Advertisement

މަސައްކަތްތެރީންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުން ރައްޔިތުންނަށް ލިބުނީ އުންމީދުތަކެކެވެ.

01 May 2024 | 11:33
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. (ފައިލްފޮޓޯ: ރައީސް އޮފީސް)

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ހީވާގި މަސައްކަތްތެރީންކަމަށް ވިދާޅުވެ އެ މީހުންނަށް ތަޢުރީފުކުރައްވަމުން "މަސައްކަތްތެރީންގެ ރެޔާއި ދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށް ޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ"ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ޚިޠާބު ފައްޓަވައިފައި ވަނީ "ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ގައުމަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނަށާއި ބިދޭސީންނަށް ހިތްވަރާއި، މަރުހަބާއާއި، ޝުކުރުގެ ބަސްތައް" ތަކުރާރުކުރައްވަމުންނެވެ.

ދިވެހި ސަރުކާރު ހިންގެވުމާ، މިއަދުގެ ސަރުކާރު "ހަވާލުވި އިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން"ކަމަށާއި "ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކާން ޖެހޭ ނުވަ ހާސް މިލިއަނަށް ވުރެ ގިނަ" ފައިސާ، އެކި ބިލުތަކަށް ނުދައްކައި އޮތްކަމަށާއި "އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކާން ޖެހޭ ވެސް މި ފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރި"ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރައްވައިފައިވެއެވެ. "މި ކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ޚަރަދުތައް ނުކުރެވި، ގައުމުގެ އިގުތިސާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައި"ކަން އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަމުން މިހާރު ގެންދަވަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ސަރުކާރުން ދައްކަވާން އޮތް ބޮޑު ދަރަނި އަދާކުރައްވަމުން ގެންދެވުމަށެވެ. އަދި މަސްވެރީންނަށް ދޭން ޖެހި ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް ދެއްވައި ޚަލާސްކުރައްވައި، ގައުމުގެ އިގުތިސާދީ ލޭނާރު(ކަމަށްވާ މަސްވެރިކަން) ޙިމާޔަތް ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނުގެ ޚިޠާބު ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވެއެވެ. "ސިވިލް ސަރވިސް އަދި ޞިއްޙީ ޚިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށް ފަހު، މަސައްކަތާ ފެޔަށް ޖެހިވަޑައިގެންފައިވާ އެތައް ޚިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުޞަތު މި ދަނީ ފަހިކޮށްދެމުންނެވެ. ޢުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، ޢުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއްކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުޞަތު މިހާރު މި ގެންދަނީ ހޯދައިދެމުންނެވެ."

އަދި "މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް" މި ސަރުކާރުން އިސްކަންދެއްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ވަޢުދުވެޑައިގަތީ "ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން" ސިޔާސަތު ބައްޓަންކުރެއްވުމަށާއި ޑޭކެއަރ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކުރައްވައިގެން ޢާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަށް ފަސޭހަކޮށްދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގެ ފަހުބައިގައި ވިދާޅުވެފައި ވެއެވެ. "ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ ޢިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައެވެ. ގައުމުގެ އިގުތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ޙައްލެއް ނޫނެވެ. މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހެއެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ޚާއްޞަ ސްކީމްތައް ތަޢާރަފްކުރުން މުހިންމެވެ. މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފައެވެ. އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ޙައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ޤާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެންނެވެ.

ދިވެހިރާއްޖޭގައި ހިނގަމުންދާ އިގުތިސާދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނަމެވެ. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ޚިދުމަތް ފަދަ ކަންކަން ތަޢާރުފުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެއެވެ. އަދި ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަޤްވާމީ މާލީ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ރާއްޖެއަށް ތަޢާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަޤްވާމީ މާރުކޭޓުތަކުން ފުރުޞަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެއެވެ. މި ކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.

ސަރުކާރުގެ މި އުންމީދީ މަސައްކަތްތަކާ އެކު އިރާދަކުރެއްވިއްޔާ ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެކެވެ. ތިޔާގިކަމުގެ އެތައް ފުރުޞަތެކެވެ. އަޅުގަނޑުގެ އުންމީދަކީ އަދި ޢަޒުމަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ."

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިއްމަވައިލައްވައިފައިވަނީ "ގައުމުގެ ހައްގުގައި އަދި އަޅުގަނޑުމެންގެ ދަރީންނާއި މުސްތަގުބަލަށްޓަކައި އެންމެން ގުޅިގެން" ކުރާ މަސައްކަތުގައި ބަރަކާތްލެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުންނެވެ. އަދި ދިވެހި ކޮންމެ މަސައްކަތްތެރިއަކަށްމެ ހާސްކަމެއް ނުތަނަވަސްކަމެއް ނެތް، ހިތްހަމަޖެހޭ ވިޔަވަތި ޒަމާނެއް މާތް ﷲ މިންވަރުކުރެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހީވާހި މަސްވެރީންނަށާއި އެންމެހައި މަސައްކަތްތެރީންނަށް "ފަރަގު" ނޫހާއި ފަރަގު މީޑިއާގެ މެނޭޖްމެންޓުގެ ފަރާތުން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް