Advertisement

މި ފަހަރު ވެސް ހަމަ ޔަހޫދީންހެއްޔެވެ؟

.

މި އޮކްޓޯބަރު މަހު ހަތްވަނަ ދުވަހު ހެނދުނު އިރު ފެނުން ތޮޅިލީ އިސްރާއީލަށް ދުވަހަކު ވެސް ކުތިމަތިނުވާ ވަރުގެ ސިހުމަކާއި ބިރުވެރިކަމެއް އިޙުސާސްކުރުވަމުންނެވެ. ބާރު ކަނޑުވައިލެވި ގިއްގަޅުވައިލެވިފައި ތިބިކަމަށް އިސްރާއީލުން ހީކުރި ފަލަސްތީނުގެ ހަމާސް ޖަމާޢަތުން އިސްރާއީލަށް އާދަޔާ ޚިލާފު ބާރުގަދަ ރޮކެޓު ޙަމަލާތަކެއް ފޮނުވައިލީއެވެ. އިސްރާއީލުން ކުޑަކޮށް ވެސް މި ކަމާމެދު ޚިޔާލު ވެސް ނުކޮށް ތިއްބައެވެ. އެ މީހުން ތިބީ އާދައިގެ މަތީން އާންމު ކަންކަމުގައި ޙަރަކާތްތެރިވޭވެއެވެ.

ޙަމާސް ޖަމާޢަތުން އިސްރާއީލަށް ހަމަލާދިނުމަށްފަހު އެ ޖަމާއަތުގެ ހަނގުރާމަވެރީން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން އިސްރާއީލަށް އެތެރެވުމަށްފަހު ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ޙަމަލާގައި އިސްރާއީލުގެ އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމުވެފައިވެއެވެ. އަދި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭކަމަށް އިސްރާއީލުން ވެސް އެއްބަސްވެފައިވެއެވެ. ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދަނިކޮށް ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވެސް އޭގެ ދެ ދުވަހެއް ފަހުން ވަނީ އިސްރާއީލަށް ހަމަލާތަކެއް ދީފައެވެ.

މި ޙަމަލާއަށް އިސްރާއީލު ސިފައިން ރައްދު ދިނީ ވަރަށް ހަރުކަށި ގޮތަކަށެވެ. ޔަހޫދީ ބޮޑުވަޒީރު އިޢުލާންކުރެއްވީ "އަހަރެމެން މި ތިބީ ހަނގުރާމައެއްގައި"ކަމަށާއި "އަހަރެމެން ކާމިޔާބު ހޯދާނަން"ކަމަށެވެ. ބޮޑު ވަޒީރުގެ މި އިޢުލާނާއެކު އިސްރާއީލު ސިފައިންނަށް އޯޑަރުކުރީ ވައިގެ މަގުން ޣައްޒާއަށް ބޮމުގެ ވާރޭތަކެއް ވެއްސައިލާށެވެ. މިއާއެކު ވައިގެ މަގުންނާއި އެއްގަމު މަގުންނާއި ކަނޑުގެ މަގުން ޣައްޒާއަށް ޙަމަލާތައް ދޭންފެށީއެވެ. ޣައްޒާގެ ބިނާރު މުޅީން ސުންނާފަތިކޮށްލުމުގެ ނިޔަތުގައެވެ. ފަލަޞްޠީނު ނައްތައިލާނެކަމުގެ އިންޒާރާއެކުގައެވެ.

ހަމާސް ޖަމާޢަތުން މި ދިން ޙަމަލާގައި އިސްރާއީލުގެ 800އަށް ވުރެ ގިނަ މީހުން މަރުވެފައިވާތީ އެ ކަމުގެ ރައްދުގައި އިސްރާއީލުގެ ބޮޑުވަޒީރުގެ އަމުރާ އެއް ގޮތަށް އިސްރާއީލުން ޣައްޒާގެ ސަރަހައްދުތަކަށް ވައިގެމަގުން ރޮކެޓާއި ބޮމުގެ ޙަމަލާގެ ވަރުގަދަ ކެމްޕޭނެއް ފެށިއެވެ. މި ޙަމަލާގައި ފަލަސްތީނުގެ 1100އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ފަސް ހާހަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލިއެވެ. މީގެ ތެރޭގައި 300އާ ކައިރިކުރާ ޢަދަދެއްގެ ކުޑަކުދީން ހިމެނުވެ.  މި ވަރުން ނުފުދިގެން ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރިއަށް ތިން ލައްކަ ސިފައިން އެއްކުރިއެވެ. އަދި ހޯމަ ދުވަހު ޣައްޒާ މުޅިން އެކަހެރިކޮށް ހުރިހާ އެހީއަކުން ބަންދުކުރާނެކަމަށް އިސްރާއީލުން އިއުލާނުކޮށް އެ ކަން ތަންފީޒުކުރިއެވެ. ކުރީން ވެސް އަސްކަރީ ބާރުތަކުން ވަށައިލެވިފައިވާ އެ ސަރަހައްދަށް ކާބޯތަކެއްޗާއި ބޯފެނާއި ކަރަންޓާއި، ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުން ވަނީ ހުއްޓުވައިފައެވެ. ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ޖަރީމާއެއްކަމަށް ވިޔަސް އެ މީހުންގެ ފަރުވާލެއް ނެތެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢަށް ކުރެވޭނެ ކަމެއް ނެތެވެ. އެމެރިކާއާއި ވިލާތުގެ ގައުމުތަކުން ވަނީ އިންސާފެއް ބޭއިންސާފެއް ބެލުމެއް ނެތި ހުރިހާ ގޮތަކުން އިސްރާއީލަށް އެހީތެރިވާނެކަމުގެ ކަށަވަރުކަންދީފައެވެ. އެމެރިކާގެ މަތީންދާބޯޓު އުފަުލާ ގިނަ އަދަގެއްގެ މަނަވަރުފަހަރު މަތީންދާ ބޯޓުތަކާއި ޒަމާނީ ހަތިޔާރާއެކު އިސްރާއީލުކައިރިއަށް ޖަމާކުރަނީއެވެ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި ހާމަވަމުން ހިނގައިދާނެ ކަންތައްތައް އެކަކަށް ވެސް އަދި ބަޔާންކުރާކަށް ނޭނގެއެވެ.

މުސްލިމުން ފަލަޞްޠީނާއެކުގައި ތިބިކަން ބައެއް ގައުމުތަކުން ހާމަކުރިޔަސް ފަލަޞްޠީނަށް އަސްކަރީ އެހީ ދޭނެ މަދު ބަޔަކު ނޫނީ ނުވެއެވެ. ޙިޒުބުﷲ ފަދަ ޒަމާޢަތަކުން އިސްރާއީލަށް ޙަމަލާއެއް ދިނަސް އެ ކަން ކާމިޔާބުކުރުމުގެ އެހީތެރިކަމެއް ސަރުކާރުތަކަކުން ނުލިބެއެވެ. މި ޙަމަލާގައި އީރާނުގެ ބައިވެރިވުން އޮތް ކަމަށް އިސްރާއީލުން ބުނި ނަމަވެސް ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ޔަގީންކަން ދޭ ގޮތުގައި އެ މީހުންނަށް ބޭރު އެއްވެސް ގައުމަކުން އެހީތެރިކަމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމެރިކާއާއި ވިލާތުގެ ހުރިހާ ގައުމަކުންނާއި އަވައްޓެރި އިންޑިއާއިން ވެސް ފާޅުގައި ފަލަސްތީނު ކުށްވެރިކޮށް، އިސްރާއީލަށް ތާއީދުކޮށް ހިތްވަރު ދެމުން އެބަ ގެންދެއެވެ. އަދި އިސްރާއީލަށް އެ ބައިމީހުންގެ ނަފުސު ދިފާޢުކުރުމުގެ ޙައްގު އޮންނާނެކަމަށް ވެސް ވަކާލާތު ކުރަމުން ގެންދެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރައްޔިތުންނާ ބައްދަލުކޮށް ޙަމާސް ޖަމާޢަތަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. މި ފަހަރު ހަނގުރާމަ ފެށީ ތިމަންނަމެން ނޫންކަމަށާއި މި ކަންކުރީ ޙަމާސް ޖަމާޢަތުންކަމަށް ފާހަގަކޮށްފައެވެ. އަދި އައިއެސް ޖަމާޢަތާއި ޙަމާސް އެއް ފަދަކޮށް މި ހަނގުރާމަ ފެށުމަކީ ހަމާސުން އެޅި ޅައެއްޗެއް ކަމަށާއި ފިސާރި ހިތި ގޮތަކަށް ބަދަލު ހިފާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލަށް އެއްވެސް ބަދަލެއް ނޭދި ހުރިހާ އެހީތެރިކަމެއް ދޭތީ އެމެރިކާ ސަރުކާރަށާއި ގާނޫނު ހަދާ މަޖިލީހަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އިސްރާއީލަށް ތާއީދުކުރާ ވިލާތުގެ ގައުމުތަކުގެ ސަރުކާރުތަކަށް ވެސް ނަތަންޔާހޫ ޝުކުރު އަދާކުރެއްވިއެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ގަބޫލުކޮށްފައިވަނީ ކާމިޔާބު ސިލްސިލާ އަސްކަރީ މަސައްކަތްތަކެއްގެ ސަބަބުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ފަތަސްތީނުގެ މުޖާހިދުންގެ ބާރު މުޅިން ކަނޑުވައިލެވިފައިވާ ކަމަށެވެ. އެމީހުންގެ ނަޒަރުގައި އެ މީހުން ވަނީ ހުޅަނގު އައްސޭރީގައި މުޖާހިދުންގެ ރޭވުންތައް ނާކާމިޔާބުކޮށް ބަލިކަށިކޮށްލައިފައެވެ. ޢަރަބި ބައެއް ގައުމުތަކުގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރީންނަށް ފާރަލައި އެ މީހުން ވިއްސިވިހާލި ކޮށްލައިފައެވެ. ފަލަސްޠީނަށް އެހީތެރިވެދީފާނެހެން ހީވާތީ އީރާނުގެ ނިއުކްލިއާ ސައިންސީންތަކެއް އަވަހާރަކޮށްލައިފައެވެ. އެހެންކަމުން ޔަހޫދީން ތިބީ އެ މީހުންގެ ކާމިޔާބީއާމެދު ބޮޑާވެ ފަޚުރުވެރިވެފައެވެ.

ކަން މިހެން ހުއްޓައި ހަމާސް ޖަމާޢަތުން މި ދިން ހަމަލާއިން ޔަހޫދީންގެ ފަޚުރާ މެދު ޝައްކު އުފެދުނެވެ. ސާބިތު ނަމަވެސް ފެންނަ ފެނުމުގައި ބަލިކަށި ދުޝްމަނެއްގެ ކުރިމަތީގައި އެ ގައުމުގެ ތައްޔާރީތަކާއި ހުޝިޔާރުކަމާ މެދު ސުވާލު އުފެދިއްޖެއެވެ. ހުޅަނގު އޭޝިޔާގެ ތާރީޚުގައި މި ހާދިސާއަކީ މީގެ ކުރީން ދުވަހަކު ވެސް ނުފެންނަ ފަދަ ހާދިސާއެއްކަމަށާއި، މިއީ ބޮޑު ޖުޣުރާފީ ސިޔާސިއްޔަތުގެ މައްސަލަގަނޑަކަށް ވުމުގެ ފުރުސަތު އޮތް ހާދިސާއެއްކަމަށް މުޙައްލިލުން ލަފާކުރެއެވެ. މި ކަންތައްގަނޑުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލު ފިޔަވައި މުޅި ސަރަހައްދަށް ވެސް ދުރުރާސްތާގެ އަސަރުތަކެއް ކޮށްފާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ.

މި ކަންކަމުގެ އަލީގައި މި ކަންކަން ދިރާސާކުރާ މީހުން ވަނީ ހަމާސް ޖަމާޢަތާއި ފަލަސްތީނާއި އިސްރާއީލާ ބެހޭ ގޮތުންނާއި އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ އަނިޔާވެރި ތާރީޚުގެ ލިޔުންތައް ހޯދުމަށްޓަކައި ފުޅާ އަރުޝީފުތަކަށް ފުންކޮށް ވަދެފައެވެ. މި މައްސަލަ އަނެއްކާ މި ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.

އެތައް ދަހަރެއް ވަންދެން ދިގުދެމިގެން މި ދާ ފަލަސްޠީނު–އިސްރާއީލު މައްސަލަ، ހުޅނގުގެ މީޑިއާއިންނާއި ޢިލްމުވެރީންނާއި އަސްކަރީ ތަޖުރިބާކާރުންނާއި ދުނިޔޭގެ އިސްވާރުން ސިފަކުރަނީ މިއީ އޮޅުންބޮޅުން ބޮޑު، މުއައްގަދު އަދި ތަޅުއެޅުވިފައިވާ މައްސަލައެއްގެ ގޮތުގައެވެ. އެހެންކަމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ދުވަހަށް ދެމިގެންދާ މި އަރައިރުމާ ބެހޭ ހަގީގަތްތައް ކިޔުންތެރީންނަށް ވަރަށް ސާދާގޮތެއްގައި ވަރަށް ޞަރީޙަކޮށް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުމުގެ ތާރީޚު ފެށެނީ 19 ވަނަ ގަރުނުގެ ފަހުކޮޅު އުސްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގައި ޔަހޫދީ ރައްޔިތުންނަށް ވަޒަނެއް ޤާއިމުކުރުމަށް ޒަޔަނިސްޓުން މަސައްކަތް ކުރި ދުވަސްވަރުއެވެ. އިނގިރޭސި ސަރުކާރުން 1917 ވަނަ އަހަރު ނެރުނު ބަލްފޯރ ޑިކްލެރޭޝަންގައި ފަލަސްތީނުގައި ޔަހޫދީންގެ ވަޒަނެއް ހެދުމުގެ ޚިޔާލަށް ތާއީދުކޮށް، އެ ސަރަހައްދަށް ޔަހޫދީން ވެއްދިއެވެ. ދެވަނަ ބޮޑު ހަނގުރާމައާއި ޖަރުމަނުގެ ހިޓުލަރު ހިންގި ޔަހޫދީ ނަސްލު ނައްތައިލުމުގެ ޙަރަކާތް-ހޮލޮކޯސްޓަށްފަހު ފަލަސްތީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިކުރިއެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިނގިރޭސީންގެ އެހީގައި އިސްރާއީލޭ ކިޔާ ދައުލަތެއް އުފެއްދިއެވެ. އިސްރާއީލު ޤާއިމުވުމާއި، އޭގެ ފަހުން އަދި އޭގެ ކުރިން ހިނގި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ވެގެން ދިޔަ ލައްކައަކަށް ވުރެ ގިނަ ފަލަސްތީނު މީހުން ގެދޮރު ދޫކޮށް ހިޖުރަކުރާން މަޖުބޫރުކުރިއެވެ. އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ދިގު ޒަމާންތަކެއް ވަންދެން އަރައިރުންތަކެއް އުފެދި، ކުރިމަތިލުންތަކެއް ހިނގިއެވެ. ފަލަސްތީނުން މަސައްކަތްކުރަނީ ތާރީހީ ފަލަސްތީނުގެ މަދުވެގެން ކޮންމެވެސް ބައެއްގައި އެބައިމީހުންގެ އަމިއްލަ މިނިވަން ދައުލަތެއް ގާއިމްކުރާށެވެ. އިސްރާއީލުން އަމިއްލަ ބޯޑަރުތައް ދިފާއުކުރުމާއި، ހުޅަނގު އައްސޭރި ކޮންޓުރޯލުކުރުމާއި، މިސްރާއި އިސްރާއީލުން ޣައްޒާ ބަންދުކުރުމާއި، ފަލަސްތީނުގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ސަބަބުން ފަލަސްތީނުގެ ދައުލަތެއް ބިނާކުރާން އޮތީ ހުރަސްއެޅިފައެވެ. ވޭތުވެ ދިޔަ ދަހަރުތަކުގެ ތެރޭގައި ސުލްޙައިގެ ގިނަ މަޝްވަރާތަކެއް ކުރެވިފައިވީ ނަމަ ވެސް، ދެމި އޮތް ސުލްޙައިގެ އެއްބަސްވުމެއް އަދިވެސް އޮތީ ގާއިމު ނުކުރެވިފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ޖިހާދީ ހަމަލާތަކާއި އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހިމެނެއެވެ. އެމެރިކާއާއި އެހެން ގައުމުތަކުން ސުލްހައިގެ މެދުވެރީންގެ ގޮތުގައި (ނަމުގައި) މަސައްކަތްކުރި ނަމަވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިވުމުގެ މައްސަލައާއި ގުދުސްގެ ހައިސިއްޔަތާއި ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލައަށް ހައްލެއް ނުފެނެއެވެ.

ތާރީޚީ ގޮތުން ފަލަސްޠީނު ބިންތައް ކަމުގައި ބެލެވޭ ބިންތަކުގައި އިސްރާއީލޭ ކިޔުނު ދައުލަތް ޤާއިމުކުރިކަން އިޢުލާނުކުރެވުނީ ކުރީން ވެސް ދެންނެވި ފަދައިން 1948 ވަނަ އަހަރުގައެވެ. އެ ދައުލަތް ޤާއިމުކުރީ ފަލަސްޠީނުގެ އެއިރުގެ އާބާދީ ކަމުގައިވާ 1.5 މިލިއަން މީހުންގެ ތެރެއިން 800000 (އަށްލައްކަ) މީހުން އެ މީހުންގެ ގެދޮރުންނާއި އަމިއްލަ ބިންތަކުން ބޭރުކޮށް ހިޖުރަކުރާން މަޖުބޫރުކުރުވައިފައެވެ. އެމީހުން ދިރިއުޅުނު ޝަހަރުތަކާއި އަވަށްތައް ދޫކޮށް އެމީހުން ހިޖުރަކުރާން ޖެހުނީ އަވައްޓެރި ޢަރަބި ބައެއް ދައުލަތްތަކަށާއި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށެވެ. އޭގެ ފަހުން މެދުކެނޑުމެއް ނެތް ގޮތެއްގައި އެތައް ފަހަރަކު ވަނީ ފަލަސްތީނުންގެ ނަފުސު ނައްތައިލުމުގެ އަނިޔާވެރި އެތައް ޙަރަކާތެއް ހިންގައިފައެވެ. އިނގިރޭސީންގެ އެހީތެރިކަމުގައި ފޭރިގަތް ފަލަސްޠީނު ބިމުގައި ގާއިމުކޮށްފައިވާ ޔަހޫދީންގެ ބޭއިންސާފު ދައުލަތް ދެމެހެއްޓުމަށް ޓަކައި ކުރާން ޖެހުނު ކޮންމެ ކަމެއް އެމެރިކާއިން ގެންދަނީ ކުރަމުންނެވެ.

ނަސްލު ނައްތައިލުމުގެ ޙަރަކާތް ނުވަތަ ނަކްބާއަކީ ފަލަސްތީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ގެދޮރުންނާއި ބިންތަކުން ގަދަކަމުން ނެރެ ބޭރުކޮށްލުމުގެ ޙަރަކާތެވެ. ފަލަސްޠީނު ރައްޔިތުން ނަކްބާއޭ ކިޔަނީ އެބައިމީހުންގެ ބިންތަކާއި ގެދޮރުން ޞިހުޔޫނީ (ޒައަނިސްޓު) ހަތިޔާރު އެޅި ގޭންގުތަކުން އައިސް ގަދަބަދަވިކަމުން ފަލަސްތީނީން ނެރެ، ބޭރުކުރި ބޭރުކުރުމަށެވެ. އެ ކަން ހިނގައި ދިޔައީ ކުރީން ވެސް ދެންނެވުނު ފަދައިން  1948ވަނަ އަހަރުގައެވެ.

ހުޅަނގު އައްސޭރީގެ އިތުރު އެތައް ބިމެއް ފޭރިގަތުމަށް އެމެރިކާއިން އިސްރާއީލަށް މިހާރުވަނީ އަނެއްކާ މަގުފަހިކޮށްދީފައެވެ. ޞަހުޔޫނީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއާއި އޭނާ އަލަށް އެކުލަވައިލި އެކުވެރިކަމުގެ ސަރުކާރުގެ ބައިވެރިވާ ބެނީ ގާންޓްޒާ ދެމެދު އެކުލަވައިލި ކޯލިޝަން އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމުގެ އައު މަޝްރޫޢެއް މިހާރު ވަނީ ތަންފީޒުކުރާން ފަށައިފައެވެ. މި އެއްބަސްވުމުގެ ދަށުން އުރުދުން ވާދީއާއި އިސްރާއީލުން ޤާއިމުކޮށްފައިވާ ޣައިރު ޤާނޫނީ އާބާދީތައް ރަސްމީކޮށް އިސްރާއީލުގެ ބިމުގެ ގޮތުގައި ހިމެނޭކަން އިޢުލާނުކުރާނެއެވެ. މުޙައްލިލުން ބަޔާންކުރާ ގޮތުގައި އިސްރާއީލުން މިހާރު ފޭރިގަންނާން ރާވައިފައިވާ ބިންތަކަކީ ހުޅަނގު އައްސޭރީގެ ބިމުގެ 30 އިންސައްތައެވެ. މި ބިންތައް ފޭރިގަތުމުގެ މަސައްކަތް އިސްރާއީލުން ފުރިހަމައަށް ތަންފީޒުކޮށް ފަލަސްޠީނުގެ ބިންތައް އެއީ އިސްރާއީލުގެ ބައިތަކެއް ކަމުގައި ހަދައިފި ނަމަ، މިހާތަނަށް އިސްރާއީލާއި ފަލަސްޠީނާ ދެމެދު ވެވިފައިވާ ހުރިހައި އެއްބަސްވުމެއް އުވިގެންދާނެ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނެފައިވެއެވެ.

ފަލަސްޠީނުގެ ތަފާސް ހިސާބުތަކާ ބެހޭ މަރުކަޒީ އިދާރާއިން ކުރީން އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން ނަކްބާގެ އަނިޔާވެރި ޙަރަކާތަށް ފަހު ފަލަސްތީނުގެ އާބާދީ ވަނީ ނުވަ ގުނައަށް އިތުރުވެފައެވެ. 2019 އަހަރުގެ ނިޔަލަށް ފަލަސްޠީނުން ބޭރުގައްޔާއި އެތެރޭގައި ތިބި ފަލަސްޠީނު ރައްޔިތުންގެ ޖުމްލަ ޢަދަދު 13.4 މިލިއަނަށް އަރައިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ޢަދަދުގެ ތެރެއިން ދެބައިކުޅަ އެއްބައަށް ވުރެ ގިނަ މީހުން މި ވަގުތު ވެސް ދިރިއުޅެމުން ގެންދަނީ ތާރީޚީ ގޮތުން ފަލަސްޠީނުކަމުގައި ބެލެވޭ ބިންތަކުގައެވެ. އެއީ އިސްރާއީލާއި ހުޅަނގު އައްސޭރީގެ އިތުރަށް ޣައްޒާއެވެ. އިސްރާއީލުގައި ދިރިއުޅޭ ފަލަސްޠީނު މީހުންގެ އާބާދީއަކީ 1.6 މިލިއަން މީހުންނެވެ.

ފަލަސްޠީނުން ބޭރުގައި މުހާޖިރުންގެ ގޮތުގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ އާބާދީއަކީ ގާތްގަނޑަކަށް 5.6 މިލިއަން މުހާޖިރުން ކަމުގައި ޣައުޘު އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ ތެރެއިން 28.4އިންސައްތަ މީހުން ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައި ކަމަށް ވެސް ރަސްމީ ހިސާބުތަކުން ފެނެއެވެ. އޭގެ ތެރޭގައި ވަގުތީ 10 ފޭލިގެއެއް އުރުދުނުގައި އެބަ ހުއްޓެވެ. ނުވަ ފޭލިގެއެއް ސޫރިޔާގައި، އަދި 12 ފޭލިގެއެއް ލުބުނާނުގައި އެބަ ހުއްޓެވެ. ހަމަ އެހެންމެ ހުޅަނގު އައްސޭރީގައި ވެސް 19 ފޭލިގެއެއް އެބަ ހުއްޓެވެ.

މި ދެންނެވި ތަފާސްހިސާބުތަކަކީ އަދި އެންމެ ފުރިހަމަ ޢަދަދުތަކެއް ނޫނެވެ. އެހެނީ، 1949ވަނަ އަހަރުގެ ފަހުން ގެދޮރުން ބޭރުކޮށްލެވުނު ފަލަސްޠީނު ރައްޔިތުންގެ ޢަދަދުތައް މިހިސާބުތަކުގައި ހިމެނިފައެއް ނުވާނެއެވެ. އަދި 1967ވަނަ އަހަރުގެ ހަނގުރާމައިގައި ގެދޮރުން ބޭރުކޮށްލެވުނު މީހުން ވެސް މިހިސާބުތަކުގައެއް ނުހިމެނެއެވެ.

ލިބިފައިވާ ބަޔާންތަކަށް ބަލާއިރު 1948 ކުން ފެށިގެން މިއަދާ ހަމައަށް އެއް ލައްކަ އެތައްހާސް ބަޔަކު ފަލަސްޠީނު ރައްޔިތުންގެ ތެރެއިން ޝަހީދުވެފައިވެއެވެ. އަދި 1967ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފަލަސްޠީނުގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުން ޖަލަށްލެވި ނުވަތަ ވީ ގޮތެއް ނޭނގި ގެއްލިފައިވެއެވެ.

މި ދިޔަ ހޮނިހިރު ދުވަހު ޙަމާސް ޖަމާޢަތުން ދިން އާދަޔާ ޚިލާފު ޙަމަލާ ދިނީ، އިސްރާއީލުން މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ފަލަސްތީނު ރައްޔިތުންނަށް ކުރަމުން ގެންދާ ދުއްތުރާތަކާއި ދެމުންގެންދާ ގެއްލުންތަކަށް ދުނިޔޭގެ ލޯތައް ކަނުކޮށްފައިވާތީ އުފެދުނު ވަޠަނީ ޖަޒުބާތުގެ ސަބަބުން ކެތް ނުކުރެވިގެންނެވެ. ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް ބުލްޑޯޒަރުތަކުން އެ މީހުންގެ ގެތައް ހަލާކުކުރަމުން ގެންދިޔުމަކީ ކޮންމެ ދުވަހަކު އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކެކެވެ. މި ކަންކަމަކީ ދުނިޔެ ހަނދާން ނައްތައިލައިފައިވާ ކަމެއް ފަދައެވެ. އެހެންކަމުން އިސްރާއީލަށް އަދި އެ މީހުންގެ ބައިވެރީންނަށް ފިލާވަޅެއް ދިނުމަށް ޓަކައި ޙަމާސް ޖަމާޢަތުން ދިން ޙަމަލާއަކީ އެ މީހުންނަށް ލިބިފައިވާ ޙައްގެކެވެ. މި ޙަމަލާގެ ޒިންމާ އުފުއްލާންޖެހޭނީ މި މައްސަލައަށް އިހުމާލުވެފައިވާ އިސްރާއީލާއި އެމެރިކާއާއި އދ.އާއި ވިލާތުގެ ގައުމުތަކެވެ.

ފަލަސްތީނުގެ ހުރިހާ މުޖާހިދުން ފަދައިން ޙަމާސް ޖަމާޢަތުން ވެސް އެ ދިން ޙަމަލާއަކީ އެ މީހުންގެ ބިން މިނިވަންކުރުމަށް ޓަކައި ކުރިއަށް ގެންދާ ގައުމީ ޖިހާދުގެ ޙަމަލާއެކެވެ. ވީމާ މި ފަހަރު ވެސް މި ކަމުގައި ޒިންމާވާން ޖެހޭނީ ފަލަސްޠީނެއް ނޫނެވެ. ސަހުޔޫނީންނެވެ. ޔަހޫދީންނެވެ. އެމެރިކާއެވެ. ވިލާތެވެ. އދ.އެވެ.

ކޮންމެއަކަސް ދިވެހީން މި ތިބީ ފަލަސްތީނާއެކުގައެވެ. ކަރަންޓާއި ކާނާއާއި ބޯފެނުން ފަލަސްތީނުގެ ރައްޔިތުން މަޙުރޫމުކޮށްފައި ވިޔަސް ވަކިވަކި ޖަނަރޭޓަރާއި ސޯލާރޕެނަލްގެ އެހީގައި އެ މީހުންނަށް ކޮންމެވެސް ވަރަކަށް ކަރަންޓް ލިބެމުން އެބަދެއެވެ. ދިވެހިރާއްޖޭގެ ޖަމުއިއްޔާއެއްކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ދިވެހި ރައްޔިތުން ގެންދަނީ ފަލަސްތީނަށް ވެވުނު ވަރަކުން އެހީތެރިވަމުންނެވެ. ކާނާއާއި ބޯފެން ވެސް އެބަ ފޯރުކޮށްދެއެވެ. މި އެހީތައް ފުޅާކުރުމަށް ރާއްޖޭގެ މީޑިއާއާއި އައިއޭސީއިން ހިންގާ ޙަރަކާތްތަކުގައި އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ނިހާޔަތަށް ބޭނުންވެއެވެ. ފަލަސްތީނަށް ނަޞްރުދެއްވުން އެދި ދުޢާކުރުން މުހިންމެވެ.

އިސްރާޢީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން ސަލާމަތްކުރައްވާށިއެވެ! އަދި ފަލަސްތީނުގެ މުގައްދަސް ބިމުގައި އެބައިމީހުންގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ!

_________________________________

Advertisement

ކޮމެންޓް
މަރީ
އާނ! ޝައްކެއް ނެތް. މި ފަަހަރު ވެސް ހަމަ ޔަހޫދީން
16 Oct 2023