޝަތު  ކުރިއަށް ގެންދިޔުމަށް އެކަލާނގެ ލެއްވި އިސްވާރަކީ ( ޚަލީފާ އަކީ ) ތިބާއެވެ. ތިބާ ހެއްދެވީ އެކަލާނގެއަށް އަޅުކަންކުރާށެވެ. އެކަލާނގެ މަންހަޖާ އެއްގޮތަށް  ﷲއަށް އަޅުކަންކުރާށެވެ.  ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (( وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ  - الذاريات: 56 - ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. ))

ﷲގެ މި މުހިންމަތުގެ މަތީން ރިސާލަތުގެ މަތީން ހަނދާން ނައްތައިނުލާށެވެ. ހުރިހައި ވަގުތެއްގައި ވެސް ހުރިހައި ތަނެއްގައި ވެސް ތިބާ މި ރިސާލަތު އަދާކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. ތިބާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ވަގުތު ، ބަހަކަށް ވާންޖެހޭނީ ((قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ  - الأنعام: 162، 163 - ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ. އެކަލާނގެއަށް އެއްވެސް شريك އަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވައިފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّة ގެ) مسلم ންކުރެ، އެންމެ ފުރަތަމަ މީހާއެވެ. )) ނިމުމަކީ އެނގޭ ތަނެކެވެ.ސުވަރުގެއަށެވެ. ނުވަތަ ނަރަކައަށެވެ. ތިންވަނަ ތަނެއް ނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.(( وَكَذَلِكَ أَوْحَيْنَا إِلَيْكَ قُرْآنًا عَرَبِيًّا لِتُنْذِرَ أُمَّ الْقُرَى وَمَنْ حَوْلَهَا وَتُنْذِرَ يَوْمَ الْجَمْعِ لَا رَيْبَ فِيهِ فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ -  الشورى: 7 - އަދި ހަމައެފަދައިން عرب ބަހުންވާ قرآن އެއް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވީމެވެ. (އެއީ) މައިރަށުގެ (އެބަހީ: مكة ގެ) أهل ވެރިންނާއި، އެތާނގެ ވަށައިގެންވާ މީހުންނަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. އަދި (خلق ތަކުން) އެއްކުރައްވާ ދުވަހާމެދު إنذار ކުރެއްވުމަށްޓަކައެވެ. އެދުވަހާމެދަކު شك އެއްނެތެވެ. (އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ. ))

މީސްތަކުން ގިންތިކުރެވެނީ ދެ ބަޔަކަށެވެ. އެއްބަޔަކީ ނޫރެއް ލިބިގެންވާ މީހުންނެވެ. އެއީ ވިސްނާ ފިކުރުކުރާ މީހުންގެ ގިންތިއެވެ. އަރަހުށި ﷲ ވަޙީކުރެއްވިއެވެ. ((وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ - الأنعام: 122 -  މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކު ވެއެވެ.))

ދެވަނަ ބަޔަކީ  ނޫރެއް ލިބިގެންނުވާ މީހުންނެވެ. އެއީ ނުވިސްނާ ފިކުރުނުކުރާ މީހުންނެވެ. އެމީހުންގެ ހިތުގައި ވަނީ ދަބަރުޖަހައިފައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ  -  المطففين: 14 - ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ. )) މި ބައިމީހުން އުޅޭނީ ކަނުއަނދިރީގައެވެ. އެމީހުންނަށް ހިފާނެ ރަނގަޅު ޝިކާރައެއް ނުފެންނާނެތެވެ.

ވީމާ ފުރަތަމަ ބަޔަކީ : ރަނގަޅު ކެޔޮޅުންނެވެ. ވިސްނުންތެރި ކެޔޮޅުންނެވެ.

ދެވަނަ ބަޔަކީ : ނުރަނގަޅު ކެޔޮޅުންނެވެ. އެއީ ދިޔުޅިއެއްނުވާ ކެޔޮޅުންނެވެ.  

ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުން ކެޔޮޅުކަންކުރާނެ މަގުތައް ކަނޑައަޅާށެވެ!ކުރާ މަސައްކަތް ކުރަން ޖެހޭނީ ކުރެވެނީ ކޮން ކަމެއް ކަން ( ބޭނެނީ ކޮން އެއްޗެއްކަން ) އެނގިގެންނެވެ.މާތް ﷲ ވަޙީކުރެއްވިއެވެ. (( وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ - القمر: 17  - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟ ))  

ނަބިއްޔާ صلى الله عليه ޙަދީސްކުރައްވަނީ އެކަލޭގެފާނު މި ވަޑައިގަންނަވަނީ އަޅުގަނޑުމެންނަށް ދޭއްޗެއް ދޫކުރައްވައިފައެވެ. އެއީ ﷲގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް އަންގަވަނީ މި ދޭތީގައި ހިފެހެއްޓުމަށެވެ. އޭރުން އަޅުގަނޑުމެން ގެއްލެނިވެގެން ނުދާނެތެވެ. އަޅުގަނޑުމެންނަށް މަގު ނޯޅޭނެތެވެ. އަޅުގަނޑުމެންގެ މަގަށް އަލިކޮށްދޭނެ ބައްތިއެއް ލިބިގެން ވާނެތެވެ.

މި ޒަމާނުގައި މާތް ﷲ މި ވަނީ މަޢުލޫމާތާއި މަޢުރިފާ ލިބިގަންނާނެ ވަސީލަތްތައް ތަނަވަސްކޮށްދެއްވައިފައެވެ. އަތުގައި މި އޮތް މޯބައިލް ފޯނުން މަޢުލޫމާތު ހޯދައިގަނެވޭނެއެވެ. ގޭތެރެއަށް ވަންނައިރު ނެޓު ލިބޭނެއެވެ. އެހެންވީމާ ދެން އޮތީ ޢަމަލުކުރުމެވެ. ބޭނުންވަނީ ޚާލިޞް ނިޔަތަކަށެވެ. ވަރުގަދަ ޢަޒުމަކަށެވެ. ދާއިމީ ސާބިތުކަމަކަށެވެ. ސުވަރުގޭގެ ރާސްތާގައި ކުރިއަށް ދިޔުމަށް ދަހިވެތިވުމަށެވެ.

_____________________________________

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް