Advertisement

އިއްޔެއާއި ރޭ ހުޅުމާލޭގައި ބިދޭސީންނާ ގުޅޭ ދެ ޖަރީމާއެއް

01 May 2024 | 00:47
ހުޅުމާލޭގައި ކުޑަކުދީންތަކަކަށް ބިދޭސީން ޙަމަލާދެނީ

އަބާ މުޙަންމަދު

ދިވެހި މުޖުތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ދެ މުސީބާތަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކޮންޓްރޯލް ނުވުމާއި އެއްގަމު އުޅަނދުފަހަރު ގިނަވުމުގެ މައްސަލައެވެ. މި ދެ މައްސަލައަކީ ވެސް ޙައްލު ހޯދާންޖެހިފައިވާ ދެ މައްސަލައެވެ. މީގެތެރެއިން ވެސް ގަވާއިދާ ޚިލާފަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ވަކިހިއްޕައިލައިގެން އުޅޭ ބިދޭސީންގެ މައްސަލައަކީ ބޮޑު މުސީބާތެކެވެ. ކުދި ވިޔަފާރިތައް ވެސް އެ މީހުންގެ ކޮންތްރޯލްގެ ދަށަށް ގެންގޮސްފިއެވެ. ރަށްރަށުން މުދާ ގެނެސް ވިއްކުމަކީ އެ މީހުންގެ މައިގަނޑު މަސައްކަތަކަށް ހަދައިފިއެވެ.

ދިވެހިޏްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން ދިވެހީންނަށް ކުޑަ ފައިދާއެއް ދިމުމަށް ފަހު މުޅި ވިޔަފާރި ކޮންޓްރޯލްކުރަނީ އެބައިމީހުންނެވެ. އެ މީހުން ޓެކުހެއްދައްކާކަށް ނުޖެހެއެވެ. މީގެ އިތުރަށް ގޭންގު ހަދައިގެންނާއި ވަކިވަކި ފަރުދުން ކުށްކުށަށް އަރައިގަނެ އެކިއެކި ޖަރީމާ ހިންގާ ވާހަކައަކީ އިވޭ އަޑުތަކެކެވެ. އަމަލުވާތަކެތީގެ މައްސަލައާއި ބަދުއަޚުލާގީ މައްސަލަތަކާއި މާރާމާރީއާއި ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ޖަރީމާތަކެވެ.

މި މައްސަލަތައް ޙައްލުކުރެއްވުމަށް ޓަކައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ޙައްލުކުރައްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވީ އިއްޔެ ރޭ ޓީވީމޯލްޑިވްސްއިން ގެނެސްދިން "އަހާ" ފޯރަމުގައެވެ.

މި ކަން މިހެން އޮއްވައި އިއްޔެ ހަވީރު މީސްމީޑިއާގައި އާންމުވީ އިންޑިއާ މީހުންގެ ގޭންގަކުން ހުޅުމާލޭގައި ކުޑަކުދީންތަކަކަށް ޙަމަލާދޭ މަންޒަރު ފެންނަ ވީޑީއޯއެކެވެ. އއޭގެ ފަހުން ރޭ ޚަބަރު ލިބުނީ ކާކުކަން ނޭނގޭ ބަޔަކު ހަމަ ހުޅުމާލޭގައި އިންޑިއާގެ ތިން މީހަކަށް ޙަމަލާދީ ޒަޚަމްކޮށްލި ވާހަކައެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ރޭގަނޑު ހުޅުމާލޭ މަގުމައްޗަށް ނުކުތުން ނުރައްކާވާ ހިސާބަށް ކަންތައް ދިޔައީއެވެ. މި ދެ ހާދިސާ ފުލުހުން ތަހުގީގުކޮށް ފިޔަވަޅުއަޅުއްވާނެކަމަށް އުންމީދުކުރަމެވެ.

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގާ ޖަރީމާތައް ހިންގުމުގައި ދިވެހީން އެހީތެރިވާ ވާހަކަ އިވޭކަމީ ހިތާމަހުރިކަމެކެވެ. މިއީ ހަގީގަތެއްކަމަށް ވާނަމަ، މި ކަމުގައި ހުރި ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.

މުޖުތަމަޢުގައި ހުރި މި ފަދަ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ކުރައްވާ މަސައްކަތްޕުޅުތަކަށް ޢާންމުންގެ އެހީތެރިކަން ލިބުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ވަރަށް މުހިންމުކަމެކެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަނަމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް