Advertisement

މަދީނާގެ ބާޒާރުން މިނިވަން އިގުތިސާދީ ސިޔާސަތަށް

02 May 2024 | 00:28
މަދީނާގެ ބާޒާރެއް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ލޮބުވެތި ނަބިއްޔާ صلى الله عليه وسلمއަކީ ވަރަށް ޒުވާންއިރުއްސުރެ ވިޔަފާރީގެ މަސައްކަތުގައި އުޅުއްވި އެ ކަމުގެ ތަޖުރިބާކާރު ބޭކަލެކެވެ. މައްކާއާއި ޝާމުކަރަޔާ ދެމެދުގައި ދަތުރުކުރި މައްކާގެ ވިޔަފާރި ޤާފިލާތަކުގައި ކައު ރަސޫލާ ﷺ މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ. މި ކަމުގެ ސަބަބުން އިގުތިސާދުން މުޖުތަމަޢަށް ކުރާ އަސަރުތައް  އެކަލޭގެފާނަށް ވަނީ ގާތުން ފެނިވަޑައިގެންފައެވެ. މިހެންވެ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމާ އެކު، މުސްލިމުންގެ މިނިވަން އިގުތިސާދެއް އެ ތާނގައި ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅު ފެށްޓެވިއެވެ. ތަޢުލީމު ދެއްވުމަށާއި އިޖުތިމާޢީ ވަޙުދަތާއި އެއްބާރުލުން ޤާއިމުކުރެއްވުމަށް ޓަކައި މިސްކިތެއް ބިނާކުރެއްވިއެވެ.

ރަސޫލާ ﷺ އެންމެ ފުރަތަމަ އުނގަންނައިދެއްވީ އިގުތިސާދާ ބެހޭ ނަޒަރީ ބައެވެ. މާނައަކީ، އެ ކަލޭގެފާނުގެ މަދުރަސާ (މިސްކިތް)ގައި ކިޔަވައިދެއްވީ މާލީ މުޢާމަލާތާ ބެހޭ ފިޤުހެވެ. އެއަށް ފަހު، މަސައްކަތްޕުޅު ފެށްޓެވީ މި ނަޒަރިއްޔާތުތައް ތަންފީޒުކުރާނެ ޢަމަލީ ބާޒާރެއް ޤާއިމުކުރައްވާށެވެ. މަދީނާގައި އޭރު އޮތް ބާޒާރަށް އަތްގަދަކޮށްފައި ވަނީ ޔަހޫދީންނެވެ. އެ މީހުންގެ ވިޔަފާރީގެ މުޢާމަލާތުތައް ބިނާކޮށްފައިވަނީ ރިބާގެ މަތީގައެވެ. އެއަށް ފަހު، އެކަލޭގެފާނު ރިބާ ނެތް އިޖުތިމާޢީ އުޚުއްވަތްތެރިކަމުގެ މަތީގައިވާ އެއްބާރުލުމުގެ އިސްލާމީ ބާޒާރެއް ޤާއިމުކުރެއްވިއެވެ. ޔަހޫދީންނަކީ އަހުލުކިތާބީންނަށް ވާތީ، ނަބިއްޔާ މުޢާމަލާތުކުރެއްވުމުގައި މުޝްރިކުންގެ މައްޗަށް ޔަހޫދީން އިސްކުރެއްވިއެވެ. އެ މީހުންނާ އެކު، ނަމޫނާ މުޖުތަމަޢެއް ޤާއިމުކުރެއްވުމަށް ރަސޫލާ މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ޔަހޫދީން، ރަސޫލާއަށް ފައްސި ނަޒަރަކުން އިޖާބަދީފައެއް ނުވެއެވެ. އެ މީހުންގެ ފަރާތުން ރަސޫލާއަށް ފެނިވަޑައިގެންފައިވަނީ ނޭއްގާނިކަމާއި ހަތުރުވެރިކަމާއި ނީހައާއި އިދިކީލިކަމެވެ.  

މި އައު ބާޒާރުގައި ދަނޑުވެރީންނަށް އެމީހުންގެ މުދާތައް އެމީހުން ބޭނުންވާ އަގުގައި ވިއްކުމުގެ ފުރުޞަތު ތަނަވަސްވިއެވެ. ވިޔަފާރިވެރީންނަށް ދަރަނިދިނުމާއި ދަރަނިނެގުމުގެ މިނިވަންކަން މި ބާޒާރުގައި ތަނަވަސްވެފައި އޮތެވެ. ރިބާކެއުމެއް ނެތިއެވެ. މަދީނާގެ ކުރީގެ ބާޒާރަށް ވުރެ، މި އައު ބާޒާރުގައި މުދަލަށް ލިބިފައިވާ ރައްކައުތެރިކަން ބޮޑުވެ، މުދަލުގެ ބާވަތްތައް އިތުރުވެ، ސިންދަފާތުކަން ފުޅައުކަން ފާހަގަކުރެވެއެވެ.

މިއީ މަދީނާގައި ބާޒާރަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން ގަޔާވިކަމެއް ނޫނެވެ. މި އައު އިގުތިޞާދާ މެދު އެމީހުން ހިތްހަމައެއް ނުޖެހުނެވެ. އެމީހުންގެ އަތްގަދަކުރުން ނެތިގެން ގޮސްފައިވާތީއެވެ. އެ މީހުންގެ ރިބަވީ މުޢާމަލާތު މަނާ ބާޒާރަކަށް މި ބާޒާރު ބަދަލުވެފައިވާތީއެވެ.  ކީރިތި ރަސޫލާއާ އެކު، ޔަހޫދީން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވިޔަސް ރަސޫލާ ތަޢާރުފުކޮށްދެއްވި މަދީނާގެ ދުސްތޫރާއެއްގޮތަށް އެމީހުން ޢަމަލުކުރަމުންދާތަނެއް މުސްލިމުންނަކަށް ނުފެނުނެވެ. ރިބާގެ މުޢާމަލާތުތައް ނެތް ބާޒާރެއް ފެނުމުން އެމީހުން މައްކާގެ މުޝްރިކުންނާ ސިއްރުން ޚަބަރުކޮށް އެމީހުންނާއެކު އެއްބާރުލާން ފަށައިފިއެވެ. މަދީނާގެ ދުސްތޫރުގެ ދަށުން މަދީނާގެ އަހުލުވެރިކަން ލިބިފައިވާ ޔަހޫދީން މަދީނާގެ އަމްނާއި ސަލާމަތް ނަގައިލާން އުޅޭ ތަން މުސްލިމުންނަށް ފެންނާން ފަށައިފިއެވެ. ދައުލަތުގެ އިޖުތިމާޢީ ސުލްޙަމަސަލަސްކަމާއި ދައުލަތުގެ އަމަންއަމާންކަމަށް ޓަކައި މި ޖަމާޢަތް މުލުން ލުހެލާން ޖެހިފައިވާކަން ރަސޫލާއަށް ކަށަވަރުވެވަޑައިގަތްފިއެވެ. އެމީހުން ތިބެއްޖެނަމަ ބޭރުގެ ދުޝްމަނުންނާ ކުރިމަތިލުމުގައި މުސްލިމުންގެ ބާރު ނިކަމެތިވެގެންދާނޭ ކަން ރަސޫލާއަށް އެނގިވަޑައިގަތެވެ. މަދީނާގައި ރަސޫލާ ޤާއިމުކުރެއްވި ޞުލްޙަވެރި އަމާން މުޖުތަމަޢުގެ އިގުތިސާދު ހިރާސްތަކަށް ހާސާވެގެން ހިނގައިދާނެކަމުގެ ބިރު އިތުރުވާން ފަށައިފިއެވެ.

މަދީނާގައި މުސްލިމުންނާ ޔަހޫދީންނާ ދެމެދުގައި ދެބަސްވުންތައް އުފެދުމުގެ މައިގަނޑު ބަހާއަކީ އިގުތިސާދެވެ. ޔަހޫދީންނާ އަހުލުކިތާބީން ކަމުގައިވާތީ މުޢާމަލާތު ކުރެއްވުމުގައި މުޝްރިކުންނަށްވުރެ ރަސޫލާ ﷺ އިސްކަންދެއްވާ ހިތްޕުޅުވީ ޔަހޫދީންނަށެވެ.އެމީހުންނާއެކު ޞުލްމަސަލަސްކަންމަތީ މަޢީޝަތު ބިނާކޮށް މުޖުތަމަޢެއް ޤާއިމުކުރައްވަން އިސްކަންދެއްވިއެވެ.

އެހެނަސް ޔަހޫދީން މިފަދަ ޞުލްޙަވެރި މުޖުތަމަޢެއް ބަލައިގަންނާކަށް ބޭނުމެއް ނުވިއެވެ. މަދީނާގައި ރަސޫލާ ﷺއާ އެކު، ހަދައިފައިވާ މުޢާހަދާއަށް ޚިޔާނަތްތެރިވެ ބޭރުގެ ދުޝްމަނުންނާއެކު އެއްބާރުލުން ޤާއިމުކުރިއެވެ. މުސްލިމުންނާ ދެކޮޅަށް ޢަދުއްވުންނަށް ވާގިވެރިވިއެވެ. މި ވަރުން އެމީހުން ފުއްދައެއް ނުލިއެވެ. ކީރިތި ރަސޫލާ އަވަހާރަކޮށްލާންވެސް އެމީހުން ރޭވިއެވެ. މިހުރިހާ ކަންތައްތަކަކާހެދި ކީރިތި ރަސޫލާ ޔަހޫދީންނާ ދެކޮޅަށް މުޅިން އައު ސިޔާސަތެއް ގެންގުޅުއްވަން ކަނޑައެޅުއްވިއެވެ. ސަލާމަތީ އައު އިސްތިރާޖީއެއް ކަނޑައެޅުއްވިއެވެ. މި ވާހަކަތައް ސީރަތު ފޮތްފޮތުން ބައްލަވައިލެއްވޭނެއެވެ. އަޅުގަނޑުގެ މައުޟޫޢަކީ މި ވާހަކަތައް ދެއްކުމެއް ނޫނެވެ.

މިއަދުގެ އުޞޫލުތަކަށާއި ޙާލަތަށް ބަލާ އިރު، ޙަޔާތުގެ އަސާސަކީ އިގުތިސާދެވެ. މަޢީޝަތުގެ ނާރެހަކީ އިގުތިސާދެވެ. މިއަދުގެ ތަފާސްހިސާބުތަކަށް ބަލާ އިރު، މިއަދުގެ ދުނިޔޭގައި ގެއްލުން ބަރުދާސްތުކުރާން ނުޖެހޭ މުއައްސަސާއަކީ ރިބަވީ ބޭންކުތަކެވެ. މިއަދު މި މުއައްސަސާތަކުގެ އިސްވާރުންނަކީ ޔަހޫދީންނެވެ. މިއަދު އެމީހުން ފާޅުވެގެންފައި އެ ވަނީ ޞިހުޔޫނީ އޮނިގަނޑެއްގެ ތެރޭގައެވެ.އެމީހުން ދަނީ މުޅި ދުނިޔެއިން ނާޖާއިޒު ފައިދާނަގަމުންނެވެ.

މަދީނާގެ ބާޒާރުގެ ނަމޫނާއާ އެއްގޮތަށް ރިބަވީ ފައިދާ ނުހިމެނޭ ނިޒާމެއް އިސްލާމީ ޤައުމުތަކުގެ މެދުގައި އުފެއްދުމަށް ތުރުކީގެ މަޝްހޫރު ސިޔާސީ ޒަޢީމު ނަޖުމުއްދީން އަރުބަކާން ގޮވައިލެއްވިއެވެ. އޭނާ މުސްލިމުންނަށް ދުނިޔޭގެ ނިކަމެތި ޤައުމުތަކުން އަނަފާ ނަގަމުންދާ ހުޅަނގުގެ އިސްތިޢުމާރުގެ ވަކިތަކުން ސަލާމަތްވުމަށް ޓަކައި ހޭލައިތެދުވުމަށް ގޮވައިލެއްވިއެވެ.އިގުތިސާދީ އެއްބާރުލުން ޤާއިމުކުރުމަށް ޓަކައި ގުޅިފައިވާ ބާޒާރެއް ޤާއިމުކުރުމަށް ގޮވައިލެއްވިއެވެ.

އަރުބަކާން ވިދާޅުވިއެވެ. ރިބާ ޙަރާމޭ ބުނެދޭ ފިޤުހު ފޮތްފޮތުން ޙުކުން ކިޔަވައިގެން ތިބެވޭކަށް ނެތެވެ. އިސްލާމީ ފިޤުހާ އެއްގޮތަށް  މުޢާމަލާތުތައް ކުރެވޭ  ނިޒާމެއް ޤާއިމުކުރެވި މި ނިޒާމާ އެއްގޮތަށް ޢަމަލުކުރާ ގައުމީ އަދި ޢާލަމީ  ޖަމާޢާތެއް އުފެއްދެން ޖެހޭނެއެވެ. މި ޚިޔާލާއި ފިކުރުގެ ދަށުން  D8 ޖަމާޢަތް ވުޖޫދަށް އައެވެ. މި ޖަމާޢަތުގައި ހިމެނޭ 8 ޤައުމަކީ : މިޞްރާއި ތުރުކީއާއި އީރާނާއި ޕާކިސްތާނާއި ބަންގްލަދޭޝާއި މެލޭޝިޔާއާއި އިންޑޮނޭޝިޔާއާއި ނައިޖީރިޔާއެވެ. D8 ޖަމާޢަތް އުފެދުމުން ދުނިޔޭގެ އިސްތިޢުމާރަށް ބޮލުގައި ރިހުންތަކެއް ލިބިގެން ދިޔައެވެ. އަރުބަކާން ތުރުކީގެ ވެރިކަމަށް އިސްކުރެވިދާނެތީ އިސްތިޢުމާރު ވަރަށް ބިރުގަތެވެ. އޭނާއަށް ތުރުކީގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުން އޭނާއާ ދެކޮޅަށް ހުޅަނގުން އެރުވި އަޑުތަކާއި ޝާއިޢުކޮށް ފެތުރި ދޮގު ޚަބަރުތަކުގެ ސަބަބުން އޭނާވެރިކަމުން ދުރުކޮށް ސިޔާސީ ޙަޔާތުން ބޭރަށްލިއެވެ.

މި 8 ގައުމުގެ ޖަމާޢަތް ވުޖޫދަށް އައުމާވިދިގެން މި ޖަމްޢިއްޔާއިން ފާސްކުރި އެންމެ ފުރަތަމަ ޤަރާރަކީ މި ޖަމާޢަތުގެ ގައުމުތަކުގެ މެދުގައި ޑޮލަރުގެ ބަދަލުގައި އެ ގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުޢާމަލާތުތައް ހިންގުމެވެ. މި ކަން ކުރެވެނީ ކިހިނެއް ހެއްޔެވެ؟ މިސާލަކަށް މިޞްރާއި ތުރުކީގެ ވިޔަފާރިވެރީން އެމީހުންގެ މެދުގައި ވިޔަފާރި ކުރާނަމަ އެމީހުން ކުރާ ވިޔަފާރިއަށް އެއް އަހަރުވަންދެން ފައިސާ ދައްކަމުންދާނީ އެ ގައުމުގެ ސަރުކާރުގެ ބެންކުންނެވެ.އަހަރު ނިމުމުން ދެ ގައުމުގެ މާލީ ވަޒީރުން ބައްދަލުކުރައްވައި  އެކައުންޓްތަކަށް ފައިސާ ދައްކައި ޚަލާޞްކުރުމުގެ މަސައްކަތް ކުރައްވައި ނިންމަވާނެއެވެ. މީގެ އިތުރަށް މި 8 ގައުމަކީ އިގުތިސާދީ މައިދާނުގައި އެއް ގައުމުގެ އުނިކަން އަނެއް ގައުމުން ފޫބައްދައިދޭ ގައުމަކަށް ވެސް ވާނެއެވެ. އެއް ގައުމުގައި އުފެއްދޭ އަގު ބޮޑު މުދާތަކުން ބައެއް އެހެން ގައުމުތަކާއެކު ހިއްސާކުރެވޭނެއެވެ. މެންބަރު ގައުމުތަކުގެ މެދުގައި އިސްތިރާޖީ މުޢާމަލާތުތައް ބަދަލުކުރެވޭނެއެވެ. އެހެންކަމުން އަގުބޮޑު މުދާ ނުވިކި ހުރުމުގެ މަސްއަލަ ވެސް ޙައްލުވެގެންދާނެއެވެ. މި ޖަމާޢަތުގެ މި ސިޔާސަތާމެދު ހިތްހަމަނުޖެހޭކަން އެމެރިކާގެ ޚާރިޖީ ވަޒީރު، ވަގުތުން ހާމަކުރެއްވިއެވެ.

އޭގެ އެތައް އަހަރެއް ފަހުން ރަޝިޔާއާއި ޗައިނާއިން އަރުބަކާންގެ ފިކުރާއެއްގޮތަށް އެ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތައް ގައުމީ ފައިސާއިން  ބަދަލުކުރުމަށް އެއްބަސްވިއެވެ. މި ދެ ގައުމުން ވެސް މި ވިސްނުމާދިމާއަށް ދީލައިލީ އިސްތިޢުމާރީ ފިއްތުންތަކުގެ ސަބަބުންނެވެ. މިހާރު ހިނގަމުންދާ ޔުކުރޭން ހަނގުރާމައާއެކު ހުޅަނގުންނާއި ނޭޓޯއިންނާއި ހުޅަނގުގެ ފަލަކުގައި ދައުރުކުރާ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަފައިވާ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާއަށް ސަލާމަތްވެވުނީ އަދި ރަޝިޔާގެ އިގުތިސާދު އިނދަނުޖެހި ކުރިއަށް ދިޔައީ  މި ސިޔާސަތުގެ ސަބަބުންނެވެ. ޑޮލަރު އެއްލައިލުމުންނެވެ.

ބްރިކުސް

ރަޝިޔާއާއި ޗައިނާގެ އިސްނެގުމުގެ ދަށުން ޤާއިމުވެފައިވާ ބްރިކުސް ޖަމާޢަތުގެ ފިކުރާއި ވިސްނުންވެސް ބިނާކޮށްފައިވަނީ އިގުތިސާދީ މި އުޞޫލުގެ މަތީގައެވެ. ބްރިކުސް  ޖަމާޢަތުގެ މަޤުބޫލުކަން ފުޅައުވެ މި ޖަމާޢަތަށް ވަންނަން އެދޭ ގައުމުތައް ދަނީ އިތުރުވަމުންނެވެ. މި އަހަރު ވަނީ މި ޖަމާޢަތަށް 5  މެންބަރުން އިތުރުކޮށްފައެވެ.އެއީ މިޞްރާއި ސައޫދީޢަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތާއި އީރާނާއި އިތިޔޯޕިޔާއެވެ.

ޣައްޒާ ހަނގުރާމަ

މިއަދު ޞިހުޔޫނީ ކިޔާނުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ މަދީނާގެ ބާޒާރުގައި މުސްލިމުން ފަށައިފައިވާ ޔަހޫދީންގެ އަތުން އިގުތިސާދު މިނިވަންކުރުމުގެ ސިޔާސަތާ ގުޅިފައިވާ ފިޔަވަހިތަކުގެ ތެރެއިން ފިޔަވައްސެކެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ނަސްލުހޭދުގެ އަނިޔާވެރި ޢަމަލުތަކަކީ ޣައްޒާގެ އައްސޭރިފަށުން ފެނިފައިވާ ޠަބީޢީ ގޭހާ ގުޅިފައިވާ ކަމެއްކަމަށް ދާރިސުން ވިދާޅުވެއެވެ. މި ތަނުން ލިބޭ ގޭހުން އިސްރާއީލުގެ މުހުތާދުތައް ފުދި ޔޫރަޕަށް ބޭރުކުރޭވޭނެ މިންވަރަށް ގޭސް ނެގޭނެއެވެ. ޣައްޒާގެ ގޭހުގެ މައްޗަށް ވެރިވެގަތުމުން އިސްރާއީލަށް މީޞްރުން ގޭސް ގަންނާކަށް ނުޖެހޭނެއެވެ. އެމެރިކާއިންނާއި ހުޅަނގުން ޣައްޒާގެ މަސްއަލައިގައި މިޞްރު މަސްރަޙުން ބޭރަށްލުމަށް މަސައްކަތް ކުރަމުންދަނީ މިހެންވެގެންނެވެ. އެމެރިކާއާއި ހުޅަނގުން މިޞްރަށް ވިސްނައިދިނުމަށް މަސައްކަތް ކުރަނީ "އިސްރާއީލުން ޣައްޒާ ހިފިޔަސް މިޞްރަށް މާ ބޮޑު ގެއްލުންތަކެއް ނުލިބޭނެއެވެ."

އާދޭހެވެ! ޣައްޒާ ހަނގުރާމައަކީ އިގުތިސާދީ ހަނގުރާމައެކޭ ނުދަންނަވަމެވެ. އެއީ ވެސް ސަބަބެކެވެ. ފަލަސްޠީނުގެ ނަސްލުހޭދުކުރުން އެކަންޏެއް ނޫނެވެ. ފަލަސްޠީނުގެ ބިން ފޭރިގަތުން ވެސްމެއެވެ. އެ ބިމުގައި ހުރި ޤުދުރަތީ މުއްސަނދިކަމުގެ މައްޗަށް އަތްގަދަކުރުމެވެ. ސުރުޚީއާ ގުޅުން އޮތީތީ އިޝާރާތެއްކޮށްލީއެވެ.

މުސްލިމުން ހަނދާންކުރާންވީ މުސްލިމުންގެ މުއްސަނދިކަން ވަރަށް ބޮޑުކަމެވެ. އާބާދީގެ ގޮތުންނެވެ. ޖޯގުރަފީ ގޮތުން އޮތް ތަނުގެ ސަބަބުންނެވެ. އިންސާނީ ވިސްނުމާއި ފިކުރުގެ މުއްސަނދިކަމުގެ ސަބަބުންނެވެ. އެ މީހުންގެ ބިމުގައި ހުރި ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުންނެވެ. މި ވަސީލަތްތަކަށް ރައްކައުތެރިވާން ޖެހޭނެއެވެ. އިސްރާއީލަށް ވާގިވެރިވާ ތާއީދުކުރާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކަޓުކުރުމަކުން ފުއްދައެއް ނުލެވޭނެއެވެ. އަޅުގަނޑުމެން އުފައްދާ މުދާތައް އެ ކުންފުނިތަކުން އުފައްދާ މުދާތަކަށް ވުރެ، ފޭރާން ރަނގަޅުކުރާން ޖެހޭނެއެވެ. އޭރުން އަޅުގަނޑުމެންގެ އެއްޗެހި އެ މީހުންގެ ބާޒާރުތަކުގައި ވިކޭނެތެވެ. ގަންނާން މަޖުބޫރުވާނެތެވެ.

މި އަރައިރުމަކީ ސިޔާސީ ޢަޤާއިދީ ދީނީ އިޤުތިޞާދީ އަރައިރުމެކެވެ. ކޯޅުމެކެވެ. ޞިހުޔޫނީން ބަލަމުންދަނީ މި ދުރުމިތަކުންނެވެ.

ލަފުޒެއްގެ މާނަ:

ސިންދަފާތު     ނ.     އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތަތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަވެގެންވާ ވުން.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތާފަތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ.

Advertisement

ކޮމެންޓް