Advertisement

ވިލާތުގައި މިއަދު މޭޑޭ ފާހަގަކުރަނީ ފަލަސްތީނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ގޮތުންނެވެ.

01 May 2024 | 19:50
ފަލަސްތީނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ގޮތުން މިއަދު އެތެންސްގައި ބޭއްވި ހިނގައިލުމެއް (ފޮޓޯ: އަލްޖަޒީރާ)

އަބާ މުޙަންމަދު

އެހެން އަހަރުތަކާ ޚިލާފަށް މިއަދު ބައިނަލްއަގުވާމީ މަސައްކަތު މީހުންގެ ދުވަސް (ނުވަތަ މޭޑޭ) ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރަނީ ތަފާތު ގޮތަކަށެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރީން ފެށިފައިވާ ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ކުރާ ކުރާ ކެންޕޭނުގެ ދަށުން މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ހިނގައިލުންތަކާއި އެއްވުންތައް ބާއްވަމުން އެބަ ގެންދެއެވެ.

މި ގޮތުން ވިލާތުގެ ގައުމުތަކުގެ މަގުތަކާއި މައިދާންތަކުގައި ފަލަސްޠީނާ އެއްބައިވުމުގެ ގޮތުން ޣައްޒާއަށް ދޭ ޢުދުވާނު ހުއްޓައިލުމަށް ގޮވައިލައި މި ދުވަސް މިއަދު ފާހަގަކުރަމުން އެބަގެންދެއެވެ.

ގްރީކްގެ ވެރިރަށް އެތެންސްގައި ދަރިވަރުންނާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާއި ޕެންޝަނަރުން ހިމެނޭ ގޮތުން އެތައް ހާސް ބަޔަކު މަގުތަކަށް އެއްވެ އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުން އެބަ ގެންދެއެވެ.

ހިނގައިލުމުގެ ބައިވެރީން ފަލަސްތީނު ރައްޔިތުންނާއި އެމެރިކާގައި އިހުތިޖާޖުކުރަމުން ގެންދާ ދަރިވަރުންނާ އެއްބައިވަންތަކަން ދޭހަވާ މެސެޖުތަކާއި ބޭނާރާއި ފަލަސްތީނުގެ ދިދަ ތިބީ އުފުލައިގެންނެވެ.

އެތެންސްގައި ހުންނަ ފަލަސްތީނުގެ ސަފީރު ޔޫސުފް ދުރުޚޫމް ބައިވެރީންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުވެސްދެއްކެވިއެވެ.

މަސައްކަތު މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރަންސޭސިވިލާތުގެ ކަންކޮޅުތަކުގައި ވެސް ތަފާތު އެއްވުންތަކާއި ހިނގައިލުންތައް ބޭއްވިއެވެ. މި މީހުން ވެސް ޣައްޒާއަށް ދޭ ޢުދުވާނު ހުއްޓައިލައި ފަލަސްތީނުގެ މަސައްކަތްތެރީންނަށް ވެސް މަސައްކަތްކުރުމުގެ ހައްގު ދިނުމަށް ގޮވައިލިއެވެ.

ތުރުކީވިލާތުގައި ވެސް ފަލަސްތީނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ގޮތުން މަސައްކަތްތެރީންގެ ދުވަހު ބޭއްވި ހިނގައިލުންތަކުގައި ފަލަސްތީނު ރައްޔިތުންނަށް ދޭ އަނިޔާ ހުއްޓައިލުމަށް ގޮވައިލިއެވެ. ޓިޔުނީޝިއާގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ ފަލަސްޠީނަށް ދެމުން ގެންދާ ޢުދުވާނުހުއްޓައިލުމަށް ގޮވައިލައި ފަލަސްތީނާ އެއްބައިވުމުގެ ގޮތުން ފަލަސްތީނުގެ ދިދަތައް އުފުލިއެވެ.

ދެކުނު އެފުރިކާގައި ނިޒާމީ ގޮތެއްގައި މި ދުވަސް ފާހަކުރީ އެތައް ހާސް ބަޔަކު އެއްވެ ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާ ހުއްޓައިލުމަށް ގޮވައިލަމުންނެވެ. މި އެއްވުމުގައި ދެކުނު އެފުރިކާގެ ރައީސް ވެސް ބައިވެރިވަޑައިގެން ދެކުނު އެފުރިކާ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަން ހާމަކުރެއްވިއެވެ.

އިސްރާއީލުގައި ވެސް އެތައް ހާސްބަޔަކު ބޮޑުވަޒީރަށް ގޮވައިލީ ހަމަނުޖެހުން ހުއްޓައިލައި އަސީރުން މިނިވަންކުރުމުގެ މަސައްކަތްތަކެއް ފެށުމަށެވެ.

އަނެއްކޮޅުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރީން އެމެރިކާގެ ކަންކޮޅުތަކުގައި ޔުނިވަރސިޓީ ދަރިވަރުން ފެށި އިހުތިޖާޖު ވަނީ މުޅި އެމެރިކާއަށް ފެތުރިފައެވެ. އަދި މި އިހުތިޖާޖު ހުއްޓުވުމަށް ޓަކައި އެމެރިކާ ފުލުހުން ވަރަށް ހަރުކަށިކަމާއެކު ޢަމަލުކުރަމުން ގެންދާ މަންޒަރު ސިއްރުކުރާން އުޅުނަސް އެ ކަން ވަނީ ބޭޒާރުވެފައިވެސްމެއެވެ.

ކޮލޮމްބިއާ ޔުނިވަރސިޓީގެ ދަރިވަރުން ހުރާ އިޙުތިޖާޖު ހުއްޓުވުމަށް ޔުނިވަރސިޓީއަށް ސަރުކާރުން އެންގިޔަސް ޔުނިވަސިޓީއިން ބުނެފައިވަނީ އެ ކަންކުރުމުގެ ބާރެއް އެ ޔުނިވަރސިޓީއަށް ލިބިފައި ނުވާކަމަށާއި ފުލުހުން އެކަން ހުއްޓުވުމަށެވެ. ފުލުހުން ބާރާއެކު އެ ޔުނިވަރސިޓީއަށް ވަދެގަނެ ތިން ސަތޭކައެއްހާ ދަރިވަރުން ވަނީ ހައްޔަރުކޮށްފައެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދިން ދަރިވަރަކު ބުނެފައިވާ ގޮތުގައި ބާރުގެ ބޭނުންކޮށްގެން އެ އިހުތިޖާޖެއް ނުހުއްޓުވޭނެއެވެ. ވިއެޓުނާމް ހަނގުރާމަހުއްޓުމަށް ގޮވައިލައި އިހުތިޖާޖު ކުރި ފަދައިން މި އިހުތިޖާޖު ވެސް ދެމިގެންދާނެއެވެ.

އެމެރިކާ ސަރުކާރުން މަސައްކަތްކުރަނީ އެއީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ނޫންކަމަށާއި އެއީ އެމެރިކާގެ ސަލާމަތަށް ޓަކައި ކުރާކަމެއްކަމަށް ބުނެ އެ މީހުންގެ އަނިޔާވެރިކަން ފޮރުވާށެވެ.

ކޮންމެއަކަސް އިންސާނީހައްގުތަކަށް މަސައްކަތްކުރާ މީހުންނަށް ވެސް މިއަދު ހާމަވެފައިވަނީ އެމެރިކާގެ ހަމައެއް ނެތްކަމާއި އެ މީހުން ޢަމަލުކުރަނީ ކޮންމެ ގޮތަކުން ނަމަވެސް އިސްރާއީލާ ދެކޮޅަށް ބަސްބުނުން ހުއްޓުވުމަށްކަމަށެވެ. އަދި އިސްރާއީލާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކީ ޔަހޫދީންނަށް ނަފުރަދު އުފައްދާ މީހެއްކަމަށް ލޭބަލުކޮށް އެ މީހެއްގެ އަނގަ ބަންދުކޮށްލުމަށެވެ. އެ މީހުންނަކަށް ދުވަހަކު ވެސް އިސްރާއީލުގެ އަނިޔާވެރިކަމެއް ނުފެންނާނެއެވެ.

އަނެއްކޮޅުން ޙަމާހުން ގޮވައިލައިފައިވަނީ ފަލަސްޔީނުގެ މަސައްކަތްތެރީންގެ ޙައްގުތައް ހިމާޔަތްކޮށްދީ، ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓުވުމަށް ގޮވައިލުމުގައި މުޅި ދުނިޔެ ފަލަސްތީނާ އެއްބައިވަންތަވުމަށެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް