Advertisement

ރަތްކަނޑުން ދަތުރުކުރާ "ދުޝްމަނުންގެ" އުޅަނދުތަކަށް ޙަމަލާދިނުމުގެ އާބުރެއް ޙޫޘީން ފެށުން

02 May 2024 | 21:38
ހޫޘީން ހިފި މަނަވަރު އިންޑިއާ ސިފައި ސަލާމަތްކުރިކަމަށް އެ މީހުން ބުނޭ. (ފޮޓޯ: އޭއެފްޕީ/ އިންޑިއާ ސިފައިން)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިސްރާއީލުން ޣައްޒާއަށް ދޭ ޢުދުވާނަށް ހުއްޓުމެއް ނުގެނެސްފި ނަމަ، އަދި އެމެރިކާއިން ޔަމަނަށް ދޭ ޙަމަލާތަކަށް ނިމުމެއް ނުގެނެސްފި ނަމަ، ރަތްކަނޑުން ދަތުރުކުރާ (އިސްރާއިލާއި އެމެރިކާއާ ގުޅުން ހުރި) އުޅަނދުތަކަށް ޙަމަލާދިނުމުގެ އާ ބުރެއް ފަށާނެކަމުގެ އިންޒާރު ޙޫޘީ އިސްވާރު ޢަބްދުލްމަލިކު އަލްޙޫޘީ މިއަދު ދެއްވައިފިއެވެ.

"ޔަހޫދީ ދުޝްމަނުންނާއި އެމެރިކާނުން އެބައިމީހުންގެ ޢުދުވާނު ކުރިއަށް ގެންދާ ނަމަ، އަހަރެމެން މި ތައްޔާރުވަނީ ޙަމަލާދިނުމުގެ ހަތަރުވަނަ ބުރަށެވެ." މިއަދު ޓެލެކާސްޓުކުރި ޓީވީ ޚިޠާބެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

އަލްޙޫޘީ ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ލަޝްކަރުތަކުން 606 ބެލިސްޓިކް މިސައިލާއި ޑުރޯނުތައް، ރަތްކަނޑުން ދަތުރުކުރި އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ 107 މަނަވަރަކަށް އަމާޒުކޮށްފިއެވެ. އެއީ ބާބުލްމަންދަބް ސްޓްރެއިޓާއި ގަލްފު އޮފް ޢަދަނު ކައިރީންނެވެ. އަދި މި ދިޔަ އަހަރު ނޮވެންބަރު މަހު ފެށި ރަތްކަނޑުގެ ކެންޕޭނުގެ ދަށުން ދާދި ފަހުން ވަނީ އިންޑީއާ ކަނޑުން ދަތުރުކުރި އެ މީހުންގެ އުޅަނދަކަށް ވެސް ޙަމަލާދީފައެވެ.

ވޭތުވެ ދިޔަ ހަތް ދުވަހު އެކަނި ވެސް ޔަމަނުގެ އައްސޭރީން ބައިނަލްއަގުވާމީ ކަނޑުން ދަތުރުކުރި ހަ މަނަވަރަކަށާއި އިސްރާއީލުގެ އެއިލާތު ސިޓީއަށް 33 ބެލިސްޓިކް މިސައިލާއި ޑުރޯނުން ޙޫޘީން ވަނީ ޙަމަލާދީފައެވެ.

ޙޫޘީ ސަޕޯޓާރަަކު އޭޕްރީލް 26ވަަނަ ދުވަހު މިސައިލެއްގެ ގޮތަށް ކަރުދާހުން ހަދައިފައިވާ އެއްޗެއް ހިއްލައިލައިގެން (ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް)<br>

އަލްޙޫޘީ ވިދާޅުވި ގޮތުގައި މި އަހަރު ޖަނަވަރީމަހުން ފެށިގެން މިހައި ތަނަށް އެމެރިކާއިންނާއި އިނގިރޭސި ފައުޖުތަކުން ދިން 452 ހަމަލާގައި 40 މީހުން ޝަހީދުވެ އިތުރު 35 މީހުން ވަނި ޒަޚަމުކޮށްލައިފައެވެ.

ޢަބްދުލްމަލިކު އަލްޙޫޘީގެ އިންޒާރު އައިސްފައި މި ވަނީ ރަތްކަނޑުގެ ހުޅަނގު ސިޓީއެއްކަމަށްވާ ޙުދައިދާގައި އޮންނަ ޙުދައިދާ އެއަރޕޯޓާށް އެމެރިކާއާއި އިނގިރޭސީން ވައިގެ ފަސް ޙަމަލާއެއް ދީފައިވާކަމަށް ބުރާސްފަތި ދުވަހު (މިއަދު) އަސްކަރީ މީޑީއާއިން ބުނެފައިވަނިކޮށެވެ.

މި ދިޔަ އަންގާރަ ދުވަހު، ޙުދައިދާގެ އައްސަލީފު ބަނދަރަށް އެމެރިކާއިން ޙަމަލަދީފައިވެއެވެ. އެމެރިކާގެ މަރުކަޒީ ކޮމާންޑުން ޚަބަރުދީފައިވާ ގޮތުގައި ޑުރޯނު ބޯޓެއް ފޮނުވައިގެން ހަމަ އެ ދުވަހު ހޫޘީ ޙަމަލާއެއް މަތަކޮށްފައިވެއެވެ.

ޙޫޘީން ވަނީ މި ދިޔަ ނޮވެންބަރުމަހު އެ މީހުން ފެށި ރަތްކަނޑުގެ ކެންޕޭނުގެ ދަށުން އެއް މަނަވަރު އަތުލައިގަނެ، އެހެން ބޯޓެއް ފައްތައިވެސްލައިފައެވެ. އެ މީހުން ބުނާ ގޮތުގައި އެއީ ފަލަސްތީނަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އަދި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓައިލާން ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނެވެ.

ހޫޘީންގެ ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުންކަމަށް ބުނެ އެމެރިކާއިން ވަނީ އިނގިރޭސީންނާ ގުޅިގެން ފާޑެއްގެ ކޯލިޝަނެއް ހަދައިފައެވެ. ރަތްކަނޑު ޙިމާޔަތްކުރުމުގެ ނަމުގައެވެ.

މި އަސްކަރީ ކޯލިޝަނުން ވަނީ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަންޢާއައި ސަޢާދާއާއި ޙުދައިދާއާއި މިނޫނަސް ޔަމަނުގެ އެހެން ސަރަހައްދުތަކުގައި ހުރި އަމަޒުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.

ނަމަވެސް ހޫޘީން ވެސް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެ މީހުންގެ ނަޒަރުގައި އެ މީހުން އެ ކުރަނީ ޖިހާދެކެވެ.

Advertisement

ކޮމެންޓް
އަޙުަމަދު މާއިޝް
ހޫސީންނަށް ހަމަ ސާބަސް. ދޫނުދީ ހިފަހައްޓާލާ!
03 May 2024