Advertisement

ކަރުނައިގެ އަސަރު (13)

02 May 2024 | 20:19
ކަރުނައިގެ އަސަރު

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިން

(2024 އެޕުރީލު 30ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)                  

                   _______________________________

                   ދިރިއުޅުން ފާއިތުވެގެންދާނީ ފަސޭހަކަމާއެކުގައެވެ.

                 މިހައިރު ކަލާގެ ނާންވެސް އަންނާނީ އަހަރެން ނަމާއެކުގައެވެ.

                 __________________________________

ޓެކްސީއަށް އަގު ދެއްކުމަށް ފަހު، އޭނާ، ޚާން އަކުބަރުގެ ގެއާ ދިމާއަށް ދިޔައެވެ.

ހުދުކުލައިގެ ގަމީހުގެ ތިން ގޮށް ހުރީ ނެއްޓިފައެވެ. އޭނާ އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ޚާން އަކުބަރުގެ އަންހެން ދަރިފުޅެއް ލަންޑަނުން 10 ޖަހާ އިރު ޖައްސާ ފުލައިޓުން އަންނާނެ ވާހަކަ ޝާހިދު އޮތީ އޭނާގެ ކައިރީގައި ބުނެފައެވެ.

ޢާމިރު ހުރީ އޭނާގެ މައިދާން ސާފުކޮށްގެން ވަގުތަކަށް ބަލަބަލައެވެ. ފައިދާ ނެގުމަށްޓަކައެވެ.

އޭރު ގަޑިން ހެނދުނު 9.30 އެވެ. ------ ޚާން އަކުބަރު އެއަރޕޯރޓަށް ދާނެކަން އޭނާއަށް އެނގެއެވެ.

ސުވާލަކީ އޭނާ ބައްދަލުކުރާން އަންނަ މީހާ ގޭގައި އުޅޭނެހެއްޔެވެ؟ ނޫނީ އޭނާވެސް ޚާން އަކުބަރާއެކު އެއަރޕޯރޓަށް ދާނެހެއްޔެވެ؟

އެހެން ވެއްޖެ ނަމަ ޢާމިރުގެ ހުރިހައި މަސައްކަތެއް ބަރުބާދުވީއެވެ. އެ ޚިޔާލުގައި ޚާން އަކުބަރުގެ ގެއަށް ވަންނާން އުޅެނިކޮށް ސެކިއުރިޓީ ގާޑު އޭނާ މަޑުކުރުވިއެވެ.

"އަހަންނަކީ މެހުމާނެކެވެ."

"ޚާން ސާހިބާއި މެޑަމް ވެސް ގެއަކު ނޫޅުއްވައެވެ."

ޢާމިރުގެ ދެލޯ ބޮޑުވެގެންދިޔައެވެ. އޭނާ އަވަސްއަވަހަށް ބުންޏެވެ.

"އަހަންނަކީ ކަލޭގެ ސާހިބުގެ އަނބިކަނބަލުގެ ޢާއިލާގެ މީހެކެވެ."

"އެހެންތޯ؟ އެހެންތޯ؟ -----"

ސެކިއުރިޓީ ގާޑު ބޯ ހަލުވައިލުމަށް ފަހު، ޢާމިރު ދޫކޮށްލިއެވެ.

ޢާމިރު ވަރަށް ބާރަށް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ޢާމިރު އެތެރެއަށް ވަދެގެން ދަނިކޮށް ބަގީޗާގައި މާ ބިންނާން ހުރި ޚާދިމާއަކާ ދިމާވިއެވެ.

އެއީ އަލަށް އެގެއަށް ގެނެވުނު ޚާދިމާއެވެ. ޚާން އަކުބަރު ތަރައްޤީކުރާން ބޭނުންވާ ޚާދިމާއެވެ.

އެކަމަކު ------- އަދި އޭނާއަށް އެފަދަ ފުރުޞަތެއް ނުލިބެއެވެ.

"އޭތް  ------"  ޢާމިރު ގޮވާލިއެވެ.

އޭނާ އަވަސް އަވަހަށް އެނބުރުނެވެ.

"ކަލޭގެ ސާހިބުގެ އަނބިކަނބަލުން ކޮބައިހެއްޔެވެ. -----"

"ކޮޓަރީގައި  -------- "

"އޯ --- އެ ކޮޓަރިއަކީ ކޮބައިހެއްޔެވެ.------؟"

"ތިޔައީ ކޮންބޭކަލެއްތޯއެވެ.------؟" އޭނާ ޙައިރާންކަމާއެކު ސުވާލުކުރިއެވެ.

ޢާމިރު ހީނލިއެވެ.

"އަހަރެން ކަލެއަށް ކިހިނެއްހެއްޔެވެ. ------"

ޚާދިމާ ލަދުންގޮސް އޮޅިގަތެވެ.

"ކަލޭ މިތާނގައި ޚާދިމާއެއްގެ ގޮތުގައި އުޅެންފެށީ ކޮންއިރަކު ހެއްޔެވެ؟"

"އަދިވީ ކުޑަ ދުވަސްކޮޅެކެވެ. -------"  އޭރުވެސް އޭނާ ހުރީ ލަދުންނެވެ.

ޢާމިރު ރަނގަޅަށް އޭނާއަށް ބަލައިލިއެވެ. ------ އަދި ބުންޏެވެ. "އެނބުރި އަންނަ މަގުމަތީގައި އަހަންނާ ބައްދަލުކޮށްލައްޗެވެ."

"ކީ ------ ކީއްކުރާންތޯ؟" އޭނާ ލޭނާރުތައް ފޮރުވަމުން ބުންޏެވެ.

"އަދި އެއް ފަހަރު ކަލޭ ދެކިލާން ހިތް ބުނާތީއެވެ. އެކަމަކު މިހައިރު ބުނެދީބަލާށެވެ. ކުރިމަތީގައިވާ ކޮޓަރިއަކީ ސާހިބާގެ ކޮޓަރިހެއްޔެވެ؟"

ޢާމިރު އޭނާގެ އަތް ސީދާ ކޮށްލަމުން ބަލައިލިއެވެ. ------- އެއަށް ފަހު ހީނލަމުން ބުންޏެވެ.

"އަހަރެން އަންނާންދެން މާ ބިންނާން ހުންނައްޗެވެ. ----------"  އާމިރު އެހެން ބުނުމަށް ފަހު ބާރު ހިނގުމެއްގައި ކައުސަރު ކޮޓަރިއާ ދިމާއަށް ދިޔައެވެ.

ކައުސަރު ލޯގަނޑު ކުރިމަތީގައި އިނދެގެން އިސްތަށިގަނޑު ކުޑަކޮށް ކޮށައިލައި ރީތިކޮށްލަނީއެވެ.

"ކަލާ ފެނުމުން ލޯގަނޑުވެސް އެހުރީ އޭގެ ޒާތުގައި ލަދުންނެވެ. --------" ޢާމިރު ކޮޓަރި ދޮރުފަތުގައި ލެނގިލައިގެން ހުރެ ލާނެތް ގޮތަކަށް ބުންޏެވެ.

ކައުސަރު ސިއްސައިގެން ގޮސް ހިތް ނުތަނަވަސް ކަމާއެކު އެނބުރި ބަލައިލިއެވެ. ------ ޖިންނިއެއް ފަދައިން ޢާމިރު، އޭނާގެ ކުރިމަތީގައި ހުއްޓެވެ.

"ކަ -------- ކަލޭ --------"

"ޢިޝްޤު -----------" ޢާމިރު ލޯބީގެ ބެލުމަކުން އޭނާއަށް ބަލައިލަމުން ބުންޏެވެ.

ކައުސަރުގެ މުޅި ހަށިގަނޑު ތުރުތުރު އަޅާން ފެށިއެވެ.

"ކޯ -------- ކޯއްޗެއް ބަލައި މިތަނަށް ތިއައީ --------"

"ކަމަނާ ދެކެލުމަށްޓަކައި ------"

"ކީ  ------ކީކޭ--------------؟" ކައުސަރު ބިރުގެންފައިވާ ގޮތެއްގައި ބުންޏެވެ.

"މި ހިތް ވަރަށް ހިތްދައްޗެވެ. ------ ކަލާ ފެނި ނުލައި މިހިތް މަޑުން އޮންނާކަށް އެއްބަހެއްނުވިއެވެ. ޔަޤީން ކުރާށެވެ. ------- އޭގައި އަހަރެންގެ އެއްވެސް ކުށެއްނެތެވެ. ------" ޢާމިރުގެ ބުނުމުގައި ވަނީ މަޢުޞޫމިއްޔަތުކަމެވެ.

"މިތަނުން ދާން އުޅޭށެވެ. --------" ކައުސަރު ތެޅިގަތްފައި ބުންޏެވެ.

"ހިނގައިދާނަމެވެ. ------ ކުޑައިރުކޮޅަކު އެ ދެލޮލުން ކަރު ހިއްކުން ފިލުވައިލަދޭށެވެ."

"އަހަރެން ބުނެފީމެއްނު -------"

"ހޫމް ----- ކުޑައިރުކޮޅެއްވަންދެން ތިގޮތަށް ބަލަމުންދާށެވެ. ------" ޢާމިރު ޤުރުބާންވާ ބެލުމަކުން ކައުސަރަށް ބަލައިލަމުން ބުންޏެވެ.

"މިއީ ވަރަށް އާދަޔާ ޚިލާފު އިންސާނެކެވެ.--------"

"އަހަންނަކީ ނިކަމެއްޗަކީމެވެ. -------- އަހަރެން އަތުގައި ގަނޑުވަރެއް މުންނާރެއްނެތެވެ. -------- އެހެންނޫންނަމަ މިތަނުން ޖަހައިގަނެގެން ކަލާ ގެންދިޔައީމުހެވެ.-----!"

"ﷲ އަށް ޓަކައި މިތަނުން ދާށެވެ! ----- އަހަންނަށް ހީވަނީ ކަލެއަކީ މޮޔައެއްހެނެވެ. ލޯބިވެރީންނަށް މީހުން ކިޔައި އުޅެނީ މޮޔަ ނުވަތަ ދީވާނާއެވެ."

އަދިވެސް ކައުސަރު އިނީ ބުދެއްފަދައިންނެވެ. ކޮޅަށް ތެދުވަމުން އޭނާ ބުންޏެވެ.

"މިތަނުން މީހަކަށް ކަލޭ ފެނިއްޖެއްޔާ ޤިޔާމަތްވާނެއެވެ."

"މި ހިތް ކޮންމެ ދުވަހަކު ޤިޔާމަތްވެ ފަޅައިގެންދެއެވެ." ވިހަ އެކުލެވިގެންވާ ރާގެއްގައި ޢާމިރު ބުންޏެވެ.

"ﷲ އަށްޓަކައި މިތަނުން ގޮސްބަލާށެވެ."

"މި މުސްކުޅިޔާ ދޫކޮށްލާށެވެ. --------"

ޢާމިރު ބުނިގޮތުން، ކައުސަރު ޢާމިރާ ދިމާއަށް ދާން އުޅެފައި ހުއްޓުން އެރިއެވެ.

"ކީ -------- ކީކޭ --------؟" ކައުސަރު ބުންޏެވެ.

ޢާމިރު އިން ތަނުން ތެދުވެ، ކައުސަރާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"ލޯބިވާން، ތިބާއަށް ނޭނގޭ ކަމަށް ވަންޏާ އަހަރެން ލޯބިވާން ދަސްކޮށްދީފައިނަމެވެ."

"މޮޔަވީތަ؟ --------" ކައުސަރު ކަންބޮޑުވެގެން ބުންޏެވެ.

ޢާމިރު، ކައުސަރު ކައިރިއަށް ކައިރިވެލައި ކައުސަރުގެ ދެކޮނޑުގައި ބާރަށް ހިފުމަށް ފަހު، ބުންޏެވެ.

"ކަލާއަކީ ހަމައެކަނި އަހަރެންގެ މީހެކެވެ. -------- އަހަރެން އެ ހުވަފެން ދެކޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރެން ދެކެމުން އައި ހުވަފެން ފުރިހަމަނުވެ ދާކަށް އަހަރެން ބޭނުމެއް ނުވެއެވެ."

"އަހަރެން ގައިން ދޫކޮށްލާށެވެ. ---------"

އެހެންނަމަވެސް ޖެހިގެންއައި ވަގުތު ކޮޅުތެރޭގައި ޢާމިރު، ކައުސަރުގެ އަތުގައި ހިފައިގެން ނަގާ، ޢާމިރުގެ މޭގައި އޭނާ ޖައްސައިލައި ބައްދައިލިއެވެ.

ކައުސަރު ބުދެއް ފަދައިން ޙަރަކާތް ވެސް ކުރާން ނޭނގިފައި ހުއްޓެވެ. ------- އެ ކަން އެ ވީ އޭނާ އުންމީދު ކުރިގޮތް ނޫންގޮތަކަށްވުން އެކަށީގެންވެއެވެ.

ޢާމިރު، ކައުސަރުގެ ނިތްކުރީގައި ބޮސްދިނެވެ. ބޮސްދިނުމާއެކު ކައުސަރު ގައިން ދޫކޮށްލަމުން ބުންޏެވެ.

"އަހަރެންގެ ލޯބީގެ މަސްތުގައި ތިބާ ނުޖެހިއްޖެ ނަމަ، އަހަރެންގެ ލޯބީގައި އެއްވެސް ބާރެއްނެތް ކަމުގައި އަހަރެން ޤަބޫލު ކުރާނަމެވެ. އަހަރެން ލޯބީގައި ތިބާ ގިރައިލައިގެން އަހަރެން ބޯލާނަމެވެ."

އެހެން ބުނުމަށް ފަހު ޢާމިރު އެނބުރުނެވެ. އަދި ދޮރުން ބޭރަށް ނުކުމެގެން ހިނގައްޖެއެވެ.

ކައުސަރު އަދިވެސް އިނީ ބުދެއްފަދައިން އެއްވެސް އެއްޗެއް ނުބުނެވިފައެވެ.

ކުޑައިރުކޮޅެއްގެ ފަހުން ކައުސަރަށް ހޭވެރިކަން ވެއްޖެއެވެ.------- ހޭވެރިކަން ވުމުން، ހިތްނުތަނަވަސްކަމާ އެކު އޭނާއަށް ބުނެވުނެވެ.

"ނުލަފާ ފިރިހެނާ --------"

އެހެންނަމަވެސް މިފަހަރު އޭނާގެ ހިތުގައި އާދަޔާ ޚިލާފު ތެޅުންތަކެއްގެ އިހުސާސް އޭނާއަށް ކުރެވުނެވެ.

އޭރު ޢާމިރު ގޭގެ ބޭރު ބަގީޗާއަށް ނުކުމެއްޖެއެވެ.

"ކަލޭގެ ނަމަކީ ކޮބައިތަ؟ ---------" ޢާމިރު ރާލިޔާއާ ސުވާލުކުރިއެވެ.

"ރާލިޔާ! -------"

"ފޮޅިފައިވާ މަލަކަށް ވާން ބޭނުންހެއްޔެވެ؟"

"އެ ކީއްވެ.-------؟"

"އަހަންނާ އިނދެފައިނާންހެއްޔެވެ. ------؟"

"އާނ -------"

ރާލިޔާ ތުރުތުރު އަޅައިގަތެވެ.

"އަޑު އަހާށެވެ. ----- އަހަރެން މިހައިރު މިހުރީ ވަރަށް ލަސްވެފައެވެ. ------- އެކަމަކު ހަނދާން ކުރައްޗެވެ. މިގޭގައި ކަލެއަކީ އަހަރެންގެ ވާރުތަ ވެރިޔާއެވެ.------- އަހަރެން ވަރަށް އަވަހަށް މި ނަރަކައިގެ ގެއިން ކަލޭ ނެރެގެން ގެންދާނަމެވެ. އެކަމަކު ކަލޭގެ ސާހިބަށް ސަމާލުވެގެން އުޅެއްޗެވެ. އެއީ ވަރަށް ނުރައްކާތެރި މީހެކެވެ. އެހެންނޫނީ މަލެއްގެ ފިޔަތައް ފަދައިން ކަލޭވެސް ރޫޅިގެން އެކިއެކި ތަންތަނަށް ފެތުރިގެން ހިނގައިދާނެއެވެ."

"ވަރަށް ސަލާން --------"

ޢާމިރު އަވަސް އަވަހަށް ގޭޓާ ދިމާއަށް ދާން ފެށިއެވެ.

އަދި ރާލިޔާ އޭނާގެ ހިތުގައި އުފާވެރިކަން އިހުސާސްކުރަމުން ޢާމިރު ދާތަން ބަލާން ހުއްޓެވެ.

ޢާމިރު ގޭޓުން ނުކުމެގެން ހިނގައްޖެއެވެ.

"ޔާ ﷲ ------ އެއީ ކާކުހެއްޔެވެ. --------؟" ރާލިޔާ ފުންނޭވާއެއްލިއެވެ.

އެ ވަގުތު ރާލިޔާއަށް ޚާން އަކުބަރު މަތީން ހަނދާންވިއެވެ. ސާހިބު އަބަދު ވެސް އަހަންނާ ދިމާއަށް ވަރަށް ބައްލަވާނެއެވެ."

ޢާމިރު އެހެން ބުނިފަހުން، ހުރިހައި ވަގުތެއްގައި ވެސް ރާލިޔާއަށް އެކަން އިހުސާސް ކުރެވެމުންދިޔައެވެ. އޭނާގެ ނަޒަރު އަބަދު ވެސް ހުންނަނީ އޭނާގެ ހަށިގަނޑަށެވެ. ނިދިފައި އޮންނައިރު ވެސް އޭނާ އެ ކަމަށް ވިސްނާކަމުގައި ބުނެވިދާނެއެވެ. އެހައިވެސް ބޮޑަށް އޭނާ ދަނީ އޭނާގެ ހަށިގަނޑަށް ސަމާލުކަން ދެމުންނެވެ.

"ރާލިޔާގެ ސާހިބު މީހާއަށް ރާލިޔާ ސަމާލުވާން ޖެހެއެވެ. -------އެއީ ވަރަށް ނުރައްކާ މީހެކެވެ. މާތަކުން ފޮނި ބޮއި މަލުގެ ފިޔަތައް ހަލާކުކޮށްލުމަކީ އޭނާގެ އާދައެކެވެ."

ޢާމިރުގެ އެ ޖުމްލަތައް އޭނާގެ ކަންފަތުގައި އާދަޔާ ޚިލާފު ގޮތަކަށް ގުގުމަމުން ދެއެވެ. ޚާން އަކުބަރު އޭނާއަށް އެ ވަރަށް އެ ބަލަނީ ކީއްވެގެންކަން މިހާރު އޭނާއަށް އިހުސާސްކުރެވިއްޖެއެވެ.

"ކަލޭ ތިބުނީ ތެދެކެވެ. އަހަރެންގެ ސާހިބު މީހާއަކީ ރަނގަޅު މީހެއްނޫނެވެ. ------ އެކަމަކު ކަލެއަކީ ކާކުހެއްޔެވެ؟

އަދި އަހަރެން ކައިރީގައި އިންނާން އަހައިފައި ތިޔަ ދިޔައީ ކީއްވެހެއްޔެވެ؟

އަހަންނާ އިންނާނެކަމުގައި އޭނާ ބުނީ ހާދަ ކެރިގެންނެވެ.

ލަދެއްނެތެވެ.  ------ ހަމައެފަދައިން އަހަރެންވެސް މިހުރީ އޭނާގެ އިންތިޒާރުގައެވެ. --------"

އެހެން ބުނުމާއެކު އޭނާ ލަދުން ގޮސް ރަތްވިއެވެ.

ލަދުވެތިކަމާއި ޙައްޤުވެރިކަމުން އަންހެނާ، ތަޤްދީރުގެ ލިޔުންތެރިޔާ ޒީނަތްތެރިކޮށްފައިވާ ކަހަލައެވެ.

ރާލިޔާގެ ހިތް އުފާވެރިކަމުން ތެޅެމުންދިޔައެވެ. ހަމަ އެއުފާވެރިކަމުގެ އިހުސާސްއާއެކު އޭނާ މާތަކަށް ބަލާންފެށިއެވެ.

ދެން ކުއްލިއަކަށް އޭނާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ.

އަހަރެން ----- އަހަރެން  ------ އިންތިޒާރު ކުރާނަމެވެ.

                 ---------------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް